ގެވަޅަށް ޕޮއިންޓް ދޭ އުޞޫލާމެދު ހުޅުވައިލެވިފައިވި ސިޓީއެއް! — Ihavandhoo.com

ގެވަޅަށް ޕޮއިންޓް ދޭ އުޞޫލާމެދު ހުޅުވައިލެވިފައިވި ސިޓީއެއް!


އިހަވަންދޫގެ ހުޅަނގު ފަރާތް / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

 

ޢަންބަރީގެ

އިހަވަންދޫ

 

ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާޞިފަށް

ހެޔޮ އެދުން!

ގެވަޅަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ ގޮތާމެދު ޚިޔާލަށް ހުޅުވައިލި އުޞޫލަށް އަހުރެންނަށް ފެންނަ އެއްޗެއް ވެސް ދަންނަވަން ކަމަށެވެ.

ޚިޔާލުފާޅު ކުރުމުގެ ކުރިން އެހެން ދެތިން ވާހަކައެއް ވެސް ދަންނަވާނަމެވެ.

ގެވަޅު ދިނުން ވަޅުޖެހިފައި ވަނިކޮށް ތިޔަކަމާ އުޅުއްވާހެން ހީވާ ވަރަށް ކަން ކުރައްވަން ފެއްޓެވީތީ ހާދަހާވާ އުފަލެއްވެއެވެ. ގޮތުގައި ކުރެއްވޭތޯ ބައްލަވާށެވެ.

ދިވެހިރައްޔިތަކަށް އަލަށް ބަންޑާރަ ގޯއްޗެއް ދޫކުރުމުގައި ފުރިހަމަ ވާން ޖެހޭ އަސާސީ ޝަރުތުތައް ބިމާބެހޭ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވެއެވެ. ޕޮއިންޓް ދޭނެ އެހެން އުޞޫލެއް ހަދަން ޖެހެނީ ބޭނުން ޖެހި ތިބި މީހުންނަށްވުރެ ދެވެން ހުރި ގޯތި މަދުވުމުން، އެންމެ ޢަދުލަށް ބަހަން ނޫންތޯއެވެ. ބެހުމުގެ ޢަދުލު ބަރޯސާ ވާނީ ހަމަ ގައިމު ތިޔަ ހައްދަވާ އުޞޫލަށެވެ. ވީމާ ގެވަޅު ދިނުމުގައި އެންމެ ހަރުދަނާ ކުރަންޖެހޭ ވަޑާމަކީ ތިޔަ އުޞޫލު ކަމާމެދަކު ޝައްކެއް ނެތްތާއެވެ.

ޚިޔާލަށް ހުޅުވައިލުމަކީ ނުހަނު ރަނގަޅު ގޮތެކެވެ. އެކަމަށްޓަކައި ޝުކުރިއްޔާއެވެ. ނަމަވެސް ޚިޔާލު ދެވޭ މުއްދަތު އާދީއްތަ އަށް ހަމަވުމަކީ ދެރަ ގޮތެކެވެ. ކަމުވޮށިގެންވާ ޒުވާންވެރިން މި ބަންދު ހަފްތާއާ ވިއްދައި ހޭލަމޭލަވެފައި ވަނިކޮށް، ކުއްލި ގޮތަކަށް އުޞޫލު ރަސްމީ ކޮށްފިނަމަ ފަހުން ކޮށިއަރައިފާނެއެވެ.

އިސްވެ އިސްނަގައި ޚިޔާލު ދޭ މީހުން ވެސް މަދުވާނެއެވެ. ހިނގައި އަހައިގެން ޚިޔާލު ނެރެންވެސް ޖެހެއެވެ. ކޮންމެ މީހަކު ވެސް ފުފިގެން ފުމެން ފަށާނީ ފަޔަށް ކަށި ހެރުނީމާ ނޫންތޯއެވެ.

ޚިޔާލު ހޯދުން ދަންމަން ޖެހޭ އަނެއް ސަބަބަކީ، ގެވަޅު ކޮމިޓީގެ އެކުލެވުން ހަނިވީތީއެވެ. ގިނަ ވިސްނުމާއި ތަފާތު ފިކުރު މުސްހުނި ވާނެހެން އެންމެ ފުރިހަމައަށް އެކުލަވައިލި ކޮމިޓީއެކޭ ދަންނަވަން ދަތީއެވެ.

ވީމާ އުޞޫލު، އިއްޔަށް ޖެހުމުގެ ކުރިން ދެއްޔަށް އޮޑާ ތަޅައި، ހިމުންކަން ކަށަވަރު ކުރުމަށް ރައީސަށް ދަންނަވަމެވެ.

އާޒާދީބަހާރު / އޮނަރަބްލް މުޙައްމަދު ފިރާޟް ވިދާޅުވާހެން ބިން ހުސްވެދާނެއޭ ހިތާ ގޯތި ނުދީ ތިބުމަކީ ގޯހެކެވެ. އެ މަނިކުފާނު ވިދާޅުވަނީ ބިން ހެދި ބޮޑުވާ ކަމަށެވެ. އެއީ ތޯތޯ ވާހަކައެއް ނޫނެވެ. މުޖައްރިބެކެވެ.

އަހުރެން ވެސް ދަންނަވާނީ ގޯތި ދީ ބިން ހުސްކޮށްލާށޭއެވެ. ހުސްވީމާ ތިން ހަތަރު ގުނަ ބޮޑު އިހަވަންދޫއެއް ހިއްކައި ތިލަ ކޮއްލާކަށް ސަރުކާރުތަކުން ލަސްފަސް ނުކުރާކަން އެއްވެސް ޝައްކެއް ނެތި ސާބިތުވެއެވެ. ވީމާ ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކުރި އަރައި ދެވޭނީ ތަންމިނަށް ވިސްނުން ހުޅުވައި ޝައްކާއި ހީ ފިލުވައިގެންނެވެ. އޮބި އަޅުވައި އޮބަހައްޓައިގެން ލިބޭނެ މޮޅެއް ނެތެވެ.

ޚިޔާލަށް ހުޅުވައިލި ފަދައިން ޚިޔާލު ބަލައިގަތުމުގައި ވެސް ފަހިކަން ބާއްވަވާށެވެ. އެހެން ބަޔަކު ބޭނުން ކުރި އުޞޫލެއް ކަމަށް ވީތީ، ނުވަތަ އަބަދު ވެސް އޮންނަ އުޞޫލު ކަމަށް ވީތީ އެ ގޮތަކީ ކަން އޮންނަން ޖެހޭ ފުރިހަމަ އަސްލު ގޮތްކަމަށް ނުވެވެސްފާނެ ކަން ހަމަ ހަގީގަތަށް ވެސް ގަބޫލުކުރައްވަވާށެވެ.

ޚިޔާލަށް ފަށަނީއެވެ.

