ދެފުރާނަ އެކުވެފައިވާ (15 ވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (15 ވަނަ ބައި)

"ނޭނގެ! ބަލާލަންވީ ދޯ! އެ ގޮވަނީ އަތިރިއަށް ނުދާށޭ! މަންމަ މޫދަށް އެރެންދާ ގަޑި މީ! އެބައަންނަން!" އައިޝަމް އޭނާގެ މަންމަގެ ކޮޓަރި ނިކުތުމަށް ހިނގައިގަތްވަގުތާ ނަޖުމާ އައިސް ގެއަށް ވަން ވަގުތާވީ އެއް ވަގުތަކަށެވެ.

"މަންމާ! މަންމަ... މަންމަ ހޯދަން މި ދަނީ އަދި!" ލިބުނު ކުއްލި ސިހުމާ އެކު އައިޝަމް ނަޖުމާއަށް ނަޒަރު ހުއްޓާލަމުން ގޮވާލި އެވެ.

"ކިހިނެއްވީ؟ ހާދަ ހާސްވެފަ!" ނަޖުމާ ހިނިތުންވެލަމުން އައިޝަމްގެ ގާތަށް ޖެހިލި އެވެ. ހުޅުވިފައިވާ ދޮރުގެ ތެރެއަށް ނަޒަރު ހިންގާލި އެވެ. ކޮޓަރި ތެރެއިން ޓީވީގެ އަޑު ބާރުބާރަށް އިވި އިވި ހުއްޓެއްވެ. ނަޖުމާއާއި އައިޝަމްގެ ފެނުމުން ހިމޭޝް މަޑުމަޑުން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.

"ސުނާ... ސުނާ!" އައިޝަމް ހުއްޓުން އެރި އެވެ.

"ސުނާމީ ވޯނިންގ! ބިންހެލުމެއް އައީޔޯ! އެހެންވެ ޝަމް ނަޖުއްތަ ހޯދަން އެދަނީ! ޓީވީން އެބަ ގޮވާ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބެން!" ހިމޭޝް އައިޝަމްގެ ކޮނޑުގައި އަތްބާއްވާލަމުން ނަޖުމާއަށް ސާފުކޮށްދިނެވެ.

"އަދި ތި އެހާ ހާސްވާންވީ ކަމެއްނޫންދޯ! އާދެ ދެ ކުދިން މި ތާ ސިޓިން ރޫމަށް! ނަޖުއްތަ ބޭނުން ހިމޭ އާ ޝަމްއާ ދެކުދިންނާ ވާހަކަދައްކާލަން" ނަޖުމާ ހިނިތުންވެލަމުން ސިޓިން ރޫމަށް މިސްރާބު ޖެހި އެވެ.

ނަޖުމާގެ ޢަމަލުތަކުން އައިޝަމް އަށް ލިބުނީ ހައިރާން ކަމެވެ. ހިމޭޝް ވެސް ހައިރާންވެފައި އައިޝަމްގެ މޫނަށް ބަލާލި އެވެ. އައިޝަމްގެ ކޮޓަރިއަށް ވަދެ ޓީވީ ނިއްވާލުމަށްފަހު ސިޓިން ރޫމަށް ދިއުމަށް އޮތް ދެ ފޫޓު ހަނި މަގުން ހިމޭޝް އާ އެކު ސިޓިން ރޫމަށް ދިޔުމަށް ހިނގައި ގަތެވެ. މާބުލްސް ޖަހާ ޖަރީ ކުރެވިފައިވާ ސިޓިން ރޫމުން ފެންނަނީ ތަރުތީބުކަމެވެ. ސާފުކަމެވެ. ފާރުގެ ބިތާ އިންވެގެން ބަހައްޓާލެވިފައިވާ ޓީވީ ހަރުން އައިޝަމްގެ ކާމިޔާބީތައް ރަމްޒުވާ ތަށިތަކާއި ހަނދާނީ ހަދިޔާތައް ތަރުތީބުން އަތުރާލެވިފައި ހުއްޓެވެ. ޓީވީގެ ކުރިމަތިން ދެތިން ފޫޓެއްހާ ދުރުމިނުގައި އަތުރާލެވިފައިވާ ސްޕަންޖް ސޯފާގައި ނަޖުމާ ހަމަޖެހިލައިގެން އިންތަން ފެނުމުން ހިމޭޝް އައިޝަމްގެ މޫނަށް ބަލާލި އެވެ.

