ދެފުރާނަ އެކުވެފައިވާ (10 ވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (10 ވަނަ ބައި)

އެހާ ހާމަތަނެއްގައި އެފަދައިން ދުވަހަކު ވެސް އޭނާއަށް ހުރެވިފައި ނުވާތީ އެވެ. އަތުން ނިވާވެލަމުން އަވަހަށް ޖީންސް ނަގާ ލެވޭތޯ ބަލާލި އެވެ. ޖީންސް ނަގާބަލާލި އިރު ރާޅުޖަހަމުން ދިޔަ ހިސާބު ދިޔަރެސްމަތިން އޭނާއަށް ފެނުނީ އޭނާގެ ކުރު ސޯޓެވެ. ފަރުވާލެއްނެތި އަނގައިން ޗޮކެއް ކަނޑާލަމުން ޓީޝާޓްވެސް ނަގާ ގަޔަށް މަހާލި އެވެ. އެއަށް ފަހު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލި އެވެ. އެކަކުވެސް ފެންނަން ނެތުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ.

ސުނާމީ ބިނާއާ އިންވެގެން ބޭރު ތޮށީގެ ކަނަށް ތުނޑިއެއްގެ ގޮތަށް ލެވިފައިވާ ވެލިގަނޑުން އެއްގަމަށް އެރުމަށް އައިޝަމް އެނބުރިލި އެވެ. އޭނާ ނަޒަރު ހުއްޓާލީ އޭނާގެ ބޫޓަށެވެ. ވަރަށް ތަރުތީބުކަމާ އެކު އިސްޓާކީންޏާއި ބޫޓު ގަލެއްގެ މަތީ ރީތިކޮށް ބަހައްޓަފައި ހުއްޓެވެ. ހީވަނީ ތަރުތީބުކަމަށް ލޯބިކުރާ މީހެއްގެ ޢަަމަލެއް ހެންނެވެ. ބޫޓަށް އަރަން ގުދުވެލި އެވެ. ލޮލުގައި އަޅައިގަތީ އޭނާގެ ފައިގައިވާ ފަދަ ނިޝާން ޖަހާފައިވާ ސަންގެކެވެ. ބޭއިޚްތިޔާރުގައި އޭނާއަށް އިސްކަން ދެވުނީ އެ ސަންގަށެވެ. ސަންގު ނަގާ ނިޝާނުގައި އިނގިލި ކާއްތާލި އެވެ. ސިއްސައިގެން ދިޔައީ ފައިތިލާގައި އެއްޗެއް ޖެހުމުންނެވެ. ސަންގުގެ އަނގައިގެ ތެރެއިން ވެއްޓުނު މުތެއްފަދަ ވިދުންހުރި ރިހިރަންކުލައިންވާ އެއްޗެކެވެ. ދުވަހަކުވެސް ފެނިފައި ނުވާ ޒާތުގެ ޖަވާހިރެއްފަދަ އެއްޗެކެވެ. ގުދުވެލަމުން ނެގިއެވެ. ބިއްލޫރި ފަދައިންވާ އެ މުތުގެ އެތެރޭގައި އެއްޗެއް ލިޔެފައިވާތީ ސަމާލުވެވުނެވެ.

"ހެލްޕް މީ ޕްލީޒް" އައިޝަމް ފަރުވާތެރިކަމާ އެކު ކިޔާލި އެވެ.

ދެތިން ފަހަރަކު ތަކުރާރު ކޮށްލެވުނީ ބޭއިޚްތިޔާރުގަ އެވެ. ސުވާލުތަކުން ހިތް ފުރެމުން ދާތީއެވެ. އޭނާ އެތަނުގައި އެހާލަތުގައި އޮންނަން ޖެހުނު ސަބަބެވެ. އެހީތެރިވާންވީ ކާކުކަން ނޭނގުމުންނެވެ. ސަންގުގައިވާ ނިޝާނާ އޭނާގެ ފައިގައިވާ ނިޝާނާ ގުޅުން ހުރީތީ އެވެ.

