ދިވެހިރާއްޖޭގޭ އިޤްތިޞާދުގެ ދުވެލި ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ — Ihavandhoo.com

ދިވެހިރާއްޖޭގޭ އިޤްތިޞާދުގެ ދުވެލި ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ

10 މާރިޗު 2014 0

އިންޑިޔާގެ ކަނޑުގެ ނޫސާލެއްގެ މަތީގައި އިތާމުތްތަކެއްހެން އަތުރާލެވި، ވަކި ވަކި ޖަޒީރާތަކަކުން އުފެދިފައިވާ މި ދިވެހިރާއްޖޭގެ އިޠްތިޞާދުގެ ނާޒުކު ކަމުގެ ވާހަކަ ލިޔުމަށް ވުރެން މުހިއްމީ މި ނާޒުކު އިޤްތިޞާދު ހަރުދަނާކޮށް ފުޅާ ކުރެވޭނެ ގޮތެއްގެ މައްޗަށް ޙިޔާލު ފާޅު ކުރުމެވެ. މައިގަނޑު ދެ ތިން  ސިނާޢަތެއްގެ މައްޗަށް މި ދިވެހިރާއްޖޭގެ އިޤްތިޞާދު ޒަމާންތަކެއް ވަންދެން ދޫކޮށްލެވިފައި އޮތުމީ ކުރިމަގުުގައި ދިވެހިންނަށް ނުތަނަވަސް ކަމާއި މާލީ ހިތްދަތިކަން ގެނުވާނެކަމެއްކަން ޔާޤީނެެވެ.

 2013 ވަނަ އަަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދުވެލި 3.7 އިން ސަންތަ ކުރި އަރާފައިވާއިރު، 2014 ވަނަ އަހަރު 4.5 އިން ސަންތައިގެ ކުރިއެރުމެއް ހޯދާނެކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން ލަފާކުރެއެވެ. މި ކުރިއެރުން ލަފާކުރަނީ 2014 ވަނަ އަހަރު ފަތުރުވެރިކަމުން ލިބޭނެ ކުރިއެރުމުގެ މައްޗަށް ބިނާކޮށެެވެ. 2014 ވަނަ އަަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު ، 2013 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، ރާއްޖެއައި ފަތުރުވެރިންގެ ޢަދަދު 18 އިންސައްތަ އިތުރުކަމަށް ރިޕޯޓުތައް ބުނެއެވެ.

 ދެމެހެއްޓެނިވި އިޤްތިޞާދެއް ބައްޓަން ކުރަން މިއަދު ރާއްޖެއަށް މަޖްބޫރުވެފައިވާ މިންވަރު އެނގި ހާމަވަނީ، ދަޢުލަތުގެ ދަރަނީގެ މިންވަރާއި، ރާއްޖެ އިމްޕޯޓަށް ބަރޯސާވާ މިންވަރުންނެވެ. ތަކެތީގެ އަގުތަކަށް އަންނަ ކުއްލި ބަދަލާއި ރާއްޖޭގެ އެތެރޭގެ ސިޔާސީ ވެށި 2008 ން ފެށިގެން "ހިނދުކޮޅަކަށް" ނަމަވެސް އެބުރެމުންދާ އެބުރުމުން މި އިޤްތިޞާދުގެ ހާލަތުގެ ވަޒަންކުރެވެއެވެ. ބުނެވޭގޮތުގައި ބަޖެޓަށް ވަންނަ ކޮންމެ ރުފިޔާއަކުން 70 ލާރި އާންމު ދިރިއުޅުމަށް ބޭނުންކުރާ މުދަޢުގެ ބާވަތަތްތައް އިންމްޕޯޓު ކުރުމަށް ބޭނުންކުރެވެއެވެ. މިއީ ކަން ހުރި ގޮތް ކަމަށް ވާނަމަ، ޑޮލަރު ފަހައި އަބަދުވެސް ދިވެހި ފައިސާ ދުވާ މަންޒަރު ދިވެހިން ދެކޭނެއެވެ.

