ހެލްޕު އަލްޔާން ފަންޑަށް ލިބުނު އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ އާއިލާއާ ހަވާލުކޮށްފި

17 މާރިޗު 2017 0

ހެލްޕު އަލްޔާން ފަންޑަށް ލިބުނު ފައިސާ ހަވާލުކޮށްދެއްވަނީ. ފޮޓޯ: އަހުމަދު ނަސީމް / އިހަވަންދޫޑޮޓްކޮމް

ބޮލުގެ ނުރައްކައުތެރި އޮޕަރޭޝަނަކާއި އެކު، "އެޕާޓްސް ސިންޑުރޮމް" ގެ ސަބަބުން ގިނަ އޮޕަރޭޝަން ތަކެއް ކުރަން ޖެހިފައިވާ ހއ. އިހަވަންދޫ ޖަވާހިރުވާދީ އަލްޔާން ޒައުލް ހަމްދޫން (4 މ) އަށް އެހީ ހޯދުމަށް ޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުމުން (އިމަގު ޖަމިއްޔާ އިން) ކުރިއަށްގެންދިޔަ ހަރަކާތްތަކުން ލިބުނު ފައިސާ އަލްޔާންގެ އާއިލާއަށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ 8:30 ގައި އިމަގުވެހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެފައިސާ ހަވާލުކޮށްދެއްވީ އިމަގުޖަމިއްޔާގެ މުއައްސިސް އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އެވެ. އަދި އާއިލާގެ ފަރާތުން ފައިސާއާއި ހަވާލުވެލެއްވީ އަލްޔާންގެ ބައްޕަ އަހުމަދު ހަމްދޫން އަދި އަލްޔާންގެ މަންމަ ހިދާޔަތު ޢަބުދުއްސައްތާރު އެވެ.

މިރޭގެ ރަސްމިއްޔާތުގައި އިމަގުޖަމިއްޔާއިން ބުނެފައިވަނީ އިމަގުން ފެށި ހެލްޕު އަލްޔާން ފަންޑަށް ފައިސާހޯދުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކެއް ހިންގުމަށް ސުކޫލުތަކުގެ މިޑުޓާމު ބަންދުތެރެ ކަނޑައަޅާފައިވީނަމަވެސް މިދުވަސްވަރު މިފަދަ ހަރަކާތްތަކެއް ހިންގުމަށް ތަން ނުދިނުމާއި އެކު އަލްޔާން އަށް އެހީވުމަށް  ހިންގި ހަރަކާތްތައް ނިންމާލައި، އިހަވަންދޫގައި ބެހެއްޓި ފަންޑުފޮށިތަކާއި، މާލޭގައި ހިންގި ތަފާތު ހަރަކާތްތަކުން ލިބިފައިވާ ފައިސާ އާއިލާއާއި ހަވާލުކުރުމަށް ނިންމީ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަހުމަދު ހަމްދޫން ވަނީ އިމަގު ޖަމިއްޔާއިން މި ކުރި މަސައްކަތަށްޓަކައި އިމަގު ޖަމިއްޔާއަށްޝުކުރުއަދާކުރުމާއި އެކު މާލޭގައި ތިބި އިހަވަންދޫގެ ރައްޔިތުން އަލްޔާން އަށްޓަކައި ކޮށްދެއްވި މަސައްކަތަށް އޭނާގެ އާއިލާގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

މިގޮތުން މާލޭގައި ހިންގި ތަފާތު ހަރަކާތްތަކުން ހެލްޕު އަލްޔާން ފަންޑަށް ވަނީ 93680 ރުފިޔާ އާއި 856 ޑޮލަރު، 5 ޔޫރޯ އަދި 2 ސިންގަޕޯރ ޑޮލަރ ލިބިފައެވެ. އަދި އިހަވަންދޫގައި ބެހެއްޓި ފަނޑުފޮށިތަކުން ވަނީ 17942 ރުފިޔާ، 26 ޑޮލަރު ލިބިފައެވެ. އިމަގުން ކުރިއަށް ގެންދިޔަ "ހެލްޕު އަލްޔާން" ފަންޑަށް ލިބުނު ޖުމުލަ 125328 ރުފިޔާ 57 ލާރި މިރޭ އަލްޔާން ގެ އާއިލާއަށް ހަވާލުކޮށްފައިވާއިރު، މަދަދުވެރިކަމާއި އޯގާތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދަރުމަ ހުރި އެހެންވެސް ބައެއް ކަންކަމަށް ހޭދަކުރުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ފަރާތުން ވަނީ "އިމަގު މަދަދު" ގެ ނަމުގައި ޕުރޮގުރާމެއް ފަށައިފައެވެ. 

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