ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފި — Ihavandhoo.com

ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފި

8 ސެޕްޓެމްބަރު 2019 0

އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ގޯތި ދޫކުރި ލިސްޓު ބާޠިލުކޮށް 200 ގޯއްޗަށް އަލުން އިޢުލާން ކޮށްފިއެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލްގެ އިދާރާއިން 10 އޯގަސްޓް 2016 ގައި ކޮށްފައިވާ  އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞާތު ހުޅުވާލާފައި ވަނީ  މިނިސްޓްރީ އޮފް ހައިސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އިހަވަންދޫ ކައުންސިލަށް އެގޮތަށް އަމަލުކުރުމަށް ލަފާ ދެއްވާފައިވާތީކަމަށް ކައުންސިލުން ބުނެއެވެ.

10 އަހަރަށް ފަހު އިހަވަންދޫން ގޯތި ދޫކުރުމަށް ކައުންސިލުން 2016 އޯގަސްޓް 10 ގައި ކުރި އިއުލާނާ ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް ކުރިމަތިލީ 401  ފަރާތުގެ ތެރެއިން، ގޯތި ލިބުނު 100 ފަރާތަކަށް އިހަވަންދޫ ކައުންސިލުން ވަނީ ގޯތި ލިބުނު ކަމުގެ ލިޔުން ނިމިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ހަވާލު ކޮށްފައެވެ. އަދި އެފަރާތްތަކަށް ބިން ލިބޭ ސަރަހައްދު ތައް ގުރުނަގައިގެން ކަނޑައަޅައި ގޯތި ލިބުނު ފަރާތްތަކަށް ވަނީ ބިން ސާފު ކުރުމަށްވެސް އަންގާފައި ވެއެވެ.

އެއިރު އިހަވަންދޫ ކައުންސިލުން ގޯތި ދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ކައުންސިލް އެއްކޮށް ސަސްޕެންޑު ކޮށްފައިވާ މުއްދަތުގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ. ގޯތު ދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ހައުސިންގ މިނިސްޓުރީގެ ޓީމެއްގެ ބެއްލެވުމުގެ ދަށުން އެކަމަށްޓަކައި އުފައްދާފައިވާ ކޮމެޓީ އަކުންނެވެ.

ހއ. އިހަވަންދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 14 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި ގޯއްޗަށް އެދޭ ފޯމު ދޫކުރަން ހަމަ ޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 10:00 ން މެންދުރު 12:00 އާ ދެމެދުއެވެ. ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މެންދުރު 12:00 ން 14:00 އަށް ކަމަށް އެއިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން ޖުމުލަ 40 ފޫޓު * 40 ފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.

ގޯއްޗަށް އެދޭ މީހުންގައި ހުންނަން ޖެހޭ ޝަރުޠު ހަމަވެގެން ގޯއްޗަށް އެދިފައިވާ މީހުންގެ އަދަދު، ގޯތި ދޫ ކުރުމަށް ހަމަ ޖެހިފައިވާ އަދަދަށް ވުރެ އިތުރު ވާނަމަ، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ކަނޑަ އަޅާނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެމީހަކަށް ޝަރްޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ، އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމަށް އެއިދާރާއިން ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