 

"1- ކައިވެނީގެ ބައި

(ހ) މީހަކާ އިނދެގެންހުރިނަމަ: 25 ޕޮއިންޓް

(ށ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ: 15 ޕޮއިންޓް

(ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރަން އިޢުލާނު ކުރުމުގެ ކުރިން ޢާއިލާ ރުޅިފައިވާނަމަ އެވެ. އަދި މިބައިގެ ށ ގައި ބުނެފައިވާ މާކުސް ލިބޭނީ، ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްކަމުގައި ވާނަމައެވެ.)"

ޚިޔާލު:

ކައިވެންޏަށް ޕޮއިންޓް ދިނުމަކީ ރަނގަޅު ގޮތެކެވެ.

ގޯތި ދިނުން އިސްކުރަންވީ ފަރާތް ކަނޑައެޅުމުގައި، ކައިވެނީގައި ހޭދަވި މުއްދަތަށް ރިޢާޔަތް ކުރުން ވެސް މުހިއްމު ކަމަށް ފެނެއެވެ.

މިއަދު ކައިވެނި ކުރި ފަރާތަށް ވުރެ އިއްޔެ ކައިވެނި ކުރި ފަރާތަށް ގޯތި ދިނުން ތަރުތީބުގެ ގޮތުން އިސް ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވެއެވެ. ދަރިން މިންވަރު ނުވެ ކައިވެންޏަށް އެތައް އަހަރެއް ވެފައިވާ ފަރާތްތަކަށް، ދަރިން ތިބޭތީ ދޭ ޕޮއިންޓް ނުލިބޭނެތީ، ކައިވެނީގައި ހޭދަވި މުއްދަތަށް ސަމާލުވެ ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދިނުން އިންތިހާއަށް މުހިއްމުވެގެން ދެއެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތް ނަމަ ޕޮއިންޓް އުނިވާނެ ކަމަށް އުޞޫލުގެ ފަހަތުކޮޅުގައި އޮތް ފަދައިން، ރޫޅިފައިވާ ކައިވެންޏަކަށް ދަރިން ތިބި ނަމަ ޕޮއިންޓް ދިނުމުގައި، ދަރިންގެ މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް އޮތުމުން ޕޮއިންޓް އުނިވާނެ ކަމަށް ވެސް ބަޔާންކުރުމަކީ އެންމެ އިންޞާފުވެރި ގޮތް ކަމަށް ފެނެއެވެ. ނޫންނަމަ، ގޯތި އޮތް ދެމަފިރިއަކު ކުރިމަތިލައި ޕޮއިންޓް އުނިވިޔަ ނުދިނުމަށް ކައިވެނި ރޫޅައިލަފާނެއެވެ.

 

"2- ޢުމުރުގެ ބައި

(ހ) ޢުމުރުން 21 އަހަރާއި 25 އަހަރާ ދެމެދުނަމަ: 05 ޕޮއިންޓް

(ށ) ޢުމުރުން 25 އަހަރުން މަތިނަމަ: 07 ޕޮއިންޓް

(އުމުރު ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚަށެވެ.)"

ޚިޔާލު:

މިބައި މުޅީން ގޯހެވެ.

ހިޔާވަހި ކަމެއް ލިބުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށް ގާނޫނޫއަސާސީ ބުނެއެވެ. ބިމާ ބެހޭ ގާނޫނުގައި ބުނަނީ ދިވެހިރައްޔިތެއް ނަމަ ބަންޑާރަ ގޯއްޗެއް ހޯދުމަށް އެދި ހުށަހެޅުމުގެ ޝަރުތު ފުރިހަމަވީ ކަމަށެވެ. ނަމަވެސް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު"ގެ 7 ވަނަ މާއްދާގެ (ށ)ގައި ގޯއްޗަށް އެދި ކުރިމަތިލެވޭ ފަރާތްތަކުގެ އަސާސީ ޝަރުތެއްގެ ގޮތުގައި އުމުރުން 21 އަހަރުވުން ބަޔާންކޮށްފައި ވެއެވެ.

އުޞޫލުގައި 21 އަހަރުން އުމުރު ފަށާފައި މި ވަނީ މިހެންވެ ކަމަށް ހީވެއެވެ. އެއަށްވުރެ ހަގު އުމުރަށް ކުރިމަތި ވެސް ނުލެވެނީތާއެވެ.

ހަވާލާ މިދިން ގަވާއިދުގެ އެ މާއްދާ މުޅީން ގޯހެވެ. ގާނޫނުއަސާސީ އާއި ބިމާ ބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފެވެ.

އަހުރެންގެ ނަޒަރުގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ވެސް ގޯއްޗެއް ހޯދުމަށް އެދުމުގެ ހައްގު އޮންނަން ޖެހޭނެއެވެ. ކައުންސިލް އިސްވެ މިކަމަށް ހައްލެއް ހޯއްދަވައިދެއްވާށެވެ.

18 އަހަރު ނުފުރެނީސް ކައިވެނިކޮށް ދަރިން ހޯދުން ހަލާލުވެފައި، ދިރިއުޅުމަށް ގޯއްޗެއް ލިބުމަށް އެދި ފޯމުލުން ޙަރާމް ވަނީ ކޮންފަދަ މާތް މަގުސަދެއްގައި ކަން އެއްގޮތަކަށް ވެސް ނުވިސްނުނެވެ. 18 އަހަރުން ވޯޓު އެޅޭ ކަމަށް ވަންޏާ ގޯއްޗަށް ފޯމުލުން ވެސް ހުއްޓިވިގެން ނުވާނެއެވެ.

އުމުރަށް ބަލައި ގިނަ ޕޮއިންޓް ދިނުމަކީ ވެސް ބޮޑު ގޯހެކެވެ.

ގޯއްޗެއް މުހިއްމުވުމުގައި މީހާގެ އުމުރު ކުޅެދޭ އެއްވެސް ދައުރެއް އޮވޭ ހެއްޔެވެ؟ އުމުރާއި ގޯއްޗާ އޮތް ގުޅުން ދެނެގަތުމަށް ވިސްނާ ވިސްނާވެސް މޭރުންވާ ގޮތެއް ނުވިއެވެ.

މީހެއްގެ އުމުރަށް ބަލައި ތަފާތު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ)ގައިމެ ބުނެއެވެ.

ވީމާ އުޞޫލުގެ މި ބައި މުޠުލަޤަށް އުވައިލަން ޖެހޭކަމާމެދު ދެބަސްވުމަށް ޖާގައެއް ނެތެވެ. މި ބައި އުނިކޮށްދެއްވާށެވެ.

 

"3- ދަރިންގެ ބައި

(ހ) 21 އަހަރުން ދަށުގެ ދަރިޔަކު ހުރިނަމަ: 05 ޕޮއިންޓް

(ށ) 21 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެއް ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް: 04 ޕޮއިންޓް (މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ.)

(ނ) ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ: 03 ޕޮއިންޓް

(ރ) ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެއް ގިނަ ކުދިން ތިބިނަމަ: 04 ޕޮއިންޓް (މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ 08 ޕޮއިންޓެވެ.)"

