ފަރުވާގެ ސިޓީ – ފަހު ބައި

ސިޓީ ނަގައި އަލަމާރި ތަޅުނުލައި އެނދުގައި ހަމަޖެހިލީ މެވެ. ހެދުން ބަދަލު ކޮށްގެން ނެވެ. ނިދާ ހެދުމަށެވެ. މިދަންވަރުވެސް އަހަރެން މިއުޅެނީ އަލީގައެވެ. އަލިގަދަކަމުން ބޮކިދިއްލީމެވެ. ހޮޅުބުރި ނިއްވާލާފައެވެ. ބޮކިއަލީގައި ހީވަނީ ފުޅިބައްތި ދިއްލާފައި ހުރިހެންނެވެ. ފުޅިބައްތީގެ ހަނދާންތައް އަދި ނެތޭހާ ދުވަހެއް ނުވެއެވެ. ރަސްމީގޮތެއްގައި ރަށަށް ކަރަންޓް ލިބެން ފެށީ 2007 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.

މަޑުމަޑުން ރެޑޭގެ ސިޓީ އަހަރެން ކިޔަން ފެށީމެވެ. ސިޓީ ފަށާފައިވަނީ ކުރިން ބުނި ލަވައިގެ ފުރަތަމަ ކަޑިންނެވެ. ނަމަވެސް އެންމެ ފުރަތަމަވެސް ސިޓީގައި އޮތީ ރެޑޭ މާލޭގައި ހުންނަ އެޑްރެސްކަން ޔަގީނެވެ. އެއަށް ފަހު "ލޯބިވާ ނަޒޫ އަށް" މިހެން އޮތެވެ. ރެޑޭ އަހަރެން ދެކެ ލޯބިވާކަން ފާޅު ކުރި ފުރަތަމަ ފަހަރެވެ. އެއްމަހާއި 15 ވަރަކަށް ދުވަސް ވީއިރު ވެސް އެހާ ގާތްކޮށް އުޅުނު އިރުވެސް އެހެން ނުބުނެ އެވެ.

"އޭ ލޯބިވެރިޔާ އެވެ! ކަލާޔާ ދުރުގައި އެކަނި މިހެން ހުރެ ކިޔެވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަހަރެން މިހިރީ ކަލާގެ އިންތިޒާރުގަ އެވެ. ދިރިއުޅޭނެގޮތެއް ނޭނގެ އެވެ. ކަލާޔާ ނުލަ އެވެ. އަހަރެންގެ ހަނދާންތަކުގައި ވަނީ ކަލާ އެވެ. އަދި އަހަރެންގެ ހުވަފެންތަކުގައި ވަނީވެސް ކަލާ އެވެ. ކަލާ މަތިން އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެވެ. ކަލާވެސް އަހަރެންގެ މަތިން ހަނދާނެއް ނުނެތޭނެކަން ޔަގީނެވެ. ކަލާ ބޮޑުވީ އަހަރެންގެ ލޮލުގެ ކުރިމަތީގަ އެވެ. އަހަރެންގެ ބޮލުގެ ކުލަ ހުދުވެ، ކޮލުގެ މަސްތައް އެލުނަކަސް އަހަރެން ބަދަލެއްނުވާނެ އެވެ. އަހަރެންގެ ލޭގެ ކުލަ ރަތްހާ ހިނދަކު އެވެ."

ރެޑޭ އެއްވެސް އިޝާރާތަކާ ނުލައި ކުއްލިއަކަށް މީހަކާއިނީ ކީއްވެބާ އެވެ. ޔަގީނެވެ. އޭނާ އަށް މަޖުބޫރުވީ އެވެ. މިހާރު ރެޑޭގެ ބޯވެސް ހުދުވަނީ އެވެ. އަދިވެސް މޫނު ވަރަށް ސާދާ އެވެ.

