ފާފަ ފުއްސެވޭ ކަންތައްތައް - 2 — Ihavandhoo.com

ފާފަ ފުއްސެވޭ ކަންތައްތައް - 2

توبة  ވުމާ ގުޅޭގޮތުން އައިސްފައިވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޙަދީޘް:

1- ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހާއަކީ توبة ވާމީހާއެވެ. އަނަސްގެފާނުގެ ކިބައިން ރިވާވެގެންއައިސްފައިވާ ޙަދީޘެއްގައިވެ އެވެ. قال رسول الله صلى الله عليه وسلم : "كل بنى آدم خطاء و خير الخطائين التوابون" رواه الترمذي (2499)، وابن ماجة (4251) قال الحافظ سنده قوي، والدارمي، وأحمد. وحسنه الألباني. މާނައީ: "ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. ކޮންމެ އާދަމުގެދަރިއަކީވެސް ކުށްކުރެވޭމީހެކެވެ. ކުށްކުރެވޭމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހާއަކީ توبة ވާމީހާ އެވެ."

2- توبة ވާ މީހާއީ އެއްވެސް ކުށެއްނުކުރާ މީހެއްފަދަ އެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ."التَّائِبُ مِنَ الذَّنْبِ كَمَنْ لاَ ذَنْبَ لَهُ"  أخرجه ابن ماجه (4250)، والطبراني، وحسنه الباني. މާނައީ: "ފާފައިން توبة ވާ މީހާއީ އެއްވެސްފާފައެއް ނުކުރާފަދަ މީހެކެވެ."

3- توبة ވުމަކީ، ފާފަތަކުގެ ސަބަބުން ހިތުގައިޖަހާ މިލަތަކުން ސާފުކޮށްދޭ ކަމެކެވެ. އަބޫ ހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ. "إِن العَبْد إِذا أَخطَأ خَطِيئَة نكتت فِي قلبه نُكْتَة سَوْدَاء ، فَإِذا هُوَ نزع واستغفر وَتَابَ صقل قلبه ، وَإِن عَاد زيد فِيهَا حَتَّى تعلو قلبه ، وَهُوَ الران الَّذِي ذكر الله {كلا بل ران على قُلُوبهم مَا كَانُوا يَكْسِبُونَ} " رواه الترمذي (3334) و قال حديث حسن صحيح، وابن ماجة (4244)، و الحاكم  من حديث أبي هريرة، و قال صحيح علي شرط مسلم. މާނައީ: "ފަހެ، އަޅަކު ފާފައެއް ކޮށްފިކަމުގައިވާނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއްޖެހިދެއެވެ. އޭނާ، އެފާފައަކުން ދުރުވެ އަސްތަޣްފާރުކޮށް، توبة ވެއްޖެނަމަ އޭނާގެ ހިތް ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އެތިކި އިތުރުވެ އެވެ. މިގޮތަށް އޭނާގެ ހިތް ކަޅުކުލައިގެ ތިކިތަކަކުން ފުރިއްޖައުމަށް ދާނދެނެވެ. އެއީ ﷲތަޢާލާ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ "الران" އެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ "ހަމަހިލާ އެހެންނަކުން ނުވާނެ އެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު  ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެ އެވެ."

4- ދުވާލު ފާފަކުރެވޭ މީހުންގެ توبة އަށް އެއިލާހުގެ އަތްޕުޅު ރޭގަނޑު ފަތުރާލައްވަ އެވެ. ހަމަ އެބީދައިން ރޭގަނޑު ފާފަކުރެވޭ މީހުންގެ توبة އަށް ދުވާލު އެއިލާހުގެ އަތްޕުޅު ފަތުރާލައްވަ އެވެ. "إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ، وَيَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا" رواه مسلم (2759). މާނައީ: "ހަމަކަށަވަރުން ﷲތަޢާލާ ރޭގަނޑު ފާފަކުރެވޭމީހުން توبة ވުމަށްޓަކައި އެއިލާހުގެ އަތްޕުޅު ދުވާލު ފަތުވާލައްވައެވެ. އަދި ދުވާލު ފާފަކުރެވޭމީހުން توبة ވުމަށްޓަކައި އެއިލާހުގެ އަތްޕުޅު ރޭގަނޑު ފަތުރާލައްވަ އެވެ. މިގޮތުގައި އިރު ހުޅަނގުފަރާތުން އަރައްޖައުމަށް ދާނދެން ދެމިވޮޑިގެންވެ އެވެ."

