ގެވަޅު ދިނުން ވަޅުޖެހުނީބާ! — Ihavandhoo.com

ގެވަޅު ދިނުން ވަޅުޖެހުނީބާ!

އިހަވަންދޫން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވީފަހުން 2013 ފެބްރުއަރީ 10 ވަނަ ދުވަހު އިހަވަންދޫ ރައްޔިތުންގެ ތެރެއިން އެކަމަށް ބޭނުވައިފައިވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި ގޯއްޗަށް އެދި ހުށަހެޅުމަށް ކުރީގެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. ކައުންސިލުން އެއިރު ގަސްދުކޮށްފައި އޮތީ 1600 އަކަފޫޓުގެ 60 ގޯތި ދޫކުރުމަށެވެ. އެހެނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ދީފައި އޮތީ އެ މިންވަރަށް ގޯތި ދޫކުރުމަށެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ދެވުނު މުއްދަތު ހަމަވިއިރު، 335 ފަރާތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން 248 މީހުންނަކީ ގޯއްޗެއް ބޭނުންވެ، އެކަމަށް ޝަރުޠުހަމަވެފައިވާ، ގޯއްޗެއް ޙައްޤު ފަރާތްތަކެއް ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ޝަރުތުހަމަވެފައިވާ ހުރިހާ ފަރާތްތަކަށް ވެސް ގޯތި ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ވާތީ އާއި، އިހަވަންދޫގެ ހުސްބިމުގެ މިންވަރަށާއި، ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ވެސް ބަލާއިރު، ޝަރުތުހަމަވެފައިވާ 248 މީހުންނަށް  ވެސް ގޯތި ދެވޭނެ ކަމަށް ކައުންސިލަށް ފެންނާތީ، ގޯތި ދިނުމަށް ހުއްދަ ދީފައިވާ މިންވަރު އިތުރުކޮށްދިނުން އެދި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އަށް ދަންނަވައިގެން ހުއްދަ ދިނީ 40 ގޯތި އިތުރަށް ދެވިދާނެ ކަމަށެވެ. އެބަހީ ޖުމްލަ 100 ގޯތި ދެވިދާނެ ކަމަށެވެ.

ގޯތި ބޭނުންވެ އަކަމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ގޯތި ދެވެން އޮވެމެ ގޯތި ނުދީ ހިފެހެއްޓުމަކީ އިހަވަންދޫ ކައުންސިލަށް ކުރެވޭނެ ކަމެއްކަމަށް ނުފެންނާތީ އާއި، އެ ފަރާތްތަކަށް ގޯތި ހަމަޖައްސައި ނުދެވިއްޖެ ނަމަ، އެ ފަރާތްތަކަށް ލިބިގެންވާ އަސާސީ ބައެއް ޙައްޤުތައް ގެއްލިދާނެ ކަމަށް ފެންނާތީ އާއި، އަދި އެ ފަރާތްތަކަށް ގޯތި ދެވެން އޮވެމެ ގޯތި ނުދީ ހިފެހެއްޓުމަކީ ލާމަރުކަޒީ ޤާނޫނުން އިހަވަންދޫ ކައުންސިލްގެ މައްޗަށް ލާޒިމްކޮށްފައިވާ ޒިންމާތަކާވެސް ޚިލާފުވުންކަމަށް ފެންނާތީ، ލާމަރުކަޒީ ޤާނޫނުން އިހަވަންދޫ ބިމާއި ރައްޔިތުންގެ މައްޗަށް އިހަވަންދޫ ކައުންސިލަށް އޮތް ޒިންމާ އަދާކުރުމަށްޓަކައި އަދި އެ ޤާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން،މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ނުދިން ނަމަވެސް ޝަރުތު ހަމަވި 248 ފަރާތަށް ވެސް ގޯތި ދިނުމަށް އިހަވަންދޫ ކައުންސިލުން 2013 ނޮވެމްބަރ 25 ގައި އިޤްރާރުވެފައިވެއެވެ.

ދެން ކުރިމަތިވީ ކައުންސިލް އިންތިޚާބެވެ. އެ އިރު ކައުންސިލްގައި ތިއްބެވި 4 ބޭފުޅުން ކައުންސިލް އިންތިޚާބުގައި ބަލިވީއެވެ. އާ ކައުސިލަރުންތަކެއް ކައުންސިލް ހިންގުމާ ޙަވާލުވީއެވެ. އައު ޕާރޓީއަކަށް ކައުންސިލްގެ މެޖޯރިޓީ ލިބުނީ އެވެ. އައު ރައީސެއް ހިންގުމާ ޙަވާލުވީއެވެ.