"ކަލާގެ ގެއަށް އަހަރެން ދިޔައީ ޗުއްޓީ ފޫހިކަމުންނެވެ. ހީސަމާކޮށްލުމަށެވެ. އެކަމަކު އަހަރެންގެ ހިތަށް ކަލާގެ ޚިޔާލުތައް އައިސް ނުނިދޭ ރޭތައް ގިނަވި އެވެ. ކަލާ ބޮޑުވިފަހުންނެވެ. ދަންވަރު ވެސް ތިގެއަށް ދެވެނީ އެހެންވެ އެވެ. އަހަރެން މިހުންނަނީ ލޯބީގެ މޮޔައިން ސަލާމަތް ނުވެވިފަ އެވެ. މިހިތުގެ އެންމެ ހާއްޞަ ފަރާތަށް ކަލާ ވީ ފަހުންނެވެ. މޮޔަވުމަކީ މުޅިރަށުގައި ދުވުމެއް ނޫނެވެ. ކިޔެވުން ހުއްޓާލާފައި ރަށަށް ދިއުމެއް ނޫނެވެ. އަދި ބޯގޯސް ވާހަކަ ދައްކައި މޮޔަގޮވުމެއް ވެސް ނޫނެވެ. އަހަރެން މޮޔަވަނީ އެއްވެސް މީހެއްގެ އުނދަގުލެއްނެތި، ކަލާ ނުފެންނަ ވަގުތުކޮޅެއް ލިބޭއިރު އެވެ. އެވަގުތު ކޮޅު ކަލާގެ ސޫރަ އަހަރެންގެ ކުރިމަތީގައި ހިނިތުންވެ އެވެ. އަހަރެން މޮޔަކުރީ ހަގީގަތުގައި ކަލާގެ ހިނިތުންވުމެވެ. ކަލާގެ ތުންފަތެވެ. ކަލާގެ ހުދުދަތްތަކެވެ."

"އޭ ލޯބިވެރިޔާ އެވެ! އަހަރެން އުއްމީދުތައް އަހަރަން ވަށައިގެން އެބައުދުހެޔެވެ. ކުލަކުލައިގެ ކޮކާތަކެއް ހެން އަހަރެން ވަށައިގެންނެވެ. ކޮންމެ އުއްމީދެއް ވަނީ ތަފާތު ކުލައެއްގައިހެން އަހަންނަށް ސިފަވެ އެވެ. އެ އުއްމީދުތަކުގެ މިސްރާބު ކަލާއަށް އެނގޭނަމަ، ޗުއްޓީއަކީ ނިމުމެއް ނުވާ ކަމެއްކަމުގައި ކަލާ ދެކޭނެވެ އެވެ. އަހަންނަށް ކޮންމެ ރެއަކު ކަލާއާ ބައްދަލުކުރުމުގެ ނަސީބު ލިބެ އެވެ. ނަމަވެސް އަހަރެންގެ ހުވަފެންތަކުގަ އެވެ. ހޭލެވުމާއިއެކު އަހަރެންގެ ދުނިޔެ ވަނީ މިހާރު ފަޅުވެފަ އެވެ."

އަހަންނަށް ހޭލެވުނުއިރު 6 ޖަހަނީ އެވެ. އަވަސް އަވަހަށް ކުޑަދޮރުގެ ފޮތިގަނޑު ކަހާލީމެވެ. ކުޑަދޮރުހުޅުވާލީމެވެ. ފަތިހުގެ ފިނިވައި ކޮޓަރިތެރެއަށް ދެމިގަތެވެ. ކޮރިޑޯގައި ހުރިގަސްތަކުގެ ފަތްތައް ވަނީ ޝަބްނަމުގެ ތިކިތަކުން ތެމިފަ އެވެ. ފަތިހުގެ ފިނިވަޔާއެކު ރެޑޭ އެދަނީ އޮފީހަށެވެ. އަހަރެންގެ ކޮޓަރިއާ ހަމަކޮށް، ބަލައިލި އެވެ. އަހަންނާ ދިމާއަށެވެ. އަހަންނަށް ވެސް ބަލާލެވުނެވެ. ދެމީހުންގެ ކަތި ނަޒަރު ސީދާވީ އެކުއެކީގަ އެވެ. ނަމަވެސް ރެޑޭގެ ކަތިނަޒަރުން އަހަރެންގެ ހިތް ޒަޚަމްވިކަން ރެޑޭއަށް އެނގޭނަމަ، އޭނާ ނުދާނެކަން ޔަގީންނެވެ. އެހާ އަވަހަށް ނަޒަރު އެހެންދިމާއަކަށް ފޯކަހެއް ނުކުރާނެ އެވެ. އަހަންނަށް ބަލާލެވުނެވެ. އަހަރެންގެ މަޑުތުނި ފިތާތޮށިކުލައިގެ ނިދާހެދުމަށެވެ. އަވަހަށް ކުޑަދޮރު ލެއްޕީމެވެ. އެހެން މީހަކަށް ފެނިދާނެތީ އެވެ. ނަމަވެސް ރެޑޭ އޮފީހަށް ދާތަން ބަލަން ހުރީމެވެ. ކުޑަދޮރުގެ ބިއްލޫރީގެ ތެރެއިންނެވެ. (ނިމުނީ)

ފަރުވާގެ ސިޓީ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