ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ލޭ ހަދިޔާކުރަމާ ހެއްޔެވެ؟ — Ihavandhoo.com

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ލޭ ހަދިޔާކުރަމާ ހެއްޔެވެ؟

ދިރިހުރި ކޮންމެ އިންސާނަކަށްމެ ލެޔަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެނީ ލެޔަކީ ފުރާނަ ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެން ކަމުން ބޭނުން ޖެހިފައިވާ މީހާއަށް ލޭހަދިޔާ ކުރުމަކީ ފުރާނައެއް ސަލާމަތް ކުރުމަށް ވެދެވޭ އެހީތެރިކަމެވެ. ވުމާއެކު ބޭނުން ޖެހިފައިވާ މީހާއަށް ހެޔޮ ނިޔަތަކައިގެން ލޭ ހަދިޔާ ކުރުމަކީ އެކަމުގެ ދަރުމަ އާއި ސަވާބު އިންތިހާއަށް ލިބޭނެ ކަމެއްކަން ޔަޤީނެވެ.

ނަމަވެސް ހިތާމައަކީ ލޭ ހަދިޔާ ކުރުމަށް ބައެއް މީހުން ފަސް ޖެހޭ ކަމެވެ. ޞިއްޙަތު ސަލާމަތުން ހުރެ ލޭ ހަދިޔާ ކުރުމަށް ބައެއް މީހުން ފަސްޖެހެނީ އެކަމުގެ ސަބަބުން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. މިފަދަ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ލޭ ހަދިޔާކުރުމާ ބެހޭގޮތުން އެކިފާރާތްތަކުން ކުރި ދިރާސާ ތަކާއި ހޯދުނު ހޯދުންތަކުން އެނގި ހާމަވެގެން ގޮސްފައިވަނީ ލޭ ހަދިޔާކުރުމުން ބޭނުންޖެހިފައިވާ މިހާއާ އެގޮތަށް ލޭހަދިޔާ ކުރާ މީހާއަށްވެސް ޞިއްޙީ ތަފާތު ފައިދާ ތަކެއްވާކަމެވެ.

އެގޮތުން ލޭ ހަދިޔާ ކުރުމުން ކެންސަރާއި ހިތުގެ ބަލިތައް އަދި ލޭނާރު ތަކަށް ޖެހޭ ތަފާތު ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭކަން ހޯދުންތަކުން ޔަޤީން ކޮށްދީފައިވެއެވެ. ހޯދުން ތަކުން ކަށަވަރު ކޮށްދިން ނަމަވެސް ޤަބޫލު ކުރަން ބޭނުން ނުވާ ކަންކަން ބައެއް ފަރާތްތަކުން ދޮގުކުރެ އެވެ. އެހެން ކަމުން ލޭ ހަދިޔާ ކުރުމުން ސްޓްރޯކް ނުވަތަ ހާޓް އެޓޭކްސް ޖެހުމުން ސަލާމަތް ކުރުމަށް އެހީތެރިވެދެނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ.

ލޭގައި ހުންނަން ވާވަރަށް ވުރެއް އަޔަން (iron) އިތުރުވުމުން ލޭގެ އޮލަކަން އިތުރުވެއެވެ. އަދި ލޭ ގަނޑުވެ ނާރުތަކުން ލޭ ދަތުރު ކުރުމަށް ދަތިތަކާ ކުރިމަތި ވެއެވެ. ނަތީޖާއެއްގެ ގޮތުން ހިތާއި ހަށިގަނޑުގެ އެކި ގުނަވަންތަކުން ލޭ ދައުރުވުމަށް ހުންނަ މަގުތައް (ލޭނާރުތައް) ބަންދު ވެއެވެ. މިއާއެކު ސްޓްރޯކް ނުވަތަ ހާޓް އެޓޭކްސް ޖެހުންފަދަ ނުރައްކާތަކަށް އިންސާނާ ހުށައެޅިގެން ދެއެވެ.

