ކިހައްޑިޔަ: ދެ އަވަށު އެންމެން އެއްބައިވިޔަކަސް ޙަރާމެއް ހަލާލެއް ނުވާނެތެވެ. — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

ކިހައްޑިޔަ: ދެ އަވަށު އެންމެން އެއްބައިވިޔަކަސް ޙަރާމެއް ހަލާލެއް ނުވާނެތެވެ.

20 ސެޕްޓެމްބަރު 2015 4

ޕޯލްސްޓަރގެ ފަރާތުން ޢީދު ދުވަހެއްގައި ދަނޑި ޖަހަނީ / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

މި ފަހަކުން ނިކަން ފޯރީގައި ރަށުގެ ޒުވާނުން ބަހުސްކޮށް އުޅުނު މައުޟޫޢެކެވެ. ދެ އަވަށު މީހުން އެއްބައިވެގެން، ގުޅިގެން ޢީދު ޝޯ ދޭ ވާހަކައެވެ.

ފޭސްބުކްގައި ފާޅުވަމުން ދިޔަ ޚިޔާލުތަކުން ފޭދިގެން ދިޔައީ އެއްބައިވަންތަ ކަމާއި އަޚްވަންތަ ކަމަށް ޒުވާނުން އެދިއެދި ތިބިކަމެވެ. އަތްތައް ގުޅުވައިގެން އިޖުތިމާޢީ ގުޅުން ބަދަހިވުމަށް ރައްޔިތުން އިންތިހާއަށް ބޭނުންވެފައި ތިބިކަން ހާމަވެގެން ދިޔައެވެ. ގުޅިގެން ޢީދު ޝޯ ދިނުމާމެދު އިދިކީލި ޚިޔާލުދިން މީހުން ގެނބި، މާފަށް ގޮވިތަން ވެސް ފެނުނެވެ.

އެންމެން އެއްބައިވެގެން، އެކުވެރިވެގެން، އެއްބައިވަންތަވެގެން، އަތުގުޅައިގެން އިޖުތިމާޢީ ހަރަކާތް ހިންގުމާމެދަކު ދެބަސްވުމަށް ޖާގައެއް ނެތެވެ. ކަމުގެ މުހިއްމު ކަމާއި، ނަތީޖާގެ ފޮނި މީރުކަން އެ ގޮތުގައި އޮންނާނެ ކަމާމެދު ޝައްކެއް ނެތެވެ.

ޢީދު އަންނަނީ އުފާ ފާޅު ކުރުމަށެވެ. ޢީދު މަޖާވެސް ކުރަންވީއެވެ. ޢީދު ކުޅިވަރު ވެސް ކުޅެން ވީއެވެ. ޢީދުގައި އުފާ ފާޅުކުރުން ވަނީ ދީނުގެ ތެރެއިންނެވެ. ނަމަވެސް ޢީދުގެ އުފަލުން ނަން ދެވިގެން ދީނުގައި ނަހީ ކުރައްވާފައިވާ އެއްވެސް ކަމަކަށް އަރައިގަތުން ހުއްދަ ވާނީ ކޮންފަދައަކުން ހެއްޔެވެ!

ކޮންމެ ޢީދަކު ކުޅިގެއެއް އަތުރައި، ރޭވެ ދަންވުމުން، ދެ އަވަށު މީހުން ވާދައަށް ޝައިޠާނާގެ މިޔުޒިކީ ދުންމާރީގެ އަޑު ރަށު ތެރޭގައި ގުގުމައިލަނީ ދީނުގެ ނަމުގައެވެ. އެ ކުޅިގެ ތަކަށް ދެ ޖީންސްގެ ޒުވާނުން އަރުވައިގެން "ބަނޑިބަނޑި" ލައްވަނީ ޢީދު އުފާ ކުރުމުގެ ނަމުގައެވެ. ކަނު އަނދިރީގެ ތެރޭ، ދެ ޖީންސް މަސްހުނިވެ، ތުއްތު ކުއްޖަކަސް، ޅަދަރި މަޔަކަސް ދަރި ކިހިލީ ޖަހައިގެން، ކުޅިގެދޮށުގައި ހޯބޯލަވައި، ނާޗަރަންގީގެ ކުލަތަކުގައި ދީވާނާވެ ރޭ ދެބައިވަންދެން ހޭދަކުރުމުން މަތިވެރި ކުރެވެނީ ދީނުގެ ކޮން ޝިޢާރެއް ހެއްޔެވެ!

