ދެފުރާނަ އެކުވެފައިވާ (21 ވަނަ ބައި) — Ihavandhoo.com

ދެފުރާނަ އެކުވެފައިވާ (21 ވަނަ ބައި)

އޭޕްރީލް 04 އާ ގުޅޭ

"އަދިވެސް ތިޔަހުންނަނީ ކަންތައްތައް ވަމުންދާގޮތް ނޭނގިފަދޯ!" މިކާޝްގެ އަޑު ފަނޑުވަމުން ދިޔަ އެވެ.

"ކިހިނެއް މިޝް އަށް މިކަންތައް އެނގެނީ!" އައިޝަމް ބޭނުންވީ ހުރިހާ ވާހަކައެއް ވަގުތުން ސާފުކޮށް އޮޅުންފިލުވާށެވެ. އަޑުގައި ރުންކުރު ގޮތެއް އެކުލެވެމުން ދިޔަކަން ޚުދު އޭނާއަށްވެސް ފާހަގަވި އެވެ.

"އަހަންނަކަށް ނޭގެ އަހަންނަށް ކަންތައް އެނގެނީ ކިހިނެއްކަމެއް! އަހަރެން ބޭނުން ކަންތައް ހިތަށް އެރުވުމުން އަހަންނަށް އެކަންތަކެއް ވުމަށް ކަންކުރަންވީ މަގުތައް ސާފުކޮށް ފެންނާނެ! އެކަމަކަށް ހުންނަ ހުރަސްތައް އަހަރެންގެ ސިކުނޑިން ބުނެދޭނެ! އެކަމަކު...!" މިކާޝް ހަމަޖެހިލަމުން އައިޝަމްގެ އަތުގައި ހިފާ ކުރިއަށް ޖެހިލަމުން ކުރިން އިށީނދެ އިން ތަނުގައި އިށީނދެލަމުން ވާހަކަކުރިއަށް ގެންދިޔަ އެވެ.

"އެކަމަކު ހޫނ!"

"އެކަމަކު އަހަންނަށް އެނގެނީ އެކަމެއް ވުމަށް ދެތިން ގަޑިއިރަށް ވުމުން، މި ބުނީ މިސާލަކަށް މީގެ ދެގަޑީއިރު ފަހުން ވާއޮތްކަމެއް އަހަންނަށް ޗެކުކޮށްލެވިދާނޭ! އަދި ނިމިދިޔަ ދެ ގަޑިއިރު ތެރޭ ވީކަންތައް އަލުން ޗެކުކޮށްލެވިދާނޭ! އަހަރެންގެ ސިކުނޑި އަހަންނަށް އެކަމެއް ވާނެ ގޮތުގެ ސާފުމަންޒަރުތައް ލޯ މަރައިލުމުން ދައްކައިދޭނެ! އެއީ އަހަރެން އެކަމެއް ބަލަން ބޭނުމިއްޔާ!" މިކާޝްގެ ވާހަކަތަކުން އައިޝަމްގެ ހިތް އޭނާގެ މައްޗަށް ލެނބެމުން ދިޔަ އެވެ. އޭނާއަށް އެފަދަ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހަކު ޙަޔާތުގައި ދިމާނުވާތީ އެކަންތައްތައް ތަޖުރިބާކޮށްލަން ބޭނުންވި އެވެ. އައިޝަމް ޤަބޫލުކުރާގޮތުގައި އިންސާނަކަށް އާދަޔާ ޚިލާފު ކަންކަން ކުރެވުމަކީ ނާދިރުކަމެކެވެ. އެއީ މުސްތަޙީލު ކަމެކެވެ. އޭނާގެ ސިކުނޑި ޤަބޫލުކުރަނީ އެފަދަ ކަންކަމަކީ އެއީ ޚިޔާލީ ވާހަކަތަކުގެ ޚިޔާލީ ފޮލާކަމަށެވެ.

"އެންމެ ރަނގަޅު! އަހަރެން ވަރަށް ބޭނުން އަހަރެންގެ ފައިގަ މިވާ ލަކުނުތަކާ މިޝްގެ ފައިގަ ތިހަރަ ލަކުނުތަކުގެ ޙަޤީޤަތް ހޯދަން!" އައިޝަމްގެ ހިތުގެ ވިންދު އަވަސްވީ އޭނާގެ ވިސްނުމުގެ ނާރެހުގައި ތަކުރާރުވަމުންދާ ސުވާލުތަކުގެ ޖަވާބު ލިބޭތޯ އެވެ.

