ހަވާގެ ސަބަބުން ބީރުވެދާނެ

ހަވާއެރުވުމަކީ ރައީސް ޔާމީންގެ މިވެރިކަމުގެ ދައުރުގެކުރިން ދިވެހިންނަށް އެހާއާންމު ކަމެއް ނޫނެވެ. ނަމަވެސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާއެރުވުން ވަނީ ހާއްސަ ކަމެއް ނެތް އާންމު ކަމަކަށް ވެފައެވެ. ސަރުކާރުން މަޝްރޫއުތަށް ފަށަނީ ހަވަޔާއެކުއެވެ. ނިންމަނީ ވެސް ހަވަޔާއި އެކުއެވެ. ކާމިޔާބީގެ އުފާ ފާޅުކުރަނީވެސް ހަވާއެރުވުމަކުންނެވެ.

ހަވާއެރުވުމުން ހިތްތަކަށް އުފާލިބުނަސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެހެނީ އެއީ ބަޑިބޭހުގެ ކުޅިވަރެކެވެ. މިހިނގާ 2015 ވަނަ އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ޔޫރަޕްގެ އެކިގައުމުތަކުގައި އެރުވި ހަވާތަކުގެ ޝިކާރައަކަށްވެ މަދުވެގެން 5 މީހަކު މަރުވިކަމަށް އޭޕީން ރިޕޯރޓް ކޮށްފައިވެއެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އިހައްދުވަހު މިރާއްޖޭގައި އެރުވި ހަވާއިން ފޭބި ބަޑިބޭހުގެ އަލިފާން ގުޅައަކުން ޖެހި 3 މީހަކު ފިހިފައިވެއެވެ.

ކޮންމެއަކަސް ހިތްތަކަށް ހާއުފާވެރިކަން ގެނައުމަށް އަރުވާ ހަވައިންވެސް ގެއްލުންތަކެއް ވެދާނެކަން މިކަންކަމުން އެނގިގެންދެއެވެ. މިލިޔުމުގައި ބޮޑަށް ބަލާލަނީ ހަވާއަރުވާއިރު އިވޭ ބާރުއަޑުން އަޑު އިވުމުގެ ހިއްސަށް ކޮށްފާނެ އަސަރުތަކުގެ މަށްޗަށެވެ.

ހަވާ ގޮށްވުމުން އުފެދޭ އަޑުގެ ބާރުމިން ހުންނަނީ 150 އާއި 175 ޑެސިބަލް އާއި ދެމެދުއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ އެކިއެކި ގައިޑްލައިން ތަކުގައި ވާގޮތުން ބޮޑެތި މީހުންވެސް 140 ޑެސިބަލަށްވުރެ ގަދައަޑުތައް އަހައިގެން ނުވާނެއެވެ. އަދި ކުޑަކުދިން 120 ޑެސިބަލަށްވުރެ ބާރު އަޑުވެސް އަހައިގެން ނުވާނެއެވެ. އެހެންކަމުން ހަވާ ގޮށްވުމުން އުފެދޭ އަޑަކީ ބޮޑެތިމީހުންނާއި ކުޑަކުދިން ވެސް އެހުމަށް ސިއްހީގޮތުން ރައްކާތެރި މިންވަރަށްވުރެ ބާރުއަޑެއްކަން މިކަންކަމުންވެސް ދޭހަވެއެވެ.

ޑރ.ކެވިން ލެބޭ އޭނާގެ ބްލޮގުގައި ލިޔެފައިވާ ގޮތުގައި އެމެރިކާގައި ދާއިމީ ބީރުވުމަކުން ބީރުވާ މީހުންގެ ތިންބައި ކޮށްފަ އެއްބައި މީހުންނަކީ ސިއްހީގޮތުން ރައްކާތެރި މިންވަރަށްވުރެ ބާރުއަޑުތަކަށް ހުށަހެޅުމުގެ ސަބަބުން ބީރުވާ މީހުންނެވެ. ޑރ.ބެލިންޑާ ބުނުއްވާ ގޮތުގައި ހަވާއަރުވާ އަޑުގެ ސަބަބުން ދެގޮތަކަށް އަޑުއިވުމުގެ ނިޒާމަށް އަސަރުކޮށްފާނެއެވެ. އެއްގޮތަކީ ވަގުތީ ބީރުވުމެވެ. އަނެއްގޮތަކީ ދާއިމީ ބީރުވުމެވެ.

