ތިބާއަށް ކުރިން އެނގިފައިނުވާ "ކޫލް" އެތައް ކަމެއް ގޫގުލް އިން ކުރެވިދާނެ!

ގޫގުލް އަކީ އިންޓަރނެޓޭ ބުނުމުން މިއަދު ގޯހެއް ނުވާނެއެވެ. އެހެނީ އަހަރުމެން ހުރިހާ އެންމެން އިންޓަރނެޓަށް ވަދެ އެންމެ ގިނައިން ބޭނުންކުރެވޭ އެއް ވެބްސައިޓަކީ ގޫގުލް ކަމަށް ވާތީއެވެ. އަހުރެމެން އިންޓަރނެޓުން ހޯދަން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަ ކަމާއިއެކު ގޫގުލްގެ އެހީގައި ހޯދެއެވެ.
މިހާ ގިނަ ޢަދަދެއްގެ ބަޔަކު ގޫގުލްގެ އެކި އުފެއްދުންތައް ބޭނުންކުރާ އިރު ގޫގުލްގެ މި އުފެއްދުންތަކުން "ކޫލް" އެތައް ކަމެއް ކުރެވިދާނެ ކަން އިނގެނީ ކިތައް މީހުންނަށް ބާވައެވެ؟ ގޫގުލް މެދުވެރިކޮށް މޮޅެތި ކިތަންމެ ކަމެއް ކުރެވިދާނެވެ. މިއީ ގޫގުލް ގައި ފޮރުވިފައިވާ "ޓުރިކްސް" ތަކަކެވެ. ނުވަތަ "ފިޗާސް" ތަކަކެވެ. މީގެ ތެރެއިން ބައެއް "ފީޗާސް" ތަކަކީ ގޫގުލް ޑިވެލޮޕަރުން އެއްވެސް ބޭނުމެއްނެތި، ހަމަ "މަޖަލަށް" ހިމަނައިފައިވާ "ފީޗާސް" ތަކެއް ކަމަށް ޤަބޫލު ކުރެވެއެވެ.
އެހެންކަމުން ގޫގުލްގައި ފޮރުވިފައިވާ މިވާ "ޓުރިކްސް" ތައް ހާމަ ކޮށްލަމާ ތޯއެވެ؟
މުހިއްމު ނޯޓް: ގޫގުލްގެ ބައެއް "ޓްރިކްސް" ތައް ކޮންމެ ކޮންމެ ބުރައުޒާއަކަށް "ސަޕޯޓް" ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުގެ ތަޖުރިބާގައި މި "ޓްރިކްސް" ތައް އެންމެ ރަނގަޅަށް ބަލާލެވެނީ "ގޫގުލް ކްރޯމް" އިންނެވެ.
- 360 ޑިގުރީ އަށް ގޫގުލް އަނބުރާލާ!
ގޫގުލް ސާޗް ކުރާ ސަފުހާގައި "do a barrel roll" މިހެން ޖައްސަވާ ސާޗް ކުރަށްވާށެވެ. ދެން އެއަށްފަހު ގޫގުލްގެ ސަފުހާ އަށް ވާގޮތް ބައްލަވާށެވެ. 360 ޑިގުރީ އަށް ސަފުހާ އެނބުރޭނެއެވެ.
- އާރްކޭޑް ގޭމް ކުޅެލާ!
"ގޫގުލް އިމޭޖްސް" އަށް ވެންނެވުމަށް ފަހު "Atari Breakout" މިހެން ޖައްސަވާ ސާޗް ކުރަށްވާށެވެ. އިރުކޮޅަކުން ހުރިހާ ފޮޓޯތަކެއް "ބުލޮކް" ތަކަކަށް ބަދަލުވެ "އަރްކޭޑް" ގޭމެއް ކުޅެވޭނެއެވެ.
- ގޫގުލް އޮރިކޮށްލާ!
ގޫގުލް ގައި "Askew" މިހެން ޖައްސަވާ ސާޗް ކުރަށްވާށެވެ. އޭރުން ގުގޫލްގެ ސަފުހާ ކުޑޮކޮށް އޮރި ވާނެއެވެ.
