އޭޑްސް ޖެހުމުން އެނގޭނީ ކިހިނެއް؟

3 ޑިސެމްބަރު 2013 0

އޭޑްސް  ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ.

އޭޑްސް ޖެހުމުން އެކަން ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ އޭޑްސްއަށް ޓެސްޓްކުރުމެވެ. އެހެންބަލިތަކާއި ހިލާފަށް އޭޑްސްޖެހުމުން ވަކި ހާއްސަ އަލާމާތްތަކެއް ނުފެންނާތީ އަލާމާތްތަކަށް ބަލައިގެން އޭޑްސް ޖެހިފައިހުރިކަމެއް ނުނިންމޭނެއެވެ. ބައެއްމީހުންނަށް އޭޑްސް ޖެހުމަށްފަހު 10 އަހަރަށްވުރެވެސް ގިނަދުވަހު އެކަމުގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ.

ބައެއްމީހުންނަށް އެމީހުންގެ ހަށިގަނޑަށް އޭޑްސް ބަލީގެ ޖަރާސީމު ކަމުގައިވާ އެޗްއަވީ ވާސިލްވާތާ ދެ ހަފުތާއާއި ހަތަރު ހަފުތާޔާއި ދެމެދު ވަރަށްގަދަހުމެއް އާދެއެވެ. ގިނަމީހުނަށް ގަބޫލުކުރެވެނީ އެއީ އެމީހުންނަށް އެހާތަނަށް ޖެހުނު އެންމެގަދަ ހުމުގެ ގޮތުގައެވެ.

އޭޑްސް ބަލީގެ އަލާމާތްތައް މައިގަނޑު ހަތަރު މަރުހަލާޔަކަށް ބަހާލެވެއެވެ.

ފުރަތަމަ މަރުހަލާ: ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވާނެއެވެ.

ހިމޭން މަރުހަލާ: ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ އެވެ.

މުޅިހަށިގަނޑުގައި ގޮށްލުން: މިއީ ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.

ފަހު މަރުހަލާ: މިމަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެން ދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