އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ކުންފުންޏަކާ ހަވާލުކޮށްފި — Ihavandhoo.com

އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ކުންފުންޏަކާ ހަވާލުކޮށްފި

1 ނޮވެމްބަރު 2016 2

އިހަވަންދިއްޕޮޅުގައި ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ އައި ހަވަން މަޝްރޫޢުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. 

ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އައި ހަވަން ޕްރޮޖެކްޓްގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރެއްވީ ސިންގަޕޫރުގެ ސުރްބަނާ ޖުރޮންގް ކޮންސަލްޓަންޓްސްއާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.  އަދި ސުރުބަނާ ޖުރޮންގް ތަމްސީލުކުރެއްވީ އެ ކުންފުނީގެ އާބަން ޕްލޭނިން އެންޑް ޑިޒައިން ބައިގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ވައިއެމް ޓޭން އެވެ.

އައިހަވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ވުމެވެ.

މި ރަސްމިއްޔާތުގައި، އެ ކުންފުނީގެ ފަރާތުން ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން، ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ތަރައްގީކުރާ އައިހަވަންގެ މާސްޓަ ޕްލޭން ހަދާނީ ތިން ބަޔަކަށް ބަހާލައިގެން ތިން ހަފުތާގެ ތެރޭގަ އެވެ. އެ ގޮތުން، ފުރަތަމަ ހަފުތާގައި އިހަވަންދިއްޕޮޅަށް ގޮސް، ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ އެވެ. ޖެހިގެން އަންނަ ހަތަރު ހަފުތާގައި ކުރިއަށް ގެންދަން ރާވާފައި ވަނީ އެ ތަނުގެ މިހާރުގެ ހާލަތާއި ޑޭޓާ ހޯދައި އެއްކުރުމުގެ އިތުރަށް މިހާރު ހަދާފައިވާ ފީސިބިލިޓީ ރިޕޯޓު މުރާޖައާ ކުރުމެވެ. ކޮންސެޕްޓް މާސްޓަ ޕްލޭނާއި އޭގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ތަފްސީލީ މާސްޓަ ޕްލޭން ހެދުމަށް ނިއްމާފައި ވަނީ އެންމެ ފަހު ހަފުތާގަ އެވެ.

އައިހަވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާ ކޮށްފައެވެ. އެފަރާތުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ. އަދި ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅުމަށް އެސަރަޙައްދު ބަލާ ދިރާސާތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ކޮށްފައިވެއެވެ. އޭގެތެރޭގައި އެސަރަޙައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާ ހަދާފައިވެއެވެ. ޖިއޮގްރަފީގޮތުން އިހަވަންދިއްޕޮޅަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަޙައްދެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ރާއްވަވާފައިވާ އެންމެ ބޮޑު މަޝްރޫޢަކީވެސް އައިހެވަން މަޝްރޫޢުއެވެ. އައިހަވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހަވަން ތަރައްޤީ ކުރެއްވުމެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިއީ އިންތިހާބީ ސްޓަންޓަކަށް ވެދާނެ، ވަރަށް އެދެން އިހަވަންދޫ ޑޮޓްކޮމްއިން އަޕްޑޭޓްބަލަން ޕްރޯއެކްޓިވްކޮށް.. މި ނޫސް ނޫނީ ނެތް މިދާއިރާގެ ކަންކަމާ އުޅޭނެ ބައެއް.. 15 ހަފްތާފަހުން މިކަން ނިމުމުތޯ ބަލައިދޭތި

– 2 ނޮވެމްބަރު 2016 0

މި ނޫހުންވާނެ އިކޮނޮމިކް މިނިސްޓްރީއަށް ގުލައިގެން މަޢުލޫމާތު ސާފުކޮށްފަ ހަބަރު ޖަހަން މިކަމުގެ އަޕްޓޭޑް، ފެބްރުއަރީއަށް މި މާސްޓަރ ޕްލޭން ނުނިމިއްޖެއްޔާ އެވާހަކަ ވެސް ޖަހަންވާނެ މައުލޫމާތު ސާފުކޮށްފަ، ޓްރާންސްޝިޕްމަންޓް ޕޯޓް އަޅަނީ އިހަވަންދޫ ކޮޅުގަ މިއޮއް ދިގު ފަޅުގަކަން މިހާރު ކަށަވަރުކުރެވިފަ އޮތީ․

– 2 ނޮވެމްބަރު 2016 0