"އާދެ! މަންމައަށް ހީވަނީ ދަރިފުޅުމެން މާ ބޮޑަށް ކަން ބޮޑުވެފަ ހާސްވެފަ ތިބިހެން!" ނަޖުމާ ހީލަމުން ވާހަކަފެށި އެވެ.

"ނަޖުއްތާ! ޓީވީ ހުޅުވާލަންވީނު! ވާނުވާ ބަލަންވާނެ! ފޯނުތަކުން ވެސް ނެޓްވޯކް ފެއިލްވެފަ! ޚަބަރެއް ލިބޭނެ އޮތް ވަސީލަތަކީ ޓީވީ!" ހިމޭޝް އަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ބޭނުންވަނީ ޚަބަރުތަކުން ވާނުވާ ދެނެގަންނާށެވެ.

"ޚަބަރުތައް ބެލިވަރަކަށް ކަންބޮޑުވުން އިތުރުވާނެ! ކިތައްމެ ވަރަކަށް ޚަބަރު ބެލިޔަސް ކިތައްމެ ވަރަށް ސުނާމީ އެލާޓް ނެރުނަސް މިއަދު ސުނާމީ އެއް ނާރާނެ. ނުވިތާކަށް ރާއްޖެއަށް ނުރައްކަލެއް ވެސް ނުވާނެ!" ނަޖުމާ ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ހީލި އެވެ.

"މަން... މާ؟" އައިޝަމް ނުރުހުންވާ ރާގެއްގައި ނަޖުމާއަށް ބަލާލި އެވެ.

"އެކަމު ނަޖުއްތާ ދެންމެވެސް ގޮވި ސުނާމީ ޕެސިފިކް ވޯނިން ސެންޓަރުން ވެސް އިންޒާރުގެ ނޯޓިސް ދިންވާހަކަ! އަނެއްކާ މުޅި ދުނިޔޭގެ އެންމެންގެ ސަމާލުކަން މިހާރު އެ އޮތީ އެކަމަށް! ހުރިހާ ޓީވީ ތަކަކުން އެދަނީ އެ ޚަބަރުތައް ގެނެސްދެމުން!" ހިމޭޝް ކަންބޮޑުވުން ފާޅުކުރި އެވެ.

"ނަޖުއްތައަށް އެނގޭތީ ދޯ މި ބުނަނީ ނުވާނޭ! އެއްވެސް ކަމެއް ނުވާނޭ! ނަޖުއްތައަށް ނޭނގޭނަމަ ނުބުނާނަން މިހެން!"

"މަންމަ އަށް ބިންހެލުމުގެ އިހްސާސްވިތަ؟" އައިޝަމް ބޭނުންވީ ޔަޤީން ކުރާށެވެ.

"ރާއްޖޭގެ އެއްވެސް ރަށަކަށް ބިންހެލުމުގެ އަސަރެއް ނުކުރެ! މާލޭގަ ވެސް ހެންވޭރާވީ ކޮޅަށް އެކަމުގެ އަސަރުކުރި! އަސްލު އެއީ...!" ނަޖުމާ ހުއްޓާލި އެވެ.

"އަސްލު ކޮން؟ އަހަރެން ވެސް ގޭގަ ހުއްޓާ ގޮނޑިތަކާ މޭޒުތައް ވެސް ދުވަން ހެދީމަ ތިރިއަށް ފޭބީ މަތީ ނުހުންނަން! ބައްޕަ ވެސް މެލޭޝިއާ އަށް ދިޔަ ގޮތަށް އަދި ނާދޭ! އެހެންވެ އެކަނިވީމަ ބިރުން މިއައީ ޝަމް ކައިރިއަށް!" ހިމޭޝް ހީވަނީ ކުޑަކުއްޖެއް ހެންނެވެ. މަންމައަކާ ވާހަކަދައްކާހާ އޯގާތެރިކަމާ އެކު ނަޖުމާއާ ވާހަކަދައްކަމުން ދިޔަ އެވެ.

