ވަންޑޭ ކަޕަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވަނީ ނިމިފަ: އައި. ކްލަބު — Ihavandhoo.com

ވަންޑޭ ކަޕަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވަނީ ނިމިފަ: އައި. ކްލަބު

5 މާރިޗު 2015 0

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އައި. ކްލަބް ވަންޑޭ ކަޕް 2015 އަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާކަމަށް އައި. ކްލަބުން ބުނެފިއެވެ.

އައި. ކްލަބުގެ އިންތިޚާބީ ރައީސް މުޙައްމަދު ޝިހާން ވިދާޅުވީ، އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މާދަމާ ބޭއްވޭ މުބާރަތަކީ އައި. ކްލަބުގެ އެންމެ އަގުބޮޑު ވަންޑޭ ކަޕްކަމަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 1500 ރުފިޔާ އަދި ދެވަނަ ޓީމަށް 750 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ވާދައިގެ ތައްޓެއްވެސް މިމުބާރާތަށް މިހާރު ޚާއްސަކޮށްފައިވާކަމަށް ޝިހާން ވިދާޅުވިއެވެ.

"މިއީ މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން އެކީ ބައްދަލުކޮށްލުމަށް އަޅުގަނޑުމެން މިއަހަރު ޚާއްސަކުރާ އެންމެ ފުރަތަމަ ދުވަސް. މިމުބާރާތާއެކު ވަރަށް ގިނަ ބައެއްގެ މެދުގައި އެކުވެރިކަން އާލާވެ، ރަޙްމަތްތެރިކަމުގެ އާ ގުޅުންތަކެއް އުފެދިގެންދާނެކަމަށް ޔަގީންކުރަން" ޝިހާން ވިދާޅުވިއެވެ.

ޝިހާން ވިދާޅުވީ، އައި. ކްލަބުގެ ވަންޑޭ ކަޕްތަކުގައި ކްލަބުގެ އިންތިޚާބު ފާއިތުވި ދެމުބާރާތުގައި ބޭއްވި ނަމަވެސް، ކްލަބުގެ ރައީސްކަމާއި ނާއިބު ރައީސްކަމުގެ އިންތިޚާބަށް ކުރިމަތިލާފައިވާ އިތުރު އެއްވެސް ފަރާތެއް ނެތުމާއެކު، މިހާރުގެ ލީޑަރޝިޕުން އަނެއްކާވެސް ކްލަބުގެ ލީޑަރޝިޕާ މާދަމާ ރަސްމީކޮށް ހަވާލުވާނެކަމަށެވެ.

ޖުމްލަ 4 ޓީމެއް ބައިވެރިވާ މާދަމާގެ ވަންޑޭ ކަޕް ކުރިއަށްދާނީ ޕޮއިންޓް ސިސްޓަމަށެވެ. އެންމެ ގިނައިން ޕޮއިންޓް ލިބޭ ދެޓީމް ފައިނަލަށް ދާއިރު، މުބާރާތުގެ ފުރަތަމަ 4 މެޗް ކުޅެވޭނީ ހެނދުނުއެވެ. އަދި މެންދުރުފަހު ދެމެޗު ކުޅުމަށްފަހު ފައިނަލް ކުޅެވޭނީ ހަވީރު 5:00 ގައި، ވިލީ ފުލުސް ކުރިމަތީގައި އޮންނަ ފުޓްސެލް ދަނޑުގައެވެ.

"މާދަމާ ބޭއްވޭ މުބާރާތް ކާމިޔާބުކަމާއެކު އަޅުގަނޑުމެން ނިންމާލާނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. ލިސްޓު ދިގުވުމާއެކު އެފަރާތްތަކުގެ ނަން ވަކިވަކިން ފާހަގަނުކުރިނަމަވެސް، އެއެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ޝިހާން ވިދާޅުވިއެވެ.

މާދަމާގެ މުބާރާތަކީ އައި. ކްލަބުގެ 5 ވަނަ ވަންޑޭ ކަޕެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