ދެފުރާނަ އެކުވެފައިވާ (19 ވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (19 ވަނަ ބައި)

މާރިޗު 21 އާ ގުޅޭ

"އެއްވެސް ވަރަކަށް ހާސްނުވޭ.. ކަންބޮޑު ނުވޭ.. އަހަރެންމީ ޝަމްގެ ހިމާޔަތުގަ މަސައްކަތްކުރާ އޭނާގެ ފާރަވެރިއެއް.. ޝަމްގެ ލޯބިވެރިޔާ ހިމާޔަތްކުރުމީ މިއަދު އަހަރެންގެ ޒިންމާއެއް.. ބޭނުމެއް ޖެހިއްޖެ ކޮންމެ ދަނޑިވަޅަކު އަހަރެން އަބަދުވެސް އެކުގައިވާނަން.. ބޭނުމެއް ޖެހިއްޖެކަން އަހަންނަށް އެނގޭނީ އިޝާރާތެއް ވުމުން.. މިހާރު އަހަންނަށް އިޝާރާތްކުރާނެ ގޮތް ދަސްވެއްޖެ ދޯ. ނުރައްކަލާ ކުރިމަތިވުން ދެންމެ ކަންކުރި ގޮތަށް ކަންކުރީމަ ރަނގަޅުވާނެ.." އަނގޮޓިން ނިކުތް އަލިކަމުން އުފެދުނު ސޫރަ ހިނިތުންވެ ހުރެ ވާހަކަދައްކަމުން ދިޔަ އެވެ.

"އަހަރެން... އަހަރެން... ޝަމްގެ ކާކުތީ... މި ކޮން.. ކަންތައްގަނޑެއް..." އައިރީން ބިރުން ތުރުތުރުލާން ފެށި އެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވީ ކުރިން ކުރެވިފައިނުވާ އެތައްކަމެއް ތަޖުރިބާކުރަން ޖެހުމުންނެވެ.

"އެއްވެސް ވަރަކަށް ހާސްނުވޭ.. އަހަރެންމީ.. ޝަމްގެ ބައްޕަގެ އީޖާދުތަކުގެ ތެރެއިން އެއް އީޖާދު.. އަހަރެން މިއަދު ކޮންޓްރޯލް ކުރަމުން އެދަނީ ޝަމްގެ ބައްޕަ ރާޒް.. އަހަރެންގެ ހަށިގަނޑުވަނީ އޭނާގެ ލެބޯޓެރީގައި ޚާއްޞަކުރެވިފައިވާ ތަނެއްގަ.. އަހަރެންގެ ސިކުނޑި މަސައްކަތްކުރަމުންދަނީ އެތަނުގަ އަހަރެންގެ ހަށިގަނޑުގަ، އަހަރެން މި ސޫރަ ކޮންޓްރޯލް ކުރެވި ތަރައްޤީ ކުރެވިފައިވާ ޓެކްނޮލޮޖީއެއްގެ އެހީގައި.. އައިރީންނަށް ތި ފެންނަންނީ އަހަރެންގެ އަސްލެއްނޫން.. މީ ރާޒްގެ އުފެއްދުން... އޭނާގެ އީޖާދު... އަހަރެންމީ އެމީހުންގެ އުޖޫރަވެރިއެއް... އެމީހުންގެ އުޖޫރަވެރިއެއްގެ ގޮތުގައި އަހަރެން އަދާކުރަން ޖެހޭ ވަޒީފާއަކީ މީ... އަހަރެން ބޭނުންނަމަ އިންސާނުންގެ ތެރެއަށް ނިކުމެ އުޅެވޭނެ.. ލޯތަކަށް ސިއްރުންވެސް އުޅެވޭނެ.. އެކަމަކު އިންސާނުންގެ ހަމަ ލޮލަށް އަހަރެން ފެންނާނީ އެތެރެ ފެންނަ ޖެލީ ގަނޑެއްގެ ގޮތުގަ... އެވެސް އަހަރެން ބޭނުންނަމަ"

