ފަރުވާގެ ސިޓީ – ފުރަތަމަ ބައި

މިހާރު ހަނދާން ވަނީ އެވެ. މާބޮޑަށް ވެސް ހަނދާން ވަނީ އެވެ. ވާހަކަ ދައްކާ ހިތް ވަނީ އެވެ. މާބޮޑަށްވެސް ވާހަކަ ދައްކާހިތް ވަނީ އެވެ. ފެނުމުން ބަޔާން ކުރަން ދަތި އިހުސާސް ތަކެއް ވަނީ އެވެ. މާބޮޑަށް ވެސް އެ އިހްސާސްތައް ވަނީ އެވެ. މޫނަށް ބަލާ ހިތް ވަނީ އެވެ. މާބޮޑަށް ވެސް ބަލާ ހިތް ވަނީ އެވެ. ލަނދުރަކި ގޮތެއް ވަނީ އެވެ. މާބޮޑަށް ވެސް ވަނީ އެވެ. ތީނަ ފެނުމުންނެވެ. މިހާރު ވަރަށް ސަޅި އެވެ. މާބޮޑަށް ވެސް ރީތިވެފައި ސުމާޓެވެ. ބަނޑު ހިންދާލީމާ މާބޮޑަށް ވެސް ސަޅިވާނެ އެވެ. ގަޔަށް ބާރު ގަމީސް ލާތީ އެވެ. ހީނުކުރާށެވެ. އަހަރެން ދިމާކުރަނީ އެވެ. އަހަރެން އަދިވެސް ހުރީ ހުސްކޮށެވެ. ތީނައަށް ތިން ކުދިން ލިބިއްޖެ އެވެ. ބޮޑު ބައްޕަ އެކަށް ވެއްޖެ ދޯ އެވެ.

އެއީ މައްސަލައެއް ކަމަކަށް ނުދެކެމެވެ. އަހަރެންގެ ލޯތްބައް ބަދަލެއް ނާންނަނީ އެއީ މައްސަލައަކަށް ނުވާތީ އެވެ. ތީނަ ސުވާލު ކުރެ އެވެ. އަހަރެންގެ ތިމާގެ މީހުން ގާތުގަ އެވެ. އަހަރެން މީހަކާ އިންނަނީ ކޮންއިރަކުންތޯ އެވެ؟ އެހެންވެ ސާފުކޮށް ބުނަމެވެ. ތީނަ ދެކެ އަހަރެން ވާ ލޯބި ބަޔާންކުރަން ޖެހިލުންވެ އެވެ. ތީނަގެ އަންހެނުން ވަރިކޮށްފާނެތީ އެވެ. އަހަންނަށް އެނގެ އެވެ. ތީނަ އަންނާނެ ކަމެވެ. އަހަރެންގެ އެންމެ މިސް ކޯލަކަށެވެ. އަހަރެން ބޭނުމެއް ނޫނެވެ. ތީނަގެ އަންހެނުން ވަރިކޮށްފައި އަހަރެން ގާތަށް އަންނާށެވެ. ދެ އަނތްބަށް އިންނަން ބޭނުމެވެ. އެހެން ނަމަވެސް ތީނަގެ އަންހެނުން ދުލެއް ނުކުރާނެ އެވެ. ވަރިހަމަ އެވެ. އަހަރެން ހުންނާނީ މިހެންނެވެ. ތީނައަށް ކުޅަދާނަ ވަންޏާ އެވެ. މިހާރު ސާފު ވެއްޖެ ނޫން ހެއްޔެވެ.

