އިހވަންދޫގެ ތާރީޚުން (ހަތަރުވަނަ ބައި) — Ihavandhoo.com

އިހވަންދޫގެ ތާރީޚުން (ހަތަރުވަނަ ބައި)

29 ޖޫން 2017 0

ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން އިހަވަންދޫގައި ހިންގި ސަރޓިފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގައި ކިޔެވި ސްޓާފް ބެޗުގެ ދަރިވަރުންގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ތައްޔާރުކޮށްފައިވާ މަސައްކަތެކެވެ. މި ރިޕޯޓު އެކުލައިވާލާފައިވަނީ އިހަވަންދޫގެ އިސްރަށްވެހިންނާއި، ތާރީޚީ ގޮތުން އިހަވަންދޫއާ ބެހޭގޮތުން ލިޔެވިފައިވާ ގިނަ ފޮތްފޮތާއި، އިހަވަންދޫގެ މުއައްސަސާތަކުން ހޯދުނުގެ މައުލޫމާތުތަކުގެ އަލީގައެވެ. ރި÷ޕޯޓް އެކުލަވައިލާފައިވަނީ އެކޯހުގެ ދަރިވަރުން އެއްކުރި މައުލޫމާތުތަކުގެ އަލީގައި، އެ ކޯހުގެ ދަރިވަރުން ކަމަށްވާ، ފަތުޙުﷲ އަޙްމަދު، މުޙައްމަދު އަބުދުއްޞަމަދު، މަރިޔަމް އަހްލާމް، މަރިޔަމް ހުމޭސާ، ހައްވާ މާޖިދާ އެވެ. ________________________

އިހަވަންދޫއަކީ އެންމެ އިހުން ސުރެވެސް އަމިއްލަ ޤަބޫލުކުރުންތަކަކާއި، އަމިއްލަ ވަންތަ ގޮތްތަކެއްގެ މަތީގައި ސާބިތުވެ ތިބި ބަޔަކު އުޅެމުން ދިޔަ ރަށެކެވެ. ޚާއްޞަކޮށް ދީނީ ކަންކަމަށް ލޯބި ކުރި، ކާބަފައިން ދޫކުރި ސަގާފަތްތަކުގައި ދެމިތިބި ބައެކެވެ. ޢީދާއި ރޯދަ ފަދަ މުނާސަބަތުތަކަށް ޚާއްޞަ ގަދަރެއްދިން ބައެކެވެ. ހުކުރު ހޯމަ ވިލޭރޭ ފަދަ ޚާއްޞަ ރޭތަކުގައި ޞަލަވާތްފާތިހާ ތަކުން ގޭތަށް ގުގުމައިލި މީހުން އުޅުނު ރަށެކެވެ. އާންމުކޮށް މުޅި ރާއްޖޭގައި ކުޅެ އުޅުނު ހުރިހާ ކުޅިވަރެއް ޢީދުގައި ކުޅެ އުޅުނު އިހަވަންދޫ ރައްޔިތުންނަށް ޚާއްޞަ އަޟްޙާ ޢީދުގެ ސަގާފަތަކީ އަސަރީ ކެއުމުގެ ހަރަކާތެކެވެ. އަސަރީ ކެއުމަކީ ދެއަވަށު މީހުން އެއްބަޔަކު އަނެއްބަޔަކަށް ދޭ ކެއުމެކެވެ. މި ކެއުމުގައި ދެ އަވަށު ގޭގޭގެ މެދުގައި ގުރުއަތުންލައި އެ ދެގޭ މިހުން އެއްގޭ އަނެއްގެއަށް ކާން ދައުވަތުދެއެވެ. އަޟްހާ އީދުގެ 5 ދުވަސް ހަމަވަންދެން ކޮންމެ ރެއަކުވެސް މި ކެއުން ކުރިއަށް ދެއެވެ.

