ދެފުރާނަ އެކުވެފައިވާ (ހަތަރުވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (ހަތަރުވަނަ ބައި)

 

"ލޯބި." އައިޝަމް ނިތްކުރިން ދާފުހެލަމުން ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަސް އިށީނދެ އިން ގޮނޑިއާއެކުވާ މޭޒުގައި ބާއްވާލި އެވެ.

"ވަޓް." ސިޔާ އަށް މަޑަކުން ނީނދެވުނެވެ. އެންމެން މޫނުގައި ޖެހިފައިވާ ސުވާލުމާކުތައް ފިލުވާލުމަށް އިސްނެގީ އޭނާ އެވެ.

"އަންހެން ކުއްޖަކާ ދެ ފަހަރު ހަމައަށް އަނގައިން ބުނާއިރަށް އޮންނަނީ ލޯބި ވެފަކަމަށް އެކުއްޖާއަށް ހީވާނެ ދޯ ނަވީ" އައިޝަމްގެ މިވާހަކަތަކުން އެންމެން ހައިރާންވި އެވެ. އެ އެންމެންގެ ހިތުގައި ސުވާލު އޮއިވަރެއް އުފައްދާލި އެވެ.

"ވަރަށް އެކްސްޕީރިއަސް ހެން ހީވަނީ. ކުއްޖަކު ބޮނޑިއެއް ދިނީދޯ. ކީއްވެ ނަވީއަށް ދޯ" ސިޔާ ބޭނުންވީ އައިޝަމް ކޮނެލާށެވެ.

"ހިއެއް ނުވޭ ޝަމް ބިޓެއް ނެގިހެންވެސް. އެކަމަކު ތިބުނި އެއްޗަކުން މިހާރު ޝައްކު ޔަޤީންނަކަށް ބަދަލުވެއްޖެ" ސިނާހު ނަވީނާއާ ބައިވެރިވެލި އެވެ.

"އަހަރެން ނުބުނަން ދޯ ތިކަހަލަ އެއްޗެއް. އަހަރެން ބުނީ އެކަން އޮންނަނީ އެގޮތަށޭ. އަހަންނަށް ތި މީހުންގެ މޫނަށް ބަލާލުމުން މި ބުނުން ޔަޤީންވާކަން އެބަފެނޭ" އައިޝަމްގެ ނަޒަރު އަމާޒުކޮށްލީ ސީދާ އައިރީންއަށެވެ. އައިރީން އިސްޖަހާލީ އައިޝަމާ ހަތަރު ކަޅި ހަމަވުމުން އެ ފުން ދެލޮލަށް ނުބަލަން ވެގެންނެވެ. އެ ލޮލުންގެ މަސްތުގައި އިތުރަށް ޖެހި ގެނބެން ބޭނުން ނުވާތީ އެވެ.  އެ ނަޒަރުން އިތުރަށް ހިތް ކުދިކުދި ވެދާނެތީ އެވެ.

"ތިހާ މޮޅިއްޔާ ނިކަން ބުނެބަ އެކާކުކަން" ނަވީނާ ނޭނގޭކަމަށް ހަދާ ގަދަކޮށްލި އެވެ.

"އަހަރެން ނެތިން ކުދިން ކުދިން ފަޟީހަތް ކުރާކަށް... ބީ ޕްރޮފެޝަނަލް... ވީ އަރ ގޮއިންޓު ބީ..." އައިޝަމް އިސްދަށަށް ޖަހާލި އެވެ.

"އެ އަދި ފަޟީހަތެއް ނޫނޭ. އުސްތާދު ވިދާޅުވީ މީހުން ނެތްތަންތަނުގައި އެމީހުން ވާހަކަ ނުދައްކާށޭ. އަހަރުމެން އެންމެ މި ތިބީ މިތަނުގަ. އަހަރުމެން މި ބުނަނީ ބުނެދޭން ދޯ ދެން" ސިޔާ ވާހަކަދެއްކީ ނަވީނާގެ ލޮލުގެ އިޝާރާތެއް ވެލުމުންނެވެ. ނަވީނާއަށް ތާއިދުކުރުމަށެވެ.

"ނަވީ މެން އަމިއްލައަށް ފަޟީހަތްވާން ނޫޅުން ރަނގަޅުވާނީ" އައިޝަމްގެ ޖަވާބު ކުރުވެފައި އަސަރު ގަދަ އެވެ.