"މީ... ހައު؟" އައިޝަމް ހިތާ ހިތާ ސުވާލުކޮށްލި އެވެ.

ފުން ވިސްނުމަކަށް ގެއްލިފައިވާ މީހެއް ފަދައިން ނިތަށް ރޫ އަރުވާލަމުން، ސަންގު ނަގާ ބޫޓަށް އެރުމަށްފަހުގެއާ ދިމާއަށް މިސްރާބު ޖެހި އެވެ.

"އައިޝަމް... އައިޝަމް" އައިޝަމް އަށް ހޭލެވުނީ މީހަކު ދެތިން ފަހަރަކު ގޮވާލުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލި އެވެ. އައިޝަމް އަށް ވަރުބަލިކަން އިޙްސާސް ކުރެވުމުން އަނެއްކާ ދެލޯ މަރާލި އެވެ. ހީވަނީ ދެބަދޭތެރޭގައި އުޅެވޭ ހެންނެވެ. ލޯ މެރުމާއެކު ގުރުވެލަމުން ބާލީހުގައި ބައްދާލި އެވެ. އަނެއްކާވެސް އެއްކަލަ އަޑު އިވުނެވެ.

"އައިޝަމް... އައިޝަމް..." މިފަހަރު އެއަޑުގައި އާދޭހުގެ އަސަރު އެކުލެވިގެންވި އެވެ. އައިޝަމް އަށް ކުއްލިއަކަށް ހޭލެވުނެވެ. މީހަކު ފައިގާ ހިފާ ދަމާލިހެން ހީވެގެންނެވެ. ހޭލެވުމާ އެކު މޯޅިއަކަށް ދެމިލަމުން ދެލޯ ހުޅުވާލި އެވެ. އޭ.ސީ ބާރުކޮށްފައިވުމުން ކޮޓަރިއަށް ވެރިވެފައިވަނީ ފިނި ކަމެވެ. ނިދާ ބޮކީގެ އަލި ހުރީ ކަނިކޮށްފައި ކަމުން ކޮޓަރީގައި ރަސްކަން ކުރަމުންދަނީ އަނދިރިކަމެވެ. ތަންދޮރު ވަކިވާ ވަރެއް ނޫނެވެ. ބާލީސް ހިއްލާލަމުން ފޯނު އަތުގައި ޖެހޭތޯ ގޮދަޑި މަތީގައި އަތް ކާއްތާލި އެވެ. ފޯނު ނަގާ ބަލާލި އެވެ. 
"ސައްބީސް މިސްކޯލް" އޭނާ ހިތާހިތާ ކިޔާލި އެވެ. އެވަރަށް އޭނާއަށް ގުޅާފައިވަނީ ކޮން ބައެއްތޯ ބެލުމަށް އައިޝަމް އަށް އަވަސްވެ ވުނެވެ.

"މަންމަ ވިހި ފަހަރު... ހިމޭ ހަ ފަހަރު... އަނެއްކާ ކިހިނެއްވީބ؟ ހިމޭއަށް ގުޅަންވީ ކަންނޭނގެ ވީގޮތެއް ބަލާލަން!" އައިޝަމް އަމިއްލައަށް އޮވެ މަޑުމަޑުން ވާހަކަދައްކަމުން ފޯނާ ކުޅެމުން ދިޔަ އެވެ.

"ހަލޯ... ކިހިނެއްވީ ހިމޭ؟" ނިދިން ބަރުވެފައިވާ އަޑަކުން އައިޝަމް ވާހަކަދައްކަ ފެށިއެވެ.