*** *** ***

"އާން ވަރަށް ސަޅި! ތްރީޑީލެއް ބޮޑުކަމުން ހީވަނީ އަސްލުހެން! މަ ހިތަށް އަރާ އެކަހަލަ ތަނަކަށް ދެވޭނެ ނަމައޭ! މަށަށް ވަރަށް ސަޅި އޭގެ އުދެހޭ އެއްޗެހިތައް ދިއްލިފަ ހުންނަ، އެއްކަލަ ޖަންގަލީގަ އުޅޭ! އަސްލު އެވެސް މީހަކަށް ދިމާވި ކަމެކޯދޯ! އަޅެ އެކަހަލަ ކަންތައް ވެސް މީހުންނަށް ދިމާވޭތަ!" ނަވީނާ ވާހަކަދައްކަމުން ދިޔައީ އައިރީންގެ ކޮޓަރީ ލެޕްޓޮޕުން ބަލަން އޮތް އިނގިރޭސި ފިލްމު އެވޭޓަރގެ މޮޅުވާހަކަތެކެވެ. ދެމީހުން ތިބީ އެނދުމަތީ ބާލީހުގައި ބައްދައިގެން ބަންޑުންނެވެ. އޭނާގެ މަގަތުގައި އައިރީން ލެޕްޓޮޕާ ދިމާލަށް މޫނުލައިގެން އޮތެވެ. އެހެނަސް އައިރީން  ބަލަނީ ފިލްމުކަމެއް ނުވަތަ އޭނާ އޮތީ ޚިޔާލީ ދުނިޔެއެއްގަ ކަމެއް ނަވީނާއަކަށް ނޭނގެ އެވެ. އެހެންމެ ނަވީނާ އޮލަކުރަމުންދިޔަ ވާހަކައިގެ މިސްރާބު ހުރިގޮތެއް އައިރީން އަކަށް ވެސް ނޭގެ އެވެ. އޭނާ އޮތީ ޚިޔާލެއްގެ ތެރެއަށް ގެނބި މަރުވެފަ އެވެ.

"އެކަމު ގިނަމީހުން ބުނަނީ ކިހިނެއްހޭ އެކަހަލަ ކަންކަން ވާނީ! އަސްލު ހުވަފެނެއްގަ އެކަހަލަ ކަންތައްވޭދާނެ ދޯ! އޭތް ކޮން ޚިޔާލެއްގަ! އަނެއްކާ މިކަހަލަ ހުވަފެނެއް ބަލަނީތަ!" ނަވީނާ ވާހަކައިގެ މިސްރާބު ބަދަލުވީ އައިރީން އޭނާގެ ވާހަކައަށް ސަމާލުކަން ނުދިނުމުން ބަލައިލިއިރު މީހާ ޤަބަރާވެފަ އޮތުމުންނެވެ.

"ފިލްމަށް ވަދެ ހުސްވެގެންތަ ބާލީހުގެ ކަން އަނގަޔަށްލައިގެން ތި ކަނީ! ތީ ތަންކޮޅެއް ބޮޑުވަރު، އަހަރެން ހާދަ ވާހަކައެއް ދައްކައިފީމޭ!" ނަވީނާ ބޭނުންވީ އައިރީންގެ ޚިޔާލީ ވާފަށް ފުރޯއަކުން ނަމަވެސް ކަނޑާލާށެވެ. އެހެންވެ އައިރީންގެ ބާލީހުގައި ހިފާލަމުން ބާލީސް ހިއްލާލި އެވެ.

"ކީކޭ! ދޮންކޭލޭ! ބަނބުކެޔޮ ފިހަނީއޭ! ނުކާނަން! ޖެލީވެސް މިހާރު ނުބައި!" އައިރީން ބޭނުންވީ އޭނާ ޚިޔާލެއް ނުކުރާކަން ހާމަކުރާށެވެ. އެހެންވެ ޖަވާބުތައް ބައްޓަންކުރީ މުޅިން އިދިކީލިވާ ގޮތަށެވެ.