- "ޒާރގް ރަޝް" – ގޫގުލް "އޯ" ގޭމް
ގޫގުލް ގައި "zerg rush" މިހެން ޖައްސަވާ ސާޗް ކުރަށްވާށެވެ. އިރުކޮޅަކުން ގޫގުލް ސަފުހާގެ މަތިން "އޯ" ތަކެއް ތިރިއަށް ފައިބެ ގޫގުލް ސަފުހާގައި ހުރި އެއްޗެހި ހަލާކުކޮށް ނެތި ކުރަން ފަށާނެއެވެ. މިއިން "އޯ" އެއްގައި ތަކުރާރުކޮށް "ޑަބަލް ކްލިކް" ކުރެއްވުމުން އެ "އޯ" ނެތިގެން ދާނެއެވެ.
- "ގޫގުލް ސްކައި" – ޖައްވުގައި އުދުހެލާ!
ގޫގުލް ސްކައި މެދުވެރިކޮށް ޖައްވުގައި އުދުހެލާ އެކި ގެލެކްސީތައް ބަލާލެވޭނެއެވެ. ތަރިތަކާއި ޖައްވުގައިވާ އެކިކަހަލަ ހިލަތަކާއި ގުރަހަތައް (ޕުލެނެޓްތައް) ބަލާލެވޭނެއެވެ.
- ގޫގުލް އެކޮޅުކޮޅުން
www.elgoog.im ވެބްސައިޓުން ގޫގުލް އެކޮޅުކޮޅުން ބޭނުން ކުރެއްވޭނެއެވެ. މިއީ އެކޮޅުކޮޅުން އަނބުރާލައިފައިވާ "ގޫގުލް ޓްރިކްސް" ތަކުގައި ހިމެނޭ ގޫގުލްގެ ވާޝަން އެކެވެ. އެކޮޅުކޮޅުން އަނބުރާލައިފައިވާ ވާޝަން އިން ސާޗްވެސް ކުރެވޭނެއެވެ.
- ބިމައްދަމާ ބާރާއި ގޫގުލް (ގުރެވިޓީއާއި ގޫގުލް)
ގޫގުލް ގައި "google gravity" މިހެން ޖައްސަވާ ސާޗް ކުރެއްވުމަށް ފަހު "I’ m feeling lucky" ލިންކަށް ފިއްތާލާށެވެ. މި ލިންކަށް ފިއްތާލުމުން ފެންނަ ގޫގުލް ސަފުހާ ގައިވާ އެއްޗެހި ތިރިއަށް ވެއްޓިގެން ދާނެއެވެ. އެހެން ގޮތަކަށް ބުނަނީނަމަ ބިމައްދަމާ ބާރާއި އެއްގޮތަށް މަސައްކަތް ކުރާނެއެވެ.
ނޯޓް: މި "ޓްރިކް" ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ ތިރީގައިވާ ލިންކަށް ފިއްތާލާށެވެ.
http://mrdoob.com/projects/chromeexperiments/google_gravity/
- ބާރގާ އެއްތަ؟ ނޫނީ ސޭންޑްވިޗެއްތަ؟
ގޫގުލް މެދުވެރިކޮށް ކާންބޭނުންވާ ތަކެތި އަޅާ ކިޔާލެވޭނެއެވެ. މިއަދު މެންދުރު ކެއުމަށް ކާނީ ބާރގާ އެއްތޯ ނޫނީ ސޭންޑްވިޗެއްތޯ ގޫގުލްގެ އެހީގައި އިޚްތިޔާރު ކުރެވިދާނެއެވެ. "burger vs sandwich" މިހެން ޖެއްސެވުމަށްފަހު ގޫގުލްގައި ސާޗް ކުރުމުން ދޭތިގައިވެސް ހިމެނޭ ކެލޮރީ އާއި އެހެނިހެން "ނިޔުޓިރަޝަނަލް" މަޢުލޫމާތު އަޅާކިޔާލެވޭނެއެވެ. ހަމަ މިގޮތަށް ބޭނުންވާ ކޮންމެ ބާވަތެއްވެސް އަޅާކިއިދާނެއެވެ. މިސާލަކަން "pizza vs spaghetti" ނުވަތަ "fried rice vs noodles" އަޅާކިއިދާނެއެވެ.