ޚިޔާލު:

އަޅެފަހެ އަޖައިބު ނުވާނޭ ހެއްޔެވެ؟ ކޮން 21 އަހަރެއް ހެއްޔެވެ؟

21 އަހަރުން ރައްޔިތުކަން ފުރިހަމަވި ދުވަސް 2008 ގައި ވުޖޫދުވި އާ ގާނޫނުއަސާސީއާ އެކު މާޒީވިތާ ކޮން ދުވަހެއްތޯއެވެ! މިއީ 18 އަހަރުގެ ޒަމާނެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) އިންވެސް އެނގެން އޮންނަ ފަދައިން، ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން ޝަރުޢީ ބަލަދުވެރިކަން ވެސް ނިމިދެއެވެ. ވީމާ ކޮން 21 އަހަރެއް ހެއްޔެވެ؟

އަހުރެން ގަބޫލުކުރާ ގޮތުން، ދަރިން ހޯދުމާއި ހޯދާނެ އިރަކާއި މިންވަރެއް ކަނޑައެޅުމަކީ އެ މީހެއްގެ ޒާތީ ހައްގެކެވެ. އޭނާ ދަރިން ހޯދާ ވަރަށް އަހުރެން ދަރިން ނުހޯދުމަކީ އަހުރެންނަށް ގޯތި ލިބުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ. މާތް ރަސްކަލާންގެ ކޮންމެ ކަމެއް ވެސް އިރާދަ ކުރައްވަނީ ސަބަބުތަކުގައި ހިފުމުން ނޫންތޯއެވެ!

މިއީ އަންޒަމާނެއް ނޫނެވެ. މިއީ މައިންނާއި ދަރިންގެ ސިއްހަތަށް ވިސްނައި، ދިރިއުޅުމުގައި ހަމަ އާއި ހަމެޖެހުން ގެންގުޅުމަށް ސާމާލުކަންދޭ ތަހުޒީބީ ޒަމާނެވެ. ވީމާ އުޞޫލުވެސް ތަހުޒީބު ކުރައްވާށެވެ.

އެއްވެސް މީހަކު ގަބޫލު ނުކުރިޔަސް، ކުރަން ބޭނުން ނުވިޔަސް، އަދި ފްލެޓާއި ގޯތި ދިނުމުގައި ހުރިހައި ބަޔަކުމެ މި ގޯސް ހަދައި ބަލައިގަތަސް، އަހުރެންގެ ވިސްނުމުގައި، ގިނަ ދަރިން ހޯދި މީހާ އަށް ގޮތް ހޯދައި ދިނުން ދައުލަތުން އިސްކުރާން ޖެހޭ އެއްވެސް ހުއްޖަތެއް ނުވެއެވެ. އެއީ ދައުލަތަށް ބަލަދު އޮތް ކަމެއް ނޫނެވެ. އެކަމުގައި ދައުލަތުން ޒިންމާވަކަށް ނުޖެހެއެވެ. އެއްވެސް މީހަކު މި ޚިޔާލު ގަބޫލު ނުކުރިޔަސް އަހުރެން ގޮތް ދޫ ކުރާކަށް ނެތީމުއެވެ.

އަދި ވިސްނަވާށެވެ. ކުރިންވެސް އިޝާރާތްކުރި ފަދައިން ސިއްހީ އެކިއެކި ސަބަބުތަކާހުރެ ދަރިން ހޯދުން ފަސް ކުރަން ޖެހޭ މީހުންނާއި ދަރިން ނުލިބޭ މީހުން ވެސް އުޅޭކަން ދަންނާން ޖެހެއެވެ. އިންސާނާއަށް ހިފޭނީ ސަބަބުގައެވެ. ދަރި ދެއްވަނީ އެހެން ފަރާތަކުންނެވެ. އިންސާނާގެ އަމިއްލަ ބާރު ނުހިނގާކަމަކާ މަތިކޮށް ޕޮއިންޓް ދިނުމުގައި ފަރަގު ކުރުމަކީ އެއްވެސް ހަމައަކުން ހެޔޮވާނެ ކަމެއް ނޫނެވެ.

ވީމާ ދަރިން ތިބީތީ ނުވަތަ ދަރިން ތިބި އަދަދަށް ބަލައި ޕޮއިންޓް ދިނުމަކީ އެއްވެސް ގޮތަކުން ފެންނަ ކަމެއް ނޫންކަމުގައި އިހުތިރާމާއެކު ދެންނެވީމެވެ.

ނުކުޅެދޭ ކުދިން ބަލަން ޖެހިފައިވާ ފަރާތްތަކަށް ގޯއްޗެއް ކަށަވަރުކޮށްދިނުމަށް ހާއްސަ އިމްތިޔާޒެއްގެ ގޮތުން ޕޮއިންޓް އިތުރުކޮށްދިނުމަކީ ބަލައިގަންނަން ޖެހޭ ކަމެކެވެ. އެއީ ރަނގަޅު ކަމެކެވެ.

ނަމަވެސް ގޯތި ދިނުމުގެ ބޭނުމަށްޓަކައި ނުކުޅެދުންތެރިކަން މާނަ ކުރާ ގޮތް ސާފުވާން ޖެހެއެވެ. އަހުރެންގެ ނަޒަރުގައި އާންމުކޮށް ނުކުޅެދުންތެރިކަން މާނަ ކުރާ ގޮތާއި ގޯއްޗެއް ކަށަވަރުކޮށްދިނުމުގެ ބޭނުމަށްޓަކައި ނުކުޅެދުންތެރިކަން މާނަ ކުރާ ގޮތް ތަފާތު ވާންޖެހެއެވެ.

މި ބޭނުމަށްޓަކައި ނުކުޅެދުންތެރިކަން، ކަމަށް ބަލައިގަންނަން ވާނީ ހުރި ނުކުޅެދުމެއްގެ ސަބަބުން އޭނާ ބަލާމުންދާ ފަރާތަށް ނުވަތަ އޭނާ އަށް އަމިއްލަ ބޯހިޔާވައްސެއް މުހިއްމުވުމުގެ މައްޗަށެވެ. މި ވިސްނުމުގެ މައްޗަށް ފިކުރު ހިންގަވައި، ނުކުޅެދުންތެރިކަން މާނަކުރާ ގޮތުގެ ތަފްޞީލް އުޞޫލުގައި ހިމަނަން ޖެހެއެވެ.

ނުކުޅެދޭ މީހާގެ އުމުރަށް ބަލައި ޕޮއިންޓް އުނި އިތުރު ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ! އެ ކަމުގައި އެއްވެސް އަހައްމިޔަތު ކަމެއް އޮތަތީ އަހުރެންނަކަށް ނުފެނުނެވެ. އަހުރެންނަށް ފެންނަނީ އެ ވިސްނުން ދޫކޮށްލާށެވެ.

