އިހަވަންދޫ އަށް އިބޫގެ ގިނަ ވަޢުދުތަކެއް

5 ސެޕްޓެމްބަރު 2018 0

އިބޫ އިހަވަންދޫގައި. އިހަވަންދޫއަށް ގިނަ ވައުދުތަކެއް ވެލެއްވި. ފޮޓޯ: އަވަސް.އެމްވީ

އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު އިހަވަންދޫ  އަށް ވަޑައިގެންނެވުމުން އިހަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރުމައްޗަށް ނުކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.  އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު ވަނީ އިހަވަންދޫ އަށް ގިނަ ވަޢުދުތަކެއް ވެލައްވާފައެވެ.

އިބްރާހިމް މުހައްމަދު ސޯލިހްގެ މިދަތުރުފުޅުގައި ވަނީ އެމްޑީޕީ އިހަވަންދޫގެ މައި ހަރުގެ ހުޅުވައިދެއްވާފައެވެ. އެ ހަރުގެ ހުޅުވައިދެއްވުމަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ އިބޫ ވިދާޅުވީ އިހަވަންދޫ އޮތީ 23 ސެޕްޓެމްބަރު ވަނަ ދުވަހަށް "ފައްކާވެފައި" ކަމަށެވެ. އިހަވަންދޫ އަކީ މަސްވެރި، ތައުލީމީ ދަރިންތަކެއ ދިރިއުޅޭ، އަދި އާބާދީގެ ބޮޑުބައެއް ރަށުގައި ދިރިއުޅޭ ރަށެއްކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ އިހަވަންދޫން ލިބެން ޖެހޭ އަސާސީ ހިދުމަތްތައް އަދިވެސް އެންމެ ރަނގަޅަށް ލިބެމުން ނުދާކަމަށެވެ. އެއީ ސަރުކާރު ތަކުގެ އިހުމާލުކަން ފާހަގަ ކުރައްވާ، އިއްތިހާދުގެ ވެރިކަމެއްގައި ވަރަށް ގިނަ ކަންތައްތައް އިހަވަންދޫއަށް ކޮށްދެއްވަން އެބަ ހުރި ކަމަށް ވިދާޅުވެ، އިހަވަންދޫގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށްޓަކައި ރަށުން ގޯތި ދޭނީ ބިން ހިއްކުމަށްފަހު ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެ ބިމުގައި ގޯތި ދޫކޮށް ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިހަވަންދޫ އަކީ އޮޑިދޯނި ފަހަރު ގިނަރަށެއްކަމަށް ފާހަގަ ކުރައްވާ، ދޯނި އެހެލުމަށް "ސްލިޕްވޭ"އެއް ގާއިމު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އިހަވަންދޫގެ ބަނދަރު ހެދިފައި އޮތްނަމަވެސް، ބަނދަރު ވަނީ ފުރިފައިކަމަށް ވިދާޅުވެ، ބަނދަރަށް ބަދަލު ގެންނަން ބޭނުންވާކަމަށް އިބޫ ވިދާޅުވިއެވެ. އެގެންނަންވާ ބަދަލު އެނގިލައްވާނީ ރައްޔިތުންނަށްކަން ފާހަގަ ކުރައްވާ، އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުން ބޭނުން ގޮތަކަށް ބަނދަރަށް ބަދަލު ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިހަވަންދޫގައި މަސްގަނެ ވިއްކޭނެ ގޮތް ހަދާ ދެއްވާނެ ކަމަށާއި އިހަވަންދޫގައި ހުރި އައިސްޕްލާންޓްން ރަށުގެ ދޯނިފަހަރަށް އެކަށީގެންވާވަރަށް ހިދުމަތް ނުދެވޭކަން ފާހަގަ ކުރައްވާ ، އައިސްޕުލާންޓު މިހާރަށް ވުރެ ބޮޑު ކޮށް، ކެޕޭސިޓީ ބޮޑުކޮށް، މަސްވެރިން ބޭނުންވާ ވަރަށް އައިސްލިބޭގޮތް ހައްދަވާދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އިއްތިހާދުގެ ވެރިކަމެއްގައި ޒުވާނުންނަށް ފުޓްސަލް ދަނޑެއްގެ ބަދަލުގައި އިހަވަންދޫގައި ޓާފް ފުޓްބޯޅަ ބޮޑު ދަނޑެއް އަޅާ ދެއްވާނެ ކަމަށް ވައުދުވެލައްވާފައެވެ.

އިހަވަންދޫގެ ސިއްހީ މަރުކަޒަށް ވަސީލަތްތަކާއެކު ޑޮކުޓަރުން ބޭނުންވާކަން ފާހަގަ ކުރައްވާ، ހަމައެކަނި ސުކޭނު މެޝިނަކުން ފުދެން ނެތްކަމަށް ވިދާޅުވެ، ސިއްހީމަރުކަޒަށް ބޭނުންވާ ޑޮކުޓަރުން ހަމަކޮށް، ސިއްހީ މަރުކަޒަކުން ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.

އިހަވަންދޫގެ އާބާދީގައި 3300 އެއްހާ މީހުން ތިބިއިރު  2500 އަށްވުރެ ގިނަ މީހުން ރަށުގައި ދިރިއުޅެމުންދާކަމަށް ފާހަގަ ކުރައްވާ އިހަވަންދޫގެ މަގުތައް ތާރު އަޅައިގެން ހަދާ ދެއްވާނެ ކަމަށްވެސް އިބޫ ވަނީ ވާއުދުވެވަޑައިގެންފައެވެ.

އިހަވަންދޫއަށް ވެވަޑައިގެންނެވި ވަޢުދު ތަކަކީ، ހަމައެކަނި ބުނެލާ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ އިރާދަކުރެއްވިޔާ އެކަންތައްތައް  ކޮށްދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