ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތައް، ބޭނުމީ ޢަދަދު ތޯ ނޫނީ ނަތީޖާ ޙާޞިލް ކުރުންތޯ؟ — Ihavandhoo.com

ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތައް، ބޭނުމީ ޢަދަދު ތޯ ނޫނީ ނަތީޖާ ޙާޞިލް ކުރުންތޯ؟

9 ޖެނުއަރީ 2014 6

އެއިޑް ޖަމިއްޔާ އިފްތިތާހްކުރުމުގެ ޖަލްސާގެ ތެރެއިން ފޮޓޯ:އިހަވަންދޫ.ކޮމް

ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދަޢުރު މުޖުމަތައުއް ކުރިއެރުމަށްޓަކައި މުހިއްމެވެ. ސަރުކާރުންންނާއި އަމިއްލަ ފަރުދުންގެ އަޅާލުން އެކަށީގެންވާ މިންވަރަށް ނުލިބޭ، ނަމަވެސް މުޖުތަމަޢުއަށް މުހިއްމު މައްސަލަތަކަށް މި ޖަމްޢިއްޔާ ތައް މެދުވެރިވެ ފޯކަސް ކުރެވެއެވެ. ފަރުދީ ފައިދާއެއް ނެތް އެހެން ނަމަވެސް މުޖުތަމަޢުގެ މަޞްލަހަތު ހުރި ކަންކަމަށް އަމިއްލަ ފަރުދުންގެ ވިސްނުން ބަދަލުކޮށްލެވެއެވެ. އަދި އެމީހުންގެ ބައިވެރިވުން ހޯދެއެވެ.

އާބާދީ 3000 (ތިނެއް) ހާސް އަށް ވުރެން ބޮޑު މި އިހަވަންދޫ ގައި މިފަދަ އެތަކެއް ޖަމިއްޔާތަކެއް ވަނީ އުފައްދާފައެވެ. އަދި މިހާރުވެސް ދަނީ އުފެދުމުންނެވެ. ނަމަވެސް ސުވާލަކީ ނަތީޖާއަކީ ކޮބައިތޯއެވެ؟

އިވްނިންގެ ކުލަބު، ކުލަބު ޕޯލްސްޓަރު އާއި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ފަދަ ޖަމާޢަތްތަކަކީ އުމުރުން ދޮށީ އަދި ރަށުގެ ތަރައްޤީ އަށް އެދެވޭ މަސައްކަތްތަކެއް ކުރުމަށް އަންނަ ޖަމާޢަތްތަކެކެވެ. އަދި މި ޖަމާޢަތްތަކުން ނަތީޖާ ޙާޞިލްކޮށްދީފައިވާ މިންވަރު ކަނޑައެޅުމަށް ކިޔުންތެރިންނަށް ދޫކޮށްލަމެވެ. ނަމަވެސް،  ސުވާލަކީ މި ޖަމިޢްޔާތައް ރަށުގެ އަވަށު ވާދައާއި ފިތުނައި ބައިވެރިއަކަށް ނުވޭތޯއެވެ؟  ޢާއިލާތަކުގެ އަހުވަންތަކަމަށް ބުރުލެއްނާރާތޯއެވެ؟

އިޔާރު، އައި.ޑީ.އެސް، އިހަވަންދޫ ސްޕޯޓްސް ކުލަބު މިއީވެސް ހަމަ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް އުފައްދާފައިވާ ޖަމިއްޔާ ތައްކަމަށް ބުނެވެއެވެ. ބައެއް ޖަމިއްޔާތަކަކީ ޢާއިލީ "ގޭންގު" ތަކެއް ކަމަށް ބެލެވޭ ފަހަރު އަންނަނީ، އެ ޖަމިއްޔާގެ ގިނަ މެމްބަރުން އެއް ޢާއިލާ އަކަށް ނިޞްބަތްވާތީއެވެ. މުޖުމަތަޢުއެއް އުފެދެނީ ތަފާތު ގިނަ ޢާއިލާތަކެއް އެކުވުމުންނެވެ. އެހެންކަމުން، ޖަމިއްޔާގެ އާންމު މެމްބަރުންނަކީ ހުރިހާ ޢާއިލާއެއްގެ ބައިވެރިންނަން ހެދުން މުހިއްމެވެ.  

