ފިރާޒުގެ ފެންތަށި: ވަޅުގަނޑު! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ފިރާޒުގެ ފެންތަށި: ވަޅުގަނޑު!

13 ޖެނުއަރީ 2017 4

ބޮޑު ވަށްބުރެއްފަދަ އިރެއް އޮށްސެމުންދާއިރު، 12 ސީޓު ކުޑަ ލޯންޗު އިހަވަންދޫގެ ޒަމާނީ ބަނދަރާއި ކައިރިކޮށްލިއިރު، އަޅުގަނޑުވެސް އެ ލޯންޗުގައި އިނީމެވެ. ތަރައްޤީގެ ކުލަވަރުތައް ބަނދަރުމަތިން ފެންނަށް ހުރުމުން، ހިތަށް ގެނުވި އުފާވެރި އިޙްޞާޞްތައް ބަޔާންކޮށްދޭނެ ހިތްވަރު ލިބުނެވެ. ރަށު ރައްޔިތުންގެ ދިރިއުޅުން ފަސޭހަވެގެންދާ މަންޒަރު ފެނުމީ ހިތް ފިނި ކޮށްލަދިން ކަމެކެވެ. ފިނިން ތެތްވެފައިވާ ބިމުގައި ވޭވު ސައިކަލްއެއްގައި މަންމަ އަށް މާލެއިން ގެނައި ކުޑަ ދަނޑިއަލުވި ކޮތަޅާއި އެކު ބާރުބާރަށް ދުއްވާލީ، ގެއިން އަވަހަށް މީރު ކެއުމެއް ކާލައި އަރާމުކޮށްލުމުގެ މަޤްޞަދު ގައެވެ. ނަމަވެސް، ގެޔަށް ދިޔުމަށްހޭދަވި ކުޑަ މި ވަގުތު ކޮޅު ވެގެން ދިޔައީ، ވޭން އެޅި ވަގުތުކޮޅަކަށެވެ.

އަތޮޅުގެ އެހެން ރަށްތަކާއި ޙިލާފަށް  މި އިހަވަންދޫގައި މަގުތައް ރޭވުންތެރިކަމުގެ ޙިޔާލުން ފުޅާވެ، ފުރިހަމަ އެވެ. ހިނގައިބިގައި އުޅުމަށާއި، ދުއްވާ އެއްޗެތި ބޭނުން ކުރުމަށް މަގުތައް ތަނަވަހެވެ. ނަމަވެސް، އެންމެ ރައްޔިތުންނާއި ، ހުރިހާ ދުއްވާ އެއްޗެތި ބޭނުން ކުރާ މި މަގުތަކުގެ ޗާލުކަމާއި ހައިބަތު ގެއްލުވާލީ، މަގުތަކުގައިވާ ވަޅުގަނޑު ތަކެވެ. އަޑިތަކާއި ހަމަ ނޫން ބިމުގެ ފަސްގަޑެވެ. މިއީ ކޮންމެވެސް ބަޔަކުގެ އިހުމާލު ކަމާމެދު ޝައްކެތް ނެތެވެ. އަޅުގަނޑު ކުރިން އިޝާރާތް ކުރި ވޭނުގެ އަޞްލަކީވެސް ހަމަ މިއީއެވެ. މި ވަޅުގަޑުތަކުން މައިބަދައަށް ކުރާ އަސަރު ބުނެދޭން ބޭނުންވެއެވެ. ދުއްވާތަކެތީގެ ޝޮކުތަކަށް ކުރާނެ އަސަރުވެސް ބުނެދޭން ބޭނުން ވެއެވެ. އެހެން ހިސާބުތަކުގައި ދުވެލިމަތަ ހުންނަނީ ބިމުގެ މަތީގައި ފަރުމާކޮށްފައެވެ. ނަމަވެސް، މި ވަޅުގަޑުތަކާއި އަޑިގުޑަންތައް ދުވެލި މަތައަކަށް ފުދެއެވެ. ދުވާރުންނާއި ހިގާރުން، މި އަޑިތަކަށް މަޑު ޖެހެއެވެ. ނަރުދަމާލުމަށް ކޮނުނު ކޮނުން މިއަދު ވެފައިވަނީ ރައްޔިތުންނަށް ބޮޑު ނުހޮރުއްޕާނަކަށެވެ. މިފަދަ ކަންތައް މެދުވެރިވަނީ ރައްޔިތުން ހޮވި 7 ބޭކަލުން ހިމެނޭ ކައުންސިލުން ރައްޔިތުންގެ ފަސޭހައަށް މަސައްކަތް ނުކުރާތީއެވެ.

