ގެވަޅު ދިނުމާގުޅޭ ގިނަ މައްސަލަތަކެއް އޭސީސީއަށް


އިހަވަންދޫ. ފޮޓޯ: މާޖިދު

ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދުކުރުމަށް ކުރަމުންދާ މަސައްކަތާގުޅޭ ގިނަމައްސަލަތަކެއް، އިހަވަންދޫ ކައުންސިލާއި ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އޭސީސީއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ކޮޕީ މިނޫހަށްވަނީ ލިބިފައެވެ.

އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް 2016 ވަނަ އަހަރު ކައުންސިލުން ހުޅުވައިލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދީފައިވާ  ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފައިވަނީ މިދިޔަ އޭޕްރީ މަހުގެ 30 ވަނަދުވަހުއެވެ. އެސީސީއަށް އާނމުފަރުދުން ހުށަހަޅާފައިވާ މިމައްސަލަތަކުގައި ބޮޑަށް ފާހަގަކޮށްފައިވަނީ އުސޫލީ މައްސަލަތަކެވެ. އޭގެއިތުރުން ވަކިބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނާ މައްސަލަވެސް ހިމެނެއެވެ.

އޭސީސީއަށް ހުށަހަޅާފައިވާ ފާހަގަކޮށްލެވޭ ބައެއްމައްސަލަ:

  • ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދުކުރުމަށް ކޮށްފައިވާ ޢިއުލާނުގައި މާރކްސް ދޭނެކަމަށްބުނާ އޫސޫލާއި ޙިލާފާށް ގޯތި ހޯދުމަށް ކުރިމަތިލި ފަރާތްތަކަށް މާރކްސް ދީފައިވާ ކަމަށްބުނާ މައްސަލަ
  • ގޯއްޗަށްއެދި ހުށަހެޅިފަރާތްތަކަށް މާކްސްދީފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސް އެކަން އާމުކޮށްފައިނުވާކަމަށް ބުނާ މައްސަލަ
  • ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރަށް ރިޔާއަތްކުރާނީ ގޯތި ދޭ ތާރީޚަށްކަމަށް ގޯތިދުނުމަށް ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވިއަސް، ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރަށް ރިޔާއަތް ކޮށްފައިނުވާކަމަށްބުނާ މައްސަލަ
  • ގޯއްޗަށްއެދި ހުށަހެޅިފަރާތްތަކުގެ ތެރެއިން ވަކިބަޔަކަށް، ކަޑައަޅާފައިވާ ތާރީހުގެ ފަހުން އިތުރު ލިޔެކިޔުންތަކެއް ހުށަހެޅުމުގެ ފުރުސަތުދީ މާކްސް އިތުރުކޮށްފައިވާ ކަމަށްބުނާ މައްސަލަ
  • ގެވަޅުކޮމިޓީއަށް ބަދަލުގެނެސް ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރާތްތަކެއް ހިމަނައިގެން ގެވަޅުކޮމިޓީ އެކުލަވައިލިކަމަށްބުނާ މައްސަލަ
  • ޕޮއިންޓްދޭ އުސޫލަށް ފަހުން ބަދަލުގެނެސްފައިވާތީ އަލުން އިއުލާނުކޮށްގެން ގެވަޅުދިނުމަށް އޭސީސީން ދީފައިވާ ލަފަޔާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ
  • ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އިން ގެވަޅު ކޮމިޓީއަށް ނުފޫޒު ފޯރުވާވައިވާކަމަށްބުނާ މައްސަލަ

ކައުންސިލާއިމެދު ކޮށްފައިވާ ތުހުމަތު ތަކާއުގުޅިގެން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި ސުވާލުކޮށްލުމުން އެބޭފުޅާ ވިދާޅުވީ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓް އާނމުކުރުމާއިއެކު ރައްޔިތުންގެ ޝަކުވާ ފުލުފުލުގައި އަންނަމުން ދާކަމުގައެވެ. ނަމަވެސް ގެވަޅުދިނުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެއެއްވެސް ކައުންސިލަރަކަށް ދެއްކުން މަނާކޮށްފައިވާތީ، އެބޭފުޅުން ކިތަންމެ ބޭނުންވިޔަސް ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީވެވެން ނެތްކަމަށް އެބޭފޫޅާ ވިދާޅުވިއެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ރައްޔިތުންގެ ތެރޭގައިހުރި ޝަކުވާތަކަށް އަވަސްހައްލެއް ހޯދައިދޭން ބޭނުންވާކަމަށާއި ތިންވަނަ ފަރާތްތެއްގެ އެހީތެރިކާމާއި އެކުނަމަވެސް އެކަން ވާންޖެހޭކަމުގައެވެ.

މުހައްމަދު ރަޝީދު އިތުރަށް ފާހަގަކުރެއްވިގޮތުގައި ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަންގާ ބައެއް އެންގުންތަކުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްދިނުމަށް ކައުންސިލަށްދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. ގެވަޅު ނުލިބުމުގެ ސަބަބުން ވަރަށް ދަތިހާލުގައި އުޅެމުން އަންނަ ފަރާތްތައްވެސް ތިބިކަން ފާހަގަކުރައްވަމުން،  ގެވަޅުދިނުމުގެ ކަންކަން ދެފުށްފެންނަ އިތުބާރު ހިފޭ އުސޫލަކުން ހިންގަންޖެހޭކަން މުހައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.

ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓް އާނމުކުރުމާއިއެކު، ޕޮއިންޓް ދީފައިވާ ގޮތާއިމެދު އާނމުންދަނީ ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތު އެއްބީދައިން ހުރި ފަރާތްތަކުގެ ތެރެއިން ބައެއްފަރާތްތަކަށް އިތުރަށް ޕޮއިންޓް ދީފައިވާކަމަށް ބައެއްފަރާތްތަކުން ތުހުމަތުކުރެއެވެ. އެޝަކުވާތަކަށް ޖަވާބުދާރީވަމުން ގެވަޅު ކޮމިޓީގެ މެމްބަރަކު ބުނެފައިވަނީ ބައެއް ފަރާތްތަކަށް މާކުސް އިތުރުވެފައިވަނީ އެފަރާތްތަކުން މަންމަ ނުވަތަ ބައްޕަ ބަލާކަމަށް ސިޓީ ހުށަހަޅާފައިވާތީކަމުގައެވެ. ނަމަވެސް ގެވަޅު ފޯމްތައް ޕްރޮސެސްކުރުމުގައި ކުރިން ހަރަކާތްތެރިވި ފަރާތަކުން މައުލޫމާތު ދީފައިވާގޮތުގައި ގެވަޅު ޕޯމް ހުށަހަޅަން ދިން މުއްދަތުގައި ފޯމް ހުށަހެޅި އެއްވެސް ފަރާތަކުން އެފަދަ ލިޔެކިއުމެއް ހުށަހަޅާފައެއް ނުވެއެވެ.

ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓް މިދިޔަމަހުގެ 30 ހުގައި  އާންމުކޮށްފައިވާއިރު މިފަހަރު ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ 100 މީހުންނަށެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

"ގެވަޅު ކޮމިޓީގެ މެމްބަރަކު ބުނެފައިވަނީ ބައެއް ފަރާތްތަކަށް މާކުސް އިތުރުވެފައިވަނީ އެފަރާތްތަކުން މަންމަ ނުވަތަ ބައްޕަ ބަލާކަމަށް ސިޓީ ހުށަހަޅާފައިވާތީކަމުގައެވެ. ނަމަވެސް ގެވަޅު ފޯމްތައް ޕްރޮސެސްކުރުމުގައި ކުރިން ހަރަކާތްތެރިވި ފަރާތަކުން މައުލޫމާތު ދީފައިވާގޮތުގައި ގެވަޅު ޕޯމް ހުށަހަޅަން ދިން މުއްދަތުގައި ފޯމް ހުށަހެޅި އެއްވެސް ފަރާތަކުން އެފަދަ ލިޔެކިއުމެއް ހުށަހަޅާފައެއް ނުވެއެވެ." <br>އަލަށް އެކުލަވާލި ގެވަޅު ކޮމެޓީގެ މެމްބަރުން، ވަކި ބަޔަކު ބުނިގޮތަށް ވަކި ބަޔަކަށް މަންފާވާ ގޮތަށް ވަކި ބަޔަކަށް ލިޔުންތަކެއް ހުށައެޅުމަށް ފަހުން ފުރުސަތުދީފަ ވާނަމަ، މިހާރުން މިހާރަށް ކޮމެޓީން އިސްތިއުފާ ދެއްވާ․ ﷲ އަށް ބިރުވެތިވޭ․ ދުނިޔެ މީ އަހަރެމެން ތާއަބަދު އުޅެން އޮތް ތަނެއް ނޫން․ ތައުބާވޭ․

– 9 މެއި 2018 0

ތި އިހަވަންދޫ ކައުންސިލަރުން ޒިންމާތައް ދޫކޮށް މާލެ އައިސް ހުށަހެޅި މައްސަލަތަކެއް..ތިޔައިން އެކަތިވެސް ކުރި އެއް ނުކަނޑާނެ އިދިކޮޅަށް ނިމޭނި.. ސަރުކާރަށް ނޭނގި ހުއްޓާ ތެޔޮ ބިމެއްގެ މައްސަލަ އަދި ތި މީހުން ކޮޅަށް ނިމުނަސް މިހާރު ލޮކު އެޅުވިފަ އޮތީ

– 9 މެއި 2018 0

މައްސަލަ އިންސާފުގެ ކަންފުޅެއްވެސްހުރެ ނިންމައިފިނަމަ އެތައްބަޔަކަށް ޖަލުގެ ތޭރިތައް މައުޚަބާ ކިޔާނެކަން ކަށަވަރު․ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ․ ގިނަބަޔަކުވަނީ ގެއްލި ހަލާކުވެގެންނެވެ․

– 9 މެއި 2018 0

މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް ވަނީ 15 މީހަކު އޭސީސީއަށް މައްސަލަ ހުށައަޅާފަ․ ހަމަ އެހެންމެ ސަރުކާރުން ދަނީ އޭސީސީއަށް މި މައްސަލަ ސަރުކާރުގެ ކޮޅަށް ނިންމުމަށް ބިރު ދައްކަމުން․

– 10 މެއި 2018 0

ގެވަޅު ކޮމެޓީ ކޯޓަށް ދިއުމަށް ތައްޔާރު ވޭ․

– 14 މެއި 2018 0