 

"4- މައިންބަފައިންގެ ބައި

(ހ) މަންމަ ބަލަމުންގެންދާނަމަ: 03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ: 03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ: 03 ޕޮއިންޓް

(މިބައިގައި މައިންބަފައިން ބަލަމުންގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް ނެތި މަންމަ ނުވަތަ ބައްޕަ ބަލަމުންދާނަމަ އެވެ. އަދި މިބައިގެ ނ ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކުރެވޭފަދަ މީހަކަ ބަލަމުންދާނަމަ އެވެ.)"

ޚިޔާލު:

މި ބައި ވަރަށް ވަރަށް ބޮޑަށް ވެސް ގޯހެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 57 އަދި 58 ގައި ބަޔާންކޮށްފައިވާ ފަދައިން، މައިންބަފައިންނަށް ހިޔާވަހިކަން ހޯދައިދީ، ކެއުންބުއިން ހަމަޖައްސައިދީ، އުނުފޭރާން ހޯދައިދީ، ބޭސް ފަރުވާގެ ކަންތައް ހަމަޖައްސައިދީ، އެހެނިހެން ޟަރޫރީ ބޭނުންތައް ފުއްދައިދީ، ދިރިއުޅުމުގައި ބޭނުންވާނެ އެކިއެކި ރިޢާޔަތްތަކާއި ފަސޭހަތައް މައިންބަފައިންނަށް ފޯރުވައިދިނުމަކީ ދަރިންގެ ޝަރުޢީ އަދި ޤާނޫނީ ޒިންމާއެކެވެ. އަދި މީގެ ތެރެއިން، ހިޔާވަހިކަން ހޯދާ ދިނުމާއި މާލީ ހޭދަތައް ކުރުން، 18 އަހަރު ފުރިފައިވާ ކޮންމެ ފިރިހެން ދަރިއެއްގެ މައްޗަށް އެ ގާނޫނު ލާޒިމު ކުރެއެވެ.

ވީމާ ތިޔަ އުޞޫލު ތިޔަ ގެންދަވަނީ ކޮން މިޝްރާބަކަށް ހެއްޔެވެ؟

އަޅެ ފަހެ، ދަރިން ގޯތި ގެދޮރު ހޯދަނީ މި ޒިންމާތައް އަދާކުރަން ނޫންތޯއެވެ! އެބައިމީހުންގެ ދަރިންނާއި އަނބިންނާއި މައިންބަފައިން އެއްލައިލާފައި ގޯތި ގެދޮރުން ފުއްދާނެ އެހެން ލައްޒަތެއް އަރާމެއް އަޅެ ފަހެ އޮންނަނީ ހެއްޔެވެ! ހައިރާނެއް ނުވާނެ ހެއްޔެވެ!

ގޯތި ލިބޭ މީހާ މަންމަ ބަލަން ޖެހޭތީ، ބައްޕަ ބަލަން ޖެހޭތީ، މުނި؛/މާމަ/ކާފަ ބަލަން ޖެހޭތީ، ބޮޑު؛/ދައްތަ/ބޭބެ ބަލަން ޖެހޭތީ ޕޮއިންޓް ދިނުމަކީ ޖަންގަލީގެ ހަމަތަކަށް ވުރެ ދަށަށް ތިޔަ އުޞޫލު ވައްޓައިލުމެވެ.

މި ބައިން ޕޮއިންޓް ލިބުމުގައި 3 ޝަރުތެއް ފުރިހަމަވާން ޖެހޭ ކަމަށް ހީވެއެވެ. އެއީ މަންމަ/ބައްޕަގެ ގޯއްޗެއް ނެތުމާއި، އެ މަންމަ/ބައްޕަ އަކީ އަމިއްލަ އަށް މަސައްކަތް ނުކުރެވޭފަދަ މީހަކަށް ވުމާއި، އެ މަންމަ/ބައްޕަ ބަލަމުން ގެންދިއުމެވެ.

ހިންގަވާށެވެ.

މި ޖީލުގެ ގިނަ ޒުވާނުންގެ ބައްޕަގެ ގޯއްޗެއް ނޯވެއެވެ. ގޯތި އޮންނާނީ މަންމަ ނަމުގައެވެ. ދިރިއުޅެމުން ދާނީ މަންމަ ގޯތީގައި ހަދާފައި ހުރި ގޭގައެވެ. ނުވަތަ މައި/ބަފައިފުށު މުސްކުޅި ގޭގައެވެ. އެ ގޭގައި ބައްޕަ ވެސް އުޅޭނެއެވެ. ދަރިން ނުވަތަ މަންމަ ކެއްކީމާ ބައްޕަވެސް ކާނެއެވެ. ބައްޕަ މަހަށް ދާން ބޭނުން ވިޔަސް، މަހަށް ދިއުން އޮންނަނީ ގިނަފަހަރަށް ދަރިން މަނާކޮށްފައެވެ. ދަރިން އަންގާފައި އޮންނަނީ ޝާހީކޮށް ހުންނެވުމަށެވެ. ގޭގެ ޚަރަދު ބަލަހައްޓާނީ ހުރިހައި ދަރިން ވެގެންނެވެ. މަންމަ/ބައްޕަ ހިތްހަމަ ޖައްސަން ހުރިހައި ދަރިން ވެސް އެއްޗެހި ދޭނެއެވެ. މަންމަ/ބައްޕަގެ މުހުތާޖުތައް ފުއްދުމުގައި ހުރިހައި ދަރިންވެސް ބައިވެރިވެ އިސްވެ އުޅޭނެއެވެ. މިއީ އާންމުކޮށް ކަން ހިނގާގޮތެެވެ. ކަން އޮންނަން ވެސް ޖެހޭ ގޮތް މެއެވެ.

ބެލުމަކީ ކޮބައިތޯއެވެ.

ބެލުމަކީ މަންމަ ނުވަތަ ބައްޕައާއެކު މަންމަ/ބައްޕަގެ ގޭގައި ތިބޭ ދަރިން މަންމަ/ބައްޕަގެ ކަންކަން ބަލަހައްޓައި ދިނުން އެކަނި ހެއްޔެވެ؟ މަންމަ/ބައްޕައާ ދުރުގައި ވަޒީފާގައި ހުންނަ ދަރި، މަންމަ/ބައްޕަގެ މުހުތާޖުތައް ފުއްދުމަށްޓަކައި ފައިސާ ފޮނުވައި ގޭތެރޭގެ އިންތިޒާމުތައް ހަމަޖައްސާފައި ވުމަކީ މަންމަ/ބައްޕަ ބެލުން ކަމުގައި ނުވަނީ ހެއްޔެވެ؟ ޒަވާޖީ ގޮށާއެކު މަންމަ/ބައްޕަ ދޫކޮށް އަނބި/ފިރިމީހާ ގާތު ދިރިއުޅޭ މީހާ މަންމަ/ބައްޕަ އަށް ފައިސާއިން އެހީވުމުން، ނުވަތަ ދެ އިރު ދެ ދަޅައަށް މަންމަ/ބައްޕަ ގާތަށް ޒިޔާރަތްކޮށް ހިދުމަތްދީ އުޅުން، މަންމަ/ބައްޕަ ބެލުމުގެ ތެރޭ ނުހިމެނެނީތޯއެވެ!

