އިހަވަންދޫ މަސްތުގެ ނިދީގައި

7 ޖެނުއަރީ 2014 3

2011 ވަނައަހަރު މަސްތުވާތަކެއްޗާއި ދެކޮޅަށްބޭއްވުނު ހިނގާލުމެއްގެ ތެރެއިން

އިހަވަންދޫގެ ތާރީހުގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން އެންމެގިނަ ބަޔަކު ހައްޔަރުކުރި ދުވަސްވަރަކީމިއެވެ. މިހާރުވެސް އެފަދަ ތަފާތު ތިންމައްސަލައެއްގައި ތިންމީހަކު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. ނިމިދިޔަ މައިކަޕް ފެށުމުގެ ކުރިން އެކަކު ހައްޔަރު ކުރިއިރު އެމުބާރާތް ކުޅެވެމުންދިޔަ ދުވަސްވަރުވެސް، އެފަދަ މައްސަލައެއްގައި ޒުވާނަކު ހައްޔަރު ކުރިއެވެ. އަދި އެމުބާރާތް ނިމުނުތަނާހެންވެސް ވަނީ މަސްތުވާތަކެއްޗާއި އެކު ޒުވާނަކު ހައްޔަރު ކޮށްފައެވެ.

ހަނދާންވާގޮތުން 2011 ވަނައަހަރު މުސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހަކު ހައްޔަރުކުރުމުން މުޅިރަށް އެލާޓަށްއަޔެވެ. އެފަހަރު ރަށުގެ މުއައްސަސާތައް ގުޅިގެން ރެލީއެއްބާއްވާ ވަރަށް ޖޯޝާއިއެކު ޝުއޫރު ފާޅުކުރެވުނެވެ. އެއަށްފަހު މާކަބޮޑު ހަރަކާތްތަކެއް ބޭވުނުތަނެއް ނުފެނުނެވެ. ރެލީއެއްބޭވުމަކީ ދައްކާލަންކުރިކަމެކޭ ހީވާހަކަހަލައެވެ. މީ ގިނަކަންކަމުގައި ކަންހިނގާގޮތެވެ. ހިނގާލުން ބޭއްވުމެވެ. ހަގީގީ މައްސަލަތަކަށް އެޑްރެސްކޮށް ކަންތައްތަކެއް ވިލަރެސްވެގެން ދާތަންފެންނަނީ ވަރަށްމަދުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެފަހަރު ސީދާހަރަކާތެއްގެ ގޮތުން ހަގީގީ މައްސަލައަށް އަމާޒުކޮށް ކުރެވުނުކަމަކީ، ކައުންސިލް އިދާރާއަށް އެފަދަކަންކަމަށް ޝައްކުކުރެވޭ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިން ގެނެސްގެން ނަސޭހަތްދިނުމުވެ.

އެފަހަރު ރައްއިތުންގެ ސަމާލުކަމަށް އައިސް ތަފާތު ފިކުރުތަކުގެ މީހުން އެކުވެގެން ރެލީގަނޑެއްވެސް ބޭއްވިތާއެވެ. ނަމަވެސް މިހާރުގެ ހާލަތު މިފެންނަނީ އެއަށްވުރެވެސް ވަނދުކޮށެވެ. އެކަމާއި ހާސްވެގެން މާކަގިނަބަޔަކު އުޅޭތީކީއެއް ނުފެނެއެވެ. ދެތިންޒުވާނަކު ފޭސްބުކް ސްޓޭޓަސްގައި އެމީހުންގެ ޝުއޫރުފާޅުކޮށްލުން ފިޔަވައެވެ. ކުރިން މިފަދަ ކަންތަކުގައި ހަރަކާތްތެރިވާ ބޭފުޅުން މިދުވަސްވަރު އެޅޭތަންފެންނަނީ މާ "ބިޒީ" ކޮށެވެ. ކެމްޕޭން ހަރަކާތްތަކުގައެވެ. ފަހަރެއްގައި މިކަމަށްވުރެ އެކަން އެބޭފުޅުންނަށް މުހިންމީކަމަށްވެސް ވެދާނެއެވެ.