5- މަރު ނޭވާ ހޮޅިއަށް އެޅުމުގެ ކުރިން توبة ވެއްޖެނަމަ ﷲތަޢާލާ އޭނާގެ ތައުބާ ގަބޫލުކުރައްވަ އެވެ. "إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ" رواه الترمذي (3537) و قال حديث حسن غريب، وابن ماجة (4253)، و أحمد، و الحاكم  ، و قال صحيح الإسناد ولم يخرجاه ووافقه الذهبي. މާނައީ: "ނޭވާ ހޮޅިއަށް އެޅުމުގެ ކުރީން توبة ވެއްޖެ ކަމުގައިވާނަމަ އަޅާގެ توبة ﷲތަޢާލާ ޤަބޫލު ކުރައްވާކަން ކަށަވަރެވެ."

6- توبة ގެ ދޮރު ހުޅަނގުފަރާތުން އިރުއަރަށްޖައުމަށް ދާންދެން ހުޅުވިގެންވެ އެވެ. "للجنة ثمانية أبواب، سبعة مغلقة و باب مفتوح للتوبة حتى تطلع الشمس من مغربها" رواه أبو يعلى و الطبراني بإسناد جيد. މާނައީ: "ސުވަރުގޭގައި 8 ދޮރުކޮޅެއްވެއެވެ. 7 ދޮރުކޮޅު ވަނީ ލެއްޕިގެންނެވެ. އަދި توبة އަށްޓަކައި ވާ ދޮރުކޮޅުވަނީ ހުޅުވިގެންނެވެ. ހުޅަނގުފަރާތުން އިރުއަރައްޖައުމަށް ދާނދެނެވެ."

7- އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ تَابَ قَبْل أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللهُ عَليْه" رواه مسلم (2703) މާނައީ: "ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން توبة ވެއްޖެ އަޅަކަށް ﷲތަޢާލާ ތައުބާލައްވަތެވެ."

8- ﷲތަޢާލާ އެއިލާހުގެ އަޅަކު توبة ވެއްޖެނަމަ އުފާވެވޮޑިގަންނަވަ އެވެ. "لله أفرح بتوبة العبد من رجل نزل منزلا وبه مهلكة، ومعه راحلته عليها طعامه وشرابه، فوضع رأسه فنام نومة فاستيقظ وقد ذهبت راحلته، حتى اشتدَّ عليه الحرُّ والعطش أو ما شاء الله، قال: أرجع إلى مكاني، فرجع فنام نومة، ثم رفع رأسه فإذا راحلته عنده." رواه البخاري (6308)، ومسلم (2744). މާނައީ: "ފިރިހެނަކު އޭނާގެ، ކޮއްތާއި ބޯތަކެއްޗާއި އަރުވާފައިވާ ސަވާރީއާއެކު މަންޒިލަކަށް ފައިބެ، އޮށޯވެ ނިދާފައި ހޭލެވުނު އިރު އޭނާގެ ސަވާރީ ގެއްލި ހޫނުގަދަވުމާއި، ކަރުހިއްކުމުގެ ސަބަބުން އޭނާއަށް ދަތިވެފައިވާ ހާލު، ނުވަތަ ﷲތަޢާލާ މެދުވެރިކުރެއްވި އެނޫންވެސް ކަމެއް މެދުވެރިވެ، މާޔޫސްވެފައިވާ ހާލު ކުރީންވެސް އޮށޯވެ އޮތްތަނަށް އެނބުރިއައިސް ނިދައި ހޭލިއިރު އޭނާގެ ސަވާރީ އޭނާގެ ގާތުގައި ވަނިކޮށް ފެނުމުން އޭނާ އުފާކުރާވަރަށްވުރެ ބޮޑަށް ﷲތަޢާލާ، އަޅަކު توبة ވުމުން އުފާވެވޮޑިގަންނަވަ އެވެ."

9- މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަން ޢަމަލީގޮތުން ދައްކުވައިދެއްވާފަ އެވެ. އިސްވެގޮސްފައިވާ ފާފަތަކާއި، ފަސްވެފައިވާ ފާފަތައްވެސް ފުއްސެވިގެންވާހާލުގަ އެވެ. "وَاللهِ إِنِّي لأَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ فِي الْيَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّةً" رواه البخاري (6307). މާނައީ: "ﷲތަޢާލާ ގަންދީބުނަމެވެ. ތިމަންކަލޭގެފާނު ކޮންމެ ދުވަހަކު 70 ފަހަރަށްވުރެ ގިނައިން ﷲތަޢާލާއަށް އަސްތަޣްފާރުކޮށް توبة ވެ ވަޑައިގަންނަވަމެވެ." އަދި މުސްލިމްގެ ރިވާޔަތުގައި އައިސްފައިވަނީ ސަތޭކަފަހަރު توبة ވެ ވަޑައިގަންނަވާ ވާހަކަ އެވެ.

ފާފަ ފުއްސެވޭ ކަންތައްތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