ޢީދު ޝޯގެ ނަމުގައި ހިންގޭ ހަރަކާތް ބަރާވެފައި ވަނީ ދީނުގައި ނަހީވެގެންވި ޢަމަލުތަކަކުންނެވެ. ޙައްޖުގެ މާތް އަޅުކަމާ ވިދިގެން އަންނަ ޢީދުގެ މަތިވެރި އުފަލުގައި، މާތް ރަސްކަލާންގެ ޙަރާމް ކުރެއްވި ފާފަތަކަށް އަރައިގަތުމަކީ ދީނަށް ކުރެވޭ ކޮންފަދަ ބޮޑު މަލާމާތެއް ހެއްޔެވެ!

ވީމާ މި ބޮޑު ނުބައި ހެދުމަށް ދެ އަވަށު މީހުން އެއްވެ އެއްބައިވުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަތުގުޅައިގެން އެއްބައިވެގެން ކުރިޔަކަސް ފާފައިގެ ޙަރާމްކަން ކެނޑިގެން ނުދެއެވެ. އެންމެން އެއްބައިވެގެން ކުރާންވީ ކަމަކީ، ބޮޑު ޢީދުގެ މާތް އުފަލާ ގުޅިގެން، މާތް ރަސްކަލާންގެ ޙަރާމް ކުރެއްވި އެއްވެސް ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. ދެ އަވަށު މީހުން އެއްބަސްވާންވީ އެއްވެސް ބަޔަކު ޢީދު ޝޯ ނުދިނުމަށެވެ.

ޢީދު ޝޯ ނުދިނަކަސް، އެންމެން އެއްވެގެން ގިނަ މީހުންނަށް ބައިވެރިވެވޭނެހެން ކުޅެވޭ ކުޅިވަރުތަކުން، މާ ރަނގަޅަށް މާ މޮޅަށް ވެސް ޢީދުގެ އުފާ ފާޅު ކުރެވިދާނެކަން ސާބިތުކޮށްދޭންވީއެވެ. ހެޔޮނުބައި ވަކިވުމުން ނުބައި ދޫކޮށް ހެޔޮމަގަށް ރުޖޫޢުވުމަކީ މަލާމާތެއް އޮތްކަމެއް ނޫނެވެ.

ބޮޑު ޢީދު މުބާރިކު!!

ކިހައްޑިޔަ, ކްލަބް ޕޯލްސްޓާރ, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ރަގަނޅު ބަސްކޮޅެއް․․․އެކަމު މި ކަހަލަ ކަންތައް ތައް އިހަވަންދޫ ސުކޫލް ގެ އިސްވެރިން މަނާ ނުކުރުރާތީ ސުވާލު އުފެދޭ․․․މި ނުބައި ހަދަނީ ސުކޫލް ގެ ބައިގަޑެއް․․․․․․․․

– 21 ސެޕްޓެމްބަރު 2015 0

ތިބުނީ ޑރ އައިޝަތު ޝިހާމަށް ދައްކަން ނާޗަރަންގީ ކުޅުނު ވާހަކަ ދޯ؟ އެކަމަނާ އަށް ދައްކަން ބޮޑު ބެރު ޖެހިކަމަށްވެސް ވޭ․ ކަނަޑައެޅިގެން އެނގޭނެ ބޮޑުބެރަކީ ހަރާމް އެއްޗެއްކަން․

– 22 ސެޕްޓެމްބަރު 2015 0

އެހެން އަދި ސުކޫލްގެ މުދައްރިސުން ނޫން ތޯ․․․․މިކަހަލަ އީދު ސޯވްތައް ހުށައަޅަނީ․․․․އެކަމުގަ އުޅުއްވަނީ․․․․ދަރިވަރުން ނަށާއި ޑާންސް ކުރަނީ․․․․މި ކަންތައް އިސްލާހު ކުރުމަށް ގޮވައި ލާން․․․․

– 23 ސެޕްޓެމްބަރު 2015 0

އިހަވަންދޫގަ ކުރާ ހުރިހާ ކަމެއްވެސް ކުރަނީ ސުކޫލު ކުދިންނާ ޓީޗަރުން․ ކަމެއް ކުރާނެ އެހެން ބަޔަކު އުޅޭތަ؟ އަޅޭ․

– 23 ސެޕްޓެމްބަރު 2015 0