އަހަންނާއެކު ހިނގާށެވެ. މީގެ 13 އަހަރުގެ ކުރީގެ މާޒީ އަށެވެ. އަހަރެން ކިޔަވަނީ ގްރޭޑް 6 ގައެވެ. މާފިލާފުށީ ސްކޫލްގަ އެވެ. ތީނަ ކިޔަވަނީ ގްރޭޑް 8 ގަ އެވެ. މާލެ އިންގްލިޝް ސްކޫލްގަ އެވެ. ބައްދަލުވީ 1996 ވަނަ އަހަރުގެ ބޮޑު ޗުއްޓީގަ އެވެ. އަހަރެމެން ރަށުންނެވެ. އެތައް ޒުވާނުންނެއް އަހަރެން ގާތަށް އައެވެ. އުމުރުން އެންމެ ބާރަ އަހަރުގަ އެވެ. ރައްޓެހިވާން އެހި އެވެ. ތީނައެއް އަހަރެން ގާތު ރައްޓެހި ވާކަށް ނާހަ އެވެ. އަހަރެން މީ ތީނަގެ ރައްޓެއްސަކަށް ވާތީ ކަމަށް ވެދާނެ އެވެ. ތީނައީ އެ އެތައް ޒުވާނުންގެ ތެރެއިން އަހަންނަށް ހާއްޞަ ސަމާލުކަމެއް ދެވުނު ޒުވާނެކެވެ. ހާއްޞަ ގަދަރެއް ދެވުނު މީހެކެވެ. އަހަރެންގެ ފެމިލީ މީހުން އޭރުވެސް އަދި މިހާރުވެސް ވަރަށް ގަދަރުކުރާ މީހެކެވެ.

ހަނދާންވޭޔެއްވެ؟ ކޮންކަމެއްތޯ ސުވާލު ނުކުރާށެވެ. އެ ޗުއްޓީއަށް ފަހު، އަހަންނަށް މަޖާ ސިޓީ އެއް ފޮނުވީމެއް ނޫން ހެއްޔެވެ؟ ދޮންހައްވައްތަ ވަރަށް ރުޅި އައި ސިޓީ އެކެވެ. ދޮންހައްވައްތަ އަކީ އަހަރެން މާފިލާ ފުށީގައި ކިޔަވަން ހުރި ގޭގެ ވެރިޔާ އެވެ. އަހަރެންގެ ބެލެނިވެރިޔާއެވެ. ނަމަވެސް އަހަންނަށް ވަރަށް ކަމުދާ ސިޓީ އެކެވެ. ސިޓީ ފަށާފައި ވަނީ އުމަރު ޒާހިރުގެ ލަވައަކުންނެވެ. "ހިތް އެދޭތީ މައެދޭ މޭ ސަމާސާ ކުރަން" މިލަވައިންނެވެ. މިހާރު ސީރިއަސް މީހަކަސް ތިޔައީ ވަރަށް ސަމާސާ ސަކަ މިޒާޖެއްގެ މީހެކެވެ. އެއިރު ރޭޑިޔޯއިން އެލަވަ ވަރަށް ފޮނުވަ އެވެ. ލަވަ އަންނަ އިރަށް ދޮންހައްވައްތަ ބުނާނެވެ. އެއްކަލަ ކުއްޖާ ސަމާސާ ނަޒޫ އަށް އެބަކުރެ އެވެ. އަހަރެން ބުނަމެވެ. ކޮންކުއްޖެއް ހެއްޔެވެ. ޕޯސްޓުން ސިޓީ ފޮނުވާ ކުއްޖާ އެވެ. އެސިޓީ ތީނަ ފޮނުވީ ޕޯސްޓުންނެވެ. ރަޖިސްޓަރ ޕޯސްޓުންނެވެ.

އެ ޗުއްޓީގައި އަހަރެންގެ ނިދި ނަގައިލީމެއް ނޫން ހެއްޔެވެ؟ އެތަކެއް ރެއެއްގަ އެވެ. އިރުއޮއްސި، އިޝާ ނަމާދު ދަންވަންދެން، މެންދަންވެ، މެންދަމުން އަލިވެ، ފަޖުރަށް ލަންދެން ހީސަމާސާ ނުކުރަން ހެއްޔެވެ؟ ދަށުން ދަމާ ނުކުޅެން ހެއްޔެވެ؟ ރަށުގައި އަލިކަމެއް ނެތީމާ އެއިރު ވަރަށް މަޖާދޯ އެވެ. އަހަރެންގެ ތަޢުލީމީ ހަޔާތް ނިމުނީ ތީނަގެ ހަނދާންތަކާއެކު އެވެ.

