އިހަވަންދޫގައި ޑަކުޓަރީ ބޭސްވިއްކުން - މި ސަރުކާރުގެ ފަޓާސްއާއި ހަވާގައި ޖެހި، ޖޯކަކަށްވީތޯ؟


އެސްޓިއޯ އިން އިހަވަންދޫގައި ހިންގަމުންދާ ފާމަސީ ފޮޓޯ: އެސްޓީއޯ
1/7/1978މ ގައި ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 78/75،"ބޭހުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާބޭހޭ ޤާނޫނު" ރާއްޖޭގައި ޑަކުޓަރީ ބޭހުގެ ވިޔަފާރި ކުރައްވާ ފަރާތްތައް ވަރަށް ރަނގަޅަށް އަހުލުވެރިވާންޖެހެއެވެ. ޑޮކްޓަރެއްގެ ބޭސް ސިޓީއެއް ނެތި ބޭނުން ކުރާން ނުވާ ބޭސް މިނިސްޓްރީ އޮފް ހެލްތު ގެ ހުއްދައާއި ނުލައި ވިއްކުމަކީ މަނާކަމެކެވެ. ނަމަވެސް، އުފެދޭ ސުވާލަކީ މި ޤާނޫނަށް އަޅުގަނޑުމެން ޢަމަލު ކުރުމުގައި ދެމި ހުރެވެނީ ކިހާ މިންވަރަކަށްތޯއެވެ؟
ބޭސް ދޫކުރެވޭނީ ފާމަސިސްޓުންނަށެވެ. މިގޮތުން ބޭހާއި ބެހޭ ޤަވާއިދު ، ޤަވާޢިދު ނަންބަރު2014/ R-46 ގެ 5 ވަނަ މާއްދާގެ 5.1 ގައި ބަޔާން ކުރަނީ " ފާމަސިސްޓަކަށް ޑަކުޓަރީ ބޭސް ފިހާރައްގައި ބޭސް ދޫކުރުމުގު މަސައްކަތް ކުރެވޭނީ އެ މީހަކު އެ ބޭސް ފިހާރައެއްގައި ޑަކުޓަރީ ބޭސްދޫކުރުމަށް މޯލްޑިވެސް ފުޑު އެންޑު ޑުރަގު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވި ހުއްދަ ލިބިގެންނެވެ". އަދި މިގޮތުން ބޭސްފިހާރައިގައި ބޭސް ދޫކުރާ ފާމަސިސްޓުންނަކީ ކަމުގެ ޙާއްޞަ ތަމްރީނު ހަދާފައި ތިބި ބަޔަކަށް ވާންޖެހެއެވެ. އެންމެ ދަށްމިންގަޑަކުން ބެލި ކަމުގައިވީ ނަމަވެސް، ސަރުކާރު ޤަބޫލުކުރާ މަރުކަޒަކުން، އެޑްވާންސް ސެޓިފިކެޓު އިން ފާރމަސީ ނުވަތަ ޑިޕްލޮމާއިން ފާރމަސީ ޙާޞިލް ކުރަން ޖެހެއެވެ. އަދި މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސް ގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ހަމަ މި ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނަނީ ޑޮކުޓަރުގެ ލިޔުމެއްނެތި ދޫކުރަން ހުއްދަކުރެވިފައިވާ ބޭސްވެސް ދޫކުރެވޭނީ ހަމައެކަނި "ފާމަސިސްޓުން" ނަން ކަމަށެވެ.
ނަމަވެސް ހިތާމައަކީ އިހަވަންދޫގެ އެސް.ޓީ.އޯ ގެ ބޭސްފިހާރައިން ބޭސް ދޫކުރާއިރު ޤާނޫނު ނަންބަރު 78/75 އަދި ޤަވާޢިދު ނަންބަރު2014/ R-46 އަށް ބެލުމެއްނެތި ބޭސްދޫކުރަމުން ދާކަމެވެ. ވަކި ބަޔަކަށް ވަޒީފާތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ، އޭލެވެލް ނުވަތަ އޯ ލެވެލް ހަދާފައިވާ ފަރާތްތައް މެދުވެރިކޮށް ޑަކުޓަރީ ބޭސް ދޫކުރުމުގެ އިންތިޒާމު ބޭސްފިހާރައިން ހަމަ ޖެހި ފައި އޮތުމީ ، މުޖުތަމަޢުއަށް ނުރައްކައު ތެރި ކަމެވެ. ހިތްނުތަނަވަސް ކަމާއި ބިރުވެރިކަން ގެނުވާ ކަމެކެވެ. ނުބައި ބޭސްތަކުންނާއި ނުބައި އިންޖެކްޝަން ތަކުން ރައްޔިތުންނަށް ގެނުވި "ދުޅަ" ކަމާއި "ކެކުޅުން" އަދި އަޅުގަނޑުމެން ހަނދާނުން ނެތޭހާ ދުވަހެއް ނުވެއެވެ. އެއީ ކައިރި މާޒީއެވެ. ގޯހެއް ނޭގިނެން ހެދުމަށްވުރެން، ގޯސްކޮން ކަންތައްކޮށް ގޯސް ހެދުވުން މާ ގޯހެވެ. ޤަވާޢިދު ނަންބަރ2014/ R-46 އަށް ޢަމަލުނުކުރާ ނަމަ ތިރީގައވާ ފިޔަވަޅުތައް އަޅަން ޖެހެއެވެ.
1 ނަޞޭހަތްދިނުމާއި އެކު އެކަމެއް އިޞްލާހުކުރުމަށް މުއްދަތެއް ދިނުން
2. 500 ރުފިޔާއާއި 2000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން
3. ދީފައިވާ ހުއްދަ 14 ސާދަ ދުވަހަށްވުރެން ދިގު ނޫން މުއްދަތަކަށް ބާތިލް ކުރުން
4. މައްސަލަ ޝަރީޢަތަށް ހުށަހެޅުން
އިހަވަންދޫގެ މުޖުތަމަޢުގެ ރައްކާތެރިކަމަށް މި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. މި ލިޔުން ލިޔެލަން މި ޖެހުނީ އަޅުގަނޑުގެ މަންމަގެ ކަންބޮޑުވުންތައް މިކަމާއި އަޅުގަނޑާއި ޙިއްޞާކުރި ހާލު މަންމަގެ އެދުމުގެ މަތިން އެހެނަސް، ހުރިހާ ފަރުދުންގެ ރައްކާތެރިކަމަށް ވިސްނައިގެންނެވެ.
ޚިޔާލު ފައުޅުކުރުން