"އަން އިހަށް މި ކާލާ! ކައިގެން ހަމަޖެހިލީމަ ހުރިހާކަމެއް ނިމިދާނެ! އެހެން ޓީވީ އަކުން ކިޔާ ހުރިހާ އެއްޗެއް ޤަބޫލުކުރާކަށް ނުވާނެއަދި. ކޮން އިރަކުން ހިމޭ ފުރުން އޮތީ!" ނަޖުމާގެ ދަބަހުން ޓޮބްލެރޯން ދެ ޗޮކުލެޓް ނަގާ ދެ މީހުންނަށް ދިއްކޮށްލި އެވެ. އޭނާ ބޭނުންވަނީ ހިމޭޝް ފުރާދުވަހުގެ ވާހަކަ ފަށައިގެން ނަމަވެސް މައުޞޫޢް ބަދަލުކޮށްލާށެވެ.

ހައިރާންވެ އަންތަރީސްވެފައި ތިބެ ހިމޭޝް އާއި އައިޝަމް ކަޅިޖަހާނުލާ ނަޖުމާއަށް ބަލަމުން ދިޔަ އެވެ. ނަޖުމާއަށް އެކަން ރޭކާލީ ކުޑައިރުކޮޅެއް ފަހުންނެވެ.

"މަންމާ! މަން..." އައިޝަމް ބޭނުންވީ އޮޅުން ފިލުވާށެވެ. ހިމޭޝް އެކަމަށް އިޝަރާތްކޮށްލުމާ ވެސް އެކުގަ އެވެ.

"ކިހިނެއްވީ؟"

"މަންމަ ޝަމްއަށް އޮޅުވާނުލާ ކިޔައިދޭންވީނު!" އައިޝަމް ސުރުހީ އަޅާލި އެވެ.

"މަންމައަށް ލިބުނު މައުލޫމާތަށް ބަލާފައޭ މި ހެން މި ބުނަނީ... މިއަދު... މިއަދު ދުނިޔޭގެ އެހެން އެއްވެސް ތަނަކަށް ސުނާމީ އެއް ނާރާނޭ! މަންމައަށް މާކުރިން ވެސް އެނގޭ މިއަދު ދުނިޔެއަށް އެނގުންވާނެ ލޮޅުންތަކެއް އަންނާނެކަން... އެލޮޅުންތަކުގެ ތެރެއިން ފުރަތަމަ ލޮޅުން މިއަދު އެ އައީ! އަދި އަންނަ ހަފުތާގެ ތެރޭގަ ވެސް އެކަހަލަ ލޮޅުމެއް އަންނާނެ! އަހަރުމެނަށް ހީވަނީ އެއީ ބިން ހެލުމޭ!" ނަޖުމާ ސާފުކޮށް އޮޅުން ފިލުވައި ދިނެވެ.

"އެ ކޮން!" ހިމޭޝް އަކަށް މަޑަކުން ނީނދެވުނެވެ.

"އެއީ... އެއީ... އެއީ އިރުގައި އުފެދިގެން އުޅޭ ތޫފާނަކުން ވަރަށް ގިނަ ގޭސްތައް ބޭރުވެ އެއިން ބައެއް ގޭސްތަކުގެ އަސަރު ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމަށް ކުރާތީ ވެގެން އުޅޭ ގޮތް ތަކެއް! މިކަހަލަ އެތަކެއް ގޮވުންތަކެއް ޖައްވުގެ ތެރޭގަ ގޮވަމުން އެބަދޭ! ސައިންސްވެރިންނަށް އެކަންވަނީ ކިހިނެއްކަމެއް ނޭނގެ! އަހަރުމެން ތެރޭ މިތަބަ ސައިންސްވެރިން ވެސް ޤްރުއާނުގައި ހިފައިގެން އެއިން ޢިލްމުތައް ހޯދާ ދިރާސާކުރާނަމަ މިހާރު ފެނިފަ އެހުރި ޢިލްމުތަކަށް ވުރެ މާގިނަ މާ ފޯރުންތެރި ޢިލްމީ ހެކިތައް ފެންނާނެ!" ނަޖުމާ ގަސްތުގައި މައުޟޫޢުއިން ދުރަށް ޖެހެމުން މައުޟޫޢްއާ ފެއަށް ދިޔައެވެ. ވިސްނުންތެރިކަމާ އެކުގަ އެވެ. ކިޔަވައިދިނުމުގައި ބޭނުންކުރާ ހުނަރުތައް މި ފަހަރު އޭނާ ބޭނުންކުރީ ސަބަބުތަކެއް ހުރީތީ އެވެ.  

