އަންހެން ކުދިން ފިރިހެން ކުދިންނަށް ވުރެ ކުރިއަރާ ދަނީ

1 މާރިޗު 2014 1

މަދަރުސާތަކުގެ ދަރިވަރުން ހޯދަމުންދާ ނަތީޖާ ތަކަށް ނަޒަރު ހިންގާލާއިރު، ފިރިހެން ކުދިންނަށް ވުރެ ރަނގަޅު ނަތީޖާ އަންހެން ކުދިން ހޯދަމުން އަންނަ ވާހަކަ ދެކެވެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ކުލާސްތަކުގައި އުފެދޭ އަހުލާގީ މައްސަލަތަކުގެ ކުރީގައި ފިރިހެން ކުދިން ތިބޭ އިރު، ނަތީޖާ ގައި އެކުދިން ތިބެނީ އެންމެ ދަށު ގައެވެ. މިއީ ހަމައެކަނި ރާއްޖޭގެ ހާލަތު އޮތްގޮތް ކަމުގައި ނުވީ ނަމަވެސް، މިއީ މިކަމާއި މެދެ ވިސްނާ، މިކަމުގެ މައްސަލަ ހޯދާ އެކަމަށް ހޭހަން ކުރަން ޖެހިފައިވާ ކަމެއްކަމުގައި ދެކެމެވެ.

އެކިއެކި މުދައްރިސުންގެ ފަރާތުން އެނގޭ ގޮތުގައި ރާއްޖޭގެ ތަފާތު ސުކޫލު ތަކަށް ބަލާއިރު، ގުރޭޑް 1 ން ފެށިގެން 12 އާއި ހަމައަށް ވެސް ނަތީޖާ ތަށް ހުރީ މިފަދަ ގޮތަކަށެވެ. ފަށާ ތަޢުލީމީ މަރުހަލާ އާއި މެދު މަދުރަސީ އަދި ދަށު ސާނަވީ މަރުހަލާ އާއި މަތީ ސާނަވީ މަރުހަލާއިން ވެސް މިފަދަ ކަމުވޮށިނުވާ ނަތީޖާ ތަކެއް ފެންނަމުންދާއިރު، މިއީ މުޅި ޤައުމު މިކަމާއި މެދު ލޯހުޅުވައި ވިސްނަން ޖެހިފައިވާ ކަމެކެވެ.

2013 ވަނަ އަހަރު މެއި ޖޫން ގައި ބޭއްވި އެޗް.އެސް.ސީ އަދި އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ 5 ސުކޫލަކުން ޖުމުލަ 1725 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އެއީ 1011 އަންހެން ކުދިންނާއި 714 ފިރިހެން ކުދިން ނެވެ. 2013 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ބައިވެރިވި 1011 އަންހެން ކުދިން ވަނީ މުޅި އެއަހަރުގެ 3 މާއްދާއިން ފާސްވި ނިސްބަތުގެ 48.5 އިންސައްތަ ހިއްސާކޮށްފައެވެ. މާނަ އަކީ 2013 ވަނަ އަހަރުގެ މަތީސާނަވީ ނިންމި ޖުމުލަ 490 އަންހެން ދަރިވަރުން ވަނީ މަތީ ތަޢުލީމުގެ ފުރުސަތު ތަކަށް ދިއުމަށް ބޭނުންވާ މިންވަރަށް ފާސްވެފައެވެ. އޭލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުން އިއުލާންކުރުމަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓު މިނިސްޓަރ ޑރ. ޢަބުދުﷲ ނަޒީރު ފާހަގަ ކުރެއްވި ގޮތުގައި ވޭތުވެދިޔަ 5 އަހަރުގެ ނަތީޖާއަށް ބަލާއިރު ދިވެހި އަންހެންކުދިން އޭލެވެލްގައި ހޯދާ ކާމިޔާބީތައް ދަނީ އިތުރުވަމުން ނެވެ. އަދި "ދުނިޔޭގެ ޓުރެންޑަށް ބަލާއިރުވެސް މިމަރުހަލާގައި އަންހެންކުދިން ފިރިހެންކުދިންނަށްވުރެ ރަނގަޅު ނަތީޖާ ހޯދަމުން އަންނަކަން ފާހަގަ ކުރެވޭ" ކަމަށް ނަޒީރު ވަނީ ވިދާޅުވެފައެވެ.

މަތީސާނަވީ މަރުހަލާގައި ޖުމުލަގޮތެއްގައި އަންހެން ދަރިވަރުންގެ ޢަދަދު އިތުރުވެ ފިރިހެން ދަރިވަރުންގެ ޢަދަދު ދަށްވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓުރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް މަތީސާނަވީގައި ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާކަމަށްވެސް މިނިސްޓުރީގެ ތަފާސްހިސާބު ތަކުން ދައްކައެވެ. މާނަ އަކީ މަތީސާނަވީ މަރުހަލާއަށް ފާސްވާ މިންވަރަށް ދަށު ސާނަވީ މަރުހަލާގައި ފިރިހެންކުދިންނަށް ނަތީޖާ ހޯދޭ މިންވަރު ދަށް ކަމެވެ.

