އަޅަމެންނީ ފުރިހަމައަށް ރަމަޟާންމަސް އިޙްޔާކުރާ ބައެއްގެގޮތުގައި ލައްވަވާށި! — Ihavandhoo.com

އަޅަމެންނީ ފުރިހަމައަށް ރަމަޟާންމަސް އިޙްޔާކުރާ ބައެއްގެގޮތުގައި ލައްވަވާށި!

8 ޖުލައި 2014 0

ރަމްޟާންމަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެކެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރޭދުވާ ގުނަމުންދެއެވެ. އަދި މިމަހަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ އިންތިޒާރުގައި ތިބެއެވެއެވެ. ސަބަބަކީ މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދާތީއެވެ. މިއީ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށްވާތީއެވެ.

އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ސަމާލުވަންވީ ރަމަޟާންމަސް ދިރުވައި އިޚްޔާ ކުރުމަށެވެ. ރަމަޟާންމަސް އިޙްޔާކޮށް ދިރވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ޤުރްއާން ކިޔެވުމުގެ އިތުރުން ޤުރްއާން ކިޔަވާ އަޑުއެހުމާއި ނަމާދު ޤާއިމު ކުރުމާއި ސުންނަތް ނަމާދުތައް ގިނަގިނައިން ކުރުމާއި ތިމާގެކަމުގެ ގުޅުން ބަދަހިކުރުން އަދި ދުޢާކުރުމާއި އިޢުތިކާފަށް އިނުންން ހިމެނެއެވެ.

ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ދެއްވާނެކަމަށް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ.

إِنَّ هَذَا الْقُرْآنَ هُوَ حَبْلُ اللَّهِ وَالنُّورُ الْمُبِينُ وَالشِّفَاءُ النَّافِعُ ، عِصْمَةُ مَنْ تَمَسَّكَ بِهِ ، وَنَجَاةُ مَنْ تَبِعَهُ لاَ يَعْوَجُّ فَيُقَوَّمُ، وَلا يَزِيغُ فَيُسْتَعْتَبُ وَلا تَنْقَضِي عَجَائِبُهُ وَلا يَخْلَقُ مِنْ كَثْرَةِ الرَّدِّ فَاتْلُوهُ، فَإِنَّ اللَّهَ عَزَّ وَجَلَّ يَأْجُرُكُمْ عِيَّ تِلاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ أَمَا إِنِّي لاَ أَقُولُ (الم) وَلَكِنْ أَلِفٌ وَلامٌ وَمِيمٌ ثَلاثُونَ حَسَنَةً (رواه البيهقىوالدامى)

މާނައީ: "ހަމަކަށަވަރުން މި ޤުރްއާނަކީ ﷲގެ މަގެވެ. އެއީ ﷲ ގެ ބަޔާންވެގެންވާ ނޫރުފުޅެވެ. އެއީ ﷲގެ ލާބަހުރި ޝިފާއެވެ. އޭގައި ހިފަހައްޓައިފި މީހާ އަށް ރައްކައުތެރިކަން ހުށްޓެވެ. އެއަށް ތަބާވިމީހާއަށް ސަލާމަތްކަން ހުށްޓެވެ. އޭގައި ހިފިހެއްޓިމީހާ ގޯޅިއަޅައިގެން ނުދާނެތެވެ. އަދިކިއެއްތަ! ތެދުމަގު ހިފޭނެތެވެ. އޭގެ ޢަޖައިބު މެދުކެނޑިގެންނުވާނެތެވެ. އެ ގިނައިން ކިޔެވުމަކުން ފޫހިވުމެއް ނެތެވެ. ފަހެ ތިޔަބައިމީހުން އެ ފޮތް ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން އެ ފޮތް ކިޔެވުމުގައި ތިޔަބައިމީހުން އުފުލާ ބުރައަށް ﷲ އުޖުރަދެއްވާނެތެވެ. އޭގެ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމެވެ. ފަހެ ދަންނާށެވެ! ތިމަންކަލޭގެފާނު (الم) އަކީ އެންމެ އަކުރެކޭ ވިދާޅެއް ނުވާނަމެވެ. އެކަމަކު (އަލިފު) އަކީ އަކުރެކެވެ. (ލާމު) އަކީ އަކުރެކެވެ. އަދި (މީމު) އަކީ އަކުރެކެވެ. އެއީ ތިރީސް ހެޔޮކަމެވެ."

އެހެންކަމުން މިމައްސަރު ޤުރްއާން ކިޔެވުމުން ލިބޭ ސަވާބު އެހެން މައްސަރުތަކަށްވުރެ އިތުރުވެގެން ދެއެވެ.

عن سلمان الفارسى رضى الله عنه قَالَ خَطَبَنَا رَسُوْلُ اللَّهِ صلى الله عليه وسلم فِى آخِرٍ يَوْمٍ مِنْ شَعْبَانَ فَقَالَ: يَاأَيُّهَا النَّاسُ قَدْ أَظَلَّكُمْ شَهْرٌ عَظِيْمٌ شَهْرٌ مُبَارَكٌ شَهْرٌ فِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ جَعَلَ اللَّهُ صِيَامَهُ فَرِيْضَةً وَ قِيَامَ لَيْلِهِ تَطَوُّعًا مَنْ تَقَرَّبَ فِيْهِ بِخَصْلَةٍ مِنَ الخَيْرِ كَانَ كَمَنْ أَدَّى فَرِيْضَةً فِيْمَا سِوَاهُ وَمَنْ أَدَّى فَرِيْضَةً فِيْهِ كَانَ كَمَنْ أَدَّى سَبْعِيْنَ فَرِيْضَةً فِيْمَا سِوَاهُ وَهُوَ صَبْرُ الشَهْرِ وَ الصَبْرُ ثَوَابُهُ الجَنَّةُ وَ شَهْرُ المُوَاسَاةِ (شعب الإيمان للبيهقى)