"ކީއްވެ ނަވީ...؟ އަނެއްކާ ނަވީ؟" ހަނީފުގެ ޝައްކުގެ ނަޒަރު އަމާޒުވީ ނަވީނާއަށެވެ.

"ނޫން ހަނީ" އައިޝަމް ހުއްޓާލީ ނަވީނާގެ ހަނުހިމޭންކަން ފެނުމުންނެވެ.

"ދެން..؟ ދެން ކާކު" ހަނީފު ބޭނުންވީ ނަވީނާމެން ބޭޒާރުކޮށްލާށެވެ. އެއީ އޭނާގެ މިޒާޖެވެ. ކުލާހުގައި އަބަދުވެސް އުޅޭ ގޮތެވެ. މިޒާޖުގައި ތަފާތުހުއްޓަސްއޭނާ އައިޝަމް އަށް ވަރަށް އިތުބާރުކުރެއެވެ. އޭނާއަށް ވަރަށް ހެޔޮކޮށް ހިތަ އެވެ. ސިނާހު އާއި ހަނީފު އައިޝަމްގެ ފަހަތުގައި އުޅެނީ އެތިން މީހުންގެ އެއް އުޞޫލުތަކަކަށް ތަބާވާތީއެވެ.  އެއް ކަންތައްތަކަކަށް ލޯބިކުރާތީއެވެ.

"ހަނީފު ސީރިއަސް ވެބަލަ! މި ދައްކަނީ ސީރިއަސް ވާހަކައެކޭ... މީދަރުމަވަންތައެއް ނޫނޭ" ނަވީނާގެ ވާހަކަ ގުޅުވާލީ ހަނީފުމެން ކުރިން ދުވަހު ކިޔައިދިން ވާހަކައަކަށެވެ. އެމީހުން ސުކޫލުގައި އުޅުނު ދުވަސްވަރު ކޮށްލި މޮޅުކަމެއްގެ ވާހަކައާއެވެ.

"އަހަރެން އަޒުމު ކަނޑައަޅައިގެން މިހުރީ މި ވާހަކަ އިތުރަށް ނުދައްކަން. އެކަމަކު މިތަނުގަ މަ ދެކެ ލޯބިވާ މީހަކު ހުރިއްޔާ މިރޭ މަ ހުންނާނެ ތަނެއް ހޯދައިން މަށާ ބައްދަލު ކުރޭ. މަ ދޭން ބޭނުން ޖަވާބު ދޭނަން. ލޯބިވާ މީހަކަށް އެމީހަކު ލޯބިވާ މީހަކު އުޅޭގޮތާއި ކުރާކަންތައް ހޯދުން އެއީ އުނދަގޫ ކަމަކަށް ވެގެން ނުވާނެ" އައިޝަމް ބޭނުންވީ އެވާހަކަ ތަކުގެ މަތިޖަހާށެވެ. އެމައުޟޫޢުގައި ލިޔެވެމުން ދިޔަ ޞަފްޙާތައް ހުސްކޮށް ދޫކޯށްލާށެވެ. އެ ޞަފްޙާތަކުން އޭނާއަށް އަސަރުތަކެއް ކުރުވާތީ އެވެ. ލެނބުންތަކެއް ލެނބޭހެން ހީވާތީ އެވެ. އެކަން އާލާކުރަން ބޭނުން ނުވާތީ އެވެ.

"އޯކޭ. އައިޝަމަށް ގުޅާމީހަކު ފަޟީހަތް ނުކުރަންޏާ އަހަރުން އެންމެން އޯކޭ ދޯ" އައިރީން ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފި އެވެ.

"އޭ އުސްތާޒު ދުރުވެއްޖެ. އެންމެ ކުލާހަށް އަންނާށޯ" ދެ ވަނަ ބުރީހުރި އެމީހުން ކުލާހުގެ މޮނިޓަރު ވަރުދާ އެންމެންގެ ސަމާލުކަން ހޯދަމުން ގޮވާލި އެވެ. އެއާއެކު އެންމެ އެކުގައި ތެދުވި އެވެ. ދަބަސްތަކާއި ފޮތްތައް އަތުލަފިކޮށްގެން ސިޑިއަށް މިސްރާބު ޖެހި އެވެ.

"ޝަމް ފަރޭ އަށް ގުޅާބަ" ސިޑިން އަރަމުން ސިނާހު ބުނެލިއެވެ.