 ސިޔާސީ ރޭހުގައި "އިޤްތިޞާދު" ކަތިލައި ސިޔާސީ ވަޢުދުތަކުގައި ޤައުމުގެ އިޤްތިޞާދު ސިޔާސީ މީހުން ބަނދެލި ވާހަކަ އަކީ މުޅިން އައު ވާހަކަ އެއް ނޫނެވެ. ވަޢުދުތައް މެކުހަށްޖަހައި، ޚަރަދުތައް ފޫބައްދާނެ ހަމައެކަނި ގޮތަކީ  "ޓެކްސް" ކަމުގައި ދަޢުލަތުންނާއި ސިޔާސީ ވެރިން ޤަބޫލުކުުރުމަކީ އާންމު ފަރުދުންގެ ދިރިއުޅުމަށް ނުހަނު އަސަރު ކުރާނެކަމެވެެ. ވީމާ، ހައްލަކީ ކޮބައިތޯއެވެ؟

ކެއިންބުއިމަކީ  އިންސާނާ ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވީ ހިނދު ދަނޑުވެރިކަމުގެ މުހިއްމު ކަން ވަނީ ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދާއި ގުޅި ލާމެހިފައެވެ. އަމިއްލަވަންތަ އިޤްތިޞާދެއް ބިނާކުރުމަށް ދަނޑުވެރިކަން އެންމެ ފުޅާ މިނުގައި ކުރިއަރުވަން ޖެހެއެވެ. އުފެއްދުމުގެ ސިނާއަތާއި، ޙިދުމަތުގެ ސިނާޢަތް ކުރިއަރައިގެން ދަނީ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރައިގެން ދިޔަ މިންވަރެއްގެ މައްޗަށެެވެ.

 ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ބަދަލުވެރިޔަކީ "ދަޢުލަތް" ކަމުގައި ދެކެވި، އިޤްތިޞާދު ފުޅާކުރުމުގައި އާންމު ފަރުދުން އިސްނެގުން މި އަދު މި ވަނީ ވަރަށް ކުޑަ ވެފައެވެ. ދެވޭ ސަބްސިޑީސް ތަކާއި، ހިލޭ ކުރެވޭ ބޭސްފަރުވާ އާއި ، ތަފާތު ގޮތްގޮތަށް ސަރުކާރުން ފޯރުކޮށްދޭ ގިނަގުނަ މާލީ އެހީތަކާއި، ހިލޭ ފޯރުކޮށްދެވޭ ތަޢުލީމާއި އަދި އެހެނިހެން ވަޞީލަތްތަކުގެ ސަބަބުން ޢިޤްތިޞާދު ފުޅާކޮށް އަމިއްލަވަންތަ އިޤްތިޞާދެއް ބިނާކުރުމަށް އަމިއްލަ ފަރުދުންގެ ހިތްވަރު އެލިގެން ދެއެވެ. އަމިއްލަ ވިޔަފާރިތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހީނަރުކަން ގެނުވައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އެމެރިކާގައި އިޤްތިޞާދުގެ 70 އިން ސައްތައިގެ ބައިވެރިންނަކީ އަމިއްލަ ފަރުދުންނެވެެ. އެހެންކަމުން، ދިވެހިރާއްޖޭގޭ އިޤްތިޞާދުގެ ދުވެލި ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ނަމަވެސް، އަލަށް އުފެއްދޭ މި ވިޔަފާރިތައް ވާންނީ އައު އުފެއްދުންތަކާއި އައު އީޖާދު ތަށް ބާޒާރަށް ގެނެސްދޭނެ ވިޔަފާރިތަކަކަށެެވެ. ކޮންމެ ފަރުދަކު ކަންމަތީ ފިހާރަތަކާއި ދިމާލަށް މިޞްރާބު ޖަހާނަމަ، ކުރިމަގުގައި އެވިޔަފާރީގެ ހަމައެކަނި ގަންނަ ފަރާތަކީ އެފާރަތަށްވެދާނެއެވެ.

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