"ހައް، ހައް ޝަމް ދޯ" މިކާޝް ރަކި ގޮތަކަށް ހޭންފެށި އެވެ. މީހާގެ މޫނު ރަތްވަމުން ހުނުން ބާރުވަމުން ދިޔަ އެވެ. އައިޝަމް ހީކުރީ މިކާޝް އޭނާއަށް މަލާމަތް ކުރަނީ ކަމަށެވެ. އެހެންވެ އޭނާ އަށް އިސްކުރެވުނީ ރުޅި އެވެ.

"މިކާ...ޝްޝްޝ" އައިޝަމް ބާރުބާރަށް މިކާޝްގެ ނަމުގެ ވަކިވަކި އަކުރުތަކަށް ބާރުކޮށްލަމުން ގޮވާލި އެވެ. ކުއްލިއަކަށް ލިބުނު ސިހުމާއެކު މިކާޝް އައިޝަމްގެ މޫނަށް ނަޒަރު ހުއްޓައިލި އެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ހައިރާންކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. އައިޝަމްގެ މޫނުމަތީގެ ކުލަ މަޑުމަޑުން ބަދަލުވަމުން ދިޔަ އެވެ.

"ރުޅި އައީތަ؟ ކީއްވެ އޭހާ ބާރަށް...؟" މިކާޝް އައިޝަމްގެ ދެ އަތުގައި ހިފާ ސުވާލު ތަކުރާރުކޮށްލީ އައިޝަމްގެ މޫނު ކަނާތްފަރާތަށް އަނބުރާލުމުންނެވެ.

"ޝަމް... ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ؟ ބުނެބަލަ!" މިކާޝް ވިންދު އަވަސްވެ ހަރަކާތްތައް އަވަސްވި އެވެ.

"ބުނީމެއްނު ކުރިއަށް ވާން އޮތްގޮތް ބެލޭއޭ ތިމަންނަ އަށް! ދެން ދެ ލޯ މަރާފަ ބަލަންވީނު ވީ ގޮތާ ވާން އޮތް ގޮތާ!" އައިޝަމް ޖޯކަކަށް ހަދަމުން މަލާމާތުގެ ރާގުގައި ބުނަން ބޭނުންވާ ވާހަކަ ބުނެ ނިންމާލީ މޫނު އަނބުރާލިގޮތަށް އިނދެއެވެ. އެއާއެކު މިކާޝް މަޑުމަޑުން ވައަތުގެ ޝަހާދަތް އިނގިލީގެ ކޮޅު ވައަތުގެ ބުމައިގެ ކަނުގެ ކަންފަތާވީ ފަރާތުގައި ޖައްސާލަމުން ދެލޯ މަރައިލި އެވެ. އޭނާގެ ސިކުނޑީގައި ކުރިއަށް އޮތް ދެގަޑިއިރު ތެރޭގައި ވާން އޮތްގޮތްތައް ތަމްސީލުވަމުން ދިޔަ އެވެ. މަންޒަރު ސާފުކޮށް ވަމުން ދިޔައީ އަވަސްވެފައިވާ ފިލްމެއް ފަދައިންނެވެ. އޭނާ ބޭނުންވީ ކުރިން ހިނގައިދިޔަ ވަގުތު ކޮޅު ތެރޭގައި ކަންވީގޮތް ބަލައިލުމަށެވެ. އެންވެ ކަނާއަތުގެ ބުމައާއި ނިތާވީ ދިމާލަށް އިނގިލި ބަދަލު ކޮށްލަމުން ކަނާތްފަރާތަށް ކުޑަކޮށް ބޯ އަރިކޮށްލި އެވެ. ކުއްލިއަކަށް ނިމިފައިވާ ވަގުތުން ފެށިގެން އޭގެ ކުރިއަށް މަންޒަރުތައް ދައުރާނާވަމުން ދިޔަ އެވެ. އައިޝަމްއާ ބައްދަލުވި ހިސާބަށް މަންޒަރު ގޮސް ހުއްޓުމުން ނިތްކުރިން އިނގިލި ނައްޓައިލުމަށްފަހު ދެވަނަ ފަހަރަށް ޖައްސާލަމުން އިސްދަށަށް ޖަހައިލި އެވެ. އެއާއެކު އޭނާ ހޭން ފެށިހިސާބުން މަންޒަރު ކުލަވާން ފެށި އެވެ.

