އިހަވަންދޫ ކައުންސިލްގެ ނިންމުން ގޯސް، ބަހުސްކުރާކަށް ނުޖެހޭ!

އިއްޔެ އިހަވަންދޫ ކައުންސިލްގެ ކުއްލި ބައްދަލުވުމުން، އިހަވަންދޫގައި އުޅޭ ބިދޭސީން އަމަލުކުރަންޖެހޭނެކަމަށް ކަނޑައެޅި ހަރުކަށި އުސޫލުތަކާއި އެކު އެކަންވަނީ ބޮޑު ބަހުސަކަށްވެފައެވެ. އެއްބަޔަކަށް މިއީ ނަމޫނާ ފިޔަވަޅުތަކަކަށްވީއިރު އަނެއްބަޔަކަށް މީއީ ނަސްލީ ތަފާތުކުރުމުގެ ލާމަސީލު ނަމޫނާއެކެވެ.

ފިޔަވަޅުތައް އެޅީ ކީއްވެ؟

އިހަވަންދޫ ކައުންސިލްގެ މިފިޔަވަޅުތައް މިއައީ ބިދޭސީންތަކެއްގެ އަތްދަށުވެ އަނިޔާވެރިގޮތަކަށް އިހަވަންދޫގައި ދިވެއްސަކު މަރާލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލުން އެޅިފިޔަވަޅުތަކަކީ ހަމައެކަނި އިސްމާއީލްގެ މަރާ ގުޅިގެންއެޅި ފިޔަވަޅުތަކެއް ނޫން ކަމަށެވެ. އިސްމާއިލްގެ މަރު އެބޭފުޅާ ބަލައިގަންނަނީ ވޭކްއަޕް ކޯލެއްގެ ގޮތުގައެވެ. އެބޭފުޅާ ވިދާޅުވާ ގޮތުގައި ބިދޭސީންގެ ވަރަށްގިނަ މައްސަލަތައް ކައުންސިލަށްދަނީ ހުށަހެޅެމުންނެވެ. އަދި ބިދޭސީންގެ ސަބަބުން އިޤްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންވެސް ރަށަށްދަނީ ގެއްލުންތަކެއް ވަމުންނެވެ. ކޮންމެއަކަސް ކައުންސިލްގެ ނިންމުން އައީ އިސްމާއިލްގެ މަރުގެ އުދާހުގެ ތެރޭގައިކަމުން އަދި މީގެ 14 ވަރަކަށް އަހަރުކުރިން ބިދޭސީންތަކެއްގެ އަތްދަށުވެ އިހަވަންދޫގެ ދަރިއެއް މަރުވެފައިވުމުން، ކައުންސިލްގެ ނިންމުމާ މިމަރުތަކާ ސީދާގުޅުން އޮތްކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ކައުންސިލްގެ ނިންމުން

އިހަވަންދޫ ކައުންސިލްގެ ނިންމުންތަކަށް ބަލާލާއިރު ފުރަތަމަ ނިންމުމެއްގެ ގޮތުގައި އޮތީ ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރެއް އެކުލަވައިލުމެވެ. އިއްޔައިން ފެށިގެން 5 ދުވަހުގެ ތެރޭގައި އެދަފުތަރުގައި ރަޖިސްޓްރީވާން ޖެހޭއިރު، ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަކީ ޤަވާއިދާ އެއްގޮތަށްއުޅޭ ލިއެކިއުންހަމަ ފަރާތްތަކެއްތޯ ބަލާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މީގެއިތުރުން ރޭގަނޑު 10ގެ ފަހުން ބިދޭސީން ގޭންބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާއިރު، ހުކުރު ދަވަހު 14:00 އިން 17:00 އާއި ދެމުދުނޫނީ ގްރޫޕްހަދައިގެން ބޭރަށް ނުކުމެއުޅުންވެސް މަނަލެވެ. އަދި ކައުންސިލްގެ އިޙްތިސާސް އޮންނަ އެއްވެސް ސަރަހައްދަކުން ބިދޭސީން މަސްވެރިކަން ކުރުމާއި، ކާށި ފަން އަދި ދަރު ހޮވުންވެސްވަނީ މަނާކޮށްފައެވެ. އަދި ކުނި ގޮނޑަށް ކުނި އުކަން ފިޔަވާ ބިދޭސީން ދިއުން މަނާކޮށްފައިވާއިރު ދައުވަތުނުދޭ ހަފުލާތަކަށްވެސް ދިއުން މަނަލެވެ.