ކުލަ ގަދަ ހަފުލާތަކަކުން، މީރު ކެއުމާއި އެކު، ފުރިހަމަ ވަޢުދުތަކަކާއި އެކު އިފްތިތާހް ކުރެވޭ ގިނަ ޖަމިއްޔާ ތައް ނިމިގެން ދަނީ އަޑެއް ބަޑެއްވެސް ނީވިއެވެ. ރޭވުންތެރިކަމާއެކު މުހިއްމު ޕްރޮގްރާމް ތަކެއް ނުހިންގެއެވެ. ޑިނަރ ނައިޓެއް ބާއްވައި، ބޮކި ދިއްލައި އަލިކޮށް ދެތިން ހަތަރު މެޗުތައް ކުޅެލައި، ދިގު މޭޒުތައް ބަހަށްޓައި ޖަމްބަލް ސޭލްސްއެއް ބާއްވާލީމާ، މި ފަދަ މަދަނީ ޖަމިއްޢާތަކުގެ މަޤްޞަދު ހާޞިލްވިކަމަށް ދެކެވިދާނެތޯއެވެ؟ ތެދެކެވެ. ޙަރަކާތްތައް ހިންގަން ގިނަ ގޮށްޖެހުންތައް އެބަހުއްޓެވެ. މާލީ ދަތިތަކުގެ އިތުރުން، ސަރުކާރުގެ މުވައްސަސާތަކުގެ އެއްބާރު ލުމާއި، އަމިއްލަފަރުދުންގެ ބައިވެރިވުން ނުލިބޭ ވާހަކަ އަކީ އައު ވާހަކަ އެއް ނޫނެވެ. މި ފަދަ ޖަމާޢަތްތަކަށް ފަންނީ އެހީތެރިކަންވެސް ނުހަނު ބޭނުންތެރިކަމަށް ދެކެމެވެ. ކުލަބު ޖަމިއްޔާތަކުގެ އަދަދު ގިނަކުރުމުން، މި ހުރަސްތައް ގިރާކުރެވޭނަމަ، މާދަމާ އަޅުގަނޑުވެސް ޖަމާޢަތެއް އުފެއްދުމަށް ތައްޔާރެވެ.

ރަޖިސްޓްރީ ނުކޮށްވެސް މިފަދަ ކުލަބުތައް ހަރަކާތްތެރިވެއެވެ. އޭގެ އެއް މިސާލަކީ އައި ކުލަބެވެ. ސެން ސިޓީ އާއި ނިކަ އާއި ޖަންގަލް ގްރޫޕް، ކުޅިމަގު ގްރޫޕް، ބޮޑުމަގު ފޭންސްއެވެ.  ދާދި މިދާކަށް ދުވަހު އުފަންވީ، އެއިމް ޖަމާޢަތެވެ. މަޤްޞަދު އެކައްޗެކެވެ. ހިންގަންވެސް ބޭނުންވަނީ އެއް ހަރަކާތްތަކެކެވެ. އިޕްތިތާޙު ކުރެވުނު ޖަލްސާއި ބައިވެރިވީ، މުޅިންވެސް ސިޔާސީ މަޤާމު ތަކަށް ވާދަ ކުރާ ފަރާތްތައް އެކަންޏެވެ.  ޝެޑިއުލް ތަން ނުދޭތީ ބައެއް ޖަމާއަތްތަކަށް ޙަރަކާތްތައް ނުހިންގޭ ވާހަކަ އަޑު އަހަމުތޯއެވެ؟ ހަމަ ގައިމުވެސް އަޅުގަނޑު އަހަމެވެ. މީގެ މާނައަކީ، ރަށުގެ މުޖުތަމަޢު އާއި އެކަށީގެން ނުވާ މިންވަރަށް ޖަމިއްޔާ ތަކުގެ ޢަދަދު ގިނަވެއްޖެ ކަމެވެ.

މަދަނީ ޖަމާޢަތްތައް ސިޔާސީ ނުފޫޒުގައި ނުޖެހޭ ވާހަކަ ބުނުމަކީ ބޮޑު ބުހުތާނު ދޮގެކެވެ. އަދި ސިޔާސީ ޙަރަކާތް ނުހިންގާ ވާހަކަ ބުނުމުން، އެކަން ޤަބޫލުކުރެވޭނީ ކިހިނަކުންތޯއެވެ؟ މާލީ އެހީތެރިކަން ކުލަބު ޖަމާޢަތްތަކަށް އެންމެ ގިނައިން ލިބެނީ ސިޔާސީ ފަރާތްތަކުންނެވެ. އެހެންކަމުން، މި ސިޔާސީ ވެރިން ސިޔާސީ ހަރަކާތްތައް މަދަނީ ޖަމާޢަތްތައް މެދުވެރިކޮށް ހިންގައެވެ.