"އޭނާ ފޯމެއް ނަގަންށޭ ކިޔާފަ ދިޔަގޮތަށް ބަޚަބަރު ދޯ" އައިޝަމް ފަހަތް ބަލާލީ ފަރުޙާނުގެ ހިލަމެއްވޭތޯ އެވެ. ކަންފަތުގައި ޖައްސައިގެން ހުރި ފޯނު ކަނޑާލުމަށް ފަހު ޖީބަށްލި އެވެ. އަދި ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ. ދެފިޔަވަޅު އެއް ކުރަމުން ފަރުހާން އަންނަތަން ފެނުމުންނެވެ. އަދި ހިނިތުންވެލިއެވެ.

"ހާދަވަރަކަށް ތިހެނީ" ނަޖުމާ ވާހަކަދައްކަމުން ދިޔައީ ފޯނުން އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަރޫޝާއާ އެވެ.

"ދެން ރޯންވީތަ؟" އަރޫޝާގެ އަޑުގައި އެކުލެވިފައިވަނީ ދިމާކުރުމުގެ ރާގެވެ.

"ނޫނޭ ރޯނެ ކަމެއް ނެތް" ނަޖުމާވެސް ވާހަކަ ދެއްކީ އަރޫޝާ ވާހަކަދައްކަމުން ދިޔަ ރާގުގަ އެވެ.

"އޭ އަސްލު ހިނި އައީ އައިޝަމް އަށް ތިހާ ބޮޑަށް އޮޅުވާލައިގެން އުޅޭތީ. ވިހި އަހަރަށް މީހަކު އަރުވާލާފަ ބަހައްޓައިގެން... ހެއް ހެއް" އަރޫޝާ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

"އޭނަ އަށް އަހާލަން ނުކެރެނީ މަ ބުނި އެއްޗަކުންނޭ" ނަޖުމާގެ ފޯނު ކަނާއަތު ކަންފަތުން ވައަތު ކަންފަތަށް ބަދަލުކޮށްލަމުން ބުންޏެވެ.

"އެކަމަކު، މިއޮއް ޒަމާނުގަ ފޯނުންވެސް ގުޅޭނެދޯ... އަނެއްކާ މި ޒަމާނަކީ މީހުން ރަށްރަށް އަރުވާލާ ޒަމާނެއްވެސް ނޫން. މީ އެކާވީސް ވަނަ ޤަރުނޭ ނަޖޫ" އަރޫޝާގެ ހިނިގަނޑު މައިތިރި ކުރަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ބަލަ އަރުވާލީ މީގެ ސަތާރަ އަހަރު ކުރިންނޭ. އެޒަމާނުގަ އެކަހަލަ ކުށްކުށަށް ދޭ އަދަބަކީ އަރުވާލުމޭ. އަރޫމެން ތީ އިއްޔެ މެންދުރުގެ ކުދިންވީމަ ނޭނގެނީދޯ" ނަޖުމާ ވާހަކަދައްކަމުން ދިޔައީ ސީރިއަސްކަމާއެކުގައެވެ.

"އޯކޭ. މަށަށް އެނގޭ ކަމަކީ އެސޮރު ސުވާލު ނުކުރަނީ ނަޖުމާގެ ޑައިލޮގު މޮޅުވީމަނޫންކަން. ތި ދައްކާ ވާހަކައަށް ވިސްނާލީމަ ހަމަ ނުޖެހޭ އެތައް ކަމެއް އަހަންނަށް އެބަ ފާހަގަވޭ އަޅެ ނޫންތަ؟"

"ކާކު ދައްކާ ވާހަކައެއް މިހާރު ހަމަ ޖެހެނީ" ނަޖުމާ ބޭނުންވީ ސިޔާސީވެލާށެވެ. އަރޫޝާގެ ވާހަކަތަކަށް ރައްދު ދޭން ބޭނުންނުވާތީއެވެ.

"އެދުވަހު ބުނީ އިސްތިއުފާ ދިނީ ރައްޔިތުން ދެކެ ލޯބިވާތީއޭ. އަނެއް ދުވަހު ބުނީ އެއްމެ ފަހު ލޭތިވެސް ޤުރުބާން ކުރާނީ އަނބުރާ ހޯދާށޭ. އަޅެ އޭނާ ކީއްވާނީ އަނބިމީހާއަށްޓަކައި އެ ލޭތިކި ޤުރުބާން ކުރާ ނަމަ"

"ހައް ހައް ހެއް ހެއް ހެއް" އަރޫޝާގެ ރަސްމީ ހިނިގަނޑުން ނަޖުމާގެ ބަދަލުވަމުންދިޔަ މޫޑަށް އަސަރު ކުރުވިކަން އަރޫޝާ ދެނެގަތެވެ. 