"ހައް، ހައް ޝަމް ދޯ"

"އަނެއްކާ މީ ކޮންކަހަލަ އަންހެނެއްބާ! ހަމަ ސުވާލެއް ކުރާއިރަށް ޖެހޭތަ މަލާމަތްކޮށްފަ ހޭން! މީ އަންހެނުންގެ ފަރާތުން އަހަރެން އެންމެ ދެކެން ބޭނުންނުވާ މަންޒަރު! އަންހެނުންނަކީ ފިތުނައިގެ އަސްލޭ ބުނަނީ މިހެންވެ! ސުވާލެއް ކޮށްލާއިރަށް މަލާމަތްކޮށް ފާޑެއްގެ ރަކި ހިންޏެއް އެބަ އާދެ އެއްނު! ހުރެބަލަ، އަހަންނަކީ ވެސް ބާރު ހުރި މީހެއްކަން އަންގައިލާނަން! މި އަތުގެ ބާރު... މޫނުމަތީ... ނޫން އަތް އިސްކުރުމީ ފިރިހެނުންގެ ބަލިފައި! އަހަރެން އެފަދަ މީހަކަށް ނުވާނަން! މައްސަލައަކީ ގޮތްނޭނގޭ މީހަކު ފެންނައިރަށް ކުރަން ނުވާވަރުގެ ބޮޑެތި ކަންތައްވެސް އަހަންނަށް ކުރެވުނުކަން! މީ އަހަރެން ދުވަހަކުވެސް އުޅުނު ގޮތެއް ނޫން! ދެން... އެކަމަކު މީނާގެ ޖެއްސުން... މީ ދެން ކިހާބޮޑުވެއްޖެ ކަމެއް! މިކާ...ޝްޝްޝ"

 މިކާޝް ހޭންފެށުމުން އައިޝަމްގެ ހިތުގައި ދައުރުވި ހުރިހާ އިޙްސާސްތަކެއް މިކާޝްގެ ސިކުނޑީގައި ދައުރުވެ ނިމުމުން ދެލޯ ހުޅުވާލަމުން މިކާޝް ވާހަކަ ފެށި އެވެ.

"ޝަމް ހިތްހަމަ ނުޖެހުނީ އަހަރެން ހޭންފެށީމައެއްނުދޯ! އަހަރެންގެ ގައިގަ ޖަހަންވެސް ހިތަށް އެރި އެއްނުދޯ! އެކަން ނުކުރީ އަތް އިސްކުރުމަކީ ފިރިހެނުންގެ ބަލިފައިކަމަށް ހިތް ބުނުމުންނެއްނުދޯ!" މިކާޝް އައިޝަމްގެ ހިތުގައި ދައުރުވި ވާހަކަތައް ޚުލާޞާކޮށްލި އެވެ. އެއާއެކު އައިޝަމް ހައިރާންކަމާއެކު މިކާޝް އާ ދިމާ ބަލައިލިއެވެ. މަޑުމަޑުން އަނގަހުޅުވި ކަޅިޖަހައިނުލައި މިކާޝްއަށް ބަލަހައްޓައިގެން އިނދެ ބޯޖަހައިލި އެވެ.

"ދެން ކުރިއަށް ވާން އޮތް ގޮތް ދޯ!" މިކާޝް ވައަތުގެ ކަންފަތާއި ނިތްކުރިއާ ބުމައާއި ދިމާ މެދުގައި ވައަތުގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސާލަމުން ލޯ މަރައިލި އެވެ. އޭނާއަށް މަންޒަރު ފެންނަން ފެށުމުން މަޑުމަޑުން ކިޔައިދެމުން ދިޔަ އެވެ.