"ސާބަސް އަދިވެސް ނިދަނީތަ؟ މިއަދު ހުކުރަށްވެސް ނުދަންދ؟ މަ ތިގެއަށް ގޮސް ކޮޓަރީގަ ތަޅާތަޅާވެސް ޚަބަރެއް ނުވީމަ އައީ! ޝަމްގެ މަންމަވެސް ހުރީ ކަންބޮޑުވެފަ..." ހިމޭޝްގެ ޝަކުވާ ގޯނީގެ ތުން މޮހާލި އެވެ.

"އަދި ނުތެދުވެގެން އުޅޭވަރެއް ނުވެއެއްނު!"

"އާނ...! މިހާރު އެހެރަ 8 ޖެހީ...! ރޭގަ ނިދި މީހާވިއްޔަތީ... ނުނިދާ ގަނޑެއް ގަތީދޯ!" ހިމޭޝް ޖޯކުޖަހާލި އެވެ.

"ހިނގާބަ ކޮފީއަކަށް...! ވަރަށް ބޮޑުވާހަކައެއް އެބަ އޮތް... އާދޭ މި ގެއަށް ޓެން ވީމަ އިނގޭ... މަ ކުޑަކޮށް ރެޑީވެލާނަން!" އައިޝަމް މޯޅިއަކަށް ދެމިލަމުން އެނދުމަތީ ހުރަސްވެލި އެވެ.

"އޯކޭ"

އައިޝަމް ފޯނު ބާއްވަމުން އެނދުގައިވާ ނިދާ ބޮކި ދިއްލާލަމުން ތެދުވި އެވެ. އޭނާ ސިހިފައި ބަލާލެވުނީ ހަށިގަނޑަށެވެ. އެއްވެސް ފޭރާމެއް ނެތުމުންނެވެ. އެއީ އޭނާ ދުވަހަކުވެސް ނިދާ އުޅުނު ގޮތެއް ނޫނެވެ. އަވަހަށް ކޮޓަރި އަލިކޮށްލި އެވެ. ކޮޓަރީގެ ހާލަތު ވަޒަން ކޮށްލުމަށެވެ. އޭނާގެ ޖީންސާއި ޓީޝަރޓް ކޮބައިތޯ ބަލާލުމަށެވެ. ތަރުތީބު ކަމާއެކު އެތަކެތި އެއްޗެހި އެލުވުމަށް ޚާއްޞަ މަޤާމުގައި ހުއްޓެވެ. ބޭއިޚްތިޔާރުގައި ބޯ ހޫރުވައިލެވުނީ އެހެންވީމަ އެވެ. އޭނާ ޔަޤީންކުރީ ނިދި ބަރުވެފައިވާވަރުން އޭނާއަށް އެއްޗެހި ބަދަލުކުރަން އެއްޗެހި ބޭލުމަށްފަހު ނިދުނީކަމަށެވެ.

"ސީކޮށް މިހާރު މިގޮތަށް ކަންތައްވާތީ މި ހުންނަނީ ވަރަށް ކަންބޮޑުވެފަ...! ނަސީބެއް ކަންނޭނގެ ހެނދުނުވެސް މީހަކަށް ނުފެނުނު ކަން... އަނެއްކާ މިއަދުވެސް ނިދީގަ...!" ފުންނޭވާއެއް ލުމަށްފަހު ކޮފީތަށި ނަގާ ތުނބުގައި ޖައްސާލި އެވެ.

"އިތުރުކަމެއް ވިތަ؟ މި ބުނީ ރޭގަ... މަށަށް ޤަބޫލުކުރަން ވަރަށް ދަތި ތިކަހަލަ ކަންތައް... ހީވަނީ އަންހެން ކުދިން ކިޔާ ކަހަލަ ޖިންނި ވާހަކައެއްހެން... ވަރަށް ފޭކް ކަމެއް... އަނެއްކާ ޝަމް ފޭކު ޖައްސަނީ..." ހިމޭޝް ބޭނުންވީ ޔަޤީންކުރާށެވެ.

