އިހަވަންދޫގެ އިއްޒަތްތެރި ކައުންސިލަރުންނޭވެ! — Ihavandhoo.com

އިހަވަންދޫގެ އިއްޒަތްތެރި ކައުންސިލަރުންނޭވެ!

27 ޖެނުއަރީ 2014 2

އިހަވަންދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރަށެކެވެ. އެއީ ތަޢުލީމީ ގޮތުންވިޔަސް ސިޔާސީ އަދި އިޖުތިމާއީ ގޮތުން ވިޔަސް މެއެވެ. އެގޮތުން އިސްލާހަށް ކަމެއް ކުރާނަމަ އެންމެ ފުރަތަމަ ނިކުންނަ ރައްޔިތުންގެ ތެރޭގައި އިހަވަންދޫއަށް ނިސްބަތްވާ މީހުން ހިމެނޭކަން ފާހަގަ ކުރެވެއެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަން އިހަވަންދޫއަށްވެސް ވަނީ ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އިހަވަންދޫގައިވެސް ވަނީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން، އިޖުތިމާޢީ ފޭރާން ގޯސްވެ ވީދެން ގާތްވެފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ އެދުމަކީ މިނާޒުކު މައްސަލައާމެދު ތިޔަ ފަރާތްތަކުން ވިސްނާ އެދެވިގެންވާ ފިޔަވަޅެއް އެޅުމަށް މަސައްކަތް ކޮށްދެއްވުމެވެ.

އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ގޯސްވަމުން ގޮސްފައިވާ މިންވަރާއި މެދު ވިސްނާލި ކޮންމެ މީހަކުމެ ލޮލުން ކަރުނަ ހިލިގެންދާނެ ކަންޔަޤީނެވެ.  އަޅުގަނޑުމެން ގެ ތެރޭގައި ކުރިން ގާތް އެކުވެރިން ކަމުގައި ދެކެމުން އައި މީހުންނަކީ ދުޝްމަނުން ކަމުގައި ބަލަން ފަށައިފިއެވެ. އެއްތަށިން ކައި އުޅުނު އަޅުގަނޑުމެންގެ އެކުވެރިން މިއަދު ކޮބައިތޯއެވެ؟ ހަމައެކަނި އެގުޅުމަށް ބުރުއެރި ކަމަކަށް ވަނީ ސިޔާސީ ހިޔާލު ތަފާތުވުމެވެ. މިފަދަ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަން ގެއްލެންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. އެހެނީ ކޮންމެ އިންސާނަކީ އަނެއް އިންސާނާއާ ހިޔާލު ތަފާތު މީހެއްކަން ޔަގީނެވެ. މިހާރުގެ ތަފާތަކީ ހިޔާލު ތަފާތުވުން މިބަހުގެ ކުރިއަށް ސިޔާސީ އައުމެވެ. ތަނެއް ތަރައްޤީކޮށް ކުރިއަށް ގެންދަން ބޭނުންނަމަ އެތަނެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމުކުރުން ވަރަށް މުހިންމު ކަމެކެވެ.

އިއްޒަތްތެރި ކައުންސިލަރުންނޭވެ. ތީ ރައްޔިތުންގެ މަޝްވަރާޔާއެކު ރަށުގެ ކަންކަން ކުރިއަށް ގެންދިޔުމަށާއި އަޅުގަނޑުމެންގެ މައްޗަށް އަމުރުވެރިންގެ ގޮތުގައި ﷲ ތަޢަލާގެ އިރާދަފުޅާއެކު ރައްޔިތުންނަގާފައި ތިބި ބަޔަކަށް ވާހިނދު، ތިޔަ އިއްޒަތްތެރި ފަރާތްތަކުގެ ކިބައިން އަޅުގަނޑުމެން ރައްޔިތުންނަށް ނަމޫނާ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ތިޔަ ފަރާތްތަކުން އަޅުގަނޑުމެންނަށް ދީނީ ވާޖިބުތައް އާދަކުރުމަށާއި ރާއްޖޭގެ ގާނޫނަށް ތަބާވުމަށް އަންގާއިރު، ތިޔަފަރާތްތަކުން އެނަމޫނާ ދެއްކޭ ކަމުގައި ވާނަމަ، އެގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ފަސޭހަވާނެ ކަމެކެވެ.

އަދި ތިޔަ އިއްޒަތްތެރި ފާރަތްތަކަކީ ވަކި ޕާޓީއަކުން އައިސްގެން ނުވަތަ ވަކި ޕާޓީއެއްގެ ސަޕޯޓަރުން ހޮވާފައިވާ ބައެއްކަމަށް ވާތީ ވަކި ޕާޓީގެ މީހުންނަށް ވެރިކަން ކޮށްދޭން ހޮވާފައިވާ ބައެއް ނޫނެވެ. މުޅި ރަށުގެ ރައްޔިތުންނަށް ނުވަތަ ދާއިރާގެ ރައްޔިތުންނަށް އެހީތެރިވެ، ކަންކަން ކުރިއެރުވުމަށް ހޮވާފައިވާ ބައެކެވެ. އަޅުގަނޑު ދެކޭގޮތުގައި، މިހާރު ރާއްޖޭގެ ރައްޔިތުންނަށް ދިމާވެގެން މިއުޅެނީ އެ މައްސަލައެވެ. ވަކި ޕާޓީއެއްގެ ބަޔަކަށް ވެރިކަން ކޮށްދިނުމުގެ އުސޫލު ގެންގުޅެވޭތީ ދިމާވެގެން އުޅޭ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ސަރުކާރުގެ ޕާޓީއަށް ނިސްބަތްނުވާ މީހަކު ގޮސްފިނަމަ، އެ އޮފީހެއްގެ ވެރިއަކު ބުނާތީ މިއިވެނީ މީ އަޅުގަނޑުމެންގެ ސަރުކާރެކެވެ. ބޭނުން ގޮތެކޭ ހަދާނީ. މިހެންނެވެ. މިއީ ހަޤީގަތުގައިވެސް ވަރަށްދެރަ މައްސަލައެކެވެ. އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް މިހާރު، އިހަވަންދޫ ދާއިރާއަށާއި އިހަވަންދޫ ކައުންސިލަރުންނަށް ގޮވާލަމެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ އެއްބައިވަންތަ އެކުވެރި، އެއް އަމާޒަކަށް މަސައްކަތްކުރާ ބަޔަކަށް ވުމުގެ ހެޔޮ ތަޢުފީޤު ﷲ ދެއްވުމެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބޭނުންތެރި ނަސޭހަތުގެ ބަސްތަކެއް، ވަރަށް އުފާވެއްޖެ މިކަހަލަ ލިޔުމެެއް މިސައީޓުން ފެނުނީތީ

– 27 ޖެނުއަރީ 2014 1

އެއްބައިވަންތަ އެކުވެރި ބަޔަކަށްވުމަށް އާސިމު ގޮވާލާއިރު އިހަވަންދޫގެ ޕީޕީއެމް ޖޭޕީ ކޯލިޝަން ރޫޅާލުމުގައި އެންމެއަޑީގައި ހުރީ އާސިމް. ބޭބޭފުޅަށް މަޖިލިސް ގޮނޑި ހޯދާދިނުމަށް ކައުންސިލް އިންތިހާބުގައި ވަކިބަޔަކަށް ވޯޓްނުދިނުމަށް ގޮވަމުންދުވީވެސް ހަމަ އާސިމް.

– 2 ފެބުރުއަރީ 2014 0