"ބަލަ އެ ތިބެނީ ޤައުމީ ބަޠަލުން. އަމިއްލަ އެދުމެއް ނެތި ކުރިމަތިލާ ހީވާގި ދަރިން. އަރޫމެން ތީ ހަމަ ފައްކާ ފިނޑިން. ތިރީސް އަހަރޭ ކިޔާފަ ޤައުމު ދޫކޮށް ނިޒާމުން ބޭރުވެ، މެލޭގަ ރެފިއުޖީންނަށް ވެގެން. ކޮބާ ސަރުކާރުން ކޯސް ހަދާދިނީމަ ދެވުނު ބަދަލަކީ..."  ނަޖުމާ ތިންހަތަރު ވާހަކަ އެއްކޮށްލަމުން އެއް ނޭވާއިން އަމުނާލި އެވެ.

"ބަލަ މިތަން މާ އަމާން. މާ ހިތް ފަސޭހަ. ނަޖޫ ހުރޭ އިޚްލާސްތެރިކަންމަތީ ކިޔަވާލަދީ ކިޔަވާލަދީ... މަ ފޫހިވެއްޖެ ތި ދާއިރާދެކު... ކުރިއެރުމެއް ނެތްތާ ޕޭލީވެއްހާ ހިސާބުވެސް ނުދޭ... އެހެން ނޫނަސް ދަރިންނަކީ ދިރިއުޅުމުގެ މަޤްޞަދު. އެކުދިންނަށްޓަކައި ވާން ޖެހޭ ކޮންމެ ޤުރުބާނީއެއް ވާން އަހަރެން މިހުރީ ތައްޔާރަށް" އަރޫޝާވެސް ސީރިއަސްވީ މިހާ ހިސާބުންނެވެ.

"މައްސަލައެއް ނެތޭ. އަހަރުމެންނަށް ތިވަރަށް ދީފަ ދެން މާލެ އަންނަ ދުވަހަކުން ޖުމުހޫރީ މައިދާނަން ނުކެރޭނެ އެއްމެ ކޮތަރަކަށްވެސް ގާތްވެލާކަށް. މުޅިތަނަށް މީހުން ނެރެ ފުރާލާނަން" ނަޖުމާގެ އާދައިގެ މަތިން އަރޫޝާ އާ ދިމާކުރަން ފެއްޓި އެވެ.

"އައްދެ މިހާރު ތިބުނާ ތަނުގައި އެއްވެސް ކޮތަރަށް ޖާގަ ނުލިބިގެން ދޯ ޤައުމުގެ ރައީސްވެސް އިސްތިއުފާދިނީ، ހެއް ހެއް ހައް"

"އިސްތިއުފާގެ ވާހަކަ ނުދައްކާ. މިފަހަރު ކާމިޔާބު ވާނެކަން ވަރަށް ޔަޤީން. އެހެންވެ އުޅޭތަނެއް ހޯދައިގެން ބައްދަލުވާން ބުނީ" އައިރީން ވާހަކަ ދައްކަމުން ދިޔައީ ނަވީނާއާ އެވެ. ފޯނުންނެވެ. އިތުބާރާއި އުއްމީދުން ފުރިގެންވާ ރާގެއްގަ އެވެ.

"މިހާރު ދެން އެ ހެދުން ލީތަ! އިސްތަށިގަނޑު ހެދީ ނަވީ ބުނިގޮތަށްތަ؟ ޔަޤީން ތި ހެދުންވާނީ ވަރަށް ކާމިޔާބު ހެދުމަކަށް"

"ހޫނ. އެއް ސައިޑުން ފަޅާފަ. ރަތެއްނުދޯ. ނަވީ ހުރޭ ބަލަން. ކާމިޔާބު ވެއްޖެ ނަމަ ހުރިހާ ކުރެޑިޓެއް ހަމަ ނަވީގެ ޖޯޑަށް"

" އައްދެ، ޖޯޑެއް ނެތޭ. ވަތުތަށި އެކަނި... ގޯނި ފުލަށްދޯ"

"އާން އޭގެވެސް އެންމެ ފުލަށް. އެކަމު ބުނަންތަ އެ ގޯނީގެ ދެކޮޅުވެސް އޮތީ ކަނޑާލާފަ. އެއްމެ މީހަކަށްޓަކައި"

"ހޫމް ހޫމް ވަރަށް ތައްޔާރުވެފައި ހުރިކަން އެބަ އެނގޭ. ކާކުގެ ޑައިލޮގެއް ދަސްކުރީ"

"ފާތުމަތު ނަހުލާ. ފައްތާހު. ރައީސް ނަޝީދު. މައުމޫން... ހައް ހައް ހައް" އައިރީން ހޭންފެށީ ނަވީނާ ހޭން ފެށުމުންނެވެ.

