ފުރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް 34 ޖަމިއްޔާއަކުން ގޮވާލައިފި

29 އޮކްޓޫބަރު 2020 0

އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ އަށް ފަރަންސޭސިވިލާތުން ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް 34 މަދަނީ ޖަމްޢިއްޔާއަކުން ގޮވާލައިފި އެވެ.

މަދަނީ ޖަމްޢިއްޔާތަކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުންކަމަށާއި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިނޑި ހުތުރު ޢަމަލެއް ކަމަށެވެ.

ދީނާއި ދަޢުލަތް ވަކިކޮށް، ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ވަނީ މިދާކަށް ދުވަހު އަނެއްކާވެސް ކައުއިތުރު ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފަ ވާކަން ފާހަގަކޮށް، މަދަނީ ޖަމިއްޔާ ތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ މިކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް ޖަމިއްޔާތަކުން ވަނީ ދިވެހި ލޮބުވެތި މުޥާޠިނުންނަށް ހަދުމަކޮށްދީފައެވެ.

ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހޭކަމަށާއި އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައި ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

މުސްލިމުން އެދީނެއްގެ މަތީގައި ތިބޭ އިސްލާމްދީނުގައި އެންމެ ފަރުދަކު ދުނިޔޭގައި ހުއްޓަސް، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ފޮނުއްވި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަށް ކާފަރުންނަށް ފުރުޞަތު ނުދިނުމަށް މި ބަޔާނުގައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވަނީ ގޮވާލާފަ އެވެ. އަދި ކޮންމެ މުސްލިމަކީ އެކަލޭގެފާނުގެ ލަޝްކަރުގެ ސްޕާ ހީރޯއެއްކަން ކަށަވަރުކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