"ތިއޭ މައްސަލައަކީ މީހަކު ގާތު މިވާހަކަ ކިޔަންވެސް ކެރޭނީ ކިހިނެއް؟ ޤަބޫލުކުރާނެ މީހަކު... ހިމޭތީ ހުރިހާ ކަމެއް އެނގޭމީހާ ހިމޭ ވެސް ތި..." އައިޝަމް ވާހަކަ ދެއްކުން ހުއްޓާލީ ހިމޭޝް ފެށީމަ އެވެ.

"އަސްލު ވަރަށް އުނދަގޫ ޤަބޫލުކުރަން އެކަމަކު... އަހަރެން ތި ހުރިހާ ވާހަކައެއް ޤަބޫލުކުރަން... އެނގޭ ޝަމް މަށަށް ދޮގު ނުހަދާނެކަން ވެސް..." ހިމޭޝް ވާހަކަހުއްޓާލީ ކޮފީތަށީގައި ތުން ޖެހުމަށެވެ. ހިނދުކޮޅަކަށް އެމީހުންގެ ވާހަކަ މެދުކަނޑާލީ އެމީހުން ތިބި މޭޒަށް ވެއިޓަރުދުފާތަބަށް ގެނައުމުންނެވެ. އައިޝަމް ނަޒަރު ހިންގާލީ އެމީހުން ތިބި އަންޑަރ ގްރައުންޑްގެ ހިތްގައިމު މާހައުލުގެ މޭޒުތަކުގައި ތިބި ގުރޫޕު ގުރޫޕަށެވެ. ހީ ހީފައި އެކަކު އަނެއްކަކަށް ސަކަރާތް ޖަހަމުން ދިޔަ އެވެ. އެމަންޒަރުތައް ފެނުމުން އޭނާ ހިތަށް ވެރިވީ މުޅިން އެހެން ކަމެކެވެ. ވެއިޓަރ ދިޔުމުން ހިމޭޝް ފެށި އެވެ.

"ކިހިނެއްވީ؟"

"ހިތަށް މިއަރަނީ މަށަށްވެސް އެގޮތަށް ހީ ހީ ފައި މަޖާކުރަން ފުރުޞަތެއް ލިބޭނީ ކޮން ދުވަހަކުންބާ އޭ... އަބަދުވެސް މި ޖެހެނީ މިކަހަލަ ކޮންމެވެސް ކަމަކާ ބޯ ގޮއްވަން... މަވެސް މީ އެކަހަލަ.." އައިޝަމްގެ އަޑުގައި މޮޅިވެރިކަން އެކުލެވެން ފެށުނެވެ.

"ޝަމް ބޭނުމީ އެކަހަލަ ގަމާރުންނަށް ވާންތަ... ލާޗާރުބިޗާރުވެގެން ރަނޑާލި ހެދިގެން އުޅެންތަ؟ އަތުގަ މުކޮސް ނެތަސް އަޗާތަޅަމުން މަގުފޭރެމުން ދުވަންތަ؟ އެއީތަ އަހަރުމެންގެ މިޤައުމަށް ބޭނުންވާ ޒުވާންނުންނަކީ؟ އެއީތަ... މިޤައުމު ފަޚްރުވެރިވާ ބަޠަލުންނަކީ؟ ޝަމް ވިސްނާލަބަ އެމީހުން އެއީ.... މީދެން ކޮން ވާހަކައެއް... ޝަމްއަށް ކޮންކަމެއްތަ މަދީ؟ ކޮންކަމެއްތަ ނުވަނީ؟" ހިމޭޝް މަސައްކަތްކުރަމުން ދިޔައީ އައިޝަމްއަށް ވިސްނައިދެވޭތޯ އެވެ.

"ލޯބި... ހިތްހަމަ ޖެހުން... މިނިވަންކަން" އައިޝަމްގެ ޖަވާބުތައް ކުރުވެފައި ސާދާ އެވެ.

