ފާނަބަސަނދަށް ސަމާލުވުމަށް އިލްތިމާސްކޮށްފި — Ihavandhoo.com

ފާނަބަސަނދަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

23 އޮކްޓޫބަރު 2016 0

ފާނަބަސަނދަށް ސަމާލުވެ އެބަލިން ރައްކާތެރިވުމާއި ގުޅޭގޮތުން އާއްމުން ހޭލުނތެރިވުމަށް ހއ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ފާނަބަސަނދު ޖެހިގެން ރިޕޯރޓު ކުރަމުންދާ މިންވަރު އިތުރުވެފައިވާކަމަށެވެ. ފާނަ ބަސަނދު ޖެހިއްޖެ ނަމަ ޑޮކުޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުން އަދި ޑޮކްޓަރުން ދެއްވާ ފަރުވާ ޤަވާއިދުން ބޭނުންކުރުމަށް ސަމާލުވެލެއްވުމަށް ހޮސްޕިޓަލުން ވަނީ އެދިލައްވާފަ އެވެ. އެހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެއްއަހަރުން ދަށުގެ ކުޑަކުދިން ނާއި 12 އަހަރުން މަތީގެ މީހުންނާއި، ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީނިޒާމު ބަލިކަށިވެފައިވާ މީހުން އަދި މާބަނޑުމީހުން ނަށް ފާނަބަސަނދު ޖެހުމުން ނުރައްކާވެދާނެ އެވެ.

ފާނަބަސަންދު ޖެހުމުން ފެންނާނެ ޢަލާމަތްތައް

ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 14 ނުވަތަ 16 ދުވަސް ފަހުން ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ. ނަމަވެސް ދިފާއީ ބާރު ދަށް މީހުންނަށް މި އަލާމާތްތައް ފެންނަން ފަށަނީ 10 ދުވަހާއި 21 ދުވަހާ ދޭތެރޭގައެވެ. މި އަލާމާތްތަކުގެ ތެރޭގައި:

  1. ވަރުބަލިކަން އިހްސާސްކުރެވުން
  2. ހުންއައުން: 100.4F އިން  103F ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން
  3. ކާހިތްނުވުން
  4. ބޮލުގައި ރިއްސުން
  5. ކެއްސުން
  6. ކަރަށް ތަދުވުން
  7. ބަނޑުގައި ރިއްސުން
  8. ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން: ފުރަތަމަ ހަންގަނޑު ހިރުވުމަށްފަހު ހަންގަނޑުގައި ރޭޝަސް އުފެދެއެވެ. ފަހުން މި ރޭޝަސްތައް ބްލިސްޓަރސް (ފެންއަރާފައި ހުންނަ ބިހި) ތަކަކަށް ބަދަލުވެއެވެ. ދޮންމީހުންގެ ގައިގައި މި ބިހިތައް ހުންނާނީ ރަތްކޮށެވެ. އާދައިގެ ކުއްޖެއްގެ ގައިން 250 އާއި 500 އާ ދެމެދުގެ އަދަދަކަށް މިޒާތުގެ ބިހި ފެނެއެވެ.

ބަލީގެ ފަރުވާ

ފާނަބަސަނދަކީ ހަންގަނޑުގައި ރޭޝެސް އުފެދި ހިރުވާ ބައްޔަކަށް ވުމާއެކު އެފަދަ ތަންތަން ނުހިރުވައި ވޭތޯ ބަލަންވާނެއެވެ.

ފާނަބަސަނދަކީ ބައެއް ހާލަތްތަކުގައި ވަރަށް ނުރައްކައުތެރި ބައްޔަކަށްވާތީ، ބަލީގެ ކުރީކޮޅު ޑޮކްޓަރަކަށް ދައްކައިގެން ޤަވާއިދުން ފަރުވާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ބަލީގެ ގޮތުން އެހެން މީހުންގެ ގަޔަށް ބަލިފެތުރުނަ ނުދިނުމަށްޓަކައި ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭނެއެވެ.

ބަލިޖެހުމުގެ ކުރިން ފާނަބަސަނދުން ރައްކާތެރިވުމަށްޓަކައި ކަނޑައަޅާފައިވާ ވެކްސިން ދިނުމަކީވެސް މިބަލިން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