سلمان الفارسى رضى الله عنه އަރިއަހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޝަޢުބާން މަހުގެ ފަހު ދުވަހުގައި رَسُوْلُ اللَّهِ صلى الله عليه وسلم ޚުޠުބާއެއް ދެއްވިއެވެ. ޙަދީޘްކުރެއް ވިއެވެ. އޭމީސްތަކުންނޭވެ! މަތިވެރި، ބަރަކާތްތެރި މަހެއް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. މިމަހުގައި އެއްހާސް މަހަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ރެއެއް ވެއެވެ. މިމަހުގެ ރޯދަ ﷲ سبحانه و تعالى ފަރުޟު ކުރެއްވިއެވެ. މިމަހުގެ ރޭތަކުގެ ޤިޔާމުކުރުން އަޅުކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. ﷲ سبحانه و تعالىގެ ތަޤައްރުބު ހާސިލުކުރުމަށް މީހަކު ސުންނަތް އަޅުކަމެއް ކޮށްފިއްޔާ އެހެން ދުވަސްތަކުގައި އަދާކުރެވޭ ފަރުޟަކާ އެއްވަރަށް ދަރުމަ ދެއްވައެވެ. ފަރުޟެއް އަދާކޮށްފިއްޔާ އެހެން ދުވަސް ތަކުގައި އަދާކުރެވޭ 70 ފަރުޟާއި އެއްވަރަށް ދަރުމަ ދެއްވައެވެ. މިއީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ބަދަލަކީ ސުވަރުގެއެވެ. މިއީ އޯގާތެރިވުމާއި އެހީތެރިވުމުގެ މައްސަރެވެ.”

އިއުތިކާފަށް އިނުމަކީވެސް ރަމަޟާން މަސް ދިރުވާ އިޙްޔާ ކިރުމުގެ ގޮތުން ކުރުން ރަނގަޅު ދަރުމައާ ޘަވާބުގިނަ އަޅުކަމެކެވެ. ރަމަޟާންމަހުގެ ފަހު ދިހާގައި މާތް ނަބިއްޔު صلى الله عليه و سلم އިޢުތިކާފު ކުރެއްވިކަމަށް ވާރިދުވެފައި ވެއެވެ. އަދި އެކަލޭގެފާނުގެ ސުވަރުގެ ވަޑައިގަތުމުގެ ކުރީ ރަމަޟާން މަހު 20 ދުވަހު އިޢުތިކާފަށް އިންނެވިކަމަށް ވެއެވެ. އެހެންކަމުން މިކަމަކީ މާތް ނަބިއްޔާ صلى الله عليه و سلم ގެ ސުއްނަތްތަކުން ސުއްނަތެކެވެ. އެކަމަކީ ވަރަށް ގިނަ ސަވާބު ލިބޭކަމެކެވެ. އިޢުތިކާފަށް އިނުމަކީ މީހާގެ އީމާންކަން ވަރުގަދަވެ، ހިތަށް އަސަރު ކުރާކަމެކެވެ.

ﷲ ގެ މަގުގައި ހޭދަކުރުމަކީވެސް ރަމަޟާން މަހުގެ ދަރުމައާ ޘަވާބު ހޯދުމަށް އޮތް ރަނގަޅު މަގެކެވެ. މާތް ނަބިއްޔު صلى الله عليه و سلم އަކީ އަބަދުވެސް ދީލަތި ބޭކަލެއްކަން އެކަލޭގެ ފާނުގެ ސީރަތުން ސާބިތު ވެއެވެ. ރަމަޟާންމަސް އައުމުން އެކަލޭގެފާނުގެ ދީލަތިކަން އެހެން މައްސަރުތަކަށްވުރެ އެތައް ގުނައެއް އިތުރު ވެގެންވާކަން ޞަޙާބީންގެ ބަސްފުޅުތަކުން އެނގެއެވެ. ޢަބްދު ﷲ ބިން ޢައްބާސް ގެ ކިބައިން ރިވާގެން ވާގޮތުން ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އަކީ ރަމަޟާން މަހު އެންމެ ދީލަތި ސާހިބެވެ. އެމަހުގައި ޖިބްރީލްގެ ފާނު ވަޑައިގެން އެކަލޭގެފާނަށް ޤުރްއާން އުނގަންނަވައިދެއްވައެވެ. އެމަހުގައި، ފިނި ވައިރޯޅިއަކަށްވުރެވެސް އެކަލޭގެފާނުގެ ދީލަތިކަން ބޮޑެވެ.

ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (رواه مسلم والبيهقى والنسائى والترمذى والدارمى)

މާނައީ: "މާތްﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ސަވާބަށް އެދި ރަމަޟާންމަސް ދިރުވިމީހާގެ އިސްވެދިޔަހާ ފާފަތަކާއި  ކުރިއަށް އޮތްހައި ފާފަތައް ފުއްސަވާދެއްވާނެތެވެ."

ﷲ ތަބަރާކަވަތަޢަލާ އަޅަމެންނީ ފުރިހަމައަށް ރަމަޟާންމަސް ދިރުވާ އިޙްޔާކުރާ ބައެއްގޮތުގައި ލައްވަވާށި! އާމީން!

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