މައި ކަޕް 2015: ހޭސް އަދި މާރަންދޫ ޔޫތު ކޯޕަރޭޝަން ސެމީއަށް — Ihavandhoo.com

މައި ކަޕް 2015: ހޭސް އަދި މާރަންދޫ ޔޫތު ކޯޕަރޭޝަން ސެމީއަށް

22 ޑިސެމްބަރު 2015 0

އައި.ކުލަބު އަދި ހޭސް ބައްދަލްކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހަމީދު

އިހަވަންދޫ ހުރަވީ ދަނޑުގައި މިހާރު ކުރިއަށްދާ މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެޖާގަ ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ އަދި މާރަންދޫ ޔޫތު ކޯޕަރޭޝަނުން ހޯދައިފިއެވެ.

ހޭސް ސެމީ ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅެވުނު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި އިހަވަންދޫގެ އައި.ކުލަބު 2-1 ން ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ 1-1 ން އެއްވަރުވެފައެވެ. ހޭސް މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅެވުނު 15 މިނެޓްގެ ދެހާފުގެ ތެރެއިން، ފަހު ހާފުގެ އެންމެ ފަހު ވަގުތުކޮޅުއެވެ. އިއްޔެގެ މެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑް ނެގީ ހޭސް އެވެ. ހޭސްގެ ގޯލް ޖަހައިދިނީ އެޓީމުގެ މޫސާ މަޒުހަރުއްދީން 19، އެވެ. އައިކުލަބުން މެޗުގެ ނަތީޖާ އެއްވަރުކުރީ އެޓީމުގެ ޢަބްދުއްރަޝީދު މުޙައްމަދު 8، ޖަހައިދިން ގޯލުންނެވެ. ހޭސް މޮޅުކޮށްދިން ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުހޯދި ހޭސްގެ ޢަލީ ފާއިޒު 10، އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ހޭސް ބައްދަލްކުރަންޖެހޭނީ ކުއާޓަރ ފައިނަލްގެ 3 ވަނަ މެޗުގައި މިއަދު ހަވީރު ނިކަ ޗެއިން އަދި ޔޫތު ޔުނައިޓެޑް ބައްދަލްކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ މާރަންދޫ ޔޫތު ކޯޕަރޭޝަނުން ހޯދީ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި 2-0 ން އަރާދުވާ ބަލިކުރުމަށްފަހުއެވެ. ފަހު ހާފުގައި މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކުމުން އެއްކުޅުންތެރިޔަކު މަދުން ކުޅުނު މާރަންދޫ ޔޫތު ކޯޕަރޭޝަނުން މެޗު ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެގޯލުންނެވެ. މާރަންދޫ ޔޫތު ކޯޕަރޭޝަންގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ މުޙައްމަދު އިރުޝާދު 10، ކާމިޔާބުކުރި އިރު އެޓީމުން ލީޑް ފުޅާކުރީ ޙުސައިން ޝިޔާމް 17، ޖަހައިދިން ގޯލުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ އަޙްމަދު ޝަރްމީލް 8، އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހުގެރޭ މާރަންދޫ ޔޫތު ކޯޕަރޭޝަން ބައްދަލްކުރަންޖެހޭނީ ކުއާޓަރ ފައިނަލްގެ ފަހުމެޗުގައި މެޗުގައި މިރޭ ސެން ސިޓީ ފޭންސް އަދި މާރަންދޫ ޔޫތު ސޮސައިޓީ ބައްދަލްކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެރޭ 2015 ގައި މުބާރާތް ކުރިޔަށްދާ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައެވެ.

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