"ލޯބި... ބަލަ އެއްވެސް އިންސާނަކަށް އެމީހަކު ބޭނުން ހުރިހާ ކަމެއް ބަރާބަރަށް ފުރާފުރިހަމަ އެއް ނުވާނެ... ކޮންމެ މީހަކީވެސް އަބަދުވެސް ކޮންމެވެސް އެއްޗަކަށް، ކޮންމެވެސް ކަމަކަށް ބޭނުންވެފައިވާ މީހެއް... ކިހިނެއް އަހަރުމެންގެ އިންސާނުންގެ ހިތް ފުރޭނީ... އައިޝަމްއަށް ލޯބި ނުލިބޭތަ... މިނިވަންކަން ނުލިބޭތަ... ހިތްހަމަ ޖެހުން..."

"އާން... އާން... ހިމޭ...! އަހަރެން... އަހަރެންނަށް މިހާރަކަށް އައިސް ރެޔާއި ދުވާލު ކުރިމަތިވަމުން މިދާ ކަންކަމަކީ އަހަރެންގެ މިނިވަންކަމަށް... ކޮބާ ހުރިހާ ލޯތްބެއް... ކޮބާ ހުރިހާ އުފަލެއް... އަހަރެންވެސް... އަހަރެންވެސް ބައްޕައެއްގެ ފިރުމުންތައް ބޭނުންވޭ... ބައްޕައެއްގެ އަޅާލުން އިންތިހާއަށް ބޭނުންވޭ... ބައްޕައާ އެކު...ބައްޕައާ އެކު ވަގުތު ހޭދަކުރަން ބޭނުންވޭ... އެކަމަކު..." އައިޝަމް ހުއްޓުން އެރިއެވެ. އޭނާގެ ހިތަށް ވެރިވެފައިވާ ވޭނަށް ލުޔެއް ލިބޭނޭ ކަމަށް ހީކޮށް ހިމޭޝް އަށް އެކަން ހާމަކުރި އެވެ.

"ތިވާހަކަދޯ މި ދައްކަނީ... އަހަރެން ޤަބޫލުކުރަން ޝަމް އަށް ބައްޕައެއްގެ ލޯބި ނުލިބޭކަން... އެކަމަކު މަންމަ އެއްގެ ލޯބި...  އާއިލާއެއްގަ މަދުވާނީ ބޭބެއަކާ ދައްތައެއްގެ ލޯބި... އަހަރެން މިދަނީ ބޭބެއެއްގެ ލޯބި ޝަމް... ޝަމް މި ވަރުން ނުފުދޭތަ... ބުނެބަ..." ހިމޭޝް ހިތުގައި ޖެހިނުލެއް ބޮޑުކަމުން ވާހަކަދެއްކުނީ ކުރިއަށްވުރެ ބާރަށެވެ.

"ޝޫ..." އައިޝަމް ޝަހާދަތް އިނގިލި ނޭފަތުގައި ޖައްސާލަމުން އިޝާރާތްކޮށްލި އެވެ.

"ސޮރީ.... ދެރަވީމަ ބާރުވީ..."

"އަހަންނަށް ކިރިޔާވެސް ހަމަޖެހުމެއް އުފަލެއް، ހިތަށް ތަސައްލީއެއް މި ލިބެނީ ހިމޭގެ ފަރާތުން... އެހެންވެ ދޯ މި ވާހަކަތައް މި ޝެއަރކުރަނީވެސް...." ކަނާއަތުން ސައިކަލުގެ ތަޅުދަނޑިން ކައިރީގައި ހުރި ބިއްލޫރި ތައްޓާކުޅެމުން އައިޝަމް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އޯކޭ ހުއްޓާލި... ދެންވެސް އެގޮތަށް ނުވިސްނާތި... ފަރޭ އަބަދުވެސް ބުނެއެއްނު... އޭނާ ބައްޕަ ބުނެއޭ ތިމާ ބޭނުންވާ ކަމެއް ނުވީމަ އޭގެ ފަހަތުގައި ފޮރުވިފައި ވާނޭ ވަރުގަދަ މެސެޖެއް... ފަހަރެއްގައި އެވެދާނޭ އެ ކުރަން އުޅުނުކަމަކީ އެއްމެ ރަނގަޅު ނޫންކަމަށްވެސް... އެހެންވީމަ މަށަށް ހީވަނީ ތި ހުރިހާ ކަމެއްގައިވެސް ރަނގަޅު ގޮތްތަކެއް ވާތީހެން ތިހާ ހާލު ތި ޖެހެނީ... ނޫންތަ؟"

