ދުޅަހެއު ކަންމަތީ ދެމިހުރުމަށް ދަތްތަކުގެ ސާފުތާހިރުކަމަށް ސަމާލުކަންދެއްވާ

17 މާރިޗު 2015 0

ދަތްތައް ސާފުތާހިރުކޮށް ބެހެއްޓުމަކީ ފުރިހަމަސިއްހަތެއްގައި ހުރުމަށް ވަރަށް މިހިންމު ކަމެކެވެ. ނަމަވެސް ގަވާއިދުން ދަތްތައް ސާފުކޮށް އެއަށް ދޭން ޖެހޭ ސަމާލުކަމާއި އަޅާލުން ނުދޭ މީހުން ވަރަށް ގިނަ އެވެ. ދަތްތަކަށް އެކަށީގެންވާ މިންވަރަށް އަޅާލާނެ ގޮތުގެ މައުލޫމާތު ނޭނގޭ ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނަނީ ދަތްތަކަށް ސަމާލުވުމަށް ވަގުތު ހުސް ނުކުރެވޭ ކަމަށެވެ.

ރީތި ހުދު ދަތްޕިލާއަކީ މީހާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދޭ އެއްޗެކެވެ. ދީނީ ނަޒަރުން ބަލާއިރުވެސް އަނގައިގެ ސާފުތާހިރުކަމަށް ވަރަށްބޮޑަށް އަހަންމިއްޔަތު ދެއްވާފައިވާކަން ފާހަގަކުރެވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރު ކަމެކެވެ) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ.”

ދެން މިބަލާލަނީ ދަތްއުނުގުޅުމުގަޔާއި އަނގައިގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމަށެވެ.

ދަތް އުނގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަން

  • ބުރުސް ހިރުގަނޑުގައި ޖައްސަން ޖެހޭނީ 45-ޑިގްރީ އެންގަލް އަކަށެވެ. ބުރުހުގެ ނަރުތައް ހުރަހަށް ދަތްތަކަށާއި ހިރުގަނޑަށް އެއްވަރަކަށް ޖެހެން ޖެހޭނެ އެވެ. އެންމެ ފުރަތަމަ އުނގުޅާނީ މަޑުމަޑުންނެވެ. ފުރަތަމަ ދަތުގެ ބޭރު ބައެވެ. ދެވަނަ އަށް އެތެރެ ބައެވެ. ހަމައެކަނި ބޭރު ފަރާތް އުނގުޅާލައިގެން ކަމަކު ނުދާނެ އެވެ. އެއަށް ފަހު މެދުގައި ހުރި ދަތްތައް ސާފުކުރުމަށް ބުރުސް ދިގަށް ވާގޮތަށް ބަހައްޓައިގެން ދަތުގެ ދޭތެރެތައް ސާފުކުރާށެވެ. އެއަށް ފަހު ދުލުގައި ވެސް ބުރުސް އަޅާ ރަނގަޅަށް އެތެރެ ކުރިމައްޗާއި ފަހަތް ސާފުކޮށް ދުލުގައި ހުރި ހަޑިތައް ވެސް ސާފު ކުރާށެވެ. އަނގައިގައި އުފެދޭ ނުބައި ވަސްދުވާ ބެކްޓީރިއާތައް ނެތޭނީ އޭރުންނެވެ.
  • ޑެންޓިސްޓުން ބުނާ ގޮތުގައި މާބާރުލާގެން ދަތް އުނގުޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ދަތްޕިލަ އަށް އެންމެ ރަނގަޅީ ވީހާވެސް މަޑުން ދަތް އުނގުޅުމެވެ. މާ ބާރުލާފައި ދަތްއުނގުޅުމުން ދަތުގެ އޮފުކަން ކެނޑެއެވެ.
  •  ގިނަ މީހުންނަށް ސަމާލުކަން ދެވެނީ ފެންނަން ހުންނަން ދަތްތައް ސާފުކުރުމަށެވެ. ކޮލުގައި ހުންނަ ދަތްތައް ސާފުކޮށް ބެހެއްޓުމަށް ގިނަ މީހުންނަކަށް އިސްކަމެއް ނުދެވެއެވެ. ނަމަވެސް ދަތުގެ ޑަކްޓަރުން ބުނާގޮތުގައި ފެންނަން ހުންނަ ދަތްތަކަށް ވުރެ ސާފުކުރުމުގައި ސަމާލުކަން ދޭންޖެހެނީ ކޮލުގައި ހުންނަ ދަތްތަކަށެވެ.
  • ދަތް އުނގުޅުމުގައި އެންމެ މަދުވެގެން 2 މިނެޓް ހޭދަކުރަން ޖެހޭ ކަމަށް ކަމުގެ ތަޖްރިބާ ކާރުން ބުނެއެވެ. ގިނަ ބަޔަކަށް މިކަމުގައި ފަރުވާ ކުޑަކުރެވެއެވެ.
  • ޑެންޓިސްޓުން ބުނާ ގޮތުގައި ދުވާލަކު ވަކި އަދަދަކަށް ދަތް އުނގުޅުން މުހިންމެއް ނޫނެވެ. މުހިންމީ ދަތްތައް ސާފުކޮށް ބަހައްޓާ އަނގައިން ނުބައިވަސް ނުދުވުމެވެ. އެހެން ކަމުން އަނގައިން ނުބައި ވަސް ދޮވިޔަ ނުދިނުމަށްޓަކައި ހެނދުނު ހޭލާފަ އާއި ކޮންމެ ފަހަރަކު ކެއުމަށް ފަހު ދަތް އުނގުޅުމަކީ އެދެވިގެންވާ ކަމެކެވެ. ނިދުމުގެ ކުރިން ރަނގަޅަށް ދަތްއުނގުޅައި އަނގަ ސާފުކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ދަތް އުނގުޅުމަށް ބޭނުންކުރާ ބުރުހާއި ބޭސް

