އިންސާނީ ޙައްޤުތަކުގެ ތެރެއިން: ދިރިހުރުމުގެ ޙައްޤު — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

އިންސާނީ ޙައްޤުތަކުގެ ތެރެއިން: ދިރިހުރުމުގެ ޙައްޤު

27 ނޮވެމްބަރު 2013 0

އިސްލާމްދީނަކީ އިންސާނުން ދިރިއުޅެންވީ ގޮތް ބަޔާންކޮށްދެއްވާ ﷲ ތަޢާލާ ބާވައިލައްވާފައިވާ ފުރިހަމަ ނިޒާމެވެ. މި ނިޒާމުގައި ދިރިއުޅުމުގެ އެންމެހައި ކަންތައްތައް ޝާމިލް ވެގެންވެއެވެ. އިންސާނީ ޙައްޤުތައްވެސް އެންމެ ފުރިހަމައަށް ބަޔާންކޮށްދީފައިވަނީ އިސްލާމްދީނުގައެވެ. އަދި މި ޙައްޤުތައް ކަށަވަރު ކޮށްދެއްވުމަށް ޓަކައި އިސްލާމްދީނުގައި ވަނީ ވަރަށް ގިނަ ކަންތައްތައް ޝަރުޢުކުރައްވާފައެވެ. ވަކި ހުދޫދު ތަކަކާއި އިންތަކެއް ކަނޑައަޅުއްވާފައެވެ. އަދި މި އިންތައް ފަހަނައަޅައިދާ މީހުންނަށް އަދަބު ތަކެއް ޝަރުޢު ކުރައްވާފައެވެ.

ދިރިހުރުމުގެ ޙައްޤަކީ ކޮންމެ އިންސާނަކަށް ވެސް ލިބެން ޖެހޭ އަސާސީ ޙައްޤެކެވެ. އިންސާނާގެ ނަފްސް ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދު ތަކުގެ ތެރެއިން މައިގަނޑު އެއް މަޤްޞަދެވެ. އިސްލާމްދީނުގައި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މި ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ވަރަށްގިނަ ކަންތައްތަކެއް ކަނޑައަޅުއްވާފައިވެއެވެ. ދުނިޔޭގެ އެކިއެކި ޤަޢުމުތަކުންނާއި ޖަމްޢިއްޔާތަކުން ފާޑުފާޑުގެ ޤާނޫނުތަކާއި އެއްބަސްވުންތައް ހަދައި އެކަމަށްޓަކައި ބޮޑެތި ހޭދަތައް ކުރަމުންދާއިރުވެސް އިސްލާމީ ޝަރީޢަތުގައި ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާ ވަރާއި ގާތައްވެސް މި ޙައްޤު ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ.

ދިރިހުރުމުގެ ޙައްޤަކީ ކޮންމެ އިންސާނަކަށްވެސް އިސްލާމްދީނުގައި ދެއްވާފައިވާ ޙައްޤެކެވެ. ﷲ ތަޢާލާ ވަނީ އިންސާނާ ކަރާމާތްތެރިކުރައްވާ ދަރަޖަ އުފުއްލަވާފައެވެ. ހުޅަނގުގެ ފަލްސަފާތަކާއިއިސްލާމްދީން ތަފާތު ވަނީ އިސްލާމްދީނުގައި އިންސާނިއްޔަތަށް ދެއްވާފައިވާ ކަރާމާތްތެރިކަމުގެ ސަބަބުންނެވެ.1ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.

﴿ وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴾سورة الإسراء : ٧٠

މާނައީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزقދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."

އިންސާނާގެ ދިރިހުރުމުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ވަނީ ވަރަށް ފުރިހަމަ ކަންތައްތަކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން ﷲ ތަޢާލާ ވަނީ ޙައްޤަކާނުލައި މީހުންމެރުން ޙަރާމް ކުރައްވާ އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ލައްލަވާފައެވެ.

ރަސޫލާ صلىاللهعليهوسلم ޙަދީޘް ކުރެއްވިއެވެ.

" لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ، يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ، إِلَّا بِإِحْدَى ثَلاَثٍ: النَّفْسُ بِالنَّفْسِ، وَالثَّيِّبُ الزَّانِي، وَالمَارِقُ مِنَ الدِّينِ التَّارِكُ لِلْجَمَاعَةِ " صحيح البخاري : 6878

މާނައީ "ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށާއި ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވާ މީހެއްގެ ލޭ ތިންކަމަކުން މެނުވީ ހުއްދައެއް ނުވެއެވެ. އެއީ : މަރަށް މަރުހިފިދޭމީހާއާއި، މީހަކާ ކައިވެނިކުރުމަށްފަހު ޒިނޭކުރާމީހާއާއި، މުރުތައްދުވެ އިސްލާމީ ޞައްޙަ ޖަމާޢަތާ ވަކިވެގަންނަމީހާއެވެ."

ޤަސްދުގައި މުޢުމިނަކު މަރާލައިފި މީހަކަށް ގަދަފަދަ ޢަޒާބު ދެއްވާނެ ކަމަށް ވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައި ވެއެވެ.

﴿ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا ﴾سورة النساء : ٩٣

މާނައީ "އަދި، قصدގައި مؤمنއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه،އެމީހާގެ މައްޗަށް ކޯފާލައްވައި لعنةލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذابއެމީހާއަށް ތައްޔާރު ކުރެއްވިއެވެ."

މި އާޔަތުގައި ޤަޞްދުގައި މުއުމިނުން މަރާ މީހުންނަށް ހުރި އެތައް ޢަޒާބެއްގެ ވާހަކަ ބަޔާންވެގެންވެއެވެ. ދެމިހުންނަނިވި ނަރަކައިގެ ޢަޒާބު ދެއްވާނެ ވާހަކައެވެ. ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ކޯފާ އާއި ލަޢުނަތް ލައްވާނެ ވާހަކައެވެ. އަދި ބޮޑުވެގެންވާ ޢަޒާބު ދެއްވާނެ ވާހަކައެވެ. މިހާ ވަރުގަދަ އިންޒާރެއް ދެއްވާފައި ވުމުން، އިސްލާމީ ޝަރީޢަތުގައި ދިރިހުރުމުގެ ޙައްޤު ކަށަވަރު ކޮށްދެއްވާފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ.

އެހެން މީހަކު މަރާލުން ޙަރާމްކުރައްވާފައިވާ ފަދައިން އަމިއްލަ ނަފްސަށް ގެއްލުން ދިނުންވެސް ވަނީ ޙަރާމްކުރައްވާފައެވެ. މިކަން ބަޔާންކުރައްވާ ވަހީކުރައްވާފައިވެއެވެ.

﴿ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا ﴾ سورة النساء : ٢٩

މާނައީ "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفسތައް ތިޔަބައިމީހުން قتلނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيمވަންތަ ރަސްކަލާނގެ ކަމުގައި اللَّهވޮޑިގެންވެއެވެ."

އިސްލާމީ ޝަރީޢަތުގައި މީހުންމެރުން ޙަރާމްކުރައްވާފައި ދޫކޮށްލެއްވީއެއް ނޫނެވެ. އެހެނެއްކަމަކު މިކަމަށް މަގުފަހިވާ އެންމެހާ ދޮރުތައްވެސް ވަނީ ބަންދު ކުރައްވާފައެވެ. އެގޮތުން ޙައްޤަކައިނުލައި މީހަކު މަރާލައިފިނަމަ އޭގެ އުޤޫބާތެއްގެ ގޮތުން ޤިޞާޞް ހިފުން ފަރުޟުކުރައްވާފައި ވެއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ.

﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ﴾ سورة البقرة : ١٧٨

މާނައީ "އޭ إيمانވެއްޖެ މީސްތަކުންނޭވެ! قتلކުރެވޭ މީހުންނާމެދު قصاصހިފުން ތިޔަބައިމީހުންގެ މައްޗަށް فرضކުރައްވައިފިއެވެ."