"ވެދާނެ... ތިއެއް އެނގެންދެން ޖެހޭނީ ވާނުވާ ބަލަން މިހެން ތިބެން ކަންނޭނގެ"

"އޯކޭ ހިނގައިދާންދޯ... ހިނގާ ރައިޑަކަށް ކުޑަކޮށް ފްރެޝްވާނީވެސް އޭރުން... މިހާރު ތިހުރީ ބޯ ކަޑަވެފަ... ދަމުން އެއްކަލަ ވާހަކަތައް ކިޔައި ދޭނީދޯ..."

"އޯކޭ ހިނގާދަމާދޯ" ބާކީ ފައިސާތައް ވޮލެޓަށް ލުމަށްފަހު ދޮރާދިމާއަށް ނުކުންނަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

***** ***** *****

"މިގަޑީ ނެތޭ ދެވޭކަށް... މިއިނީ ވަރަށް ބޮޑުކަމަކާ ކުއްޖަކާ ވާހަކަދައްކަން... ކިހިނެއްވާނީ މިރޭ... އަދި މާދަމާރޭވެސް އެތަނަށް ދެވިދާނެއްނު... މޫސުން ގޯސްވެގެން ނުބޭއްވުނު ދެ ރޭގެ ބަދަލުގައި ދެރޭ އިތުރުކުރި ވާހަކަ ޚަބަރުން ގޮވިއެއްނު... އެހެންވީމަ މިރޭ ދަނީދޯ... އާނ އޯކޭ" ނަޖުމާ ފޯނު ބޭއްވަމުން ހިމޭޝްއަށް ހިނިތުންވެލި އެވެ.

"އޮފީހު ކުއްޖެއް... ދަރުބާރުގޭގަ އޮތް ފޮތް މައުރަޒަށް ދާންވެގެން... ހޫނ ކޮންވާހަކައެއް ދައްކަން..." މައުޟޫޢު ބަދަލުކޮށްލަމުން ސޯފާގައި ހަމަޖެހިލަމުން ޕުޝަން ނަގާބައްދާލި އެވެ.

"ޝަމްގެ ކަންތަކާ ހިމޭ ވަރަށް ކަންބޮޑުވޭ... ހިމޭއަށް ހީވަނީ އޭނަ... އޭނާ ވަރަށް"

"ކިހިނެއްވީ؟ ޝަމް ކިހިނެއްވީ...؟

"ކަމެއް ނުވޭ އޭނާގެ ބައްޕަގެ ވާހަކަ އިއްޔެ އަހަރެންގާތު ދެއްކީމަ... ބައްޕަގެ ލޯބި ބޭނުންވާ ވާހަކަ..." ހިމޭޝް ވާހަކަދެއްކީ މާޔޫސީ ރާގަކަށެވެ.

"އެހެންތަ! ކީއްވެ؟ ކީއްވެ ކުއްލިއަކަށް ބައްޕަގެ ވާހަކަ ހިމޭ..."

"ވަރަށް ގިނަ ވާހަކަދެއްކި... ވަރަށް ކަންބޮޑުވެފަ ހުންނަނީ... އަސްލު ނަޖުއްތަ ކިޔައިދީބަ ޝަމްގެ ބައްޕަގެ ކަންތައް ވީގޮތް..."

