ހޯރަފުށީ އެއަރޕޯޓު ހުޅުވައިފި

19 ނޮވެމްބަރު 2020 0

ހޯރަފުށީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހުރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއަރޕޯޓު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އެއަރޕޯޓު ހުޅުވުމަށް މިވަގުތު ހޯރަފުށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމުހުރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހޯރަފުށީގައި ތަރައްގީކުރި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ މުއްދަތަށެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް "ހޯރަފުށި އެއާޕޯޓް" ރަސްމީކޮށް ހުޅުވުމުގެ އުފަލުގައި މިރޭ ހޯރަފުށީގައި ހަވާއަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 8:30 ގައި ހޯރަފުށީގައި ބަދަރު ސަރަހައްދުގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