ދެފުރާނަ އެކުވެފައިވާ (ދެވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (ދެވަނަ ބައި)

"މަރަނީ... މަރަނީ.... މަރަނީ... މަންމާ" އައިޝަމަށް ކުއްލިއަކަށް ހޭވެރިކަންވީ އޭނާގެ މަންމަ އޭނާގެ މޫނުގައި ދެފަހަރަކު ޖަހާލުމުންނެވެ.

"މަންމާ..." އައިޝަމް ބޭއިޚްތިޔާރުގައި އޭނާގެ މަންމަގެ ގައިގާ އޮޅުލައިގަތެވެ.

"ހުވަފެނެއް ފެނުނީދޯ..." އައިޝަމްގެ ބޮލުގައި ފިރުމާލަމުން އޭނާ މަންމަ ނަޖުމާ އޯގާތެރިކަމާއެކު ބުނެލި އެވެ.

"ހޫނ... ބިރުވެރި... ރޭވެސް ފެނުނީ ހަމަ..." އައިޝަމް ހުއްޓާލި އެވެ.

"އެވާނީ ދަރިފުޅު ބޭކާރު ކަންކަމާ ވިސްނާތީ... ދެން އަޅާނުލާ..." އައިޝަމް އެނދުގައި ބާއްވަމުން ނަޖުމާ ބުނެލި އެވެ.  

"މަންމާ... މަން.."

"ކިހިނެއްވީ..."

"މަންމާ... ވާހަކައެއް އަހާލަން..."

"އަހާބަލަ" އައިޝަމްގެ ވާހަކަ ނުނިމެނީސް ނަޖުމާ ބުނެލި އެވެ.

"ރޭ ފެނުނު ހުވަފެނުގައިވެސް މިރޭވެސް..." އައިޝަމް ހުއްޓުން އެރި އެވެ. އޭނާއަށް އެ ވާހަކަ ބުނެދޭނެ ގޮތެއް ނުވިސްނުނީ ކަންނޭނގެ އެވެ.

"އެކައްޗެއް ފެނުނީތަ" ނަޖުމާ ދެނެގަތެވެ. ވާނީވެސް އެހެންތާ އެވެ. އެއީ އޭނާއަށް އައު ކަމެއް ނޫނެވެ. މަހުގެ ފުރަތަމަ ހަފުތާގައި އޭނާވެސް އެކަން ތަޖުރިބާ ކުރެ އެވެ. އެ އަޑު އޭނާވެސް އަހަ އެވެ. އެއަޑުން އުފާ އޭނާ ލިބިގަނެ އެވެ.

"ނޫން... އަޑެއް... ރީތި އެކަމަކު" އައިޝަމް ހުއްޓުން އެރި އެވެ.  

"އާނ... ދަރިފުޅާ ހުވަފެނަކީ ބިލާހެއް... އެކަމާ ނުވިސްނާ..."

"އެކަމަކު ކޮންމެ ހުވަފެނެއްގަ އެ އަޑު އިވޭ... އިސްލާމް ސަރ ވިދާޅުވީ އެއްކަމެއް ހުވަފެނުގައި ތަކުރާރު ވަންޏާ އެއީ މެސެޖެކޯ ނޫނީ ދިރިއުޅުމާ ގުޅުންހުރި ކަމެކޯ" އައިޝަމް އޭނާގެ ވިސްނުން ގުޅުވާލީ އޭނާގެ އިސްލާމް ގަޑިއާ  އެވެ.  

"އާނ އެއީ ދަރިފުޅާ ގުޅުންހުރި އަޑެއް... އެއަޑު ދަރިފުޅު ހިމާޔަތްކުރާނެ... ދަރިފުޅަކީ ހިމާޔަތްކުރާނެ ބަޔަކު ލިބިގެންވާ ރައްކާތެރި ކުއްޖެއް... އަދި ދަރިފުޅަށް ދަރިފުޅުގެ ބާރުވެރިކަމާ ދަރިފުޅުގެ ކުޅަދާނަކަން ނޭގެނީ... އެދުވަހަކުން ދަރިފުޅު..." ނަޖުމާ އޭނާ ބުނެދޭން ބޭނުންވި މިންވަރަށް ބުނެދީ ނިންމާލި އެވެ. އެނާގެ މޫނު ނުފެންނާނެހެން އައިޝަމް އާ ނިވާކޮށްލަމުންނެވެ.

"ކީކޭ...؟ އަހަރެން...؟ ބާރު...؟ އަޑު..؟" އައިޝަމްގެ ހިތުގައި ސުވާލުގެ ޒަލްޒަލާއެއް އުފައްދާލި އެވެ.  