  • ދަތްއުނގުޅާ ބުރުހެއް ހިޔާރުކުރާއިރު ދަތްތަކަށް ގެއްލުން ނުވެ ހިރުގަނޑު ހަލާކު ނުވާ ކަހަލަ ސޮފްޓް، ނައިލޯން އަދި ބުރުހުގެ ނަރުތަކުގެ ކުރި ވައްކޮށް ހުންނަ ބުރުހެއް ޚިޔާރު ކުރާށެވެ. އޭރުން ހަންގަނޑަށާއި ދަތްތަކަށް ގެއްލުންވާލެއް ކުޑަވާނެއެވެ. ހަރު ނަރު ހުންނަ ބުރުސް މީހުން ގަނެ އުޅެނީ އޭގެން ދަތުގައި ހުންނަ ހަޑިތަކާއި ކޮބަޑި ފަސޭހައިން ފިލާނެ ކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް ހަރު ބުރުހުން ވަކިން ބޮޑަށް ދަތްތައް ސާފެއް ނުވާނެ އެވެ.
  • ބުރުސް ގަންނައިރު އެމީހެއްގެ އަނގައިގެ ތެރޭގައި ރަނގަޅަށް ގެންގުޅޭ ވަރުގެ ބޮލެއް އިން ބުރުހެއް ހޯދާށެވެ. ތުއްތު ކުދިންނަށް ގަންނަން ޖެހޭނީ ވީހާވެސް ކުޑަކުޑަ ބޮލެއް އިން ބުރުހެކެވެ.
  • ދަތް އުނގުޅާ ބުރުސް އެންމެ ލަސްވެގެން 3 މަހާއި 4 މަހާއި ދެމެދު ބަދަލު ކުރަންޖެހޭނެ ކަމަށް ޑެންޓިސްޓުން ބުނެއެވެ. އޭގެ ކުރިން ވެސް ނަރުތައް ހަލާކުވެއްޖެ ނަމަ އާ ބުރުހެއް ހޯދަން ޖެހޭނެ އެވެ.
  • ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ދަތުގެ ހާލަތު ދެނެގަނެ އެމީހާގެ ދަތްތަކަށް އެންމެ ރަނގަޅީ ކޮން ވައްތަރެއްގެ ބޭހެއްތޯ އޮޅުން ފިލުވުން ރަނގަޅެވެ. ފްލޮރައިޑް އެކުލެވޭ ދަތް އުނގުޅާ ބޭހުން ދަތް ފަނި ކެއުން ފަދަ މައްސަލަތައް ދުރުވާނެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