މީގެ އިތުރުން ތަކުބީރު ގޮވުމަކީވެސް ޢީދުގައި އިހަވަންދޫ ރައްޔިތުން ކޮށް އުޅުނު ކަމެކެވެ. ރަށުގެ އިސްވެރިން ކުރިއަށް ތިއްބަވައިގެން ރަށުގައިތިބި ހަރުކުލައިގެ މީހުންނާއި އެކު އަޟްހާ އީދުގެ 5 ދުވަސް ހަމަވަންދެން ކޮންމެ ރެއެއްގެވެސް އިޝާ ނަމާދަށް ފަހު ރަށުގެ މަގުތަކުގައި އަޑު ހަރުކޮށް ތަކުބީރު ގޮވައެވެ. މި މީހުންނަށް ކާންދިނުމަށްޓަކައި ޚާއްސަ ކެއުމެއް ތައްޔާރުކުރެއެވެ. އާންމު ގޮތެއްގައި މި ކެއުން ތައްޔާރުކުރަނީ އޮޑިވެރިންގެ ގެ ތަކުގައެވެ.

އިހަވަންދޫގެ ރައްޔިތުން އެންމެ ފޯރީގައި ކުރި ކަމަކީ ބޮޑު މައުލޫދު ކިޔުމެވެ.  މުޙައްރަމް މަހުގެ ފުރަތަމަ ހަފްތާ ފެށުމާއެކު ބޮޑު މާލޫދޫ ކިޔުން ފެށިގެން ކުރިއަށްދެއެވެ. ރަށު ލެވެލްގައި އެއް ހަފްތާ ވަންދެން ކުރިއަށް ގެންދާ މި މައުލޫދަށް އަތޮޅުގެ ހުރިހާ ރަށްރަށުގެ ދެ ޖިންސުގެ މީހުންނަށް ދައުވަތުދީ،  އެކިއެކި ރަށްރަށުން މީހުން ގެނެއެވެ. ރަށްރަށުން ބޮޑު މައުލޫދު ކިޔުމަށް މީހުން އަރާ ދުވަހު އެމީހުންނަށް މަރުޙަބާ ކިޔުމަށްޓަކައި ދީ އުޅުނީ ތެޔޮލީކޭމެވެ. މައުލޫދު ފެށުމަށް ފުރަތަމަ ދީ އުޅެނީ އަރާކޭމެވެ. ޖެހިގެން އަންނަ ދުވަހު ހެނދުނު އޮންނަނީ އަވެލިކޭމެވެ. މައުލޫދު ދެބައި ވުމުން މެންދުރުދީ އުޅުނު ކޭމަށް ކިޔައި އުޅެނީ ދަމުކޭމެވެ. މައުލޫދު ނިންމާ ކޭން އޮންނާނީ އެ ދުވަހުގެރެއެވެ. މިކޭމަށް ކިޔައި އުޅުނީ ނިންމާ ކޭމެވެ. މީގެއިތުރުން ބޮޑު މައުލޫދު ނިންމުމަށްފަހު ރަށުން ބޭރުން އަންނަ މީހުން ފުރާ ދުވަހު ފުރާކޭން ދީ އުޅުނެވެ.

ބޮޑު މައުލޫދު ކިޔުމާގުޅިގެން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ވާދަވެރި ރޫހެއްގައި ދެ އަވަށުގެ ރައްޔިތުން މައުލޫދު ހަރުގެ އަޅާއެޅުމެވެ. މި ވާދަ ވެރިކަމުގެ ތެރެއިން މަސައްކަތް ތެރިކަމުގެ ވަރަށް ގިނަ އައު އީޖާދުތައްކޮށް އައު އުފެއްދުންތައް އުފައްދާފައި ވާކަމެވެ. މިގޮތުން، ބޮޑު މައުލޫދުގެ ދުވަސްވަރު އެނބުރޭ އުނދޯއްޔަކާއި، އެނބުރޭ މުޑި އުފެއްދުމާއި އަދި ބިއްލޫރިގަސް އަމިއްލައަށް އުފެއްދުމުގެ އިތުރުން، އެއްވެސް މައުދަނަކާ ނުލައި އުފެއްދި ގަޑި ފާހަގަކޮށްލަން ޖެހެއެވެ.