"ތިއެއް ނޫނޭ. ރަނގަޅަށް ޖައްސާތި. ފަރޭ މެސެޖުކުރި. ބުނީ ރަނގަޅަށް ޖައްސާށޭ. އެމީހުން އެތިބީ އެތަނުގައޭ"

"ހޫމް މަށަށްވެސް ފަރޭ މެސެޖު ކުރި. ބުނީ އައިޝަމް ކައިރީ އިނީމަ ނުގުޅިގެންނޭ. ގަޑިއަށް އަންނާށޭ. އައީމަ އޭނަ ޗާންސްދީފަ ދާނަމޭ"

"ފަރޭ ނެތް ނަމަ ކިހާ އުނދަގޫވާނެ. އަސްލު ހުރިހާ ކަމެއްގަ ފަރޭ ހާދަ ހެލްޕެކޭ އެވަނީދޯ. އޭނަ ކިހާ ސުމާޓް"

"އެހެންވެޔޭ މަ މިބުނަނީ ނަވީ އެކަމާ އުޅެންވީއޭ."

"ކޮން؟"

"މަށަށްވެސް ފުރަތަމަވީ ތިހެންނޭ... އެކަމު އެއީ ތަފާތުމީހެއް... ލޯބިވާތީ މި އިންތިޒާރު ކުރެވެނީ... އެހެންނޫންނަމަ ފަރޭ..." އައިރީން ނޭވާއެއް ދޫކޮށްލި އެވެ. އަދި ހަޔާތުގެ ތަޖުރިބާތަކުން ވާހަކަ ބައްޓަންކުރަން ފެށި އެވެ.

"ރުހެވޭ ކަންކަމުން ނޫނީ ލޯބީގެ ޖަޒުބާތު ހިލުވައެއް ނުލެވޭނޭ ފަރޭ ބުނާ ބުނުމުން ނަވީ ތިހުރީ އެބަލި ޖެހިފަ. ދެން އެންމެ އަވަހަށް ބިންގާއަޅަންވީ ތި ދެމީހުންގެ ލޯބީގެ ފުލެޓް ބަރީގަ. އޭ...! ދެން ބޭއްވީ... މިހާރު ލަސް..." އައިރީން ދިމާކުރުމުގެ ރާގުގައި ނަވީނާއާ ސަމާސާ ކުރަމުން ދިޔަ އެވެ. އިރުއިރު ކޮޅާ އޭނާގެ މޫނުން ހިލެމުން ދިޔަ ދާތައް ޓިޝޫކޮޅަކުން ފުހެލަމުންނެވެ. އޭނާ ވަނީ އެވަގުތަށްޓަކައި ނަލަހެދި ޒީނަތްވެފައެވެ. އާކައިވެންޏަކަށް ޖަރީވާ ފަދައިންނެވެ. އޭނާގެ ހިތުގައި ނޭނގޭ ރާޅުބާނީތަކެއް ދައުރާނާވަމުންދާ ދިއުން މޫނުމަތިން ހާމަވަމުން ދަނީ އެވެ.  ހިތުގައި ޖަހަމުންދާ ވިންދުތައް އަވަސް ވަމުންދާކަން ނޭވާއިން ފާޅުވަނީއެވެ. ލޭގައި ދައުރާނަވަމުން އަންނަ އިހްސާސްތައް މަޑުމަޑު ތުރުތުރަކަށް ބަދަލުވެ ހަށިގަނޑުން އެކަން ފާޅުވަނީ އެވެ.

"އައިޝަމް" އަރީން އައިޝަމްއަށް ގޮވާލީ ލޯބި ފުރިގެން ފަދައިންނެވެ.

އެއާއެކު ފަހަތަށް އެނބުރިލާ އައިޝަމް ބަލާލި އެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ހީވެސް ނުކުރާތަނަކުން އެކަނިމާއެކަނި އައިރީން ފެނުނީމަ އެވެ.

= ނުނިމޭ =

 

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