"ޝަމް މި ބުނީކީ ތި ވާހަކައެއް ނޫނޭ މަން..! ޝަމްއަށް އެނގޭ މަންމަ ޝަމްއަށް ކަމެއް ސިއްރުކުރާކަން! މަންމައަށް ތިޔަ ހުރިހާ ކަމެއް އެނގެނީ ކިހިނެއްތަ؟" އައިޝަމް އިސްޖަހައިގެން އިނދެ އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވާފައި ބާއްވަމުން އައި ސުވާލުތައް ހާމަކޮށްލި އެވެ. ހިތަށް ހަމަޖެހުމެއް އަރާމެއް ލިބުނުކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. ބޮލުގެ ރިހުންތަކުން ރިހުމެއް އުނިވި ކަމުގެ  ޔަޤީންކަން ވެރިވި އެވެ.

"ކޮން...؟ ކޮން...؟ ކޮންކަމެއް މަންމަ... ދަރިފުޅަށް ކޮންކަމެއް!" ނަޖުމާއަށް ލިބުނީ ހައިރާންކަމާއެކު ނޭވާ އަވަސްވާން ފެށި އެވެ. ހާސްވެ ކަންބޮޑުވަމުންނެވެ. ހިތުގެ ތެޅުން ބާރުވަމުން ނެވެ. ނަޖުމާއަށް ކަމެއް ހަނދާންވި ފަދައަކުން ހިމޭޝްގެ މޫނަށް ބަލާލި އެވެ. އެތަކެއް މާނަތަކެއް އެބެލުމުން ހާމަ ވަމުން ދިޔަ އެވެ. ހިމޭޝް އަށް ވެސް ނަޖުމާގެ މޫނަށް ނަޒަރު ހުއްޓާލެވުނީ އެވަގުތު އެވެ. ތަނަށް ވެރިވެގެން ދިޔައީ ހަމަ ހިމޭން ކަމެވެ. ނަޖުމާގެ ލޯ ކުޑަކޮށްލާ ހިމޭޝް އަށް ލޮލުން ދެތިން ސުވާލެއް ކޮށްލި އެވެ.  "ދިނީހޭ!"، "އެނގުނީހޭ" ބުނާ ފަދަ ގޮތަކަށެވެ.

"އާނ މަންމާ! މަންމަ އަށް ތިޔަ ހީވީ ހަމަ ރަނގަޅަށް! އަހަރެން އެ ފޮތް ކިޔައިފިން! ހިމޭ ކޮޓަރީ އޮއްވާ އޭނާ އަށް ނޭނގި!" ނަޖުމާގެ މޫނުމަތީ ޖެހިފައިވާ ސުވާލުތައް ފެނުމުން އައިޝަމް ކަންވީގޮތް ސާފުކޮށް ދިނެވެ. ޖެހިގެން އިން ހިމޭޝް ފައިގެ ފަލަމަސްގަނޑު އޭނާގެ ފައިގައި ޖައްސާ އިޝާރާތް ކޮށްލުމުންނެވެ. ހިމޭޝް އަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ނަޖުއްތާ! އަހަންނަށް ވެސް ފެންނަނީ ޝަމްއަށް އެ ވާހަކަތައް ކިޔައިދޭން! ޝަމްގެ ބައްޕައަކީ ކާކުކަމާ އޭނާގެ ބައްޕަވީ ކޮންތާކުކަން... ބައްޕައަކަށް އެދި ޝަމް ދައްކާ ވާހަކަތައް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އަހަރެން! ނަޖުއްތަގެ ޑައިރީ ކީ ފަހުން ޝަމްގެ އުއްމީދުތައް އާލާވުމުން އޭނާ އެހުންނަނީ ފުރުޞަތަކަށް އެދި ފެން ބޮވައިގެންފަ! އަހަންނަށް އެނގޭ މީ ނަޖުއްތަގެ ޕަރސަނަލް ކަމެއްކަން ވެސް! އެކަމަކު ޝަމްއަށް ހެޔޮ އެދޭ މީހަކަށްވާތީ...!" ހިމޭޝް ވެސް އޭނާގެ އިޙްސާސްތައް ބޭރުކޮށްލި އެވެ.