ވަކި ދަރިއަކީ މަންމަ/ބައްޕަ ބަލާ ދަރިކަމަށް ބަލައި ވަކި ދަރިއަކަށް ޕޮއިންޓް ދިނުމަކީ އެ އާއިލާއަކަށް ކުރެވޭ ކޮން ފަދަ ބޮޑު ބޭއިހުތިރާމެއް ހެއްޔެވެ!

މަންމަ/ބައްޕަ ބަލަމުން ދަނީ ކޮން ދަރިއެއް ކަމާއި ނުބަލަނީ ކޮން ދަރިއެއްކަން ކަނޑައެޅުމަށް ތިޔަ ކައުންސިލަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ މިކަމާ ވިސްނަވާށެވެ! ފިކުރު ހިންގަވާށެވެ!

"ބެލުން" ތިޔަ ކައުންސިލުން މާނަކުރައްވާ ގޮތެއް އޮޅުންފިލުވަން ބޭނުމެވެ. ސާފުކޮށްދެއްވާށެވެ. އަދި އަހުރެންނަށް އަހުރެންގެ މަންމަ/ބައްޕަ ބެލެމުންދާކަން ނުވަތަ ނޫންކަން ވެސް ތިޔަ ކައުންސިލުން ސާފުކޮށްދެއްވިއްޔާ ހާދަހާވާ ރަނގަޅެވެ.

ދެން އެ އޮންނަނީ އެ މަންމަ/ބައްޕަ އަކީ އަމިއްލައަށް މަސައްކަތް ނުކުރެވޭފަދަ މީހަކަށްވާން ޖެހޭ ވާހަކައެވެ.

އަމިއްލަ އަށް މަސައްކަތް ނުކުރެވުމަކީ ކޮބައިހެއްޔެވެ؟ ކޮން ކަހަލަ މަސައްކަތެއް ނުކުރެވުން ހެއްޔެވެ؟

ބަލިއެނދުގައި އޮށޯވެ އޮވެގެން ވެސް އާމްދަނީއެއް ހޯދިދާނެއެވެ. ނުވަތަ ނުހިނގުނަސް ނުގުދުވެވުނަސް ކުރެވިދާނެ މަސައްކަތް ހުރެއެވެ. އަދި ކިއެއްތަ، ގަދަފަދަ އިރުގައި ކޮށްފައިހުރި މަސައްކަތުން އާމްދަނީ ލިބިލިބި ވެސް ހުރެއެވެ.

ވީމާ، މަސައްކަތް ނުކުރެވޭކަން ކަނޑައަޅަނީ ކާކު، ކޮން ހަމައަކުން، ކޮން ކަމަކަށް ބަލައިގެން ހެއްޔެވެ؟

އުޞޫލެއްގައި އެއްޗެއް ލިޔެލިޔަކަސް ކަމަކު ނުދާނެއެވެ. ވަޒަންކޮށް މިން ކުރެވޭނެ ކަންކަމުގެ ވާހަކަ ލިޔުއްވާށެވެ.

ފިކުރު ހިންގަވާށެވެ.

މަންމަ/ބައްޕަ ދުނިޔޭގައި ނެތީ ކިތައް މީހުންގެ ހެއްޔެވެ! އިރާދަފުޅުން، މަންމަ/ބައްޕަ ބޮޑު ބައްޔެއް ނުވެ، އާމްދަނީ ހޯދުމަށް މަސައްކަތްކޮށް، ގަދަ ހެޔޮ ހާލުގައި ވުމަކީ ގޯއްޗަށް އެދި ހުށަހަޅާ މީހާ އަށް ޕޮއިންޓް މަދުވަން ޖެހޭ ސަބަބެއް ކަމަށް ޤަބޫލު ކުރާނީ ސަލާމަތް ބުއްދި ހުރި ކާކު ހެއްޔެވެ!

މަންމަ/ބައްޕަ ބަލާކަމަށް ބަލައި ގިނަ ޕޮއިންޓް ދިނުމުން ލިބޭ ގޯތީގައި ހަދާ ގެއަށް އެއްކަލަ މަންމަ/ބައްޕަ ގެންދާނެ ކަމުގެ އެއްވެސް ކަށަވަރު ކަމެއް ތިޔަ ކައުންސިލަށް ހޯދި ދާނެ ހެއްޔެވެ! މިއަދު މަންމަ/ބައްޕަގެ ހިދުމަތުގައި ހުރި ދަރި މާދަން ބަދަލު ނުވާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ!

ވީމާ މި ބައި އުނިކޮށް ދެއްވާށެވެ. އާއިލާގެ މެދުގައި ނުތަނަވަސް ކަން އުފައްދައި، ފަސާދަކޮށް މީހުންގެ އަނގަގޮައްވަން ނަހައްދަވާށެވެ.

 

"5- ރައްވެހިކަމުގެ ބައި

(ހ) ރަށުގެ (އިހަވަންދޫގެ) ރައްވެސެއްނަމަ: 20 ޕޮއިންޓް

(ށ) ކުރިން ރައްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި (އިހަވަންދޫގައި) ދިރިއުޅޭތާ 5 އަހަރު ވެފައިވާނަމަ: 15 ޕޮއިންޓް

(ނ) ރަށުގައި (އިހަވަންދޫގައި) ދިރިއުޅޭނަމަ: 15 ޕޮއިންޓް"

ޚިޔާލު:

ގޯއްޗަށް އެދި ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ރަށްވެހިކަމުގެ ނިސްބަތުން ފަރަގު ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އަހުރެންވެސް ދެކެމެވެ.

ނަމަވެސް، އިހަވަންދޫގެ ރަށްވެއްސެއް ކަމުގައި ނުހިމެނޭ ފަރާތަކުން ވެސް، އިހަވަންދޫގެ ރަށްވެއްސަކާ ކައިވެނިކޮށް، އިހަވަންދޫގައި ދިރިއުޅޭތާ ކަނޑައެޅިފައިވާ ވަކި މުއްދަތެއް ހޭދަ ކޮށްފައި ވާނަމަ، އޭނާގެ ދިރުއުޅުން އިހަވަންދޫގައި ގާއިމްކޮށްފައިވާ މިންވަރާއި ގޮތަށް ބަލައި އިހަވަންދޫގެ ރަށްވެހިންނާ އެއް ނާޅިއަކުން މިނުމަކީ އެންމެ ޢަދުލުވެރި ގޮތް ކަމަށް ފެނެއެވެ. ވީމާ އުޞޫލުގައި މިކަމަށް ރިޢާޔަތް ކުރެއްވުން އެދެމެވެ.

އިހަވަންދޫ ރަށްވެއްސަކު ރަށުގައި ދިރިއުޅޭނަމަ އިތުރަށް ޕޮއިންޓް ދޭ އުޞޫލު ވަގުތުން އުނިކުރަން ޖެހޭ ކަމާމެދު ދެބަސްވާކަށް ނުޖެހެއެވެ.

މިދައްކަނީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމުގައިވި، ދިރިއުޅުމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ގޯތި ދޫކުރާ ވާހަކައެވެ. ވަކި ރަށަކަށް މީހަކު ނިސްބަތްވެ، އެ ރަށެއްގެ ރަށްވެހިކަން އެ މީހެއްގެ ކިބައިގައި އޮތުމަކީ، އެ ރަށާއި އެ ރަށުގެ ބިމުގައި، އެ މީހާ އާއި އެ މީހާގެ އަނބިދަރިންނަށް، އެހެން ރަށްވެހިންނޭ އެއް ހަމަ ހައްގުތަކަކާއި ބާރުތަކެއް ލިބި ދެމި އޮތްކަމަށް ސިއްކަ ޖެހެވިފައިވުމެވެ.

އިހަވަންދޫ ރަށްވެއްސަކު ރަށުގައި އުޅެބޮޑުވެ ތަޞައްރުފް ފުދުނުހިނދު، އެ ރަށްވެހިކަމުގެ "އުޅާގަނޑުން"، އޭނާއަށް ތައުލީމާއި، ވަޒީފާ އާއި، އެހެންވެސް ޒަމާނީ ހިދުމަތްތަށް އެކަށީގެންވާ މިންވަރަށް އެކަށީގެންވާ ގޮތަށް ފަހިވެފައި ނުވުމުން، ޟަރޫރަތްތައް ފުއްދުމުގެ މަގުސަދުގައި، ހަމަ އެ ރަށްވެހިކަމުގެ އުޅާގަނޑު ހިފައިގެން، ވަގުތީ މަންޒިލެއްގައި ވަގުތީ ހާލަތެއްގައި ދިރިއުޅުމުގެ ކަންކަން ފުއްދަމުން ގެންދުމަކީ އެ ރަށްވެހިކަމުގެ އުޅާގަނޑުން ލިބި ދެމިހުރި ހައްގުތައް ނަގައިލުމަށް މަތި ކުރެވޭނެ ބަހަނާއެއް ނޫނެވެ.

ރަށްވަހިކަމުގެ އެއް އުޅާގަނޑެއް ހިފައިގެން ތިބި އެއް ބައެއްގެ މެދުގައި ފަރަގު ކުރުމަށް ވިސްނަވަންވީ ކީއްވެ ހެއްޔެވެ؟

އަޑު އައްސަވާށެވެ.

އިހަވަންދޫގެ ބައެއް ރަށްވެހިން އަނބިދަރިން ގޮވައިގެން މާލެއިން ކުލީ ކޮޓަރި ހޯދައިގެން، ކުރާހާ މަސައްކަތަކުން ލިބޭހާ އާމްދަނީއެއް ގޭ ވެރި ފަރާތަށް ދީގެން، މާލޭގައި ތިބެނީކީ، މާ ގިނަ މާ މޮޅު ގޮތްތަކެއް މާލޭ ސަރުކާރުން ހަމަޖައްސައިދޭތީކީ ނޫނެވެ.

މާލެ އައިސް "ދިރިތެޅެން" ޖެހެނީ ތިޔަ ރަށުގައި ކުރާނެ މަސައްކަތެއް ނެތީމަައެވެ. ތިޔަ ރަށުގައި ހުރެގެން އާމްދަނީ ހޯދެން ނެތީމައެވެ. ތިޔަ ރަށުން ވަޒީފާގަނޑެއް ލިބެން ނެތީމައެވެ. ތިޔަ ރަށުން ދަރިންނަށް ފުރިހަމަ ތައުލީމެއް ދެވެން ނެތީމައެވެ. އެކްސްރޭގަނޑެއްހާ ވަރު ވެސް ތިޔަ ރަށުން ނެގެން ނެތީމައެވެ. ކުށަކީ އެ ރަށްވެހި މީހާ ހެއްޔެވެ! ޖަވާބު ދެއްވާށެވެ!

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރަށްވެހި މީހާގެ ދިރިއުޅުމުގެ ހުރިހައި ބިންގަލެއް އެޅީ ތިޔަ ރަށުގައެވެ. ދިރިއުޅުމުގެ ހުރިހައި ބަހާތައް ފުރިހަމަ ކުރީ ތިޔަ ރަށުގައެވެ.

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރަށްވެހިން ވެސް ތިޔަ ކައުންސިލަރުން ހޮވަން ވޯޓު ލަނީ ކަމެއް ވެގެންނެވެ. ތިޔަ ދާއިރާގެ މަޖިލިސް މެމްބަރު ހޮވަން ވޯޓު ލާން ޖެހެނީ ވެސް ސަބަބެއް އޮވެގެންނެވެ. ރަށްވެހިކަމުގެ ހައްގާ ކުޅުއްވަން ނަހައްދަވާށެވެ. އޮޅުވައި ނުލެއްވޭނެއެވެ!

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރަށްވެހި މީހާގެ ކަށިން ލޭ ފެލައިގެން ގޭ ވެރިޔާ އަށް ކުލި ދައްކަދައްކާ ހުލިވުމަކީ ރަށުން ގޯތި ލިބުން މަނާ ކުރެވޭވަރު ނުރައްކާ ކުށަކީ ހެއްޔެވެ؟ އެބައިމީހުންނަށް މާލެއިން ދާއިމީ ބޯހިޔާވައްސެއް ލިބޭނޭ ކަމަށް ހިތަށް ވެސް ގެނެވެން ނެތްތާންގައި، ވިހައި ހެދި ބޮޑުވުމުން އެޅުވި ރަށްވެހިކަމުގެ "އުޅާގަނޑަށް" ތިޔަ ދެއްވަން ގަސްތު ކުރީ ނިކަން ރީތި ހަދިޔާއެއްތާއެވެ. ސާބަހެވެ! އައްސަރިބަހުން ސާބަހެވެ!

ތައުލީމު ހާސިލްކުރަން ނުވަތަ އާމްދަނީ ހޯދަން ނުވަތަ ސިއްހީ ހިދުމަތް ހޯދަން އަނބިދަރިންނާއެކު މާލޭގައި ނުވަތަ އެހެން ވެސް ރަށެއްގައި ނުވަތަ ގައުމެއްގައި ވިޔަސް ވުމަކީ، އެ ބަޔަކު އިހަވަންދޫގައި ދިރިއުޅެމުން ނުދާ ކަމަށް ބުނެ، ގޯތި ދިނުމުގައި ބޭއިންސާފު ކުރެވޭނެ ސަބަބެއް ކަމަށް، ހަމަ ހޭގައި ހުރި އެއްވެސް އިންސިއަކު ބަލައިނުގަންނާނެކަން މުޖައްރިބެއެވެ.