ޤިޞާޞް ހިފުމަކީ އޭގައި ދިރުމެއްވާ ކަމެއްކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވާފައެވެ. ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ.

﴿ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ﴾ سورة البقرة : ١٧٩

މާނައީ "އަދި قصاصހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ."

ހަޤީޤަތުގައިވެސް ޤިޞާޞް ހިފުމަކީ އޭގައި ވަރަށް ބޮޑު ދިރުމެއްވާ ކަމެކެވެ. ﷲ ތަޢާލާ ދެއްވާފައިވާ ބުއްދީގެ ނިޢުމަތުން މިކަމާމެދު ފުންކޮށް ވިސްނާލައިފިނަމަ އެނގިގެންދާނެއެވެ. ޙައްޤަކައިނުލައި މީހަކު މަރާލައިފިނަމަ އޭގެ ބަދަލުގައި އެ ޤަތުލުކުރި މީހާ މަރާލެވޭނެ ކަން އެނގޭނަމަ މިގޮތަށް މީހުން މަރަން ބިރުގަންނާނެއެވެ. އެކަމަށް ޖެހިލުންވެ ފަސްޖެހޭނެއެވެ. ނަތީޖާއަކަށް ވެގެންދާނީ މުޖުތަމަޢުގައި މީހުންމެރުން ވަރަށް ބޮޑަށް މަދުވެގެން ދިޔުމެވެ.

 

ޤިޞާޞް ހިފުމަކީ ދިރިހުރުމުގެ ޙައްޤު ނިގުޅައިގަތުން ކަމަށް ބައެއް މީހުން ވާހަކަ ދައްކައެވެ. އަދި އެއީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް ކަމަށް ދައުވާ ކުރެއެވެ. ނަމަވެސް މި ވާހަކަތަކަކީ ހަމަ ބުއްދިއާ ފުށު އަރައި އޭގައި އެއްވެސް އޮއްޓަރެއްނެތް ވާހަކަ ތަކެކެވެ.

އިންސާނާއަށް އެންމެ ރަނގަޅު ގޮތް އެނގޭނީ އެ އިންސާނާއަށް ހެއްޔެވެ. ނުވަތަ އެކަން ދެނެވޮޑިގަތުންބޮޑީ އެ އިންސާނާ ހެއްދެވި ﷲ ތަޢާލާހެއްޔެވެ. ވީއިރު ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޤިޞާޞް އެއި އިންސާނީ ޙައްޤުތަކާ ޚިލާފުކަމެއް ބުނާނީ ކޮންފަދައަކުން ހެއްޔެވެ. އެ އިލާޙުގެ ޙުކުމް ދޫކޮށް އަމިއްލައަށް ޙުކުމެއް ގެނެސްގަންނަ މީހުންނާ ބެހޭ ގޮތުން ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.

﴿ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴾ سورة المائدة : ٥٠

މާނައީ "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكمހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكمކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"

އިންސާނާއަށް ލިބިގެންވަނީ ޢިލްމުގެ ތެރެއިން ވަރަށް މަދު މިންވަރެކެވެ. ވީމާ އިންސާނާގެ ބުއްދިއަށް ވިސްނޭ ވިސްނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެ ހިނގައިދާނެއެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ.

﴿ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾ سورة البقرة : ٢١٦

މާނައީ "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّهހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."

