ފުޓްސެލްގެ ގަދަ ބާރެއްގެ ގޮތުގައި އިހަވަންދޫ ޓީމު ކުރިއަށް — Ihavandhoo.com

ފުޓްސެލްގެ ގަދަ ބާރެއްގެ ގޮތުގައި އިހަވަންދޫ ޓީމު ކުރިއަށް

30 ސެޕްޓެމްބަރު 2019 0

ގޯލްޑެން ފުޓްސެލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގެ ޓީމުތަކަށް ހުޅުވާލި "ގޯލްޑެން ފުޓްސެލް ޗެލެންޖް 2019"ގެ ހއ އަތޮޅު ޗެމްޕިއަންކަން ހއ. އިހަވަންދޫގެ ޒުވާން ފުޓްސެލް ޓީމް ހޯދައިފިއެވެ.

ހުޅުމާލޭގެ ރެހެންދި ޓާފްގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗްގައި ވަށަފަރު ޓީމުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި ހއ ގުރޫޕުގެ އެއްވަނަ މަޤާމާއެކު އަތޮޅު ޗެމްޕިއަންކަން އިހަވަންދޫގެ ޓީމް ހޯދީ، ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗް ކާމިޔާބުކޮށްގެންނެވެ. ރޭގެ މެޗުން މޮޅުވެ އަތޮޅު ޗެމްޕިއަންކަން އިހަވަންދޫގެ ޓީމް ހޯދައިފައިވާއިރު، އަތޮޅު ބުރުން ހއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިބްރާހީމް ހާމިދު (ހާންދެ) އެވެ.

ހިންގުންތެރި މެނޭޖަރ މުހައްމަދު ޝިހާން (ޝިގީ)ގެ މެނޭޖަރކަމުގައި، އަރަމުން އަންނަ ކުޅަދާނަ ޑިފެންޑަރ މުހައްމަދު ފަޒީލް (އެމްއެފް)ގެ ކެޕްޓަންކަމުގެ ދަށުގައި އިހަވަންދޫ ޓީމް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ކޯޗެއްގެ ހައިސިއްޔަތުން ވަރުބަލިކަމެއް ނެތި ޓީމަށް އިރުޝާދު ދިނުމުގައި، ހަރަކާތްތެރިވަނީ އުއްމީދީ ކޯޗް އަހްމަދު ޢަލީ (ސޮނާލީ) އެވެ.

ހއ ގްރޫޕުން 2 ވަނައަށް ދިޔައީ މާރަންދޫގެ ޓީމެވެ. އިހަވަންދޫއާއި މާރަންދޫގެ އިތުރުން މި ގުރޫޕްގައި ދެން ވާދަކުރީ ވަށަފަރު، ތުރާކުނު އަދި ކެލާގެ ޓީމެކެވެ.

ކުރިއަށް އޮތް ޒޯން ބުރުގައި މެޗްތައް ކުރިއަށްދާ ގަޑީގައި، ޓީމަށް ސަޕޯޓްކުރުމަށްޓަކައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ރެހެންދި ޓާފަށް ހާޒިރުވެ، ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ޓީމްގެ މެނޭޖްމަންޓާއި އެންމެހާ ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެކެވެ.

ޒޯން ބުރަށް ޓީމް މިހާރު ތައްޔާރުވަމުން އަންނައިރު، މެނޭޖަރ ޝީގީ ބުނީ "ޓީމަށް ސަޕޯޓްކުރުމަށް އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝިފާއުގެ އިތުރުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި އިހަވަންދޫގެ ގިނަ އަދަދެއްގެ ޒުވާނުން ގުރޫޕް ސްޓޭޖް ފަހު މެޗްގައިވެސް ރެހެންދި ޓާފަށް އައުމަކީ އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް. އަޅުގަނޑުމެންގެ އެދުމަކީ އެރޫހްގައި އިހަވަންދޫގެ ސަޕޯޓަރުން ޒޯން ބުރުގައިވެސް ޓީމަށް ހިތްވަރު ދިނުމުގައި ތިބުން" ކަމަށެވެ.

ޒޯން ބުރުގެ ފުރަތަމަ މެޗްގައި އޮކްޓޯބަރ 1 ވަނަ ދުވަހު (އަންގާރަ ދުވަހުގެ ރޭ) އިހަވަންދޫގެ ޓީމް ނިކުންނާނީ މަކުނުދޫއާއި ދެކޮޅަށެވެ. ޒޯން ބުރުގެ ދެވަނަ މެޗްގައި އޮކްޓޯބަރ 7 ވަނަ ދުވަހު ދުވަހުގެ ރޭ އިހަވަންދޫގެ ޓީމް ނިކުންނާނީ ގޮއިދޫއާއި ދެކޮޅަށެވެ. އަދި ޒޯން ބުރުގެ ފަހު މެޗްގައި އޮކްޓޯބަރ 9 ވަނަ ދުވަހު ދުވަހުގެ ރޭ އިހަވަންދޫ ޓީމް ނިކުންނާނީ ނައިވާދޫއާއި ދެކޮޅަށެވެ. އިހަވަންދޫ ޓީމް ކުޅޭ ހުރިހާ މެޗެއްވެސް ފަށާނީ ރޭގަނޑު 8:15ގައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