ފެނަކައިން ދެމުންދިޔަ ކުނި އުކާދިނުމުގެ ޚިދުމަތް މެދުކަނޑާލައިފި — Ihavandhoo.com

ފެނަކައިން ދެމުންދިޔަ ކުނި އުކާދިނުމުގެ ޚިދުމަތް މެދުކަނޑާލައިފި

22 ސެޕްޓެމްބަރު 2019 0

ފެނަކަ އިހަވަންދޫ ބުރާންޗުން ދެމުންދިޔަ ކުނި އުކާދިނުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ އެބުރާންޗުން ފޯރުކޮށްދެމުންދާ ކުނިއުކާދިނުމުގެ ޚިދުމަތުގެ ތެރެއިން މިވަގުތައް އުކާދެމުންދާނީ ކުނިވާޒާތުގެ ކުނިއެކަނި ކަމަށެވެ.

ފެނަކައިން ބުނެފައި ވަނީ އެހެނިހެން ކުނިތައް އުކާލުމުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ ކުނިއަޅާނެ އެކަށޭނެ މާހައުލެއް މިވަގުތައް ފަހިވެފައި ނެތުމުގެ ސަބަބުން ކަމަށެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މުޙައްމަދު ސަމީރު މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ފެނަކަ އިހަވަންދޫ ބުރާންޗުގެ ފަރާތުން ދެމުންދާ ކުނިއުކާދިނުމުގެ ޚިދުމަތް އިހަވަންދޫގެ 300 އަށްވުރެ ގިނަ ގޭތަކުން ބޭނުންކުރައްވާ ކަމަށެވެ.

ކުނިއަޅާނެ މާހައުލެއް ފަހިވިހާ އަވަހަކަށް މެދުކެނޑިފައިވާ ޚިދުމަތް އަލުން ފަށާނެ ކަމަށް ފެނަކައިން ބުނެފައިވާއިރު، އިހަވަންދޫ ކުނިގޮނޑުގައި ކުނި ނައްތާނުލެވި، ކުނިގޮނޑު ވަނީ ފުރިފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިމަހުގެ 19 ވަނަ ދުވަހު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިހަވަންދޫގެ ކުނިގޮނޑަށް މިހާރު އޮތް ހާލަތް މެދުވެރިވެފައި ވަނީ ކުނިގޮނޑުގެ މަސައްކަތަށް ކައުންސިލުން ނަގާފައިވާ މުވައްޒަފު، އޭނާގެ ވަޒީފާ ދޫކޮށްލުމުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ ކަމަށެވެ. އަދި މިހަފުތާގެ ތެރޭގައި މުވައްޒަފަކު ނެގޭނެ ކަމަށް ލަފާކުރެވޭކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