އިސްވެދިޔަ ދަލީލުތަކަށް ބަލާއިރު ޤިޞާޞް ހިފުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފު ކަމެކޭ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫންކަން އެނގެއެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޤިޞާޞް ހިފުމާ ދެކޮޅަށް ވާހަކަދައްކަނީ އިސްލާމްދީނާ ޢަދާވާތްތެރި ހުޅަނގުގެ ޤަޢުމުތަކުންނެވެ. މިބައިމީހުން ދަޢުވާ ކުރާ ގޮތުގައި ޤިޞާޞް ހިފުމަކީ އިންސާނާއަށް ލިބިގެންވާ ދިރިހުރުމުގެ ޙައްޤާ ޚިލާފު ކަމެކެވެ. ނަމަވެސް ހެއްވާކަމަކީ މިކަމަށް ދައުވާ ކުރާ ޤަޢުމުތަކުގައިވެސް އެކިއެކި ބޮޑެތި ކުށްތަކަށް މަރުގެ ޢަދަބު ދެމުންދާކަމެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަމުންދާ، އަދި އިސްލާމީ ބައެއް ޤަޢުމުތަކުގައި ޤިޞާޞް ހިފާތީ އެންމެބޮޑަށް ފާޑުކިޔަމުންދާ އެއްޤަޢުމަކީ އެމެރިކާއެވެ. ނަމަވެސް ޑެތް ޕެނަލްޓީ އިންފޮމޭޝަން ސެންޓަރ (2013) ގައިވާގޮތުން އެމެރިކާގެ 32 ސްޓޭޓެއްގައި މަރުގެ އަދަބު ދެވެއެވެ.

ޤިޞާޞް ހިފުމާ ދެކޮޅަށް ވަކާލާތު ކުރާ ހުޅަނގުގެ ޤަޢުމުތަކަކީ ހަނގުރާމަތަކާއި ލޭ އޮހޮރުވުމަށް ލޯބިކުރާ ބައެއްކަން ތާރީޚު ހެކިދެއެވެ. ޑިމޮކްރަސީ ގެނައުމުގެ ނަމުގައި އެމެރިކާ އިސްވެއޮވެ އިރާޤަށް އަރައިގަނެ އެތާގެ ހަލައްކަ ފަންސާސް ފަސްހާސް މީހުން މަރާލައިފައި ވެއެވެ. މީގެތެރެއިން އެއްލައްކައަށް ވުރެ ގިނަ މީހުންނަކީ އިރާޤުގެ މަދަނީންނެވެ. ހަނގުރާމައާ އެއްވެސް ގުޅުމެއްނެތް ނިކަމެތި ރައްޔިތުންނެވެ. (ޗައިނާ ޑެއިލީ، 2012)

އިންސާނީ ޙައްޤުތައް ހިމާޔަތްކޮއްދޭ ކަމަށް ދައުވާކުރާ ހުޅަނގުގެ ޤަޢުމުތަކުން ވަނީ އެތައް މުސްލިމް ޤަޢުމު ތަކަކަށް ގަދަބާރުން އަރައިގަނެ އެތައް މިލިއަން މުސްލިމުންނެއް މަރާލައިފައެވެ. އަދި މިހާރުވެސް ހުޅަނގުގެ ޤަޢުމުތަކުން ދަނީ އިސްލާމީ ބައެއް ޤަޢުމުތަކުގައި ލޭ އޮހޮރުވުން ހިންގައި ކުށެއްނެތް އެތައް ބަޔަކު މަރަމުންނެވެ. ވީމާ ޤިޞާޞް ހިފުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއްކަމަށް މިޤަޢުމުތަކުން ދައްކާ ވާހަކައަކީ ހަމަބުއްދިހުރި މީހަކު ޤަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ.

ރިފަރެންސް

1. عبد الله بن عبد المحسن بن عبد الرحمن التركي . حقوق الإنسان في الإسلام . (المملكة العربية السعودية : وزارة الشئون الإسلامية والأوقاف والدعوة والإرشاد . ط 1 . ج 1 . 1415 هـ - 1995 م ) ص 55

القرآنالكريم

محمدبنإسماعيلأبوعبداللهالبخاريالجعفي . صحيحالبخاري . ﴿بيروت : دارطوقالنجاة .ط 1 .1422هـ﴾

China Daily. (2012).Human Rights Record of United States in 2011.Retrieved June 24, 2013, fromhttp://www.chinadaily.com.cn/cndy/2012-05/26/content_15392452.htm

Death Penalty Information Center.(2013). States With and Without the Death Penalty.Retrieved June 24, 2013, from http://www.deathpenaltyinfo.org/states-and-without-death-penalty

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