ކައުންސިލްގެ ނިންމުމާއި އެކު ސޯޝަލް މީޑިޔާ

ކައުންސިލްގެ ނިންމުމާއިއެކު ސޯޝަލް މީޑިޔާގައި ދެކޮޅަށްވެސް ދަނީ ވަކާލާތުކުރަމުންނެވެ. އެއްބަޔަކަށް އެނިންމުން ފައްކާވިއިރު އަނެއްބަޔަކަށް އެއީ ކަމުދާ ނިންމުމެއްނޫނެވެ. ކޮންމެއަކަށްސް ޓްވިޓާގައި އިހަވަންދޫ ޓެގަށްވަނީ ވަރަށް ބާރުބޮޑުވެފައެވެ. ޓްވިޓާގައި އިސްމާރލް ސުވާލުކޮށްފައިވަނީ އިހަވަންދޫ ކައުންސިލަށްހޮވީ ޓްރަމްޕް ތޯއެވެ؟ އެހެން މީހަކު ބުނެފައިވަނީ ކާފިއުއެއް ހިންގާނަމަ ހަމައެކަނި ބިދޭސީންނަށް ނުހިންގޭނެ ކަމަށާއި އެވިސްނުމާއިމެދު ސުވާލު އުފެދޭކަމަށެވެ. އަހުމަދު ނައީމް ވަނީ މިކަމާއި ގުޅިގެން އިހްތިޖާޖްކޮށް އިހަވަންދޫ ކައުންސިލްގެ ރައީސްއަށް އެސްއެމްއެސް ފޮނުވުމަށް އެދިފައެވެ. އަދި އޭނާ ފޮނުވި އެސްއެމްއެސް އެއްކަމަށް ބުނެ މެސެޖެއް ހިއްސާކޮށްފައިވެއެވެ. އެމެސެޖްގައިވަނީ އިންސާނަކު ވަކިޤައުމަކަށް ނިސްބަތްވުމުން ތަފާތުކުރާ ބަޔަކަށް އިޙްތިރާމް ނުކުރެވޭނެކަމަށާއި އިހަވަންދޫ ކައުންސިލުން ހިންގާ ލާއިންސާނީ ޖަރީމާއާއި ދެކޮޅުކަމަށެވެ.

ކައުންސިލްގެ ނިންމުމާ އެއްކޮޅަށް ވާހަކަދައްކާފައިވާ އަމްރު ބުނެފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މަސައްކަތްކުރަން އައިސްތިބޭ ބިދޭސީންނާއިމެދު މިއަށްވުރެ ހަރުކަށި ފިޔަވަޅުތައް އަޅާކަމަށާއި އިހަވަންދޫ ކައުންސިލްގެ ފިޔަވަޅުތައް ނަމޫނާއަކަށް ބަލަންޖެހޭކަމަށެވެ. ކައުސަރު ލިޔެފައިވަނީ މިފަދަ ނިންމުން ނިންމާން ލަސްވެއްޖެކަމަށާއި މިއީ އެމީހުންގެ (ބިދޭސީންގެ) ޤައުމަކަށް ބަދަލުވެއްޖެ ކަމަށެވެ.