"އެންމެ ފުރަތަމަ އަހަރެން! ކިޔައިދޭނީ ލަކުނުގެ ޙަޤީޤަތް! ދެން... އޭގެ ފަހުން ޝަމް މަޢާފަށް އެދޭނެ! ދެން ޝަމްގެ ހުރި މިކަހަލަ ހުނަރު އަހަރެންގެ އެހީގައި ހޯދާނެ! އެއަށްފަހު ހިމޭޝްމެން ހޯދަން އުޅޭކަން އެނގުމުން އަހަރެން ޝަމް ގެންގޮސް ކުޑަބަނޑޮހަށް ލާނީ! އެހާހިސާބުން ނިމޭނީ!" އައިޝަމް އިނީ ބަސްހުއްޓިފައި މިކާޝްގެ ވާހަކަތައް އަޑުއަހާށެވެ.

"އަވަހަށް އަހަރެން ހުރި އާދަޔާ ޚިލާފުކަމެއް އިހަށް ބުނެދީބަލަ!" އައިޝަމް ބޭނުންވީ މިކާޝް ކުރެން ސާފުކޮށް އޭނާގެ ކިބައިން ފެންނާނެ އާދަޔާ ޚިލާފުކަންތައް ސާފުކުރާށެވެ.

"ނެތްކަމެއް ތަޤްދީރުގައި ވާކަން ނުވެސް އޮންނާނެޔޭ، އެއްކަމެއްވެސް ނުހިގަޔޭ ތަދުބީރު ކުރެއްވި ޕްލޭނަކުން، ޝަމް އެ ޅެން ދަހެއް ނުކުރަންތަ؟" މިކާޝް ސުވާލަކުން ޖަވާބު ދިނެވެ.

"އޯކޭ! ގޯ އަ ހެޑް!"

"ލަކުނުދޯ! އެއީ އަހަރެންގެ ފަރާތުން ޝަމް އަށް ހަދިޔާކުރި އަހަރެންގެ ލޯބީގެ ނިޝާނެއް! ޝަމް އަހަންނަށް ފެނުނު ދުވަހަކީ ޝަމް ކުޑަބަނޑޮހު މޫދުގައި އުޅުނު ދުވަސް! ހުސްގަޔަށް ހަދައިގެން އެގޮތުގައި ހުއްޓާ ފެނުމުން އަހަރެންނަށް ބުނެދޭން ނޭގޭ އިޙްސާސްތަކެއްކުރި! ތިޔަ ރީތިކަމަށް އަހަރެންގެ ހިތް އާދޭސްކުރަން ފެށި! އަހަރެން ދުވަހަކުވެސް ތިހާ ރީތި ހަށިގަނޑެއް ނުދެކެން! ތަނަވަސް ފުޅާ ބައިމަތި... ބިންވަޅު ނެގި ކަނޑާނެގިފައިވާ ބަނޑުގެ މަސްތަކާ... ތިޔަ ފަތި ހަށިގަނަޑު... ދެން ނޭނގެ! އެހެންވެ އަހަރެންގެ ހިތް މަޑުމަޑުން ޝަމް އަށް ލެނބިގެން ދިޔައީ ބޭއިޚްތިޔާރުގަ... އެކަމަށް ހިތް ދަމާ ގެންދީ އެއްގަމުގަ އޮތް ދިރޭ މަހަކަށް ފެންގަނޑެއް ފެނުމުން ދަމާ ގެންދާގޮތަށް! އެހެންވެ މޫދުގަ އޮއްވާ އަހަރެން ޝަމް ކައިރިއަށް މޫދުގެ އަޑިން ދިޔައިން! ވަރަށް ވާހަކަވެސް ދެއްކިން! ޝަމް ވެސް އަހަންނާ ވާހަކަދެއްކި! ނަންވެސް އެހި! އަހަރެން އެދުވަހު ވެސް ބުނިން މިޝްއޭ! އެކަމު އެއީ މޫދު ތެރޭގަ!" މިކާޝް އައިޝަމްގެ މޫނަށް ނަޒަރު ހިންގައިލި އެވެ. އައިޝަމްގެ ސިކުނޑީގައި އެދުވަހުގެ މަންޒަރުތައް ސިފަވަމުން ދިޔަ އެވެ. އެހަނދާންތައް ތަކުރާރުވަމުން އެވަގުތުކޮޅުގެ މަންޒަރު ސިފަވާން ފެށި އެވެ.

