މައި ކަޕް 2019: ގްރޫޕް އެކަކުން ތިން ޓީމު ކުއާޓަރއަށް — Ihavandhoo.com

މައި ކަޕް 2019: ގްރޫޕް އެކަކުން ތިން ޓީމު ކުއާޓަރއަށް

13 ޑިސެމްބަރު 2019 0

ޔުނައިޓެޑު ޔޫތު އަދި ބަނޑޭރި ސްޓާ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިއްޓެފުރަފީ

މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ގްރޫޕް އެކެއްގެ ތިން ޓީމުން ޖާގަ ހޯދައިފިއެވެ.

ޔުނައިޓެޑް ޔޫތު، ޖަންގަލް، އަދި އެފްސީ ބޮޑުމަގުގެ އިތުރުން މާރަންދޫގެ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު ހިމެނޭ މި ގުރޫޕުން ކުއާޓަރ ފައިނަލްގެ ޖާގަ ނުލިބި މުބާރާތާ ވަކިވެފައިވެފައިނީ ނިމިދިޔަ ދެ އަހަރު މުބާރާތުގެ ފައިނަލްގައި ކުޅުނު ޖަންގަލް ޓީމެވެ. ގްރޫޕްގެ ފުލުގައި ޖަންގަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު 1 ޕޮއިންޓާއެކު އެވެ.

ކުޅުނު 3 މެޗުން 7 ޕޮއިންޓް ހޯދައިގެން މި ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުއާޓާރއިން ޖާގަ ހޯދީ ވޭތުވެދިޔަ ދެއަހަރު ޖަންގަލް ޓީމާއެކު މުބާރާތުގެ ފައިނަލްގައި ކުޅެ، 2017 ވަނަ އަހަރު އެޓީމާއެކު މުބާރާތުގެ ތަށި އުފުލައިލި ކޯޗު ޙުސައިން ފަޔާޒުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުނައިޓެޑް ޔޫތެވެ.

6 ޕޮއިންޓާއެކު މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު ކުއާޓައިން ޖާގަ ހޯދައިފައިވާއިރު، ރޭ 6-0 އިން ޔުނައިޓެޑް ޔޫތު އަތުން ބަލިވި އެފްސީ ބޮޑުމަގަށް، އެންމެ ރަނގަޅު ނަތީޖާ ހޯދި 3 ވަނަ ޓީމުގެ ގޮތުގައި ހިމެނި ކުއާޓަރ ފައިނަލުން ވަނީ ޖާގަ ލިބިފައެވެ. އެޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ގްރޫޕް 2ގެ ތިންވަނަ ހޯދައިފައިވާ ޖޭއޭ މަނަފަރު އަދި މާރަންދޫ ޔޫތު ސޮސައިޓީއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ޑިސެމްބަރ 14 ވަނަ ދުވަހުގެ ހަވީރު ޔުނައިޓެޑް ޔޫތު ނިކުންނާނީ ގްރޫޕް 3 ގެ ތިންވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އެރޭ ކުޅެވޭ ދެވަނަ ކުއާޓަރ ފައިނަލް މެޗުގައި އެފްސީ ބޮޑުމަގާއި ގްރޫޕް 2ގެ 1 ވަނަ ޓީމު އެންވީކޭ ބައްދަލުކުރާއިރު ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި، ޑިސެމްބަރ 15 ވަނަ ދުވަހުގެ ހަވީރު ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު ނިކުންނާނީ ގްރޫޕް 3ގެ 1 ވަނަ ޓީމު ކުޅިމަގު ޓީމާ ދެކޮޅަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