އެނގޭ ހެއްޔެވެ؟ ކޮންމެ ހެނދުނެއްގެ 6:00 އަށް އަހަރެން ތެދުވެ، ކޮޓަރީގެ ކުޑަދޮރުގެ ދޮރުފޮތި ކަހާލަމެވެ. ތީނަ އޮފީހަށް ދާތަން ބަލާށެވެ. ކުޑަދޮރުގެ ބީއްލޫރީގެ ހުރަހުން ކޮރިޑޯގެ ގަސްތަކުގެ ތެރެއިންނެވެ. ތީނަގެ ހިނގުން އަވަހެވެ. އަހަންނަށް ފެންނަނީ އެންމެ 30 ސިކުންތެވެ. ހިތަށް އަރައެވެ. ކޮޓަރިއަށް ވައްދަފާނަމެވެ. ކުޑަދޮރުންނެވެ. އަންނާނެކަން އެނގެ އެވެ. އަހަރެންގެ އެންމެ އިޝާރާތަކަށެވެ. ތީނަގެ އަންހެނުން ބަލަން ހުރެ އެވެ. ތީނަ ތަނަކަށް ވަދޭތޯ އެވެ. އެނގެ އެވެ. ތީނަގެ އަންހެނުން ޝައްކުކުރާކަމެވެ. އަހަރެންގެ ގުޅުމާ ދޭތެރޭ އެވެ. އެނގޭ ހެއްޔެވެ؟ އަހަރެމެންގެ ގޭ ހުންނަނީ އެއްމަގެއްގަ އެވެ. އޯކިޑް މަގުގަ އެވެ. ތީނަގެ އޮފީހާ ކައިރި ވާނީ އަހަރެންގެ ގެ އެވެ. އަހަރެން އަދި ތިއަ އޮފީހުން ޖާގައެއް ހޯދާނަމެވެ. އޭރުން އަބަދުވެސް ފެންނާނެ އެވެ. ބޭނުންވަނީ އެވެ. ގުޅުން ބަދަހި ކުރާށެވެ.

ތިޔައީ ޖާދޫ ގަރެކެވެ. ކަލާރސް އިން އަހަންނާ ވާހަކަ ދައްކަން ޖެހިލުންވެސް ނުވެ އެވެ. "ތިޔައީ ނަޒޫ ހޭ" އެހީ މެއްނޫން ހެއްޔެވެ؟ އޮޅިދާނެ ކަމަށް ގަބޫލު ކުރަމެވެ؟ ލަންކާގައި މާގިނަ ދުވަސް ވީމަ އެވެ. ލަންކާގެ ފެޝަނަށް ހޭނިފައި ވާތީ އެވެ. ހައުސް އޮފް ފެޝަންގެ ހެދުންތައް އަޅާތީ އެވެ. އެދުވަހު ހިތަށް އެރި އެވެ. ބައްދާލަފާނަމެވެ. ފިހާރާގައި އަހަރެމެން ދެމީހުން ނަމަ، ދުލެއް ނުކުރާނަމެވެ. އަހަންނަށް ތީނަގެ ވަސް އެދުވަހު ދުވި އެވެ. ލުއި ލުއި މަޑު މަޑު ވަހެކެވެ. ތީނަ މާލޭގައި އުޅެނީ ވަރަށް ފެޝަން ކޮށެވެ. ކަރުގައި ފަށް އަޅައިގެންނެވެ. ރަށުގައި އުޅެނީ ވަރަށް ކަތީބު ހެދިގެންނެވެ. އަތް ދިގު ގަމީސް ލައިގެންނެވެ. އަހަރެން ގާތަށް އެތަކެއް ޒުވާނުންނެއް އަންނައިރު ވެސް ތީނަގެ މަތިން ހަނދާން ނުނެތޭ ސަބަބެއް ނޭނގެ އެވެ. އަހަރެން ދޮންދައްތަ އާއި މަންމަ ވެސް ބުނެފި އެވެ. ދެން މީހަކާ އިންނާށެވެ. ރެޑޭ މަތިން ހަނދާން ނައްތާލާށެވެ. ނުވާނެ އެވެ. ތީނަގެ ޖާދޫގައި އަހަރެން ވަނީ ޖެހިފަ އެވެ.

ކުރުކޮށް ބުނަމެވެ. ވަރަށް ގިނަ ވާހަކަ ދައްކަންވެފައި އެބަހުއްޓެވެ. މިރޭ އަންނާށެވެ. ކުޑަދޮރު ހުންނާނީ ހުޅުވާފަ އެވެ. ވާހަކަ ދައްކަން ތިބޭނީ ކޮޓަރީގަ އެވެ. އަހަރެން ތީނައަށް އިތުބާރު ކުރަމެވެ. ގޯސްކަމެއް ނުކުރާނެކަން އެނގެ އެވެ. އަހަރެންގެ ރުހުމުގައި ނޫންގޮތަކަށް ގާގައި ބީހިވެސް ނުލާނެކަން ޔަގީން ކުރަމެވެ. މީހުންނަށް އެނގުނަސް ވަރިހަމަ އެވެ. އަހަންނަށް އުޅެން މިޖެހުނީ ރޯމިއޯ އާއި ޖޫލިއަތް ހެންނެއް ނޫނެވެ.