"އާނ! ހަނދާންވެއްޖެ! އަހަރެން ބުނިންދޯ އެއްގަމަށް ހިނގާށޭ ވެސް! މޫދު އަޑީގައި އޮއްވާ މަރުވެދާނޭ! އެހެންބުނީމަ މިޝް ދޫކޮށްލި އަލިކަމަކުން އަހަރެން ވަށައިގެން ބެދުނީ... އެހާ ހިސާބުން ފެންތައް ބޭރަށް ނިކުމެ ފަސޭހައިން ނޭވާލެވޭ ގޮތަށްވީދޯ!" އައިޝަމް ހަނދާވާން ފެށުމުން އެ ހަދާންތައް އާލާކޮށްލި އެވެ.

"ޝަމް ހައިރާންވެގެން އެހީނު ކިހިނެއްހޭ އެހެން ހެދީ! އަހަރެން ފައިގަ އިން ލަކުނު ދައްކާފަ ބުނީމެއްނު! މިތަނުންނޭ! ދެން ޝަމް ބުނީނު ތިމަންނާއަށް ވެސް ތިކަހަލަ ނިޝާންތަކެއް ޖަހައިދޭށޭ! އަހަރެން ބުނީމެއްނު! އަހަންނަށް އެ ނިޝާން ޖަހައިދެވޭނީ ރައްޓެހިވާން އެއްބަސްވީމައޭ! ނިޝާންތައް ޖަހައިފި ނަމަ ޝަމް ބޭނުން ނޫނަސް އަހަރެން ޝަމްއަށް ބޭނުންވުމުން އަހަރެން ބޭނުންކަމެއް ކުރަން ޖެހޭނޭ! ޝަމް ބުނީމެއްނު އާއެކޭ! އެހުރިހާ ކަމަކަށް އެއްބަސްވީމެއްނުދޯ! އޭރު ޝަމް މޫދުއަޑީ ލަސްވެގެން ފަރޭ ފަތައިފަ އަހަރުމެންނާ ދިމާއަށް އަންނަތަން ފެނުމުން އަހަރެން ބޭނުންވީ އެތަނުންދާން! އެހެންވެ އަވަސް އަރުވާލައިފަ އަހަރެން ލޯބީގެ ފުރަތަމަ ނިޝާންތައް ޝަމްގެ ފައިގަ ޖަހައިދެވުނީ ހަމަ ކިރިޔާ! އޭރު ފަރޭ އައިސް ޝަމް އާ ހަމަކުރަނީ!" އެދުވަހުގެ ކަންތައްވީ ގޮތް މިކާޝް ތަފްސީލުކޮށްދެމުން ދިޔަ އެވެ.

"އާނ! ހަނދާންވެއްޖެ! ވަރަށް ސާފުކޮށް ހަނދާންވެއްޖެ! އަހަރެން ވަރަށް މަސައްކަތްކުރިން އެކަން ހަނދާންކުރަން... ހަމަ އެއްގޮތަކަށްވެސް އޭރު ހަނދާނެއް ނުވި! ސޮރީ އިނގޭ އަހަންނަށް މިއަދާއި އޭގެ ފަހުން ކަންތައް ކުރެވުނު ގޮތާމެދު! ޕްލީޒް ފޮގިވްމީ ޕްލީޒް!" އައިޝަމް ދެ އަތް ގާތްކޮށްލަމުން މަޢާފަށް އެދެމުން މޫނުމަތިން އެ މަންޒަރުތައް ސިފަކޮށްދެމުން ދިޔަ އެވެ.

"ހެއް! ކޮބާ އަހަރެން ބުނިގޮތަކަށްނު! ޝަމް ހަމަ މަޢާފަށް އެދުނީނުދޯ!" މިކާޝް ހިންދެމިލަމުން ހަމަޖެހުމުގެ ނޭވާ އެއްލިއެވެ.

"ޝަމް އަށް އެނގޭތަ ތިޔަ ނިޝާންތަކުގެ ސަބަބުން ޝަމްއަށް ފައިދާތަކެއް ކުރާކަން!" މިކާޝް އައިޝަމްގެ މޫނަށް ބަލައިލި އެވެ. ޖަވާބުގައި އައިޝަމް ބޯ ހޫރާލި އެވެ.