"ހޫމް... ޝަމް ވީ ކޮންތާކު ކަން އެނގޭތަ؟" ނިތްއަރުވާލަމުން ހިންހަމަ ޖެހިލަމުން ނަޖުމާ ފުންނޭވާއެއް ލިއެވެ.

"ކޮފީ އެއްގަ ފަރޭ މެންނާ އެކު... އަހަރެން ގުޅީމަ ބުނީ ހުޅުމާލޭގައޭ... މިރޭ ޓެންގަ އޭ އަންނާނީ"

"އޯކޭ... ވަރަށް ހަމަޖެހިލައިގެން މިވާހަކަތައް ކިޔައިދެވޭނީ..."

"އޯކޭ... މިގަޑި ފުރީއެއްނު... ޝަމްވެސް ނާންނާނެ އެހާ އަވަހަކަށް"

"އެންމެ ރަނގަޅު މި... އަދި ސިއްރެއްގެ ގޮތުގަ ބާއްވާ... ނަޖުއްތަ އަށް  ތިވާހަކަތައް ކިޔައިދިނުމީ ވަރަށް އުނދަގޫ ކަމެއް... އެކަމަކު..."

"އެކަމަކު ކިހިނެއްވީ؟"

"އެކަން ވީގޮތް ހިއްސާކުރެވިދާނެ... ނަޖުއްތަގެ ޑައިރީގަ އޮންނާނެ އެދުވަސްވަރުގެ ކަންތައް ލިޔެފަ... ސިއްރެއްގެ ގޮތުގައި މި ވާހަކަތައް ބާއްވާ ސިއްރުން އެކަނި އިނދެ ކިޔަން ބޭނުންނަމަ ޑައިރީ ލިބިދާނެ... އެކަމު އަނބުރާ ގެންނަ ގޮތަށް"

"މައްސަލަ އެއް ނެތް... މި އަދުވެސް ބޭނުން"

"މަޑުކޮށްލަ... އެބަ އަންނަން" ނަޖުމާ ކޮޓަރިއަށް ދިއުމަށްޓަކައި ހިގައިގަތުމުން ހިމޭޝް ބުނެލިއެވެ.

"އެބަ އަންނަން ޝަމް ކޮޓަރި ފާޚާނާއަށް ވަދެފަ"

ޖަވާބުގައި ނަޖުމާ ހިނިތުންވެލި އެވެ. ހިމޭޝް އަވަސް އަވަހަށް އައިޝަމްގެ ކޮޓަރިއަށް ވަދެ ބޮކި ދިއްލާލި އެވެ. މުޅިކޮޓަރިއަށް ނަޒަރު ހިންގާލި އެވެ. އޭނާ އެކޮޓަރިއަށް އައީ ފާޚާނާ ކުރާކަށް ނޫނެވެ. އައިޝަމް ކިޔާދިން ވާހަކަތަކުން އެކަން ޔަޤީންކުރާށެވެ. އެބުނާ ސަންގަކީ ކިޔާވަރެއްގެ އެއްޗެއްކަން ވަޒަން ކުރާށެވެ. ހިމޭޝްގެ ކަނދުރާއަށް ހޫނު ނޭވާއެއްގެ ވައި އެޅުނުހެން ހީވެގެން ދެކޮޅު ހޯދާ ބަލާލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކަނާތު ކަންފަތުގައި އެއްޗެއް ޖެހުނުހެން ހީވުމުން ފަހަތަށް އެނބުރި ބަލާލި އެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެ އެވެ. އޭނާ ހީކުރީ މާބޮޑަށް ބިރުން ހުރުމުގެ ސަބަބުން ހިތުގައި ވަޙުމު އުފެދުނީ ކަމަށެވެ. ހިތުގައި އުފެދިފައިވާ ވަޙުމުތައް ފިލުވާލާ މޫނަށް ވެރިވެފައިވާ ހާސްކަން ކަނޑުވާލުމަށް އޭނާ ބޭނުންވީ ފާޚާނާއަށް ވަދެ މޫނު ދޮވެލާށެވެ.