ވަކި ކޮޅަކަށް ނުޖެހި ކެމޯގެ ނަމުން ވާހަކަދެއްކި ޒުވާނާ ލިޔެފައިވަނީ މައްސަލައަކީ އިހަވަންދޫ މީހުންނަށް ކުރިމަތިވެފައިވާ ހާސްކަން ވަޒަންކޮށްލަންވެސް ނޭގުންކަމަށާއި، ނަމަވެސް މިނޫން އެހެންގޮތެއް ހޯދަން ޖެހޭކަމަށެވެ.

ޤާނޫނީ ބަހުސް

މިރިޕޯޓް ލިޔުމާއި ހަމައަށްވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިހަވަންދޫ ކައުންސިލްގެ ނިންމުމުގެ ސައްޙަކަމާއިމެދު ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީން ރޭކުރި ޓްވީޓެއްގައިވަނީ އިހަވަންދޫ ކައުންސިލްގެ ނިންމުމާއިމެދު ޤާނޫނީ ލަފާހޯދަމުން ދާކަމަށްބުނެފައެވެ.

ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ އިހަވަންދޫ ކައުންސިލްގެ ނިންމުން ޤާނޫނާ ހިލާފުކަމަށާއި އެނިންމުމަށް އަމަލުކުރަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އަލީ ހުސައިން ވިދާޅުވެފައިވަނީ ބިދޭސީންނަކީ ރާއްޖޭގައިއުޅޭ ސަޕްރެސްޑް (ހައްޤުތައް ނިގުޅައިގަނެވިފައިވާ) މައިނޯރިޓީއަކަށް ވާއިރު، މިގޮތަށް ތަފާތުކުރުންތަކެއް ގެންގުޅުމަކީ އޭގެ ސަބަބުން އިޖްތިމާއީ އަދި ޖިނާއީ މައްސަލަތަކެއް ދިމާވެދާނެ ކަމެއްކަމަށެވެ.

ކައުންސިލްގެ ނިންމުން ތަންފީޒްކުރުމުގައި ޤާނޫނީ އެއްވެސް ހުރަހެއް އެބައޮތްތޯ، މިނޫހުން އިހަވަންދޫ ކައުންސިލްގެ ރައީސް އާއި ސުވާލުކޮށްލުމުން ވިދާޅުވީ އެފަދަ އެއްވެސް ހުރަހެއްއޮތްކަމަށް އެބޭފުޅާ ނުދެކޭ ކަމަށެވެ.

އިހަވަންދޫއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ

އިހަވަންދޫ އަކީ ރާއްޖޭގައު އެންމެބޮޑަށް ބިދޭސީންގެ މައްސަލަ ދިމާވެފައިވަ ރަށޭ ނުބުނެވޭނެކަން ޔަޤީނެވެ. ނަމަވެސް އިހަވަންދޫއަށް މިމައްސަލަ ދިމާވެފައިވަނީ ކުޑަކޮށެއް ނޫނެވެ. ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުގައި އިހަވަންދޫގައި އޮތް އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފައިބަރު ދޯނި ބަނުމުގެ ސިނާއަތުގައިވެސް ޤަވާއިދާޙިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދައެވެ.

ރަށުގައި ވަށައިގެން ހިއްކާފައިވާ މަގަށް ޖޮގިންއާއި ހަވީރުފިންޏަށް ނުކުންނަ މީހުންނަށް އެސަރަހައްދުގައި އުޅޭ ބިދޭސީންގެ ފުރައްސާރައާއި ދިމާވާކަމަށްވެއެވެ. ކުނިގޮނޑަށް ކުނިއުކަންދާ އަންހެނުންނަށް އަސަރަހައްދުގައި ތިބޭ ބިދޭސީން ފޮށޭކަމަށްވެއެވެ. ރަށުގެ އެކި މަންގަނޑު ގަނޑުގައި ގްރޫޕް ހަދައިގެން ރޭގަނޑުތިބޭ ބިދޭސީންގެ އުނދަގޫ މަގުހިނގާ މީހުންނަށް ފޯރާކަމަށްވެއެވެ. ގަވާއިދާ ހިލާފަށް ވަގަށް ކާށިހޮވާ ވިއްކުމުގެ ސިނާއަތެއް ބިދޭސީން އުފައްދާފައިވާ ކަމަށްވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި އެމީހުންގެ ޝާމިލުވުންވާކަމަށްވެއެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވާގޮތަށް ބައެއް ފަޅު އިމާރާތްތަކުގައި އެތަންތަނުގެ ވެރިންނަށްނޭގި ޤަވާއިދާޙިލާފަށްއުޅޭ ބިދޭސީން ވަޒަންވެރިވެގެން އެބައުޅެއެވެ.