"ބަލަ މަ ނުދައްކަމޭ ދޮންކޭލެއް ފަތްކޭލެއް ބަނބުކޭލެއް ނުވިތާކަށް ސައްކޭލެއްގެ ވާހަކައެއް، މި ކިޔަނީ ކޮން ފިކުރެއްހޭ ތިޔަ ކުރަނީ... ކޮން ދުނިޔެއެއްގަހޭ ތި އުޅެނީ!" ނަވީނާ ވެސް މަޖާވެލީ ރާގެއް އަޅުވާލަމުންނެވެ.

"އޭ މަށަށްވެސް ތިކަހަލަ ހުވަފެން މިހާރު ފެނެއޭ! އެކަމު ހޭލާ ހުންނަ ގަޑީ! މަ ވެސް ކުރިން ހީކުރީ ތިކަހަލަ އެވޭޓަރތައް އުޅޭނީ ފުލޯކް ވާހަކަތަކާއި އެކަހަލަ ފިލްމުތަކުގަ ކަމަށް! ހިޔެއް ނުކުރަން ދިވެހިންނަކަށް ތިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް!" އައިރީން ވާހަކަދެއްކީ ޙަޤީޤަތަށް ކަމަށްވީ ނަމަވެސް ނަވީނާ އެކަން ހެދީ މަޖަލަކަށެވެ.

"މަވެސް ހިޔެނުކުރަން މީހުން ޚިޔާލީ ދުނިޔޭގަ ތިބެގެން ބާލިހުގެ ކަންކަމުން އެއީ ދޮންކޭލޭ ކިޔާނެކަމަކަށް" ނަވީނާ ހިނިގަނޑެއް ޖަހާލި އެވެ.

"އޭ މަ ވަރަށް ނިދަން ބޭނުން! އޯކޭތަ ނިދައިލިޔަސް! ނަވީ ފިލްމު ނިމެންދެން މަ ޖައްސާލިޔަސް އޯކޭ ދޯ. ތީ ޓޫ އަވަރސްގެ ފިލްމެއްނު.. ނިންމާފަ މަށަށް ގޮވާފަ ނޫނީ ނުދައްޗެ!" އައިރީން ބޭނުންވީ ނިދާލާށެވެ.

"އޯކޭ! މަށަށް އެނގޭ ސުނާމީ ބިނާގެ ބޯޅަގުނަން އަށަކަށް ގަޑި ކިޔައިފަ އޮތްކަން! ގޮވާނަމޭ! ތިވަރު ނުވިޔަސް އޯކޭވާނެ! އަދި އެއުޅެނީ އަޞުރަށްވެސް ނުގޮވައިގެން! ދެން ނިދިކޮޅެއް ދިރުވާލެވޭތޯބަލައިބަ!" ނަވީނާ ވާހަކަ ބައްޓަންކުރީ އެމީހުންގެ އާއްމު ބަހުރުވަ އަށެވެ. ކުއްލިއަކަށް ނަވީނާގެ ފޯނުގެ ރިންގުވާން ފެށުމުން ފޯނަށް ބަލައިލި އެވެ.

**** **** ***

"ހޭ ބަޑީ... ވޮންނަ ސީ ޔޫ އިން އެފް ބީ ބްރޯ! ލޮލް!" ހިމޭޝްގެ މެސެޖެއް ލިބުމުން އައިޝަމް ހިނިތުންވެލަމުން ޓީވީ ނިއްވާލުމަށްފަހު، ލެޕްޓޮޕް ނަގައި އެނދުގައި ބަންޑުން ހަމަޖެހިލަމުން ލެޕްޓޮޕަށް މޮޑަމް ހެޔޮވަރުކޮށްލި އެވެ.

"ހައި" އައިޝަމް ރަނގަޅަށް ޕޭޖް އަޕްލޯޑް ނުވެ އުޅެނިކޮށް ހިމޭޝް ހައި ޖަހައިލި އެވެ.

"ހައި ލަވިން ބްރޯ! ހައު ޔޫ!" އައިޝަމް ވެސް ހަމަޖެހިލަމުން ޗެޓް ކުރަންފެށި އެވެ.

"ވަސްއަޕް! ވަސް ގޮއިން އޮން! އައި ފީލް ސަމްތިން... އިޒް އެވްރީތިން އޯކޭ ވިތް ޔޫ ބަޑީ!"

