އެންމެ ދުވަސްވީ ހަތިމުގެ ސަފުހާތަކެއް ފެނިއްޖެ

23 ޖުލައި 2015 0

ދުނިޔޭގެ އެންމެ ދުވަސްވެފައިވާ ހަތިމުގެ ސަފުހާތަކެއް  އިނގިރޭސި ވިލާތުގެ ބާމިންހަމް ޔުނިވާސިޓީގެ ލައިބްރަރީން  ފެނިއްޖެ އެވެ. ހަތިމުގެ ސަފުހާތަށް ފެނިފައިވަނީ ބާމިންހަމް ޔުނިވާސިޓީގައިވާ މެދުއިރުމަތީގެ ދިރާސާތަކާބެހޭ އެހެން ފޮތްތަކާއި ލިޔުންތަކުގެ ތެރޭގައި މަސްހުނިވެފަ އެވެ.

މިފޮތްތައް ހޯދަމުންދަނިކޮށް މިސަފްޙާތައް ފެނި، މީހުންގެ ސަމާލުކަމަށް އައީ ޕީއެޗްޑީ ރިސާޗެއް ހަދަމުން ގެންދާ ދަރިވަރަކު އެ ލިޔުންތައް ބެލުމަށް ފަހު އޭގެ ރޭޑިއޯކާބަން ޑޭޓިން ހެދުމާ ގުޅިގެންނެވެ.

ފެނިފައިވާ ޤުރުއާނުގެ ސަފުހާތަކުގެ ރޭޑިއޯކާބަން ޑޭޓިން ޓެސްޓް ނަތީޖާ ދެއްކިގޮތުން ކަންބަޅި އާއި ބަކަރިފަދަ ތަކެތީގެ ހަމުގައި ލިޔެފައިވާ ގުރުއާނުގެ މި ސަފްޙާތަކަކީ މީލާދީ ސަނަތުން 645 އާއި 568 އާ ދެމެދުގެ ލިޔުންތަކެކެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ދުނިޔޭގައި އުޅުއްވި ކަމަށް ތާރީހީފަތްފުއްތަކުން އެނގެނީ މީލާދީ ސަނަތުން 570 އިން 632 އަށެވެ. އެހެންކަމުން ހިޖާޒީ އަކުރުން ލިޔެފައި އޮތް މި ލިޔުމަކީ ކީރިތި ރަސޫލާ އަށް ފަހު އިސްލާމީ ޚިލާފަތާ ހަވާލުވެވަޑައިގެންނެވި ޚަލީފާއިންގެ ދުވަސްވަރުގެ ލިޔުމަކަށް ވެސް ވެދާނެ ކަމަށް ދިރާސާކުރާ މީހުން ލަފާކުރެ އެވެ.

ހިޖާޒީ އަކުރުން ލިޔެފައިވާ ޤުރުއާނުގެ މިސަފުހާތަކުގައި ލިޔެފައިވަނީ ކަހަފު ސޫރަތާއި، މަރިޔަމް ސޫރަތް އަދި ޠާހާ ސޫރަތުގެ އާޔަތް ތަކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