ބިދޭސީންގެ މައްސަލަ އުފެދިގެން އަންނަނީ ދިވެހިންނާއި ހަމައިން

މިއީ އެއްވެސް މީހަކަށް ދެބަސްވެވޭނެ ކަމެއް ނޫނެވެ. ބިދޭސީން ޤާނޫނާ އެއްގޮތަށްވެސް ގެންނަނީ ދިވެހީންނެވެ. ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީންނަށްވެސް އެގޮތަށް އުޅެވެނީ ދިވެހީންގެ ސަބަބުންނެވެ. ޤާނޫނާ ހިލާފަށްއުޅޭ ބިދޭސީންނަށް ކުރާނެ މަސައްކަތެއް ނުލިބޭނަމަ އެމީހުންނަށް އެގޮތަށް ނޫޅެވޭނެކަން ޔަޤީނެވެ. އިހަވަންދޫއަށް އެހާގިނައިން ޤާނޫނާ ހިލާފަށްއުޅޭ ބިދޭސީން ޖަމާވެފައިވަނީ އެމީހުންނަށް ކުރަންލިބޭ މަސައްކަތް ގިނަވެ ރަނގަޅުއާމްދަނީއެއް ލިބޭތަނަކަށް އިހަވަންދޫ ވެފައިވާތީކަން ޔަޤީނެވެ.

ޤާނޫނާ އެއްގޮތަށް ގެންގުޅޭ ބައެއް ބިދޭސީންވެސް ގެންގުޅެނީ އިންސާނުން އުޅެން ކަމުނުދާ ދަރަޖައެއްގައިކަން ފާހަގަކުރެވެއެވެ. މިއީވެސް ބިދޭސީންގެ ސަބަބުން އިޖްތިމާއީ މައްސަލަތައް ނުކުންނާނެ ސަބަބެއްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ބައެއް ބިދޭސީން ލައްވާ މަސައްކަތްކުރުމަށްފަހު އުޖޫރަ ނުދިނުމަކީވެސް އެމީހުން ޤާނޫނާ ހިލާފު ކަންކަންކޮށްގެ އާމްދަނީ ހޯދުމަށް ކޮށިގެންދާ ދޮރެކެވެ.

ކައުންސިލްގެ ނިންމުމަކީ ޖަޒްބާތް

އިހަވަންދޫ ކައުންސިލްގެ ކުއްލި ބައްދަލުވުމުން ބިދޭސީންނާއިމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމި ނިންމުމަކީ ތާކުންތާކުޖެހޭ ޤާނޫނީ އެއްވެސް ތަރަހައަކަށް ބިނާވާ ނިންމުމެއްކަމަކަށްބުނެވޭނެ ޖާގައެއް ނެތެވެ. ވަކި ނަސްލެއްގެ މީހެއް ކުށެއްކުރީތީ އެނަސްލަށް އެކަމުގެ އަދަބު ލިބެންޖެހޭކަމަށް ދަންނަ އޫސޫލަކީ މިހާރުގެ މުޖުތަމައު ޤަބޫލުކުރާ އުސޫލެއްނޫނެވެ. ކާފިއުއެއް ހިންގާއިރު ވަކިނަސްލަކަށް އަމާޒްކުރެވިދާނެކަމަށް ހަބުއްދިން މިނެކިރާ އެއްވެސް ޒަމީރެއް ޤަބޫލުނުކުރާނެކަން ޔަގީނެވެ.