މައިންބަފައިންގެ ގޭތަކުގައި ރަށުގައި ހިލޭ ދިރިއުޅެމުންދާ މީހާ އަށް ވެސް، އަދި މާލޭގައި ކުއްޔަށް ހަނާވަމުންދާ މީހާ އަށް ވެސް، ދާއިމީ ހިޔާވައްސަކަށް ބޭނުން ޖެހިފައި ވަނީ އެއް މިންވަރަކަށެވެ. މާލޭގައި ހުރި އިހަވަންދޫ މީހާއަށް އެ ވޭނުގައި ކެތް ނުވުމުން ގޮސް ހަމަ ބޯދޭން ޖެހޭނީ ރަށްވެހިކަމުގެ ހިމާޔަތް އޮތް ތިޔަ ރަށަށެވެ. ވީމާ ފަރަގު ނުކުރައްވާށެވެ. ތަފާތު ކުރަން ހިތައްވެސް ނުގެންނަވާށެވެ.

އިހަވަންދޫގައި ދިރިއުޅޭތީ ކަމަށް ބުނެ ގޯތި ލިބޭ މީހާ، ތައުލީމާއި ވަޒީފާ އާއި ސިއްހީ ހިދުމަތުގެ ބޭނުމުގައި އިހަވަންދޫ ދޫކޮށް، ދިގު މުއްދަތަށް ރަށުން ބޭރަށް ނުވަތަ މާލެ ދާން ނުޖެހޭނެ ކަމާމެދު ތިޔަ ގެވަޅު ކޮމިޓީއަށް އެއްވެސް ކަށަވަރު ކަމެެއް ހޯއްދެވި ދާނެހެއްޔެވެ! ބުނެ ދެއްވާށެވެ! ރަށްވެހިކަމަށް ގަދަރު ކޮށްދެއްވާށެވެ!

ރަށުން ބޭރުގައި ބަކަތަޅަން ތިބިހައި ބައެއްގެ މައްޗަށް ދުނިޔަވީ މަޖުބޫރީ އެ ހާލަތު ނެތް ނަމަ ހަމަގައިމު އެ އެންމެން ވެސް ތިބީހީ އުފަލާއެކު ހަމަ ތިޔަ ރަށުގައެވެ. އިންސާފުކޮށް ދެއްވާށެވެ!

ރިސޯޓުގައި ވަޒީފާގައި ހުންނަ ޒުވާނާ އަކީ ރަށުން ބޭރުގައި ދިރިއުޅޭ ފަރާތަކަށް ނުވާނަމަ، މާލޭގައި ވަޒީފާގައި އަނބިދަރިން ގޮވައިގެން ހަނާވުމަކީ ވެސް ރަށުން ބޭރުގައި ދިރިއުޅުން ކަމަށް މާނަކޮށްގެން ނުވާނެއެވެ. ޢަދުވެރިވެލައްވާށެވެ!

ރަށުން ބޭރުގައި ދިރިއުޅޭ އިހަވަންދޫ މީހާއަށް ނުވަތަ އޭނާގެ އަނބި/ފިރިމީހާއަށް އެހެން ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ވިޔަސް ލިބިފައި ވާނަމަ ގައިމު އިހަވަންދޫން ގޯއްޗެއް ހޯދަން ނޭދޭނެއެވެ. އެދުނަސް ނުވެސް ލިބޭނެތާއެވެ!

އަދި ހަމައެހެންމެ، އެފަދަ މީހަކު ރަށުން ބޭރުން ގޯއްޗެއް ނުވަތަ ފްލެޓެެއްް ހޯދަން ހިތު އަޅައިގެން ހުރި ކަމުގައި ވިޔަސް އިހަވަންދޫން ގޯތި ނުހޯދާނެ ނޫންތޯއެވެ! އެހެނީ ހޯދައިފި ނަމަ އެ ފުރުސަތު ބަންދުވާނެ ނޫންތޯއެވެ!

ވީމާ އިހަވަންދޫގައި މި ހިނދުގައި ނުވި ކަމުގައި ވިޔަސް، އެކިއެކި ސަބަބުތަކާ ހުރެ ރަށުން ބޭރުގައި ވަގުތީ ހާލަތުގައި ތިބި އިހަވަންދޫ މީހުން ވެސް އިހަވަންދޫން ގޯއްޗެއް ހޯދުމަށް އެދޭނީ ގައިމު ސަބަބުތަކެއް ހުރީމައެވެ. އެ ފުރުސަތު ދެއްވާށެވެ. އަނިޔާވެރިކަން އިސް ނުކުރައްވާށެވެ.

އަދު މަށަށް ތިޔަ ރަށުގައި އުޅެލުމުގެ ނަސީބު ލިބެން ނެތަސް މަގޭ ދަރިންނަށް އޮތް އެ ފުރުސަތު ގެއްލުވައި ނުލާށެވެ. އާދޭހާއެކު ދެންނެވީމެވެ. ރަނގަޅު ކޮށްދެއްވާށެވެ!

 

"6- ޕޮއިންޓް އުނިކުރުން

(ހ) އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ: 25- ޕޮއިންޓް

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗަށްވުރެއް ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް: 05- ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗަށްވުރެއް ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް: 05- ޕޮއިންޓް

(ރ) ގޯއްޗަށް އެދޭ މީހާއަށް ތަރިކައަށް ގޯއްޗެއް ލިބެން އޮތްނަމަ ކޮންމެ ގޯއްޗަކަށް: 15- ޕޮއިންޓް"

ޚިޔާލު:

އަނބިމީހާ/ފިރިމީހާގެ ގޯއްޗެެއް އޮތިއްޔާ އުނި ކުރަންވީ 25 ޕޮއިންޓެއް ވެސް ނޫނެވެ. އުނިކުރަން އެ ވަރު ވެސް މަދު ކަމަށް ފެނެއެވެ. އަދި ޕޮއިންޓް އުނިކުރުމުގައި ގޯތީގެ ބޮޑު މިނަށް ރިޢާޔަތް ކުރެވޭނެ އުޞޫލެއް ހެދުމަކީ އެންމެ އަދުލުވެރި ގޮތެވެ.

ކުރީންމެ ފާހަގަކޮށްފައި ވާނެ ފަދައިން، އަނބި/ފިރިންނަށް ގޯތި ލިބިފައިވާނަމަ ޕޮއިންޓް އުނިކުރާ ފަދައިން، އާއިލާ ރޫޅިފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ދަރިންގެ ބައްޕަ ނުވަތަ މަންމަ އަށް ލިބިފައިވާ ގޯތީގެ ބޮޑު މިނަށް ރިއާޔަތްކޮށް ޕޮއިންޓް އުނިކުރެވެން ޖެހޭނެ ކަމަށް ދެކެމެވެ.

މައިންބަފައިންގެ ގޯތި ހުރި އަދަދަށް ބަލައި ޕޮއިންޓް އުނިކުރުމަކީ އެންމެ އަދުލުވެރި ގޮތް ކަމަކަށް އަހުރެން ނުދެކެމެވެ. އަހުރެންގެ ނަޒަރުގައި ޕޮއިންޓް އުނި ކުރަން ޖެހޭނީ މައިންބަފައިންގެ ހުރި ގޯތީގެ ބޮޑު މިނަށް ބަލައިގެންނެވެ. ގޯއްޗަކީ މި ޒަމާނުގައި ކޮށައި ފޮތިފޮތި ވެސް ކުރެވޭ އެއްޗެކެވެ. ވީމާ ގޯތި ހުރި އަދަދަށް ބެލުމަކީ ހަމަ ކަށަވަރުން ވެސް އިންސާފެއް ނޫނެވެ.