މައުލޫދު ކިޔައި ނިމުމުން އަންހެނުންގެ މައުލޫދު ކިޔާ ކޭމެއް އޮވެއެވެ. މި ކޭމަކީ މައުލޫދު ކިޔައި ނިމުމުން ރަށުގެ އަންހެނުން ރަށުގެ ފިރިހެނުންނަށް ދޭ ކޭމެކެވެ. އަދި ރާވެރިން ޚަރަދުކޮށްގެން ރަށުގެ ރައްޔިތުންނަށް ރާވެރިންގެ ކޭންވެސް ދީ އުޅުނެވެ. އެންމެ ފަހުން އިހަވަންދޫގައި ބޮޑު މައުލޫދު ކިޔައިފައިވަނީ 2007 ވަނަ އަހަރެވެ. މައުލޫދު ކިޔުމާއި ތަކުބީރުކިޔުން އުވިގެންދިޔައީ ދީނީގޮތުން މީހުން ހޭލުންތެރިވުމާ ގުޅިގެން އެއީ ކުރުން އެކަށީގެން ނުވާ ބިދުއީ ކަމެއްކަމަށް ދީނީ ޢިލްމުވެރިން ފަތުވާ ދިނުމާގުޅިގެންނެވެ. 

އެންމެ ކުރިއްސުރެ ވެސް އިހަވަންދޫއަކީ ކުޅިވަރުގެ ރޫޙު އާދަޔާ ޚިލާފު ރަށެކެވެ. ކާބަފައިންގެ ޒަމާނުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ބަނޑިޔާޖެހުން، ދަނޑިޖެހުން، ބަށިކުޅުން، ފުޓުބޯޅަ ކުޅުން، ސައްލި ކުޅުމާއި މަންޑި ކުޅުން ހިމެނެއެވެ. އިހަވަންދޫ އަށް ޚާއްޞަ ހެވިކަމުގެ ކުޅިވަރެއްގެ ގޮތުގައި "އަންބޮނޑި" އެއްލުން ޒުވާން ފިރިހެނުން ފޯރީގައި ކުޅެއުޅުނެވެ. މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުގައި ރަށުތެރެއިން ހޮވާލައިގެން 12 އަންހެނުން ބަށިކުޅެން ދަސްކޮށްދިނުމަށާއި، ދުވުމުގެ ރޭހަށް މާލެ ގެންދިޔައެވެ. މިއީ މިފަދަ ހަރަކާތަކަށް އިހަވަންދޫގެ ބަޔަކު މާލެ ދިޔަ ފުރަތަމަ ފަހަރެވެ. ދުވަސްތައް ދައުރުވަމުން ގޮސް މިއަދާ ހަމައަށް އާދެވުނު އިރު އިހަވަންދޫ މިވަނީ ކުޅިވަރުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މިގޮތުން 1998 އަހަރު ބޭއްވި ޒޯން 1ގެ ފިރިހެނުންގެ ފުޓުބޯޅަ މުބާރާތުންނާއި، ވޮލީ މުބާރާތުން، އިހަވަންދޫ ޓީމު 1 ވަނަ ހޯދާފައިވެއެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ހއ. އަތޮޅުގެ އަތޮޅުވެރިޔާގެ ވާދައިގެ ތަށްޓަށް ކުޅެވުނު އަންހެނުންގެ ވޮލީ މުބާރާތުގެ 3 ވަނަ އިހަވަންދޫ އިމަގު ޖަމިއްޔާއިން 2 ފަހަރު ހޯދައިފައިވެއެވެ. އަދި 1998 އަހަރު ބޭއްވި އަތޮޅު ފިރިހެނުންގެ ވޮލީ މުބާރާތުން 1 ވަނަ އިހަވަންދޫ ކުލަބު ޕޯލްސްޓަރ ހޯދިއިރު، މި މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިހަވަންދޫގެ ޓީމަކަށް އިންޑޯ ކޯޓެއްގައި ވާދަކުރުމުގެ ފުރުޞަތު ލިބުނީ 1998 ވަނަ އަހަރު ޤައުމީ  ވޮލީ މުބާރާތުންނެވެ. 2008 ވަނަ އަހަރު ދިއްދޫގައި ބޭއްވުނު ވާ ދެމުމުގެ މުބާރާތުން 1 ވަނަ ހޯދާފައިވެއެވެ. މީގެ އިތުރުން، 2012 ވަނަ އަހަރު ބޭއްވި ޤައުމީ އަންހެން ވޮލީ މުބާރާތް ހޯސްޓު ކުރުމުގެ ފުރުޞަތު، އިހަވަންދޫ ކުލަބު ޕޯލްސްޓަރ އަށް ލިބިގެންދިޔައެވެ. މި މުބާރާތުން ދެވަނަ މަޤާމު އިހަވަންދޫ އިމަގު ޖަމިއްޔާގެ އަންހެން ވޮލީ ޓީމު ހޯދައިފައިވެއެވެ.  2014، 2015 އަދި 2016 ވަނަ އަހަރު ވީއޭ އެމް ޕްރެޒިޑެންޓު ކަޕް ނޯރތް ޒޯން އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވާއިރު 2015 ވަނަ އަހަރު ބޭއްވުނު ގައުމީ އަންހެން ވޮލީ މުބާރާތުގެ 2 ވަނަ، އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން ހޯދާފައިވެއެވެ. 