ލޭ ހަދިޔާ ކުރުމުން ލޭގައި އަޔަން (iron) އިތުރުވިޔަނުދީ ރަނގަޅު މިންވަރެއްގައި ހިފަހައްޓައި ދެއެވެ. އަދި ނާރުތަކުން ފަސޭހަކަމާއެކު ދަތުރު ކުރެވޭ ވަރަށް ހަށިގަނޑުގެ ތެރޭގައި ލޭ ދިޔާކޮށް ބަހައްޓައިދެއެވެ. މީގެ ސަބަބުން ފުރާނަ ހިނގައިދާނެ ފަދަ ނުރައްކާތަކުން އިންސާނާ ސަލާމަތް ކޮށްދެއެވެ.

"ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން" އިން ކުރި ދިރާސާއަކުން ދައްކި ގޮތުގައި އުމުރުން 43 އަހަރާއި 61 އަހަރުގެ މީހުންގެ ތެރެއިން ކޮންމެ 6 މަހަކުން ލޭ ހަދިޔާ ކުރާމީހުންނަށް ސްޓްރޯކެއް ނުވަތަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އެހެން މީހުންނަށްވެރެ ކުޑައެވެ.

އަދި "އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީ" އިން 2682 މީހުންގެ މެދުގައި ކުރެވުނު ދިރާސާއެއް ބުނާގޮތުން އަހަރަކު އެއްފަހަރު ލޭ ހަދިޔާ ކުރާ މީހުނަށް ހާޓް އެޓޭކެއް ޖެހުމުގެ ފުރުޞަތު 88 އިންސައްތައަށް ދަށްކޮށްދެއެވެ.

މީގެ އިތުރުން ލޭގައި ހުންނަން ވާވަރަށް ވުރެއް އިތުރަށް އަޔަން (iron) ހުރުމުގެ ސަބަބުން ކެންސަރު ޖެހުމަށްވެސް މަގުފަހި ކޮށްދެއެވެ. އެމެރިކާގެ "މިލަރ-ކީސްޓޯން ބްލަޑް ސެންޓަރ" އިން ބުނާ ގޮތުގައި ލޭ ހަދިޔާ ކުރުމުގެ ސަބަބުން ފުއްޕާ މެޔަށާއި ހަށިގަނޑުގެ ތަފާތު ބައިތަކަށް ކެންސަރު ޖެހުމުން ސަލާމަތް ކޮށްދެއެވެ.

ލޭ ހަދިޔާ ކުރުމުގެ ސަބަބުން ހަށިގަނޑު ބަރުވެގެން ޖެހޭ ބަލިތަކުންނާއި ދިމާވާ އުނދަގޫ ތަކުން ލޭ ހަދިޔާކުރާ މީހާ ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދެއެވެ. އެމެރިކާގެ ސެން ޑިއޭގޯ ގައި ހުންނަ "ޔުނިވާސިޓީ އޮފް ކެލެފޯނިއަރ" އިން ކުރި ދިރާސާއަކުން ދައްކިގޮތުގައި 450ml ގެ ލޭ ހަދިޔާކޮށްފިނަމަ ހަށިގަނޑުން 650 ކެލަރީސް އަނދައިގެން ދެއެވެ. ހަށިގަނޑުގައި 73kg ހުންނަ މީހަކު ގަޑިޔަކު 5 މޭލަށް ދުވެގެން ހަށިގަނޑުން އަނދައިގެންދަނީ 606 ކެލެރީސް އެވެ.

އެހެންކަމުން ލޭހަދިޔާ ކުރުމަކީ ޖެހިލުންވާންވީ ވަރުގެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް އެއްވެސް ގެއްލުމެއް ވެދާނެކަމަކަށް ހޯދިފައެއް ނެތެވެ. އޭގެ ބަދަލުގައި ލޭ ހަދިޔާ ކުރުމުގެ ސަބަބުން ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ފޮނި މީރުކަން އެންމެ ފުރިހަމައަށް ލިބިގެންދާނީ ގަވާއިދުން އެކަން ކުރާނަމައެވެ.

.

އިނަފް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