ކައުންސިލްގެ ކުރީގެ ރައީސަށް ގުޅާލުމުން ވިދާޅުވީ، އެ ބޭފުޅާ ކައުންސިލް ދޫކުރަށްވައި ގެއަށް ވަޑައިގެންނެވިއިރު، ޝަރުޠު ހަމަވި 248 ފަރާތަށް ގޯތި ދިނުމަށް ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކެއް ހުންނާނީ ކޮށްފައި ކަމަށެވެ. އަދި ޝަރުޠު ހަމަވި 248 ފަރާތަށް އިހަވަންދޫ ބިމުން ގޯތި ދިނުމަށް ކުރީގެ ކައުންސިލުން ނިންމެވި ނިންމެވުމަށް އިޙްތިރާމް ކުރައްވައި އެ ނިންމެވުން ތަންފީޒް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް، ކުރީގެ ރައީސް މުހައްމަދު ސަމީރު ވިދާޅުވިއެވެ.

އައު ކައުންސިލްގެ ދައުރުން 2 މަސް ވީއިރު، ގޯތި ދިނުމުގެ މަޝްރޫޢާމެދު ޢަމަލު ކުރާ ގޮތެއް ތިލަވެފައި ނުވާތީ، ކައުންސިލްގެ އައު ރައީސް މުޙައްމަދު އާޞިފަށް ގުޅާލުމުން، އެ ބޭފުޅާ ދެއްވީ ގޯތި ބޭނުންވެފައި ތިބި ފަރާތްތަކަށް ހިތާމަހުރި ޚަބަރެކެވެ. ހައުންސިން މިނިސްޓްރީގެ ބޭނުމަކަށް، އެ މިނިސްޓްރީން އަންގަވައިގެން ގޯތި ދިނުމުގެ މަޝްރޫޢު މެދުކަނޑަލާފައިވާ ވާހަކައެވެ. އާސިފް އިތުރަށް ވިދާޅުވީ ގޯތި ދިނުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީން އަންގަވާފައި ވަނިކޮށް އެ މަޝްރޫޢު ދެން އިތުރަށް ކުރިއަށް ގެންދިއުމަކީ ދަތި ކަމެއް ކަމަށެވެ.

ވީމާ ގޯތި ބޭނުންވެގެން އުޅުއްވާ ފަރާތްތަކަށް އަޅުގަނޑުގެ ހެޔޮ "ވެދުންތައް" ބަރުތީލަކުރަމުން ދަންނަވަން އޮތީ، ހައުސިންގެ މިނިސްޓްރީން "ވަކި ގޮތެއް" އަންގަވަންދެން އިހަށް "މަޑުކޮށްލައްވާ"ށޭއެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މެޖޯރިޓީދިނީ ސަރުކާރުން ހަދާހާގޮތެއް ހެދިގެން ތިބޭކަށްނޫނޭ! ކުރީގަވެސް ރަށުގެ ކަތީބުން ސަރުކާރުން ހެދިހާގޮތަކަށް ރުހިގެން ބަސްއަހާގެން ތިބެންހަދާގެން ރަށަށް ކަރަންޓްވެސް ލިބުން އެހާލަސްވީ.. ރައްޔިތުން މިކަމާދެކޮޅަށް އިހްތިޖާޖަށް ނުކުތުމަށް ގޮވާލަން..

– 31 މާރިޗު 2014 0

ސަރުކާރުތެރޭން ކަންތައްކުރެވޭނީ ކޯލީޝަން ކެންޑިޑޭޓުންނަށޭ ބުނެގެން ކައުންސިލްގެ މެޖޯރިޓީހޯދީ! މިހަރުތިފެންނަނީ ބުނިޙާބަތަކަށް ރިހައަޅާ މަންޒަރު!

– 31 މާރިޗު 2014 1

އިހަވަންދޫން ދެން ގޯތި ދޫކުރާނީ 20 އަހަރު ފަހުން

– 31 މާރިޗު 2014 1

ދުވަހަކުވެސް ދެން ގޯތި ނުދޫކުރާނެހެން ހިވަނި.............

– 31 މާރިޗު 2014 1

ނޫނޭ އަތޮޯޅު ކައުންސިލާ ވިދާޅުވީ ވަރަށް ގިނައިން ބަލާފަޔޯ ގޯތިދެނީ! އެހެންވީމަ މަވެސް މިހިރީ ބަލަން

– 31 މާރިޗު 2014 1