މިރަށުން ވާހަކަދެކެވުނު ޕޮލިސީ ލެވެލްގެ ބައެއްބޭފުޅުންގެ ވިސްނުން ހުރީ މަސްތުވާތަކެތީގެ މައްސަލައަކީ ހައްލެއްނެތް، ހައްލުކުރަން ކުރެވޭނެ ކަމެއްނެތް މައްސަލައެއްގެ ގޮތުގައެވެ. މަސްތުވާ ތަކެއްޗާއި ދެކޮޅަށް ރޭވުންތެރިކަމާއި އެކު ހަރަކާތްތަކެއް ހިންގިފައި ނެތީ މިފަދަ ވިސްނުންތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ހަގީގަތުގައިވެސް ނަތީޖާނެރެވޭނެ ފަދަ ޕްރޮގްރާމްތަކެއް މިރަށުގެ މުޖުތަމައުގައި ހިންގުމަށް ހުރަސްއެޅޭނެ އިތުރުސަބަބުތަކެއްވެސް އެބަހުއްޓުވެ. މަދަނީޖަމިއްޔާތަކުންވެސް އަދި ސަރުކާރުން ހިންގާކަންކަމުގައިވެސް މުޖުތަމުގެ ބައިވެރިވުން ފެންނަނީ ފިނިކޮށެވެ. މުޖުތަމައުގެ ބައިވެރިވުމަކީ ކާމިޔާބު ހަރަކާތެއް ހިންގުމުގެ އެއްބަހާއެވެ.

ބައެއް މިހުންގެ ނަޒަރުގައި ސިޔާސީވުމަކީ ރަށް ހަލާކުވާ ސަބަބެވެ. ނަމަވެސް ނަތީޖާނެރެވޭ ކާމިޔާބު ހަރަކާތްތަކެއް ހިންގަން ބަލާއިރު ޕޮލިޓިކަލް ވިލް ނުވަތަ ސިޔާސީ ގޮތުން ހޯދޭ އެއްބާރުލުމަކީ ވަރަށްމުހިންމުކަމެކެވެ. ރަނގަޅު ޕޮލިޓިކަލް ވިލްއެއް ލިބޭނީ އެކަމަށް ވަރަށް ރޭވުންތެރިކަމާއި އެކު ލޮބީކުރެވިގެންނެވެ. ނަމަވެސް ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. "ނުބައިބާ" މީހުންގެ ލޮބީގެ އަޑު ގަދަވުމުން ސިޔާސީ ގޮތުން ގިނަފަހަރު ހިމާޔަތް ލިބިގެންދަނީ "މަސްތުގެ" ކޮޅެވެ. ހުރިހާއެންމެނަށްވެސް "ސިޔާސީ" ކަޑަވަނީ މިހިސާބުންނެވެ. ތިމާމެންނަށް ތިމާމެންގެ ޒިންމާ ފުރިހަމަޔަށް އަދާނުކުރެވެނީއެކޭ ހިތަކަށް ނާރައެވެ.

މިރަށުގައި ހިންގާކަންކަމަށް ހުރަސްއެޅޭ އެހެން ސަބަބެވެސް އެބައޮތެވެ. މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ވަރަށް ކުޑައެވެ. ވުމާއިއެކު ސަރުކާރާއި މަދަނީ މުއައްސަސާތައް އެއްއަމާޒަކަށް ވާސިލްވުމަށް ހިންގާ ހަރަކާތްތަކުން އެދެވޭ ނަތީޖާއެއް ނެރުމަކީ ވަރަށްވެސް އުނދަގޫކަމެކެވެ. މުއަށްސަސާތަކުގެ ގުޅުން ނުވަތަ އިންޓަރ ސެކްޓަރަލް ކޮލަބުރޭޝަން ރަނގަޅުކުރެވިއެއްޖެނަމަ ދުވެލި އަވަސްވެ، ހަރަދުކުޑަ، ކާމިޔާބު ހަރަކާތްތަކެއް ހިންގިދާނެއެވެ.