"އެންމެ ރަނގަޅު! މަންމަ! މަންމަ!... މިއަދު ދަރިފުޅަށް ތިކަން... ތިކަން ސާފުކޮށްދޭން ބޭނުން! މި ވާހަކަތައް އިވުމުން ދަރިފުޅު... ދަރިފުޅު މަންމަ އަށް... މަންމަ އާ މެދު ތިޔަ ބަހައްޓަމުންދާ ގޮތް ދޫކޮށް ނުލައި މިހާރަށްވުރެ...! މިހާރަށްވުރެ.... މިހާރަށްވުރެ މަންމައާ ދުރުވެއްޖެ ނަމަ ވަރަށް ދެރަވާނެ! އެއްވެސް މަޔަކު ބޭނުމެއް ނުވާނެ އެމީހަކު ބަނޑުއަޅައި ވިހޭ ދަރީގެ ފަރާތުން ނަފުރަތާއި ނުރުހުމެއް! މަންމައަށް ޔަޤީންކަންދީ މިވާހަކަތައް އިވުމުން، ދަރިފުޅު މަންމައަށް ހިތް ހަލާސްކުރާނެކަމުގެ! މިހުރިހާ ދުވަހު މަންމަ... މަންމަ...!" ނަޖުމާއަށް ފުން އަސަރުތަކެއް ކުރަމުން ދިޔަ އެވެ. ވާހަކަ ކުރިއަށް ދިޔަވަރަކަށް އޭނާގެ އަޑުންނާއި މޫނުމަތިން އެކަން ހާމަވަމުން ފާޅުވަމުން ދިޔަ އެވެ. މީހާގެ މޫނުމަތި މިލަމުން ކުލަ ފަނޑޫވަމުންނެވެ. އަޑުގައި މަޑުމަޑު ތުރުތުރެއް އެކުލެވި ގިސްލެވެމުން ދިޔަ އެވެ.

"އަހަރެން މަންމައަށް ޔަޤީންކަން ދެން! އަހަންނަށް އެނގޭ މަންމައަކީ ހިތްދަތި ހާލުގައި ބައެއްގެ ޝިކާރައަކަށްވެފައި ހުރި މީހެއްކަން! އަހަންނަށް އެނގޭ މަންމަގެ ހިތުގައި ޖެހޭފަދަ އެތައް ކަމެއް އެތައް ހާދިސާތަކެއް އެމީހުންގެ ފަރާތުން ކުރިމަތި ކުރުވިކަން! ކޮންމެ ފަދަ ވާހަކަތަކެއް އަޑު އިވުނަސް، ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް އަހަރެން މަންމައަށް ހިތްބުރައެއް ނުކުރާނަން!" އައިޝަމް ކުރިއަށް ޖެހިލާ ނަޖުމާގެ އަތުގައި ހިފަހައްޓާލަމުން ނަޖުމާގެ ތޫނު ދެލޮލަށް ނަޒަރު ހުއްޓާލި އެވެ.

އެ ފުން ދެލޮލުގެ ތެރެއިން ފުރޭނިގެން ކަރުނަ ތިކިތައް ފައިބަން ފެށީ އެހާ ހިސާބުންނެވެ. ނަޖުމާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލި އެވެ. އައިޝަމްގެ އަތްތިލަ ނަޖުމާގެ އަތުގެތެރެއަށްލާ ބޮނޑިކޮށްލަމުން އައިޝަމްގެ އަތުގައި ބޮސްދިނެވެ. އެ ފުން ދެލޮލުން ލަސްލަހުން ފައިބަމުން ދިޔަ ކަރުނަތިކިތަކުން އެ މައުސޫމު ދެއަތްތިލަ ތެންމަމުން ދިޔަ އެވެ. ނަޖުމާ އިސްއުފުލާ އައިޝަމްގެ ލޮލަށް ނަޒަރު ހުއްޓާލި އެވެ. އެ ލޮލުން ފެންނަމުން ދިޔައީ އާދެހުގެ އަސަރުތަކެވެ. އެ ވާހަކަތައް އަޑުއަހަށް ކެތް މަދުވެފައިވާ ކަމުގެ ނިޝާންތަކެވެ. އޭނާއަށް ހިތްވަރު ލިބުނީ އެހެންވެ އެވެ. ކުރިއަށް ޖެހިލަމުން މަޑުމޮޅި ރާގެއްގައި ވާހަކަ ފެށި އެވެ.