"ޔަޕް!"

"ސޯ ވަޓް އެބައުޓް ހަރ!"

"އޯކޭ!"

"ޖަޒް އޯކޭ! ލޮލް"

 "ކަމޯން ބްރޯ... އަހަރުން މިހާރު ވަރަށް ސަޅިއޭ! ކޮންމެ ރެއަކު މީޓްކުރަމޭ! އެރޭގެ ފަހުން އެ ބުނާ އެތި އޭނައާ ދިމައެއް ނުކުރެޔޯ!" އައިޝަމް ތަފްސީލުކޮށްލަމުން ލެޓިނުން ލިޔެލި އެވެ.

"ބުނީމެއްނު! އެބައޮތޭ ކަމެއް ޝެއަރކުރަން! އައިމް ޓޯޓަލީ ފުރީ ނައު! ހުރިހާ އެސައިންމަންޓްތަކެއް ނިންމާފަ ސަބްމިޓްކޮށްފިން އިއްޔެ! ދެން ސްޓަޑީ ގެޕެއް މިދުވަސްކޮޅު!"

"ދެން އައީމަ ދޯ! މާގިނަ ދުވަހެއް ވެސް ނެތެއްނު! މިހުރިހާ ކަމަކާ ކުރިމަތިލާ އިރު ހިމޭ އަހަރެން ކައިރީ ހުރުން ވަރަށް މުހިއްމު! އައިމް ވެއިޓިން ފޯ ޔޫ މޭން!" އައިޝަމް ބާލީހުގައި ބައްދާލަމުން ފުންނޭވާއެއް ދޫކޮށްލި އެވެ. ހިމޭޝް ޓައިޕުކުރަން ފެށުމުން އިންތިޒާރުގައި އައިޝަމް މަޑުކޮށްލި އެވެ.

"ތިއޭ އެއްކަލަ! މަ ބުނަމެއްނު ވާހަކައެއް ބުނަން ބޭނުން ނެތިއްޔާ ހިތްތަޅުވަން ވާހަކައެއް އެބައޮތޭ ނުބުނާށޭ! އޭރުން ނާހާނަމޭ!" ހިމޭޝްގެ ލަފުޒުތަކުން އޭނާގެ ސީރިއަސްކަން ހާމަކޮށްދިނުމަށް ދެރަވެފައި އިން މޫނެއް ފޮނުވާލި އެވެ.

"ތި ބިޓެއްތަ؟"

"ބިޓުންތަ އެގޮތަށް ބުނަނީ؟"

"ރީން ވެސް ވަރަށް ބުނާނެ ތިހެން"

"އޭ ރީން އޭ! މިހާރު ނަންވެސް ބަދަލުކޮށްލީތަ!"

"ހޫމް އައި ކީމަ ހީވަނީ މައޭ ނަން ކިޔާހެން! އެހެންވެ! ސަޅިދޯ!" އައިޝަމް ހިނގަނޑެއް ފޮނުވާލަމުން ހިނިތުންވެލި އެވެ.

"ނޮޓް ބޭޑް! އެނގޭތަ ތިމާ ދެކެ ވަރަށް ލޯބިވާ މީހެއްގެ ގާތުގައި ވާހަކައެއް ބުނަން އެބައޮތޭ ބުނެ ނުބުނެ މަޑުކުރާ ކޮންމެ ސިކުންތަކުން އެމީހެއްގެ ހިތަށް ނުތަނަވަސްކަން ވެރިވާނެކަން ވަރަށް ފަހުގެ ދިރާސާއަކުން ދައްކައިފި. ދެންވެސް އަވަހަށް ހައިލައިޓްކޮށް ޓެލްމީ ދެޓް"

"އޯކޭ! ވާ ގޮތަކީ..!"

"ހޫމް!"