ހަރު، ހަމަ ބިމެއްގައި އިންސާނާ އަށް ހިނގާލަން ލިބުމީ، ލިބޭނެ ހިތްހަމަ ޖެހުމެކެވެ. މި ފަދަބިމެއްގައި ދުއްވާ ދުއްވާތަކެތި ގިނަދުވަހު ހަލާކުނުވެ ހުންނާނެއެވެ. މި ފަދަ މަގުތަކުން ރަށުގެ ރީތިކަމާއި ޗާލުކަން މެހުމާނުންނަށްވެސް ބުނެދޭނެއެވެ. މަގުތައްހެދުމާއި ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ރަށު ކައުންސިލް ތަކަށެވެ. އެހެން ކަމުން، މި ފަދަ އަޑިގުޑަން ތަކުން، އިހަވަންދޫ ކައުންސިލްގެ އިހުމާލު ރައްޔިތުންނަށް ބުނެދެއެވެ. ފެންނަ ފެނުމަށް ބަލާއިރު، ރޭވުންތެރިކަމާއި އެކު، މަގުތައް ހަދައި ޒީނަންތެރިކުރުމުގެ މަސައްކަތްކުރުމަށް ކައުންސިލުން އެންމެ އެދެވޭ ހަލުއި މަސައްކަތްތަކެއް ކުރިކަމަށް އަހުރެން ނުދެނެހުރީމެވެ.

އެހެން ކަމުން، މިކަމަށް އޮތް ހައްލަކީ ކޮބައިތޯއެވެ؟ އެންމެ އަވަސް ހައްލަކީ، މަގުތައް ކޮންޓްރެކްޓު އުޞޫލުން ، ހެދުން ކަމުގައި ބަލަމާހިގާށެވެ. އެކަންކުރާނީ، އެކަމަށް ޝައުޤުވެރިވާ ފަރާތަކާއި ޙަވާލުކޮށްގެންނެވެ. މިގޮތަށް މަހަކު އެއްފަހަރު، ބިމުގެ ވެލިގަޑު އެއްވަރު ކޮށްލައި، ބިން ތެޅިން، ބިން ހަރުކޮށްލުމުން، މިހާރަށްވުރެން މަގުތައް ރަނގަޅަށް ބެލެހެއްޓޭނެއެވެ. އަދި މިއީ މިލިއަނުން ފައިސާގެ ބޮޑެތި ޢަދަދަތައް ހިނގާނެ ޚަރަދެއްވެސް ނޫނެވެ. ދުރަށް ވިސްނާ، ދެވަނަ ގޮތެއްވެސް އެބަ ހުށަހަޅަމެވެ. ކުޑަ ހައިޑްރޯލިކް މެޝިނެއް (ހައިމާކު)  ކައުންސިލަށް ހޯދުމެވެ. މިއިން މެޝިނެއް އެއްމިލިއަން ރުފިޔާއަށްވުރެން އަގު ހެޔޮވާނެއެވެ. ދަޢުލަތުގެ އެހީއަކާއި އަދި ރައްޔިތުންގެ ބަޖެޓާއި ކައުންސިލްގެ އާންމުދަނީ އެއްކޮށްލުމުން، މިފަދަ ޕޮރޮޖެކްޓަކަށް ބޭނުންވާނެ ރައުސްމާލު ލިބުނީއެވެ. އަދި އިތުރު ވަޒީފާގެ ފުރުޞަތުތައްވެސް ރަށުގައި ހުޅުވޭނެއެވެ. މަގުތަކުގައި ތާރު އެޅުމާއި ގައު ޖެހުން އަދި އެއީ މާދުރު ކަމެކެވެ.

މަގުތަކުގައިވާ "ވަޅުގަނޑުތަކުން" ލިބޭ ހިތްދަތިކަން މިއަދު ޢާންމުވި ނަމަވެސް، އެއީ ދުނިޔަވީ ތަކުލީފަކަށް ނުހަދަމާ ހިނގާށެވެ. ޒިންމާދާރުކަމެއްނެތިވާ ޒިންމާދާރުވެރިންނާއި، ރަށުވެރިންނަށް މިފަދަ ޒިންމާތައް އުފުލަން ބޭނުންކަމުގައިނުވަނީނަމަ، އިސްތިއުފާ ދިނުން، އެއީ އަދިވެސް އޮތްގޮތެއް ކަމުގައި ބުނެލަމެވެ. އަދި އިތުރަށް މިފަދަ މަޤާމުތަކަށް ބޯނުބޭނުމަށްވެސް ހަނދުމަ ކޮށްދެމެވެ.  ދައްކާމޮޅު ވާހަކައަކުން ލިބޭނެ މޮޅެއް ނެތެވެ. އެކަމަކު، ކުރާ މޮޅު ކަމަކުން، ރައްޔިތުން އެމީހަކު ބަލައިގަތުން ކައިރިއެވެ.