"ދަރިފުޅާ ދަރިފުޅަށް މިހާރު ތި އޮތީ މި މަންމަގެ ޙަޔާތުގެ ކަޅު ޞަފްޙާތައް ކިއިފަ. މަންމަ އެ ހަނދާންތަކުގެ ޝިކާރައަކަށްވެފައި ހުއްޓާ މަންމައަށް އަޅާލާ އޯގާތެރިކަންދީ މަންމަ ޙިމާޔަތުގެ އައްސޭރިއަކަށް ގެންގޮސްދިނީ ރާޒް. އެއީ... އެއީ މާތް މީހެއް. އޯގާތެރި، ކިޔަމަންތެރި، މީހުންނަށް އަޅާލާ ޙުލްޤް ހެޔޮ ތެދުވެރިއެއް." ނަޖުމާ ފުން ނޭވާއެއް ދޫކޮށްލަމުން ހިމޭޝްގެ މޫނަށް ނަޒަރު ހުއްޓާލި އެވެ. އެ ބަލާލުމުން މެސެޖެއް ދެނެގަންނަމުން ހިމޭޝް ތެދުވެލަމުން އައިޝަމްގެ ކޮނޑުގައި ހިފަހައްޓާލި އެވެ.

"މަންމައަށް ލިބެމުންދިޔަ ޖިސްމާނީ  އަނިޔާތަކުގެ ސަބަބުން މަންމަ އަށް ވަނީ ވަރަށް ފުންއަސަރުތަކެއް ކޮށްފަ. މަންމައަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން މަންމައަށް އެދުވަސްވަރު ހުރެވުނީ ގަބަރާފެވަ. ދުނިޔެމަތިން ފޫހިވެފަ. ކަމެއް ކުރާހިތް ނެތިފަ. ކެއުމެއް ބުއިމެއް ނެތި، އަބަދުވެސް އޮވެވެނީ ފިކުރެއްގަ. ކުރެވެނީ ކޮންފިކުރެއް ކަމެއް ބުނެދޭން ވެސް ނޭނގެ. ހަށިގަނޑުގައި ވޭން އަޅަނީ ކޮން ގުނަވަނެއްގައި ކަމެއް، ދުނިޔެއަކީ ކީއްކުރަން ފޮނުއްވި ތަނެއް ނޭނގޭހާލު މުޅި މީހާ ހުރެވެނީ ގަނޑުވެފަ. އެހާލުގައި މަންމަ ހުއްޓާ ރާޒް މަންމައާ ރަޙްމަތްތެރިކަން ބާއްވަން ކުރިމަސައްކަތަށް ވެސް ހުރަސް އެޅުނު. އޭނާއަށްވެސް ފުރަތަމަ ކުރެވުނީ އިންކާރު..." ނަޖުމާ ފުން ނޭވާއެއް ދޫކޮށްލަމުން ސިޓިން ރޫމުގައި ހުރި ކުޑަދޮރުކައިރި އަށް ޖެހިލި އެވެ. ކަނޑުން ފުރޭނިގެން އުދެހެމުން އައި ވައިރޯޅިތައް ކުޑަދޮރުގައި އެޅެމުން ކުޑަދޮރުން ހުޅުވާލެވިފައި ހަނި ޖަގަހައިން އޭނާގެ މޫނުގައި އޯގާތެރިކަމާއެކު ފިރުމާލި އެވެ. އެވަގުތު ފުން އިޙްސާސްތަކެއް އޭނާއަށް ވެރިކުރުވި އެވެ. ޖިސްމުން ހަމަޖެހުމުގެ ކުލަވަރު އުދަވި އެވެ. ހިމޭޝް އާއި އައިޝަމް ކެތްމަދުވެފައި ނަޖުމާގެ ވާހަކަތައް އަޑުއަހަން ސޯފާގައި ހަމަޖެހިލި އެވެ. އެމީހުންނާ ނަޖުމާ ކުރިމަތި ލަމުން ވާހަކަ ފެށި އެވެ.

= ނުނިމޭ =

 

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