ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރުމަށް ޑައިނަމޯ އެއް ގެނެސްފި

6 އޮކްޓޫބަރު 2018 0

ފެނަކަ ކޯޕަރޭޝަނުން އިހަވަންދޫގައި ހިންގާ އިންޖީނުގޭގައި ބޭނުންކުރާ 600 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު އިންޖީނުގެ އަށް ޑައިނަމޯއެއް ގެނެސްފިއެވެ.

އިއްޔެ ރޭ ފަތިހު4:45 ހާއިރު، އިހަވަންދޫ އިންޖީނުގޭގެ 600 ކިލޯވޯޓުގެ ޖެނެރޭޓަރު ސެޓަށް ދިމާވި މައްސަލައާ ގުޅިގެން އިންޖީނުގެއިން ގެންދަނީ ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން ނެވެ. ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުގެ އެސިސްޓެންޓު މެނޭޖަރ އަލްފާޟިލް މުޙައްމަދު ސިރާޖު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިހަވަންދޫން ކަރަންޓު ކެނޑެން ދިމާވީ އިންޖީނުގޭގައި ބޭނުންކުރާ ނަންބަރު 2 ގެ ޖެނެރޭޓަރު ސެޓު ހިންގާފަ ހުއްޓާ އޭގެ ޑައިނަމޯގައި ރޯވެ ޖެނެރޭޓަރު ނިވުމުގެ ސަބަބުން ކަމަށެވެ. ޑައިނަމޯ ރަނގަޅު ނުކުރެވޭނެ ތީވެ ހއ. ދިއްދޫ އިން މިއަދު ޑައިނަމޯއެއް ގެނެސް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ އިންޖީނުގެއަށް ވައްދާފައި ކަމަށް ސިރާޖު ވިދާޅުވިއެވެ.

އިންޖީނުގެއިން މަސައްކަތް ކުރަމުން ދަނީ ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް، ރަށަށް ފުރިހަމައަށް ކަރަންޓު ދިނުންކަމަށް ފާހަގަ ކުރައްވާ، ސިރާޖު ވިދާޅުވީ، ދިއްދޫއިން މިއަދު ގެނަ ޑައިނަމޯ ދޮވެ، ހިއްކާ، އިންސްޓޯލް ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނެ ގަޑިއެއް ސީދާ ބުނަން ނޭގޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ޖަނަރޭޓަރަށް މައްސަލަ ދިމާވި ވަގުތުން ފެށިގެން، އިންޖީނު ގެއިން ގެންދަނީ އިންޖީނުގޭގައި މިވަގުތު ކެޕޭސިޓީ ހުރި މިންވަރުން އެކި ސަރަހައްދު ތަކަށް ބަހައިގެން ކަރަންޓު ދެމުން ކަން ފާހަގަ ކުރެވެއެވެ. ސިރާޖު ވިދާޅިވި ގޮތުގައި މިވަގުތު ރަށަށް ކަރަންޓު ދެމުން އެދަނީ 250 އަދި 350 ކިލޯވޯޓުގެ ޖެނެރޭޓަރު ބޭނުންކޮށްގެންނެވެ. އެ ދެ ޖަނަރޭޓަރާއި އިހަވަންދޫގައި ޤާއިމު ކޮށްފައިވާ ސޯލަރ ހަކަތާގެ ވިއުގައާއި އެކު، ރޭ 1:00 އިން ފެށިގެން މިއަދުގެ މެންދުރު 12:00 އާ ހަމައަށް މުޅި ރަށަށް ފުލްކޮށް ކަރަންޓު ދެވުނު ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. މިއަދު ހެނދުނު އިހަވަންދޫއަށް ވިއްސާރަވެ އެކަށީގެންވާ ވަރަށް ކަރަންޓު ނުއުފެއްދުމުގެ ސަބަބުން 12:00 އިން ފެށިގެން އަނެއްކާ ދަނީ ރަށުގެ އެކި ހިސާބު ތަކުން 2 ގަޑިން 2 ގަޑިން ކަރަންޓު ކަނޑަމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގެއިން ރޭ ހއ. ދިއްދޫ އަށް ޑައިނަމޯ ބަލާދިޔަ ނަމަވެސް، ޑައިނަމޯ އުފުލުމުގައި ދިމާވި ދަތިތަކުގެ ސަބަބުން، އިހަވަންދޫއަށް ޑައިނަމޯ ގެނެވިފައި ވަނީ މިއަދު ހެނދުނު އެވެ. ޑައިނަމޯ ގެނައުމުގައި ހަރަކާތްތެރިވި މީހަކު ބުނި ގޮތުގައި 2 ޓަނަށް ވުރެ ބަރު ޑައިނަމޯ ދޯންޏަށް ލެވޭނެ ގޮތެއް ނެތިގެން ގެނެސްފައި ވަނީ ޑައިނަމޯ ރޫޅާލައި 2 ބަޔަކަށް ބަހާލައިގެން ނެވެ.

އިހަވަންދޫ އިންޖީނުގެއަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓު ގެނެސްފައި ވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގައި ކަން ފާހަގަކޮށްލެވެއެވެ. އަދި އޭގެ ކުރިން 2014 ވަނަ އަހަރު އިންޖީނުގެއަށް 350 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ގެނެސްފައިވާކަން ފާހަގަ ކުރެވެއެވެ.

އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