އަޅުގަނޑު އިމަގުގެ ހަޒާންދާރު ކަމުގެ ހުރެފައި، އައި.ޑީ،އެސް ގެ އެގްޓެކްޓިވް ބޯޑު މެމްބަރަކަށް ވެފަ، އިޔާރު ގެ ރައީސް އަށް ވީމަ، މިވަނީ ކޮންއެއްޗަކަށްތޯއެވެ؟ އެއްވެސް ހައްދެއް ނެތް މިންވަރަށް ކުލަބު ޖަމިއްޔާތައް ރަށުގައި އުފެއްދޭތީވެ، މިހާރު ހުރި ކުލަބު ތައް ނުހިންގެޔޭ ކިޔާފަ ކުލަބު ޖަމިއްޔާތައް އުފައްދާއިރު، މިހާރު ހުރި ކުލަބު ޖަމާޢަތްތައް ނުހިންގެނީ ތިބާގެ އެއްބާރުލުންވެސް ނުލިބޭ ކަމުންކަން، ހަމަ ތިބާއަށް ނުވިސްނެނީ ހެއްޔެވެ؟  އިހަވަންދޫގެ ކުލަބު ޖަމާޢަތްތަކުގެ ހާލަތު މިހާ ހިސާބަށް ދިއުމުން، ދަންނަވާލަން ބޭނުންވަނީ، 2 (ދޭއް) މަދަނީ ޖަމާޢަތް އިހަވަންދޫގެ މުޖުތަމަޢުތައް ފުދެއެވެ. މުހިއްމީ ޢަދަދެއް ނޫނެވެ. ބޭނުމީ، މުޖުތަޢުގެ އެންމެހާ ފަރުދުން ގުޅިގެން މުޖުތަމަޢުގެ އާންމު މަސްލަހަތު އެކުލެވޭ އެންމެހާ މައްސަލަތަކަށް އަމާޒުކޮށް މަސައްކަތްކުރުމެވެ. މިކަމަށް އިސްނެގުމަށް 2 (ދޭއް) މަދަނީ ޖަމާޢަތް ފުދެއެވެ.  ނަތީޖާ  ހާޞިލް ކުރުމަށް އަމިއްލަ ފަރުދެއްގެ ގޮތުން، ކުލަބު ޖަމާޢަތްތަކަށް ޙިދުމަތް ކުރަމާ ހިނގާށެވެ.  

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަގީގަތުގަވެސް ޖަމިއްޔާތައް މާގިނަވެއްޖެ! ކޮބާބާ އިހަވަންދޫގަ މީގެ ދުވަސްކޮޅެއްކުރި އުފެއްދި ޓީމް އިހަވަންދޫ؟

– 9 ޖެނުއަރީ 2014 0

ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ތި ފާޅު ކުރެއްވި ޙިޔާލުތަކާއި ޝުއޫރުތަކަށް ހަމަ ސާބަސް.......

– 9 ޖެނުއަރީ 2014 0

މިއީ ހަމަ ކަންހުރި ގޮތް....ފިރާޟް އަށް ސާބަސް.

– 9 ޖެނުއަރީ 2014 0

ޒުވާނުން މިހާރު ކުރާނެ ކަމެއް ނޭގިގެން ކުރާހާވެސް ކަމަކީ ކުލަބު އުފެއްދުން...ރަށުގެ ކޮންމެ ފެމިލީއަކަށް ކުލަބެއް...އޯ ގަދަ

– 9 ޖެނުއަރީ 2014 0

ކުލަބު ޖަމާޢަތްތަކުން ރަނގަޅު މަސައްކަތްތައްވެސް ކުރޭ...އެފަދަ ކަންތައްތައްވެސް މި ޙިޔާލުގައި ފާޅުކޮށްލިނަމަ ފުރިހަމަވީސް.

– 10 ޖެނުއަރީ 2014 0

ޤާނުނެއްގެ ތެރެއިން ކުލަބު ތައް އުފެއްދޭނެ މިންވަރު ކަނޑައެޅިދާނެ އަދި އެކްޓިވް ނޫން ކުލަބުތައް އުވާލީމާ ނިމުނީ

– 15 ޖެނުއަރީ 2014 0