"އާނ... ކޮންމެ އިންސާނަކީ އެކަލާނގެ ހިމާޔަތް ކުރައްވާނެ އެކަލާނގެ އަޅެއް. އެކަލާނގެ ދަރިފުޅު ރައްކާތެރި ކުރައްވާނެ. އަދި ދަރިފުޅު ބާރުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ އެއްކައުވަންތަ ޖައްބާރުވަންތަ ކަލާނގެ" ނަޖުމާ ގަސްތުގައި މައުޟޫ ބަދަލުކޮށްލާ ދައްކަމުން ދިޔަ ވާހަކައިގެ މަތި ޖަހާލި  އެވެ.  

"އޯހް" އައިޝަމް އަނގަބަންދުވީ ކަމަށް ހަދާލަމުން ބުނެލި އެވެ.  ނަޖުމާގެ މޫނުގެ ކުލަވަރުން އެއީ އެ ވާހަކަ ދައްކަން މުނާސަބު ދަނޑިވަޅު ނޫންކަމަށް އައިޝަމް ދެނެގަތީ އެވެ.

"ދެން ނިދާ. ފަތިހު ނަމާދަށް ދާން ހޭލަން ވާނެ."

"ހޫނ. މަންމަ މިރޭ ނުރޯތި ކޮންމެ ރެއަކު މަންމަ ރޯތީ ޝަމް ވަރަށް ދެރަވޭ."

"މަންމަ ނުރޮމޭ އެއީ މަންމަގެ ޝަމް ހޯދާ ކާމިޔާބީތަކާމެދު މަންމަ އުފަލުން ރޯ ރުއިން. ދަރިފުޅަށް ތިހާ ތަނަވަސް ސިކުނޑިއެއް ދެއްވާ ކިޔެވުން ކާމިޔާބުވާތީ." ނަޖުމާ ގަސްތުގައި ދޮގުހެދި އެވެ.  އެކަން އޭނާގެ މޫނުމަތީގެ ކުލަވަރުން ހާމަވެ އެވެ.

"މީ މަންމަގެ ހިތްވަރު. މަންމަގެ ހެޔޮދުޢާ. ދެން ނިދަނީ. މަމްވެސް ދޭ ނިދަން. ބޮކި ނިވާލާފަ ދޮރު ހުޅުވާފަ ބަހައްޓާތި އިނގޭ. ގުޑް ނައިޓް މަމް" އައިޝަމް ދެއަތުން ލޮލުގައި އަތްއުނގުޅަމުން އާފުރިލާ ބާލީހުގައި ބައްދާލި އެވެ.  

ސަތާރައަހަރު ފުރިހަމަވީ އިރު އައިޝަމް ވަނީ ފުރާފުރިހަމަވެފައިވާ ޒުވާނަކަށް ލިބޭނެ ހުރިހާ ރީތިކަމެއް މިލްކުކޮށްފަ އެވެ.  އެހެނަސް، އޭނާގެ މަންމައާ ދެމެދުގައި އޮންނަ ގުޅުން ހީވަނީ ހަތް އަހަރުގެ ކުދިންގެ މަންމައާ ދެމެދުގައި އޮންނަ ގުޅުންހެންނެވެ. ވާނީވެސް އެހެންތާ އެވެ. އައިޝަމް އަކީ ނަޖުމާގެ ލޯބީގެ ހަނދާންތަކެވެ. އޭނާގެ ހިތުގެ ދިރުމެވެ. އެމީހަކަށްޓަކައި އޭނާގެ ހަޔާތް ހޭދަކުރާ އެމީހެއްގެ ލޯބީގައި އޭނާގެ އުފާތައް ޤުރުބާންކުރާ އޭނާގެ އަލަތު ލޯބިވެރިޔާގެ ދިރިހުރި ނިޝާނެވެ.

"ޝަމް އަށް ކިހިނެއްވީ؟" ނަޖުމާ ކޮޓަރިއަށް ނުވަދެވެނީސް އިވުނީ ފިރިހެނެއްގެ ސުވާލެއްގެ އަޑެވެ. މީހަކު ފެންނާކަށް ނެތެވެ. އެހެނަސް އޭނާ ހައިރާނެއް ނުވެ އެވެ.

"ނުބުންޏަސް އެނގެއެއްނު" ނަޖުމާ ދޮރުލައްޕާލަމުން ބޭނުންވީ އެ އަޑާ ސަމާސާ ކޮށްލާށެވެ.

"ހަމަ އަހާލީ. ކަމަކާ ހިތްހަމަ ނުޖެހިފަތަ؟" އަނެއްކާވެސް އިވުނީ އެއަޑެވެ.

"ކީއްވެ؟ އަހަރެން. އުފާވާކަށްނު ޖެހޭނީ!" ނަޖުމާގެ ޖަވާބުތައް ކުރުވެފައި ސާދާ އެވެ.  

"ހެއް ހެއް. ހާދަ އަންޑަސްޓޭޑިންގ އޭ ދޯ މިހާރު" އެއަޑުގައި ޖާޒުބީ ރާޅެއް މުގުރަމުންދާކަމުގެ އިޙްސާސް ނަޖުމާ އަށް ކުރެވުނެވެ. އެފަދަ އިޙްސާސެއް އޭނާގެ ޖިސްމުން އުދަވާންފެށީ އެހެންވެ އެވެ.