މީހުން ހީކޮށްފާނެ އެވެ. އަހަރެންމީ ވަރަށް ގޯސް މީހެކެވެ. މީހުންގެ ފިރިން ކޮޓަރިއަށް ވައްދާ މީހެކެވެ. ވަރަށް ވިޔާ ނުދާ މީހެކެވެ. ޗާންސް ދޭ މީހެކެވެ. އެހެން ހީނުކުރާށެވެ. އަހަރެން ސްކޫލް ނިންމުމަށްފަހު، އިތުރަށް ކިޔަވަން ދިޔައީ ސިލޯނަށެވެ. އެއީ ސެކިއުލަރ ގައުމެކެވެ. ހުރިހާ ދީނެއް، ނަސްލެއް އެތާ އޮވެ އެވެ. ބާ ތަކާއި ޑިސްކޯތަކާއި ޖިސްމު ވިއްކާ ތަންތަން އެތާ ބޯކޮށް ހުރެ އެވެ. އަހަރެމެން ގެއާ އިންވެގެން ވެސް ޑިސްކޯއެއް ހުރެ އެވެ. ދުވަހަކުވެސް ނުދަމެވެ. ކޮންމެ ދުވަހެއްގެ 5 ނަމާދު ބަރާބަރަށް ކުރެވޭތޯ އަހަރެން ބަލަމެވެ. ރޯދަ ހިފަމެވެ. ބުރުގާ އެއް ނާޅަމެވެ. އަހަރެންގެ ކަރުދަށް ތީނަ އަށް ދައްކާށެވެ. ތީނަ ބުނީމެން ނޫން ހެއްޔެވެ؟ ތީނައަށް އެންމެ ރީތީ އަހަރެން ކަރުދަށެވެ. އަހަރެން އެހީމެވެ. ކީއްވެ ހެއްޔެވެ؟ ތީނަ ބުނީ ހީވަނީ އިއްސެއްގެ ބަނޑު ދަށް ހެންނެވެ. އަހަރެން ވިސްނީމެވެ. އެހެން މީހުން ކިޔަނީ އިހިކަނދުރާ އެވެ. އިހި ބަނޑު ކަނދުރާ ކީ ކީއްވެ ތޯއެވެ؟ އަހަންނަށް އޮޅުނީ އެވެ. އިހި ބަނޑު ކަނދުރާއެއް ނޫނެވެ. އަހަރެން ބުނީ މެވެ. ތަފްޞީލްކޮށްދޭށެވެ. އަހަންނަކީ އިއްސެއް ފެނުނު މީހެއް ނޫނެވެ. ތީނައަކީ ކުޑައިރުވެސް އަދި މިހާރު ވެސް ފީނާ މީހެކެވެ. އަހަންނަށް ވިސްނުނެވެ. ކަނދުރާއަކީ ކަރުގެ ބުރަކަށްޓެވެ. ކަރަކީ ބަނޑު ދަށެވެ. ބުރުގާވެސް ފަހުން އަޅާނަމެވެ. ގަޔަށް ބާރު ހެނދުން އަޅަނީ ވަނާތައް ދައްކާކަށް ނޫނެވެ. ތީނައަށް ކަމުދާނެތީ އެވެ. ދޫހެނދުން ވެސް ފަހުން ލާނަމެވެ. ދެނެއް ތީނަ އެއް ނުކިޔާނަމެވެ. އެހެން ކީމާ ތީނަ ވަރަށް ފޫހިވާކަން އެނގެ އެވެ. ކިޔާނީ ރެޑޭ އެވެ. ނަމަވެސް ވަރަށް އުނދަގުލެވެ. (ނުނިމޭ)

ފަރުވާގެ ސިޓީ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެއްވެސް އަމާޒެއްނެތް.....

– 12 މާރިޗު 2014 0