ތަރިކައިން ގޯއްޗެއް ލިބެން އޮތް ކަމަށް ބަލައި ޕޮއިންޓް އުނިކުރަމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެެއް ވެސް ނޫނެވެ.

ތަރިކައިން ގޯއްޗެއް ލިބުމުގެ މާނައިގެ ތެރޭގައި ގޯއްޗަކުން ބައެއް ލިބުން ނުހިމެނޭބާއޭ ހިތަށް އަރައެވެ.

ތަރިކައިން ގޯއްޗެއް ލިބެން އޮތް ކަމަށް ކަނޑައެޅުމުގެ ގާނޫނީ ހައިސިއްޔަތު ކައުންސިލަށް ނުވަތަ ގެވަޅު ކޮމިޓީއަށް ލިބިގެން ވޭ ހެއްޔެވެ؟ ތަރިކައިން މީހަކަށް އެއްޗެއް ލިބިދާނެ ކަމަށް ކުރިއާލައި ލަފާ ކުރެވިދާނެ ހެއްޔެވެ؟ ޖަވާބު ދެއްވާށެވެ!

އެއްވެސް ޝައްކެތް ނެތް ގޮތުގައި ތަރިކައަކީ ނިޔާވި މީހާއަށް ނިސްބަތް ކުރެވޭ މުދަލެވެ. މީހަކު ނިޔާ ނުވަނީސް މީހަކު ދޫކޮށްފައި ދާނެ މުދަލަކީ ކޮބައިކަން ނުވަތަ ދޫކޮށްފައިދާ މުދަލަކުން ލިބޭނޭ ފަރާތް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ތަރިކައިގެ ބެހެނިވެރިން ކަނޑައެޅުމަކީ ކަމާބެހޭ ޝަރުޢީ ހަމަތަކުގެ މަތިން ޝަރުޢީ ކޯޓުތަކުން ކުރާކަމެކެވެ.

ތަރިކައިން ލިބެން އޮތް ކަމަށް ބަލައި ޕޮއިންޓް އުނިކުރާ ފަހުން، އާއިލީ އެތުރުމަށް އަންނަ އުންޏެއްގެ ސަބަބުން ނުވަތަ އިތުރެއްގެ ސަބަބުން ތަރިކައިން ނުލިބޭ ހާލަތެއް ވެސް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ހަމައެހެންމެ މި ހިނދު ތަރިކައިން ލިބެން ނެތް ކަމަށް ބެލެވިފައި ވަނިކޮށް، ތަރިކައިން ލިބޭ ފަދަ ހާލަތެއް ވެސް ފަހުން މެދުވެރި ވެދާނެއެވެ. އަދި ތަރިކައަކުން އެއްޗެއް ލިބެން ޖެހޭ މީހަކަށް އެ އެއްޗެއް ލިބެން އޮތްކަން ކުރިން އެނގިފައިނުވާ ފަދަ ހާލަތުތައް ވެސް ބައެއް ފަހަރު އާދެއެވެ.

ވީމާ ތިޔަ ގޯސް ނަހައްދަވާށެވެ. ތަރިކައިން ލިބެން އޮތްނަމަ ކަމަށް އޮތް ބައި އުނިކޮށް ދެއްވާށެވެ.

 

ނިންމުން

އަހުރެންގެ ނަޒަރުގައި ގޯތި ދިނުމުގައި އަސާސީ ގޮތެެއްގައި ބަލަންވީ ދެ ކަމަކަށެވެ. އެއީ ކައިވެންޏެއް ކޮށްގެންތޯ އާއި، ކައިވެނީގައި ހޭދަކުރި މުއްދަތަށެވެ.

ކޮންމެ ގޮތެއް ވިޔަސް އަސާސީ ޝަރުތު ހަމަވާ ހުރިހައި ފަރާތްތަކަށް ގޯތި ދޫކުރުމުގެ ހިތްވަރެއް ތިޔަ ބޭފުޅުންގެ ނުހުންނާނެއެވެ. ހައުސިންގ މިނިސްޓްރީގެ ބަހަށް އަޅުދާސްތު ނުވެ، ރަށުގެ ބޯދާ ހަރު މީހުންގެ ބަހަށް ނުހެއްލި، ގޯތި ދީ ބިންކޮޅު ހުސްކޮށްލުމުގެ މޮޅު އުކުޅު ބޭނުން ކުރާކަށް ނުކުރޭނެ ވިއްޔާއެވެ.

ވީމާ އާންމު އަސާސީ މިންގަނޑެއް ކަނޑައަޅައި، އެ މިންގަނޑަށް ޝަރުތު ހަމަވާ އެންމެންގެ މެދުގައި ގުރުއަތުލައި ގޯތި ބަހައިލުމަށް ވުރެ ޢަދުލުވެރި ޝަކުވާމަދު ގޮތަކީ ފަހެ ކޮބައިތޯއެވެ.

ވިސްނުންތެރިކަމާއެކު ކުރިއަށް ގެންދަވާށެވެ.

ޝުކުރިއްޔާ

26 މާރިޗް 2016

 

އިޚްލާޞްތެރި

ޢަބްދުލްމާނިޢު ޙުސައިން

 

އިހަވަންދޫ ކައުންސިލްގެ އިދާރާ

އިހަވަންދޫ

 

ކޮޕީ: ގެވަޅުކޮމިޓީ / އިހަވަންދޫޑޮޓްކޮމް / ސޯޝަލްމީޑިއާ

އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން, ކިހައްޑިޔަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މާނިޢު ތިޔަ ބުނިހެން ޝަރުތު ހަމަވާ އެންމެންގެ މެދުގައި ގުރުއަތު ލުމަށްވުރެ އަދުލުވެރި އިންސާފުވެރި ގޮތެއްނެއް․ %75 އަށްވުރެ މަތިން މާކުސް ލިބޭ މީހާއަށް ގުރުއަތަކާ ނުލައި ގޯތި ދޭން ނިންމި ނިންމުން އެއީ ކޮރަޕްޓްވެފައިވާ ނިންމުމެއް، އަދި އެ ނިންމުން ބަދަލުކުރީތީ ކައުންސިލަށް ޝުކުރު ދަންނަވަމެވެ․

– 27 މާރިޗު 2016 0

މާލޭގަ ތަންތަން ހިފާގެން އުޅޭހޭ ފެންވަރު ހުންނަމީހުންނަށް ކޮންމެހެން ރަށުން ގެވަޅެ ދޭކަށް ނުޖެހޭ

– 28 މާރިޗު 2016 8

އެންމެންނަށްދީ! އާދޭސް ކޮށްފައި ބުނަން

– 28 މާރިޗު 2016 1