"މަމް ބުނަނީ އެކަނި އުޅޭއިރު އެކަމުގެ ތެރެއަށް ފީނަންވެއްޖެ ނަމަ ކިޔެވުން ހަލާކުވެދާނޭ! ހިމޭ އައީމަ ދެމީހުން ބައިތިއްބާފަ ބާކީ ހުރި ވާހަކަތައް ކިޔައިދޭނަމޭ! އަދި ޑޭޑްގެ ކަންތަކާ ކުރިމަތިލަންޏާ ވަރަށް ހިމޭ ކަހަލަ ޓްރޫ ފްރެންޑެއް ކައިރީ ހުރުން ބޭނުންވާނޭ!" އައިޝަމް އޭނާ ބުނަން ބޭނުންވި ވާހަކަ ދެބަސް މަސްހުނިކޮށްލަމުން އެއްފަހަރާ ޓައިޕްކޮށްލާ ފޮނުވާލި އެވެ.

"އޯހް! ދެން ވެއިޓް ފޯ މީ! އައިމް ވިތް ޔޫ އޯލްވޭސް! މަންމައަށް އެ މަންޖެގެ ކަންތައްގަނޑު އެނގޭތަ! އައިމީން ލަކުނުތަކާ...!"

"ނޮޕް! ނުބުނަން! ދެޓްސް މައި ޓޮޕް ސީކްރެޓް!"

"އޭ ޖީޓީޖީ! ކެނޑީއޭ! މިގޭ ސިސް ބުނެގެން ތަނަކަށް ދާންޖެހިއްޖެ! ހެޕީ ޓު ސީ ޔޫ! ޓީކޭ! އިނގޭ!" ހިމޭޝް ވާހަކަތައް ކުރުކޮށްލީ ކުއްލިއަކަށް ތަނަކަށް ދާންޖެހިގެން ކަމަށް ބުނަމުންނެވެ.

"އޯކޭ ބައި ޓީކޭ ޓޫ" އައިޝަމްވެސް ވަދާޢުގެ ބަސްތަކުން ހިމޭޝް އަށް ވެދުންކޮށްލި އެވެ.

މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލަމުން އައިޝަމް މޮޑަމް ނަގައި ލެޕްޓޮޕްގެ ދަބަހުގެ ތެރެއަށްލި އެވެ. އެއާއެކު ދަބަހުގެ ތެރެއިން އެކްސްޓަރނަލް ހާޑް ޑިސްކެއް ނަގައި ލެޕްޓޮޕާ ގުޅައިލަމުން އެކިއެކި ފޯލްޑަރތައް ހުޅުވާ ބަލަމުން ދިޔަ އެވެ.

މޫނުމަތިން ފޫހިކަމުގެ އަސަރުތައް ހާމަވަމުން ދިޔައީ ކުރާނެ ވަކިކަމެއް ނެތުމުންކަން އެމޫނަށް ބަލައިލި ކޮންމެ މީހަކަށްމެ ކަށަވަރުވާނެ އެވެ. ބާލީހުގައި ހަމަޖެހިލަމުން ލެޕްޓޮޕަށް ސަމާލުވެލީ ކުރީގެ ހަނދާންތަކަކުން ސިކުނޑީގައި ކަންތައްތަކެއް ދައުރާނާވާން ފެށުމުންނެވެ. މަޑުމަޑުން މީހާގެ ދެލޯ ކުޑަކޮށްލާ ލެޕްޓޮޕުން ފެންނަމުން ދިޔަ މަންޒަރަށް ސަމާލުވެލި އެވެ.

ހިމޭޝް މެލޭޝިޔާއަށް ކިޔަވަން ފުރުމުގެ ކުރިން ހިމޭޝް ރަޙްމަތްތެރިންނާއެކު ކުޑަބަނޑޮހަށް ދަތުރު ދިޔަ ދުވަހުގެ ނަގައިފައިވާ ފޮޓޯތަކެވެ. ފޮޓޯތައް ފެނުމުން އެކުގައި އުޅުނު ރަޙްމަތްތެރިންގެ މަތިން ހަނދާންވީވަރަކަށް ފޮޓޯތަކަށް ދެވެމުންދިޔަ ސަމާލުކަން އިތުރުވަމުންދާކަމުގެ އިޙްސާސް އައިޝަމް އަށް ކުރެވެމުން ދިޔަ އެވެ.

= ނުނިމޭ =

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