ތަޢުލީމު އުނގެނުމުގައި އަންހެން ކުދިން ފިރިހެން ކުދިންނަށްވުރެ ކުރިއަރަމުންދާ ސަބަބު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ބައެއް ދިރާސާތަށް ކުރެވިފައި ވެއެވެ. މިދިރާސާތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި މިމައްސަލާގައި ތަފާތު ސަބަބުތައް ވެއެވެ. އަންހެން ކުދިންގެ އުޅުމަށް އައި ބަދަލާއި މުޖުތަމަޢުގައި އަންހެނުންގެ ދައުރު ބޮޑުވެގެން ދިއުމާއި ވަޒީފާ ތަކުގައި އަންހެނުން އިތުރުވުމާއި ވަޒީފާތަށް ދިނުމުގައި ކުރިއާއި ހިލާފަށް ޖިންސީ ތަފާތުކުރުންތައް ނުގެންގުޅުމާއި، ތަޢުލީމަށް އަންހެންކުދިންދޭ ސަމާލުކަން އިތުރުވުން އެއީ މިކަމުގެ ސަބަބެއް ކަމުގައި ބެލެވެއެވެ.

ނަފުސާނީޢިލްމުގެ އެހީގައި ބައެއް ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި އުމުރުން 6 އަހަރުގައި ތަޢުލީމީ މަރުހަލާ ދަރިވަރުން ފަށާއިރު، އެއުމުރަކީ އަންހެން ކުދިން ނަށް މިފަދަ ކަމަކަށް ރަނގަޅު އުމުރެއް ކަމުގައި ވިޔަސް، ފިރިހެން ކުދިން ނަށް އެއީ އެކަށީގެންވާ އުމުރެއް ނޫނެވެ. ނަމަވެސް ކިޔެވުމުގައި އަންހެން ކުދިން ފިރިހެން ކުދިންނަށްވުރެ ބޮޑު ފަރަގަކުން ކުރިއެރުން ހޯދަން ފަށާފައިވަނީ ވޭތުވެދިޔަ 5 ވަރަކަށް އަހަރު ތެރޭގައި ކަމަށްވުމުން، މި ދެންނެވި އެކަށޭނެ އުމުރުގެ ވާހަކަ އަކީ ބަލިކަށި ވާހަކަ އަކަށް ވެގެން ދެއެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މިކަމުގައި ތަފާތު ސަބަބުތައް ހުންނާނެ އެވެ. އެއާއި އެކު އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ދަރިވަރުންގެ، ހާއްސަކޮށް ފިރހެން ދަރިވަރުންގެ އުޅުމާއި އަހުލާގަށް އައި ބަދަލު އެކުދިން ދަށްވަމުންދާ ދިއުމުގައި ބޮޑު ހިއްސާއެއް އަދާކުރާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މައިންބަފައިންނާއި މުދައްރިސުންނަށް ކުރާ އިހުތިރާމާއި، ކުލާސްތަކުގައި ފިލާވަޅު ތަކަށް ދޭ ސަމާލު ކަމާއި، ޢިލްމު އުނގެނުމަށް ބަހައްޓާ ޝަޢުޤުވެރިކަމާއި ވަކި އަމާޒެއް އޮވެގެން މަސައްކަތް ކުރާ ކުރުން، ދަރިވަރުން ހޯދާ ނަތީޖާ އާއި ގުޅި ލާމެހިފައިވާ އިރު، މިދެންނެވި ސިފަތަކަށް، ނުފޫޒު ފޯރުވާ އައު ކަންތައް ތަކެއްވެސް މިއަދުގެ މާހައުލަށް ތަޢާރަފުވަމުން ދާ ކަމީ އެންމެން ދަންނަ ކަމެކެވެ.

މައްސަލަ އަކީ ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން ކުރިއަރާ ދިއުމެއް ނޫނެވެ. މައްސަލައަކީ ދުނިޔޭގެ ފެންވަރުގެ އިމްތިހާނު ތަކުގައި އަންހެން ކުދިން ހޯދާ ރަން ވަނަތައް ގިނަވުމެއްވެސް ނޫނެވެ. މައްސަލަ އަކީ ފިރިހެން ކުދިންނާއި އަޅާ ބަލާއިރު، އަންހެން ކުދިން ކުރިއަރަމުންދާ ނިސްބަތަށް ބަލާއިރު، ދެޖިންސުގެ މެދުގައި ހުރި ތަފާތު ބޮޑުވަމުން ދާ ދިއުމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފިރިހެން ކުދިން ސީރިއަސް ވަނީ ގުރޭޑް 10 ގެ ދެވަނަ ޓާމަށް އެޅުނީމަ

– 2 މާރިޗު 2014 0