އައި. ކްލަބުން 3 ވަނަ ޑިވިޝަނަށް ކުޅުމުގެ ވިސްނުމެއް ގެންގުޅޭ: ޝާފިއު — Ihavandhoo.com

އައި. ކްލަބުން 3 ވަނަ ޑިވިޝަނަށް ކުޅުމުގެ ވިސްނުމެއް ގެންގުޅޭ: ޝާފިއު

15 ޑިސެމްބަރު 2012 0

މާލޭގައި ދިރިއުޅެމުންދާ އިހަވަންދޫ ޒުވާނުންތަކެއްގެ އިސްނެގުމާއިއެކު، އުފެދިފައިވާ ރަމްޒީ ކްލަބް، އައި.ކްލަބްގެ ފަރާތުން 3 ވަނަ ޑިވިޝަނަށް ކުޅުމުގެ ވިސްނުމެއް ގެންގުޅެންމުންދާ ކަމަށް އެކްލަބުން ބުނެފިއެވެ.

މިއަހަރުގެ މައިކަޕާއި ދިމާކޮށް ސްޕޯޓްސް ކްލަބުން ކޮންމެ ރެއަކު ގެނެސްދޭ ޚާއްސަ ކަވަރޭޖަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި އައި.ކްލަބުގެ ރައީސް އަލްއުސްތާޛު އަހްމަދު ޝާފިއު ވިދާޅުވީ މިވަގުތު އައި.ކްލަބުގެ ތެރޭގައި 3 ވަނަ ޑިވިޝަނަށް ކުޅުމާއިމެދު ވަރަށް ބާރަށް ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އަދި އިހަވަންދޫގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އުފުލަން ޖެހުނު ކޮންމެ ބުރައެއް އުފުލުމަށްޓަކައި އައި.ކްލަބުން ތައްޔާރަށް އޮތްކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ އައި.ކްލަބަކީ ޚާއްސަ ކްލަބެއްކަމަށާއި، އިހަވަންދޫގެ ރައްޔިތުންނަށް އެއްގޮތަށްވުރެ ގިނަ ގޮތުން އައި.ކްލަބު ޚާއްސަވަނީ ޚާއްސަ ތަފާތު ކަންތައްތަކެއް އައި.ކްލަބުން ކުރަމުންދާތީ ކަމަށެވެ.

އައި.ކްލަބުން 3 ވަނަ ޑިވިޝަންގައި ކުޅުމަށް ގެންގުޅެމުންދާ ވިސްނުމާއި ގުޅޭގޮތުން ޑޮޓްކޮމްއަށް އިތުރަށް މަޢުލޫމާތު ދެއްވަމުން ޝާފިއު ވިދާޅުވީ އައި. ކްލަބުގެ ފަރާތުން 3 ވަނަ ޑިވިޝަންގައި ކުޅުމުގެ މަޝްވަރާތަކެއް މިވަގުތު ކުރިއަށްދާއިރު، އިހަވަންދޫގެ ހުރިހާ ކްލަބުތަކަކަށްވެސް އައި. ކްލަބުން އެކުލަވާލައި ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ޖަމިއްޔާތަކާއިއެކު މަޝްވަރާކުރުމަށް މިވަގުތު އައި. ކްލަބުން ތައްޔާރުވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އައި.ކްލަބުން 3 ވަނަ ޑިވިޝަންގައި ކުޅުމާއިމެދު ގިނަ ބައެއްގެ ޚިޔާލު މިހާރު ލިބެމުންދާކަމަށާއި 2012 ވަނަ އަހަރު ބޭއްވުމަށް ނިންމާފައިވާ މައި ކަޕް ފުޓްބޯޅަ މުބާރާތް ނިމުމާއިއެކު 3 ވަނަ ޑިވިޝަނަށް ކުޅުމާއިމެދު ކްލަބުން ގޮތެއް ނިންމާނެކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

މިއަހަރުވެސް މައިކަޕް މުބާރާތުގައި ބައިވެރިވުމަށް ނިންމާފައިވާ އައި.ކްލަބުގެ ރައީސް އިތުރަށް ވިދާޅުވީ 3 ވަނަ ޑިވިޝަނަށް ކުޅުމަކީ ބޮޑު ޚަރަދެއް ހިނގައިކަމަކަށްވާއިރު، މާލީ ގޮތުން ކްލަބަށް އެހީތެރިކަން ލިބޭނެ މިންވަރެއް ބެލުމަށް ވިޔަފާރިވެރިންނާއި މަޝްވަރާތައް ކުރެވެމުންދާކަމަށާއި، ބައެއް ފަރާތްތަކުން ކްލަބުގެ ހަރަކާތްތަކަށް މިހާރުވެސް ފައިސާ ޚަރަދުކުރަމުންދާއިރު، އެފަރާތްތަކުގެ އެއްބާރުލުން އައި.ކްލަބުން 3 ވަނަ ޑިވިޝަންގައި ކުޅޭނަމަ ލިބިގެންދާނެކަމުގެ ފެހި ސިގްނަލް މިހާރުވެސް ލިބިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރި މިއަހަރުވެސް ކްލަބުން 3 ވަނަ ޑިވިޝަންގައި ކުޅުމަށް. އެހެންނަމަވެސް ދިމާވި އެކިއެކި ސަބަބުތަކަށްޓަކައި އެވިސްނުން އެއްކައިރިކޮށް އެކަހެރިކޮށްލަން ޖެހުނު. އެހެންނަމަވެސް ކްލަބުގެ މަޝްވަރާއަށާއި އާއްމުންގެ މަޝްވަރާއަށްވެސް މިހާރު މިވަނީ މިކަން ހުޅުވާލެވިފައި. އުންމީދު މިކުރަނީ އަންނަ އަހަރަކީ ކްލަބަށް މާލީ ގޮތުން ތަނަވަސްކަން ލިބި، ތަނަވަސްކަމުގެ އަހަރަކަށްވެ ޒަމާންތަކެއް ވަންދެން އަޅުގަނޑުމެން ކުރަމުން މިއައި އުންމީދު ހަގީގަތަކަށްވާނެކަމަށް" މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް މިހާރު ރަށުގައި ހުންނެވި ޝާފިއު ވިދާޅުވިއެވެ.

އައި.ކްލަބަކީ އިހަވަންދޫގެ އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް ވިސްނާ ފިކުރުކޮށް، އިހަވަންދޫގެ ރައްޔިތުންނަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް ލިބޭނެފަދަ މަގުތަކެއް ފަހިކޮށްދިނުމަށް ކުރެވޭނެ މަސައްކަތްތައް ރާވާ ހިންގުމަށް އަޒުމު ކަނޑައަޅައިގެން ތިބި އަދި އިހަވަންދޫގެ އިޖްތިމާއި ވެށި ފުރިހަމަކުރުމަށް ތައްޔާރަށް ތިބި ހީވާގި ޢިލްމީ އަދި ފަންނީ ޒުވާނުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ރަމްޒީ ކްލަބެކެވެ.

އައި.ކްލަބްގެ ރަސްމީ ހަރަކާތްތައް މާލޭގައި ޚާއްސަކޮށް ކުރިއަށްދާއިރު ފާއިތުވެގެންދިޔަ އަހަރުތަކުގައި އައި.ކްލަބުން ތަފާތު އެކިއެކި ހަރަކާތްތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އައިކްލަބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