މަސްތުވާތަކެތީގެ މައްސަލަފަދަކަންކަން ހައްލުކުރުމަށް ކުރެވޭ ކަންކަމަކީ ވަރަށް ޓެކްނިކަލް ފަންނީ އަދި އިލްމީ ކަންކަމެވެ. ފަންނީ ލަފަޔާއި އިރުޝާދު ބޭނުންވާނެ ކަންކަމެވެ. ޕޮލިސީލެވެލްގެ ބައެއްބޭފުންނަށްވެސް މަސްތުވާތަކެތީގެ މައްސަލައަކީ ކުރިމަގު އަނދިރި، ހައްލުނުވާނެކަމެއް ކަމަށްފެންނަނީ އެބޭފުޅުންގެ ސިކުނޑީގައި އެހާވަރު ނެތީމާކަމަށް ވެދާނެއެވެ. ވުމާއިއެކު ރަށުންނާއި ރަށުގެ އަސްދަނޑިން ބޭރުންވެސް، އިލްމީގޮތުން ޤާބިލް ފަރާތްތަކެއްގެ މަދަދު މިފަދަކަމެއްގެ ފެށުމުގައިވެސް ބޭނުންކުރުމަކީ ވަރަށްމުހިންމުކަމެކެވެ. 2011 ވަނައަހަރު ކުރަންއުޅުން މަސައްކަތް ފެއިލްވީ އެކަމުގައި އިލްމީ ބަރުދަނެއް ނެތީމާކަމަށްވެސް ވެދާނެއެވެ. މިފަދަމައްސަލަތަކުގައި މުހިންމީ ޖަޒްބާތުގައި އަވަސް އަރުވާލައިގެން ކަންކުރުމެއްނޫނެވެ. ފުރަތަމަ ކަމުގެ ހާލަތު ދެނެގަތުމަށް އިލްމީ ދިރާސާތައް ކުރަން އެބަޖެހެއެވެ. އެފަދަ ދިރާސާތައް ކޮށްގެންނޫނީ ހަގީގީ މައްސަލަތަކަކީ ކޮބައިކަމެއް ދެނަގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ކޮންމެއަކަސް ކާމިޔާބުލިބޭނީ ހިތިވެސް ބޮވިގެންނެވެ. ހައްލެއްނެތޭ، ކެރިމަގު އަނދިރިޔޭކިޔަން ހަމަތިބޭނީ ހެއްޔެވެ؟

 

މަސްތުވާތަކެތި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރަނގަޅު ވާހަކައެއް. މިކަމުގަ އެންމެ ބޮދު އިހުމަލެއްވީ ފަރަތަކީ ދާއިރާގެ މެމްބަރު. އެހާ ހިސާބުން މަސައްކަތް ފަށަމާ

– 7 ޖެނުއަރީ 2014 3

މެމްބަރާ ކޮން ބެހޭކަމެއް... މީހުން ބޮލަށް ނުކަނޑަ އަމިއްލަ ޒިންމާއާ މެދު ވިސްނަބަލަ.. ޒިންމާވާންވީ އަހަރެމެން މައިންބަފައިން... މުޖުތަމަޢުގެ އަފުރާދުން...

– 8 ޖެނުއަރީ 2014 1

ތެދެއް މެމްބަރު އެކަނި ޒިންމާ އުފުލަން ނުޖެހޭ. އެކަމަކު ދާއިރާގެ ރައްޔިތުން ބޮޑު މުސާރަ ދީފަ ހޮވާފަ ހުންނަނީ ބޭނުމަކު. ދެ ވަނަ ދައުރަކަށް ކުރިމަތިލައިގެން ހުރި އިރު އަހަރެމެން އެ ސުވާލު ކުރަން ޖެހޭ. މެންބަރު ރައްޔިތުންގެ ކަންކަމާ މެދު ވިސްނާ ފިކުރު ހިންގާ ނަމަ މިހެން ނުވީސް

– 8 ޖެނުއަރީ 2014 1