ކައުންސިލްގެ ނިންމުން އައީ އިހަވަންދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގައިކަން ޔަޤީނެވެ. ރައްޔިތުންގެ ހާސްކަމަށް ލިސާނެއް ދިނުމުގެ ވިސްނުމުގައިކަން ޔަޤީނެވެ. ނަމަވެސް އެރައްކާތެރިކަން ކަށަވަރުކުރާންޖެހޭނީ މުޖުތަމައުގައި އެޅޭ އެހެންމީހުންގެ ހައްޤުތަކާވެސް އެކުއެވެ. ވަކި ނަސްލަކުން އަޔަތީ ވަކި ކުލައެއްގެ މީހަކަށްވީތީ ނުނީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާތީ އަދަބު ލިބެންޖެހޭނެކަމަށް ޤަބޫލުކުރި ޒަމާން ފާއިތުވެ ހިނގައްޖެއެވެ.

ކައުންސިލުން މިހާ ހަރުކަށި ނިންމުމަކާ ހަމަޔަށް ދާންޖެހުނީ މުޅި ސިސްޓަމް ފެއިލް ވެފައިވާތީކަން ކަށަވަރެވެ. ނިޒާމްގެ ތެރެއިން ޤަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަތަކަށް ހައްލުނުލިބި ފެއިލްވެފައިވާތީއެވެ. ޑީޕޯޓްކުރާ ބިދޭސީ މީހާވެސް އެހެންނަމެއްގައި ހުދު ކާފޫރު ކޮޅަކަށްވެ ޤަވާއިދާ އެއްގޮތަށް އެތެރެވުމުގެ ފުރުސަތު އޮތަތީއެވެ.

ބައެއް ކައުންސިލަރުންގެ ވާހަކައިން ދޭހަވަނީ މިހާރުވެސް ކައުންސިލުންއެޅި ފިޔަވަޅުން އެމީހުން ކުރާން ބޭނުންވިކަންތައް ވެއްޖެކަމުގައެވެ. ބިދޭސީންގެ މައްސަލައަކަށް މުޅިޤައުމުގެ ސަމާލުކަން ހުއްޓިއްޖެކަމުގައެވެ. ނަމަވެސް އިންސާނީ ހައްޤާއި ކަރާމާތަށް އަރައިގަނެ ޖައްސާނެ ސްޓަންޓެއް އޮންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މައްސަލައަށް ވަށާޖެހެނިވި ހައްލެއް ހޯދަންޖެހޭ

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ބޭނުންނަމަ ނިޒާމުގައި މިހާރު ހުރި މައްސަލަތައް ބަލައި ބިދޭސީންގެ މައްސަލަ ގާތުން ބެލޭނެ ނިޒާމެއް ޤާއިމްކުރާން ޖެހެއެވެ.  ދުވަސްކޮޅު ކޮޅުން ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފާހަގަކޮށް އެމީހުން ފޮނުވާލުމަކީ ވަގުތީ ހައްލެކެވެ. މައްސަލާގެ ދާއިމީ ހައްލަކަށް ވިސްނާއިރު ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީނާ އެއްގޮތަށް އެމީހުންލައްވާ މަސައްކަތްކުރުވާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާން އެބަޖެހެއެވެ. ހިއުމަން ޓްރެފިކިންއާއި މެދު އާމުން ހޭލުންތެރި ކުރުވާން އެބަޖެހެއެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހަމައެކަނި މުއައްސަސާތައް މަސައްކަތްކޮށްގެން ނުހޯދޭނެއެވެ. މިކަމަށް ހައްލުލިބޭނީ ފަރުދީ ޒިންމާވެސް ނަގައިގެނެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