ފެންތަށި, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޒަމާނީ ބަނދަރޭ؟ މިތަނަށް އަރާފައިބަން އެހާދަތި ދިޔަވަރު ހުންނަ ގޮތަކުން އެފަސޭހަ ލިބޭނި ދޯންޏެއް ކައިރި ކުރަން އެހާ އުނދަގޫ މަކުނުވާ ފުރާފަ އޮންނަހެން މުޅި ފަޅުގަ ހުސްވާ.. ދެން ކިހިނެއްތޯ މިރަށުގެ މަގުތައް އަތޮޅުގެ އެހެން ރަށްތަކަށް ވުރެއް ރީތިވެފަ ފުޅަލޭ ތިޔަ ބުނީ އެއޮތް ކުޑަ ކުޑަ އުތީމުގެ މަގުތައް ވެސް މާ ހިތްފަސޭފަވެފަ ފުޅާ އަދި ކޮބާ ދިއްދުއާ މިތާ ކައިރީގަ މިއޮތް ހުވަރަފުށީގެ މަގުތަކާ އަޅާ ކިޔެންވެސް ނެތް ބޮޑު މަގުގެ ފުޅާ މިނުގަ ކިރިޔާ ވިހިފޫޓް ހަމަވަނީ މި ބުނި ރަށްރަށުގެ ބޮޑު މަގިގަ ހުންނާނެ 35 އާއި 40 ފޫޓާ ދެމެދުގެ ފުޅާމިން... ހަމަ އެއްޗަކަށް އެއްޗެއް ލިޔެލަނީ... މިބުނީ ކައުންސިލްގެ ޒިންމާ އަދާކުރެއެކޭ ނޫން އެއީ ހަމަ ފެއިލިޔަރުންތަކެއް

– 13 ޖެނުއަރީ 2017 0

ހޫން ވަރަށް މޮޅު ވާހަކައެއް ތި ބުނީ.... އަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުތައް ބަލާފަ އައިސްސަ އަޅާ ކިޔާބަލަ... އެ ރަށް ރަށުގެ ފަޅުތެރޭގަ ދޯންޏެއް އަޅަން މާ ބޮޑު ތަކުލީފެއް އުފުލާކަށްވެސް ނުޖެހެ... ހުރިހާ ކަމެއް ވަރިހަމަކޮށް މޮޅުކޮށްގެން ތިބޭތީ ބޮއްސުންލައިގެން މިދަނީ.. މި ސަރަހަށްދުގަ ވެސް ނޯންނާނެ މިހާ އިޤތިސާދު ރަނގަޅުރަށެއް އެކަމު އެތަނެއް ނުފެނޭ ހަޤީޤަތުގަ

– 13 ޖެނުއަރީ 2017 0

މިހާރު މި ނޫހުންވެސް ކޮމެންޓްތައް ޝާއިޢުކުރަން ހާދަ ފަސްޖެއެހޭ... ކުރިން ދުވަހަކުވެސް އަމަލުކުރި ގޮތެއް ނޫން... މަގޭ ކުރިން ކުރި ކޮމެންޓެއް ވެސް ނެތް... ތިހެން ނުހަދާ ހަޑި ހުތުރު ނުވަތަ ދީނާ ހިލާފުކަމެއް ނެތް ހަމަނުޖެހުމަށް ގޮވާ ނުލަންޏާ ކޮންމެ ކޮމެންޓެއްވެސް ޖަހަންވީ އެއީ ދޯ ޒިންމާދާރު ގަޓުހުރި ނޫސްވެރިކަމަކީ

– 14 ޖެނުއަރީ 2017 0

އަބުރުގެ ގާނޫނާހެދި ކޮމެންޓު ޖަހާދޭންވެސް ނުކެރެނީތަ؟ ތިހާ ފިނޑިވެގެން ނޫސްވެރިކަމެއް ނުކުރެވޭނެ އެނގޭ․․

– 14 ޖެނުއަރީ 2017 0