"ޝަމް އަށް ނޭނގުނަސް ތިޔަ ނިޝާންތަކުން ޝަމްއަށް ވަރަށް ފައިދާކުރާނެ! މިއުޅޭ ކޫސަނި ބަލިބަލި ޝަމް އަކަށް ނުޖެހޭނެ! ދެން ތި ނިޝާންތައް ރޮލާ ހުއްޓާ އަތްލި ކޮންމެ މީހެއްގެ ހިއްސުތައް ވަރުގަދަވެ ބާރު ޖެހޭނެ! ހިމޭ އަތްލި އެއްނު އެހެން ހުއްޓާ އެދުވަހު! އެހެންވެ ހިމޭގެ ލޮލުގެ ފެނުން އަނބުރާ އިޢާދަވެ އޭނާއަށް ދުރުފެންނަންފެށީ! ދެން ވިސްނުމާއި ސިކުނޑި ތަރައްޤީވެ ކަންކަމަށް ލޯ ހުޅުވުނީ ވެސް! އަސްލު ތިކަމުން އެންމެ ފައިދާ ކުރި މީހަކީ ހިމޭ! ޝަމް އަށް އަދި ނޭނގޭ ކަމެއް ބުނަންތަ!" މިކާޝް ވާހަކަ ހުއްޓާލަމުން ހިންދިރުވާލި އެވެ. އައިޝަމްގެ ލޮލާއި މޫނުމަތިން ކޮންކަމެއްހޭ ސުވާލުކޮށްލާ ފަދައަކުން ބަލައިލި އެވެ.

"މިއަދު އެކަންޏެއް ނޫން ޝަމްއާ އެކު އަހަރެން މިކަންކުރީ! ޝަމްގެ ބޭއިޚްތިޔާރުގައި ނަމަވެސް އަހަންނަށް ޝަމް މި ކަންތައް މިހާރު ދެތިންފަހަރަކު ކޮށްދީފި! އެންމެ ފުރަތަމަ ސުނާމީ ބިނާކައިރީ އޮތް ތުނޑީގައި! އެރޭ ޝަމް ބޭނުންވީ އިރުއަރަންދެން އެގޮތުގައި އުޅެން! އަހަރެން ބުނި އިރުއަރާއިރަށް އަހަރެން އެތަނުން އެދުވަހު ދާންޖެހޭނޭވެސް! އެކަމަކުވެސް.... ހަނދާންވެއްޖެދޯ!" މިކާޝް އައިޝަމްއަށް ކަންކަން ހިނގައިފާވާގޮތްތައް ސާފުކޮށްދެމުން ދިޔަ އެވެ.

"ހޫމް!" އައިޝަމް ބޯޖަހައިލި އެވެ. އެއާއެކު އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދައުރުކޮށްލި އެވެ. މީހާގެ ނިތްކުރިމަތިން ދަލުގެ ކުލަވަރު ފާއްދާލި އެވެ.

"ކަންބޮޑު ނުވޭ! އަހަރުމެންގެ އެ ގުޅުންތަކުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް! އެކަން އެހާހިސާބުން އެނިމުނީ" މިކާޝް އޯގާތެރިކަމާއެކު އައިޝަމްގެ ބޮލުގައި ފިރުމާލަދިނެވެ.

"ޝަމްއަށް އެނގޭތަ ޝަމްގެ އަތްތިލަ އަކީ ވަރަށް ބާރުވެރި އަތްތިލަ އެއްކަން! އަތްތިލައިގެ ބަނޑުފުށުގައި އާދަޔާ ޚިލާފު ބާރުވެރިކަމެއް ހުންނަކަން!"

މިކާޝް ބޭނުންވީ މައުޟޫޢު ބަދަލުކޮށް ކުރިން ވާހަކަދެކެވެމުން ދިޔަ މިސްރާބަށް ޖެހިލާށެވެ.