"ދެން ފޮނި ނުވެ ފެނިބަލަ، ވަރަށް ބޮޑު ސަޕްރައިޒެއް މިރޭ" ނަޖުމާވެސް އިވެމުންދިޔަ އަޑުގެ އަސަރުގައި ޖެހި ގެނބެމުން ދިޔަ އެވެ.

"ނުފެންނާނަން، މިރޭ މީ އަހަރެންގެ ރޭ، ނުފެނި އުޅޭނީ، ބޭނުން ހުރިހާ ކަމެއްވެސް."

"ދެން ރާޒް" ނަޖުމާ ތުއިވެލި އެވެ.

"އައްދޭ މިހާރު ހީވަނީ މަގޭ ރީން ހެން" އިވެމުންދިޔަ އަޑު ނަޖުމާގެ ވަށައިލިކަމުގެ އިޙްސާސް އޭނާއަށް ކުރެވުނީ އޭނާގެ ގައިގައި ބީހުމެއްގެ އިޙްސާސްކުރެވެން ފެށުމުންނެވެ. އެހިނދު އޭނާގެ ކަނދުރާގައި މަސްތީ ހޫނު ނޭވާ ބީހެމުންދާ ކަމުގެ އިޙްސާސް ކުރެވި ދެލޯ މެރެމުން، އެ ބީހުންތަކަށް ގެނބެމުން ދިޔަ އެވެ.

"މިއަދު، އެމަންޖެ އަހަރެން ގާތަށް ގެނެސްދޭން ބުނީމާވެސް..." ނަޖުމާ ހީވަނީ ތުއްތު ކުއްޖެއްހެންނެވެ.

"އަހަރެން ބުނިންދޯ އެކަންވާނޭ އެކަމަކު އެކަންވާނީ ފަހުންނޭ، ޝަމް އެހުރީނު ލޯބި އަށް" އިވެމުންދިޔަ އަޑުގެ މަޑުމަޑުން ވައި އަޑަށް ބަދަލުވާން ފެށީ މިހާހިސާބުންނެވެ.

"ދެން ތިހެން ނުހަދަ ފެނިލަބަލަ ޕްލީ...ޒް" އެއަޑުގެ މަސްތުގައި ހަމަ ރަނގަޅަށްވެސް ނަޖުމާ ހައްޔަރުވެއްޖެ އެވެ.  

އެއާއެކު ވިދާލި ވިދުވަރެއްހެން ކޮޓަރި ތެރެއަށް ކުއްލި އަލިކަމެއް ވެރިވި އެވެ. ނަޖުމާގެ ފަހަތުން ގައިގައި އޮޅުލައިގަނެގެން ރާޒް ހުރީ ހިނިތުން ވެލައިގެންނެވެ. އެ ހިނިތުންވުމުގައި ޖަޒުބާތުގެ މަސްތީ އޮއިވަރު ވިދަވިދާ ހުއްޓެވެ. ނަޖުމާގެ ފަން އިސްތަށީގަނޑާ ރާޒްގެ މޫނުން ކުޅެންފެއްޓި އެވެ.  މަލެއްގެ ކަރުގަނޑުން އުފާ ހާސިލުކުރަމުންދާ މާބުރެއް ފަދައިންނެވެ. އައްޓަމަހެއް ފަދައިން ތަތްވެގަނެހުރެގެންނެވެ. އަވަސް އެހެނަސް އިޝްގުންފުރިގެންވާ ބީހުންތަކާއެކު ނަޖުމާގެ ކަނދުރައިގައި ރާޒް އޭނާގެ ހޫނު ތުންފަތް ޖައްސާލި އެވެ.  އެއާއެކު ބޭއިޚްތިޔާރުގައި ނަޖުމާއަށް ދެލޯ މަރާލެވުނެވެ. ރާޒްގެ ހުށިޔާރުކަމާއެކު ނަޖުމާ އޭނާގެ ބާރުވެރިކަމުގެ ދަށަށް ގެންދިޔަ އެވެ.  އެބީހުންތަކުގެ މަސްތުގައި ނަޖުމާގެ ޖިސްމު ގެނބިގެންދިޔަ އެވެ.  އެކަމަށް އެދިއެދި ހުރިކަން ހާމަވާފަދައިންނެވެ. އިޝްޤީ މަސްތުގެ ތެރެއިން ރަންޖަވާހިރު ހޯދަމުން ދިޔައީ ދުނިޔޭގެ ވަޔާ އޮއި ހަނދާން ނެތިފައިވާ ފަދައިންނެވެ.

ހިނދުކޮޅެއް ފަހެވެ.

= ނުނިމޭ =

 

 

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