މައި ކަޕް 2015: އައިކުލަބު، މާރަންދޫ ޔޫތު ކޯޕަރޭޝަން އަދި ހޭސް ކުއާޓަރ ފައިނަލަށް — Ihavandhoo.com

މައި ކަޕް 2015: އައިކުލަބު، މާރަންދޫ ޔޫތު ކޯޕަރޭޝަން އަދި ހޭސް ކުއާޓަރ ފައިނަލަށް

18 ޑިސެމްބަރު 2015 0

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އެކެއްގެ 1 ވަނަ ޓީމުގެ ގޮތުގައި އައިކުލަބު އަދި އެގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މާރަންދޫ ޔޫތު ކޯޕަރޭޝަނުން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އައިކުލަބު ކުއާޓަރއިން ޖާގައެއް ކަށަވަރުކުރީ އިއްޔެ ހަވީރު އެންވީކޭ 2-0 ން ބަލިކުރުމަށްފަހުއެވެ. އައިކުލަބުގެ ގޯލްތައް ޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި ޢަލީ ފަވާޒް 17، އަދި އެޓީމުގެ ޢަލީ ޙުސައިން 4، އެވެ. މިމޮޅާއެކު އައިކުލަބު އޮތީ 7 ޕޮއިންޓާއެކު ގްރޫޕް އެކެއްގެ 1 ވަނައިގަ އެވެ.

އެ ގްރޫޕްގެ މާރަންދޫ ޔޫތު ކޯޕަރޭޝަނަށް ކުއާޓަރ ފައިނަލުން ޖާގައެއްލިބުނީ ރޭ ކުޅުނު ފުރަތަމަ މެޗުގައި ތުރާކުނު އައިލެންޑް ޑިވްލޮޕްމެންޓް ސޮސައިޓީއާ 0-0 ން އެއްވަރުވުމުން ލިބުނު 5 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ތުރާކުނު ޓީމުއޮތީ 4 ޕޮއިންޓާއެކު އެ ގްރޫޕްގެ ތިންވަނައިގަ އެވެ. އެގްރޫޕްގެ އެންމެ ފުލުގައިއޮތް އެންވީކޭ މުބާރާތް ނިންމާލީ މުބާރާތުގައި ގޯލެއް ކާމިޔާބު ނުކުރެވި ކުޅުނު ހުރިހައި މެޗަކުން ބަލިވެގެންނެވެ.

ރޭގެ ފަހު މެޗުގައި ގްރޫޕް 2 ގެ އަރާދުވާ ކުރިމަގުގެ މައްޗަށް 3-1 ން ކުރިހޯދި ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) އަށްވެސްވަނީ ކުއާޓަރ ފައިނަލުން ޖާގައެއް ޔަޤީންވެފައެވެ. ރޭގެ މެޗުގައި ހޭސްގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ޝުޖާޢު 7، ހުޝާމް ޙަސަން 13، އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހޭސްގެ މޫސާ މަޒްހަރުއްދީން 19، އެވެ. އަރާދުވާ ކުރިމަގުގެ ހަމައެކަނި ގޯލް ކާމިޔާބިކޮށްދިނީ އެޓީމުގެ މޫސާ ޝަފްރާޒް 10، އެވެ.

މި ނަތީޖާއާއެކު ހޭސްއޮތީ 6 ޕޮއިންޓާއެކު ގްރޫޕް ދެއެއްގެ 2 ވަނައިގަ އެވެ. މި ގްރޫޕްގެ 1 ވަނާގައި އޮތީ 6 ޕޮއިންޓް ހޯދައިގެން ފައިދާ ގޯލްގެ ތަފާތުން، އެއްމެޗު މަދުން ކުޅެފައިވާ އަރާދުވާ އެވެ. މިއަދު ހަވީރު މިގްރޫޕްގެ ފަހުމެޗުގައި އަރާދުވާ އަދި ކޮފަލި ބައްދަލުކުރާ މެޗު އެއްވަރުވެ، ނުވަތަ އަރާދުވާ މޮޅުވެއްޖެނަމަ މިގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދަތުރުކުރާނީ އަރާދުވާ ޓީމެވެ. ހޭސްއަށް ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރއަށް ދެވޭނީ މިއަދު ހަވީރުގެ މެޗުން އަރާދުވާ ބަލިވެއްޖެނަމައެވެ.

މި މުބާރާތުގައި މިރެއަށް ޝެޑިއުލްކުރެވިފައިވަނީ ގްރޫޕް 3 ގެ ދެމެޗެވެ. މިގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ކުއާޓަރއަށް ދިއުމުގެ ފުރުޞަތު އޮތްއިރު އެއްވެސް ޓީމަކަށް އަދި ކުއާޓަރ ފައިނަލުން ޖާގައެއް ޔަޤީނެއް ނުވެއެވެ. މިރޭގެ ފުރަތަމަ މެޗުގައި، 3 ޕޮއިންޓް ހޯދައިގެން ފާއިދާ ގޯލްގެ ތަފާތުން ގްރޫޕްގެ ދެވަނާގައި އޮތް އެފްސީ ބޮޑުމަގު ނިކުންނާނީ ކުޅުނު ދެމެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެފުލުގައޮތް ކުޅިމަގާ ދެކޮޅަށެވެ. މިމެޗުން މޮޅުވެއްޖެނަމަ އެފްސީ ބޮޑުމަގަށް ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ. ކުޅިމަގު ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމަށް މިރޭގެ މެޗު 3 ގޯލްގެ ތަފާތަކުން ކާމިޔާބުކޮށް ގްރޫޕްގެ ފަހުމެޗުގައި ނިކަ ޗެއިން އަދި ސެން ސިޓީ ފޭންސް ބައްދަލްކުރާ މެޗުގެ ނިމެންދެން އިންތިޒާރުކުރަން ޖެހެއެވެ. ކުޅިމަގު 3 ގޯލްގެ ތަފާތަކުން އެފްސީ ބޮޑުމަގު ބަލިކޮށް ނިކަ ޗެއިން އަތުން ކޮންމެ ސްކޯއަކުންވެސް ސެންސިޓީ ފޭންސް ބަލިވެއްޖެނަމަ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުޅިމަގަށް ކުއާޓަރގެ ޖާގައެއް ލިބޭނެއެވެ.

6 ޕޮއިންޓާއެކު މިގްރޫޕްގެ އެންމެ ކުރީގައޮތް ނިކަ ޗެއިނަށް މިރޭގެ މެޗު އެއްވަރުކޮށްލައިގެން ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރގެ ޖާގައެއް ޔަޤީން ކުރެވޭއިރު، އެއްވަރުވެގެން މެޗު ނިމިއްޖެނަމަ ސެން ސިޓީ ފޭންސް އަށް ކުއާޓަރގެ ޖާގައެއް ކަށަވަރުވާނީ ކުޅިމަގު އަތުން އެފްސީ ބޮޑުމަގު ބަލިވެއްޖެނަމައެވެ. މިރޭގެ ފުރަތަމަ މެޗުން އެފްސީ ބޮޑުމަގުން ކުޅިމަގުގެ މައްޗަށް ކުރިހޯދައި އެޓީމުން ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދައިފިނަމަ ސެން ސިޓީ ފޭންސް ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމަށް ނިކަ ޗެއިން 3 ގޯލްގެ ތަފާތުން ބަލިކުރަން ޖެހެއެވެ.


ގްރޫޕް 3 ގެ ޕޮއިންޓް ޓޭބަލް.

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