10 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި އެކު ދެމީހުން ހައްޔަރުކޮށްފި

23 ނޮވެމްބަރު 2017 0

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުން ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސުޕްރީޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ހުޅުމާލެއިން ކަމަށެވެ.

މޫސާ އަލީ ވިދާޅުވީ، މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރޭގައި ހިމެނެނީ 40 އަހަރުގެ ދިވެއްސަކާއި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށާއި މިދެމީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާއަކީ މީގެކުރިންވެސް މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ޙުކުމްކޮށްފައިވާ އަދި ޕެރޯލްގެ ދަށުން ދޫކުރެވި ޕެރޯލްގެ މުއްދަތު ހަމަވެފައިވާ މީހެއްކަމަށެވެ.

މޫސާ އަލީ ވިދާޅުވީ، އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ އުޅެމުންދާ ސައިޓް ބަލާ ފާސްކުރިއިރު މަސްތުވާތަކެތީގެ ތިން ބާވަތެއް ފެނިފައިވާކަމަށެވެ.

"ހެރޮއިން ނުވަތަ ބްރައުން ޝުގާ ގިނަ އަދަކަށް ފެނިފައިވޭ. އަދި އެގޮތަށް ހޭޝް އޮއިލް ނުވަތަ ކެނެބިސް ވަރަށް ގިނަ އަދަދަކަށް ފެނިފައިވޭ. ހަމައެއާއެކު ކްރިސްޓަލް މެތް ވަރަށް ގިނަ އަދަދެއްގެ ޑްރަގް ފެނިފައިވޭ". މޫސާ އަލީ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ފަސްދޮޅަސް ހާސް ހަތަރު ސަތޭކަ ދިހަ ރުފިޔާއަށް އަރާނެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަށްވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް  ފުލުހުން ވިދާޅުވިއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