"ޝަމްގެ އަތުގެ ހުދުހަން ގަނޑުގަ ހުންނަ އެބާރުވެރިކަން އަންނާނީ އެކަން ކުރުމަށް ޝަމް މަސައްކަތްކުރީމަ! މީހާ ބޮޑުވަމުން ދިޔަވަރަކަށް ބާރުވެރިކަން އިތުރުވާނެ! އެކަންތައްތައް ކޮންޓްރޯލް ކުރާނީ ސިކުނޑިން! ހުރިހާވެސް އެއްޗަކީ ސިކުނޑި! ލަކުނުތައް ފައިގަ ހުރީމަ ލިބޭނެ އެއް ފައިދާއަކީ އައިޝަމް ބޭނުންތަނަކަށް ދުވެފައި ދެވޭނެ! ވެހިކަލެއް ނެތަސް ދުވަމުން ދުވަމުން ބާރު ސްޕީޑެއްގައި ދަތުރު ކުރެވޭނެ! މޫދުގެ ސަތަހައިގެ މަތީގައި ވެސް ދަތުރުކުރެވޭނެ! އެއްރަށުން އަނެއް ރަށަށް ވެސް ދެވޭނެ! އެކަމު މިކަންވެސް ކޮންޓްރޯލްކޮށް މިބާރުވެރިކަން ވެސް ހޯދޭނީ އަމިއްލަ ސިކުނޑިން އެކަން ކުރަން މަސައްކަތްކުރީމަ! ޓަސްލާފަ މިބާރުވެރި ކަމެއް ނުލިބޭނެ! ކުޑަކުޑަ މަސައްކަތެއް ކުރީމަ އިސާހިތަކު ތިޔައީ ބާރުވެރިއަކަށް ވެދާނެ! މިކަމުގައި އަހަރެން އެހީތެރިވެދޭނަން!" މިކާޝްގެ ވާހަކަތަކަށް ގެއްލި ހުއްޓިފައި އައިޝަމް އިނެވެ. މަޑުމަޑުން ދެއަތްތިލައިގެ ހުދުހަމަށް ބަލައިވެނީ ބޭއިޚްތިޔާރުގަ އެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރެވެމުން ދިޔަ އެވެ. މަޑުމަޑުން މީހަކު އޭނާގެ ނަމުން ގޮވާ ކަމުގެ އިޙްސާސް ކުރެވެމުން ދިޔަ އެވެ.

"ފަރޭ އާއި ހިމޭ، ޝަމް ކުއްލިއަކަށް ގެއްލިގެން ހޯދަނީ! ދެން ފަހުން ދިމާވީމަ ކިޔައިދޭނަން! ހިނގައިދާން! ލަސްވެއްޖެ ނަމަ ގޯސްވެދާނެ! ޝަމްގެ މަންމައަށް ގުޅައިފިއްޔާ ހުރިހާކަމެއް ގޯހުން ގޯހަށްދާނީ! އަވަހަށް ހިނގާ! ފަހުން ދިމާވާއިރަކުން ބާކީ ކިޔައިދޭނަން..!" އަވަސް އަރުވާލާފައި އައިޝަމްގެ ގައިގައި މިކާޝް ބައްދާލި އެވެ. އެއާއެކު ވީނުވީ އެއް ނޭނގި ކުއްލިއަކަށް ތަނެއްގައި ފައިޖެހުމުން ބަލައިލިއިރު ކުޑަބަނޑޮހުގެ ފާޚާނާތައް ހަދާފައިވާ ޢިމާރާތުގެ ފުރާޅު މަތީގައި ފައިޖެހުނީ އެވެ. މިކާޝް ބާރުބާރަށް ބައްދާލުމުން ލިބުނީ ކުއްލި ސިހުމެކެވެ. ލޯހުޅުވާލެވުނު އިރު ހުރީ ކުޑަބަނޑޮހުގެ ފާޚާނާ ކައިރީ ހުރި ދިއްގާގަހުގެ ބުޑުގަ އެވެ.

"ލަވް ޔޫ މިރޭ ސުނާމީ... އަންނާނަން... އިންތިޒާރު ކުރާތި ހިމޭ ތިހިރަ އަންނަނީ! ދަނީ!" މިކާޝް ލޮލު ކޮޅަށް އޮބައިލަންދެން އައިޝަމް ބަލަން ހުއްޓެވެ. ހުއްޓުން އަރާފަ އެވެ.  

= ނުނިމޭ =

ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