- ގޫގުލް ގުލޯބް
ގޫގުލްގައި "google sphere" މިހެން ޖެއްސެވުމަށްފަހު "I’ m feeling lucky" ލިންކަށް ފިއްތާލުމުން ގޫގުލް ސަފުހާގައި ހިމެނޭ ހުރިހާ އެއްޗެއް ވަށް ބޮޅަކަށް، ގުލޯބެއް ގޮތަށް ބަދަލުވާނެއެވެ. އަދި ސަފުހާގައި ހިމެނޭ އެއްޗެހި އަނބުރާވެސް ލެވޭނެއެވެ. މި އެނބުރުމުގައި އެނބުރޭ ކޮޅު އިޚްތިޔާރު ކުރާނީ "މައުސް" ގެ ތީރު ސްކުރީނުގައިވާ ކޮޅާ ދިމާވާގޮތައް ބަލާފައެވެ.
ނޯޓް: މި "ޓްރިކް" ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ ތިރީގައިވާ ލިންކަށް ފިއްތާލާށެވެ.
http://mrdoob.com/projects/chromeexperiments/google-sphere/
- ޔޫޓިއުބް މިހާރު ނަށަންވެސް ފެށީ ...!
މިއީ ގޫގުލްގެ ޔޫޓިއުބް "ޓްރިކް" އެކެވެ. ޔޫޓިއުބްގައި " Use the force, Luke" މިހެން ޖަހައި ސާޗް ކުރުމުން ޔޫޓިއުބްގެ ސަފުހާގައިވާ ހުރިހާ އެއްޗެހިތަކެއް ނަށަން ފަށައެވެ.
- ގޫގުލް ނިވިދިއްލާލާ! (ބުލިންކް)
ގޫގުލް ގައި "Blink HTML" މިހެން ޖަހައި ސާޗް ކުރަށްވާށެވެ. ސަފުހާގައިވާ ހުރިހާ "HTML" ލިޔެފައިވާ ބަސްތައް ނިވިދިއްލެން (ބްލިންކްވާން) ފަށާނެއެވެ.
- އަންޒަމާނުގައި ގޫގުލް ހުންނަނީ ކިހިނެއްބާ؟
ގޫގުލް ގައި "Google in 1998" މިހެން ޖަހައި ސާޗް ކުރުމުން 1998 ގައި ގޫގުލް ހުރިގޮތަށް ލައިވްކޮށް ގޫގުލް ބޭނުން ކުރެވޭނެއެވެ.
- ގޫގުލް ކްރޯމްގައި ފޮރުވިފައިވާ ޑައިނަސޯ ގޭމް
ގޫގުލް ކްރޯމްއަކީ ގޫގުލްއިން އުފައްދައިފައިވާ "ވެބް ބްރައުޒާ" އެކެވެ. މި ބްރައުޒާގައި ވަރަށް ގިނަ ބަޔަކަށް ނޭނގޭ ގޭމެއް ފޮރުވިފައިވެއެވެ. މި ގޭމް މަސައްކަތް ކުރަނީ އިންޓަރނެޓް ކަނެކްޝަނާއި ނުލައެވެ. އިންޓާރނެޓާއި ނުލައި ގޫގުލް ކްރޯމް ބޭނުންކުރާނީ ކާކު ހެއްޔެވެ؟ މި ސަބަބާއި ހުރެ ގިނަ ބަޔަކަށް މި ގޭމް ވާކަމެއްވެސް ނޭނގެއެވެ. މި ގޭމް ކުޅުމަށް އިންޓަރނެޓް ކަނެކްޝަން ނިއްވާލާށެވެ. (އޮފް ކޮށްލާށެވެ.) ދެން ގޫގުލް ކްރޯމް ހުޅުވާ ކޮންމެވެސް ސައިޓަކަށް ވަންނާށެވެ. އިރުކޮޅަކުން ގޫގުލް ކްރޯމްއިން "އެރާރް" މެސެޖްއެއް ފެންނާނެއެވެ. ދެން ކީބޯޑްއިން "ސްޕޭސް" އަށް ފިއްތާލާށެވެ. އިރުކޮޅަކުން "އެރާރް" މެސެޖުގައިވާ ޑައިނަސޯ ކުރިއަށް ހިނގަންފަށާނެއެވެ.
މިއީ ގޫގުލްގެ އުފެދުންތައް މެދުވެރިކޮށް ކުރެވިދާނެ "ކޫލް" ބައެއް ކަންތައްތަކެވެ. މީގެ ތެރެއިން ތިބާއަށް އެންމެ މަޖަލީ ކޮން ކަމެއް ހެއްޔެވެ؟ އަދި އެންމެ "ކޫލް" އީ ކޮންމެ ކަމެއް ހެއްޔެވެ؟
ޚިޔާލު ފައުޅުކުރުން