ދުންފަތާއި ސިއްޙަތް — Ihavandhoo.com

ދުންފަތާއި ސިއްޙަތް

24 ސެޕްޓެމްބަރު 2013 0

ދުންފަތުގެ އިސްތިއުމާލުކުރުމުން ސިއްހަތަށް ގެއްލުންވެޔޭ ބުނުމުން އެކަން ގަބޫލުނުކުރާ މީހުން އަދިވެސް މަދުން ނަމަވެސް އަހަރެމެންގެ ތެރެއިން ފެންނަމުން ދެއެވެ. ސިނގިރޭޓު، ބިޑި ބޭނުންކުރިއަސް ނުކުރިއަސް އަޖަލު ހަމަވީމަ މަރުވާނޭ އެމީހުން ބުނެއެވެ. ސިނިގިރޭޓު، ބިޑި ބޭނުން ކުރިއަސް ނުކުރިއަސް ފުއްޕާމޭ ހަލާކުވެދާނޭވެސް އެމީހުންގެ ބައެއްމީހުން ބުނެއެވެ. އެމީހުންގެ ވާހަކަތައްވެސް ދޮގެއް ނޫނެވެ. އެހެންނަމަވެސް ދުންފަތުން އިންސާނާގެ ސިއްޙަތައް އެތައް ގެއްލުންތަކެއް ކުރިމަތިވާކަން ދެނެގަންނަން ޖެހެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަހަރަކު އެމެރިކާއިން އެކަނިވެސް 430000 މީހުން ދުންފަތާއި ގުޅުންހުރި ބަލިތަކުގައި މިދުނިޔެ ދޫކުރެއެވެ. މުޅިދުނިޔެއަށް ބަލާއިރު މިއަދަދު އެތައް ގުނައަކަށް އިތުރުވެފައި ވެއެވެ. މިހިސާބުތަކާއި އެކު އެންމެ ހިތާމަކުރުވަނިވި ކަމަކީ އެތައް މިލިއަން މީހުން އަދިވެސް ދުންފަތުގެ އިސްތިއުމާލު ކުރަމުން ދާކަމެވެ. އެމީހުން އެދަނީ މަޑުމަޑުން އެމީހުންގެ ހަށިގަނޑު ހަލާކު ކުރަމުން ނެވެ. ނިކޮޓިން ގެ އިތުރުން ސިނގިރޭޓުގައި އިންސާނާގެ ހަށިގަނޑު މަޑުމަޑުން ވިހަކުރުވަމުންދާ ތަފާތު 20 ވައްތަރެއްގެ ކެމިކަލް އެކުލެވިފައި ވެއެވެ. މިކެމިކަލް ތަކަކީ އެއެއްޗެތީގެ ސަބަބުން ކެންސަރަށް މަގުފަހިކުރުވާ ކެމިކަލްތަކެކެވެ.

ދުންފަތުގެ ނުރައްކާތެރިކަމުގެ ވާހަކަދައްކާއިރު އެނގޭ އެންމެ ބޮޑު ހަޤީގަތަކީ ދުންފަތުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ފޯރަނީ ފުއްޕާމެއަށް ކަމެވެ. ނަމަވެސް ދުންފަތުގެ ސަބަބުން ހިތަށް ކުރާ އަސަރުވެސް ކުޑަނޫންކަން ޑަކުޓަރުންނަށް މިހާރުވަނީ ހޯދިފައެވެ.

މިގޯސް އާދާގެ ސަބަބުން އިންސާނާގެ ދިފާޢީ ނިޒާމަށްވެސް އެކަމުގެ އަސަރު ފޯރައެވެ. ނަތީޖާއެއްގެގޮތުން ސިނގިރޭޓާއި ރައްޓެހި މީހުންނަކީ އެކިކަހަލަ ޖަރާސީމަށް ވަރަށް ނާޒުކުބަޔަކަށް ވެގެން ދެއެވެ. ދުންފަތުގެ ސަބަބުން ޖެހޭ އެހެން ބަލިތަކަށް ބަލާއިރު ތައިރޮއިޑު، އަނގާގެ ކެނސަރު، ކަރުގެ ކަރާއި ނޭވާލާ ނިޒާމުގެ ކެންސަރު، ނިއުމޯނިއާ، އާސްތްމާ، ގޮހޮރާއި ބަނޑުގެ ކެންސަރު އަދި ލޫކީމިއާ ފަދަ ބަލިތައް ހިމެނެއެވެ. މިލިއުމުގައި މިހިމަނާލީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރެއިން ބައެއް ބަލިތަކުގެ ލިސްޓެކެވެ. ޑަކުޓަރުން ބުނާގޮތުން މިލިސްޓު ވަރަށް ދިގުވާނެއެވެ.

ދުންފަތުގެ ސަބަބުން އިންސާނާއަށްކުރާ ފައިދާއެއް ނެތްހިނދު، ދުންފަތުގެ ގެއްލުންތަކާއިމެދު ވިސްނުމަށްފަހު ލަސްނުވަނީސް ދުންފަތާއި ދުރުވުން ކީއްތޯއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