ޑރ. ބެލިންޑާ ބުނުވާގޮތުގައި ވަގުތީ ބީރުވުމާއި ކުރިމަތިވާ ގިނަ މީހުންގެ ކަންފަތަށް "ރީ" އަޅާކަހަލަ އަޑެއް އިވިއިވިހުރެއެވެ. އެކަމަގެ ސަބަބުން ނިދަންއުނދަގޫވެ އަދި ކަންކަމަށް ސަމާލުކަން ދިނުމަށް އެފަދަމީހުންނަށް ދަތިވެއެވެ.

ޑރ.ބެލިންޑާ ބުނުއްވާ ގޮތުގައި ހަވާއެރުވުމުން އަޑުއިވުމަށް އެއްވެސް އަސަރެއް ކޮފިކަމަށް ޝައްކުވަންޏާ ވީހާވެސް އަވަހަކަށް ޑޮޓަރެއްގެ ލަފާ އެކަމުގައި ހޯދަންޖެހެއެވެ. އަދި އެފަދަކަންކަމުން ރައްކާތެރިވުމަށް ހަވާއަރުވާ ވަގުތު އިއަރ ޕްލަގް ބޭނުންކުރުމާއި ހަވާއަރުވާތަނާ ދުރުގައި ތިބެގެން ހަވާބެލުމަށް އެކަމަނާ އިރުޝާދު ދެއްވައެވެ.

މާލެއަކީ ކުޑަތަނަކަށް ވުމާއި އެކު ހަވާއަރުވާ ތަނާއި ދުރުގައި ތިބެގެން ހަވާބެލުމަކީ ދަތިކަމެކެވެ. އަދި މާލެއިން އިއަރ ޕްލަގް ފަސޭހައިން ގަންނަންލިބޭކަށްވެސް ނުހުރެއެވެ. ކިތަންމެ ހަވާބަލަން ބޭނުންނޫނަސް ގިނަބަޔަކަށް ޖެހެނީ ހަވާއަރުވާ ތަނާއި ގާތުގައި ތިބޭށެވެ. ގަލޮޅުދަނޑުގައި ހަވާއެރުވިރޭވެސް ކައިރީގައި ހުރިގޭތަކުގެ މީހުންނަށްޖެހުނީ އެހާލެވެ. ހަވާއަރުވާ ފަރާތްތަކުން މިކަމަށް ވިސްނަންޖެހެއެވެ. ސިނގިރޭޓްގެ ދުމުން ސިނގިރޭޓް ނުބޯމީހުންނަށް ދެވޭ ގެއްލުމާއި ހަވާއެރުވުމުގެ އަޑުން، އެއަޑު އަހަން ބޭނުންނުވާ މީހުންނަށްދެވޭ ގެއްލުމާއި ހުރިތަފާތަކީ ކޮބައިތޯއެވެ؟

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަންތަކާ ޖެހުނީ․ ސަރުކާރަށް ނޯވެ އެއްކަމެއްވެސް ރަނގަޅަށް ކުރެވޭކަށް․

– 20 މެއި 2015 1

ވަރަށް ޢިލްމީ އަދި ބޭނުންތެރި ލިޔުމެއް․․․ ޝުކުރިއްޔާ․․․ މިކަމާ ވިސްނާނެކަމަށް އުއްމީދުކުރަން․․․

– 20 މެއި 2015 0

ހަވާ އެރުވުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭ․․ ހަވާގެ ކެމިކަލްތަކުން ޖައްވުގެ ވައި ވަރަށް ބޮޑަށް ނުސާފުކޮށްދޭ․․ ރާއްޖޭގެ ގިނަ ބަޔަކީ ވަރޭފެން ބޭނުންކުރާ ބަޔަކަށްވާއިރު ހަވާގެ ސަބަބުން މާލެއާއި މާލެކައިރީގެ ރަށްތަކުގެ މީހުން ފެންނެގުމުމާއި އެ ބޭނުންކުރުމުގައި ސަމާލުވާން ޖެހޭނެ․ މިވާހަކަވެސް ލިޔެލަބަލަ․

– 21 މެއި 2015 0