"ހިމޭޝް... ހިމޭޝް" ސާފު ރީތިއަޑަކުން ހިމޭޝް އަށް ދެފަހަރަކު ގޮވާލުމުން އަވަސް އަވަސްކޮށްލައިގެން އޭނާ ފާޚާނާއިން ނިކުތެވެ. މޫނުގައި ހުރި ފެންތައް އަތުން ފޮހެމުންނެވެ. ފާޚާނާއިން ނިކުމެ ކޮޓަރި އަށް ކަޅި ހިންގާލި އެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވި އެވެ. އެހެންވެ އޭނާގެ ފަން އިސްތަށި ގަނޑުން އޮހެރެމުން ދިޔަ ފެންތައް ހިއްކާލުމަށްޓަކައި ތަރުތީބު ކަމާއެކު ހަރުގައި އެލުވާލެވިފައިވާ ތުވާލިން ކުޑަ ތުވާއްޔެއް ނަގާ މޫނު ފޮހެލި އެވެ. ލައިގެން ހުރި ސޯޓު މައްޗަށް އަރުވާލަމުން އެނދުގައި އިށީނދެ ހަމަޖެހިލި އެވެ. އެއް އަތުން ބޮލުން ފެން ހިއްކަމުންނެވެ. އެއަށްފަހު އޭނާ ނަޒަރު ހުއްޓުނީ ރީތިވާ ސާމާނު ބަހައްޓާ މޭޒަށެވެ. މޭޒުމަތީގައި އޮތް ކަޅުކަވަރު ލީ ފޮތަކަށެވެ. ފޮތުގެ ހަނިއަރީގައި ކަނޑާނަގާ ލިޔެފައިވާ ޢިބާރާތްކޮޅު ހިތާ ހިތާ ކިޔާލެވުނެވެ. ހިނދުކޮޅަކު ވިސްނަން އިނުމަށްފަހު ކޮޅަށް ތެދުވެ ދެކޮޅު ހޯދާލި އެވެ. އަނެއްކާވެސް އެއްކަލަ އަޑު ތަކުރާރު ވި އެވެ.

"ހިމޭޝް... ހިމޭޝް... ދެން އަވަސް ކޮށްފަ އަހަރެން ނަގާބަ..." އިވެމުން ދިޔައީ ކުރިންވެސް އިވުނު އަޑެވެ. އެހެނަސް މިފަހަރު ކުރިއަށް ވުރެ ސާފުކޮށް އެއަޑު އިވިއިވި ހުއްޓެވެ. ހިމޭޝް ވަށައިގެން ހޯދާލި އެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ހިމޭޝްގެ ހަރަކާތްތައް އަވަސްވާން ފެށީ އެހެންވެ އެވެ. އެއްފަހަރު އެއްތަނަށް އަނެއް ފަހަރު އަނެއްތަނަށް ކަޅި އުކަމުން އަޑު އިވޭ ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާ ގޮސް ހުއްޓުނީ އެއްޗެހި އެލުވުމަށް ކޮޓަރީގައި ޚާއްޞާކުރެވިފައިވާ ބުޅިގަނޑު ތަކާ ދިމާލަށެވެ. އެލުވާފައިވާ ޖީންސްގައި އަތްޖައްސާލުމަށް ފަހު އެޖީންސުން އޭނާގެ ފޯނު ނެގި އެވެ. ފޯނު ފެނުމުން އޭނާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ. ފޯނުގެ ރިންގު ޓޯނުން އިވެމުންދިޔަ އަޑުން އޭނާ އިތުރަށް ހިތްހަމަޖެހުނީ ކަންނޭނގެ އެވެ. ފޯނު ނަގާ އިނގިލި ޖައްސާލަމުން އިސްލާމީ ރިވެތި އުޞޫލު އިސްކުރި އެވެ.

= ނުނިމޭ =

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