ޤައުމީ ފެންވަރުގައި ވާދަކުރާނެ ކުޅުން ތެރިން އުފެއްދުމަށާއި ހއ. އަތޮޅުގައި ހުނަރުވެރި ކުޅުން ތެރިން ފައްކާ ކުރުމުގެ މަޤުޞަދުގައި އިހަވަންދޫގެ މަދަނީ ޖަމިއްޔާތަކުން އެކިއެކި ކުޅިވަރު ޕްރޮގުރާމުތައް މެދުކެނޑުމެއް ނެތި ރަށާއި އަތޮޅު ފެންވަރުގައި ރާވާ ހިންގަމުންދެއެވެ. މިގޮތުން، ކުލަބު ޕޯލްސްޓަރއާއި އިމަގު ޖަމިއްޔާގެ ފަރާތުން، ކޮންމެ އަހަރަކުވެސް، އަންހެނުނާއި ފިރިހެނުންނަށް އަމާޒުކޮށް ވޮލީ މުބާރާތާއި ފުޓުސަލް އަދި ފުޓުބޯޅަ މުބާރާތްތަކާއި ސަގާފީ ކުޅިވަރު މުބާރާތްތައް ބާއްވަމުންދެއެވެ. މީގެއިތުރުން، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަބުދުﷲގެ އިސްނެންގެވުމަށް، އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތްކަމަށްވާ "މައިކަޕް މުބާރާތް" މެދު ކެނޑުމެއްނެތި ބާއްވަމުންދެއެވެ.  

އެންމެ އިހު ޒަމާނުންފެށިގެން މިއަދާ ހަމައަށް އައިރު ވެސް އިހަވަންދޫގައި ދަނީ އެކި ފަންނުގެ ފަންނުވެރިން އުފެދި އިތުރުވަމުންނެވެ.  އަދީބުންނާއި ލިޔުންތެރިންނާއި، ޅެންވެރިންނާއި، މަސައްކަތެރިންނާއި، ފިލްމީ ތަރިންނާއި، ޕްރޮގުރާމު ހުށަހެޅުންތެރިން ފަދަ ތަފާތު ޒުވާނުން ދަނީ އުފެދުމުންނެވެ.  

ޅެންވެރިންގެ ލިސްޓުން އެންމެ ފާހަގަކޮށްލެވޭ ބޭބޭ ފުޅުންނަކީ، ގުލްފާމުގެ އަލްމަރުޙޫމް އަބުދުﷲ މޫސާ، ޙާޝިމީ މަންޒިލް، އަލްފާޟިލް އަބުދުލްޣަނީ ހުސައިން، ވައިޖެހޭގެ، އަލްފާޟިލާ ޖަމީލާ ޙުސައިން، ސިތާރާގޭ އަލްފާޟިލް އަބުދުﷲ ސަމީރު، އަލިނޫރު އަލްފާޟިލް އަބުދުލް ޚާލިޤް މޫސާ، އުޑުވިލާގެ އަލްފާޟިލް މުޙައްމަދު އިބްރާހިމް، އިރަމާގެ އަލްފާޟިލް މުޙައްމަދު ×ޒާހިރެވެ. އަދި އަރަމުން އަންނަ ޒުވާން އެތަކެއް ޅެންވެރިންނެއް މި ލިސްޓުގައި ގުނައިލަން ޖެހެއެވެ.

އިހަވަންދޫ ބަނޑިޔާ ގުރޫޕުތަކަކީ ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގެ ސަމާލުކަން ހޯދި ގުރޫޕުތަކެކެވެ. ބަނޑިޔާ ޖެހުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ގުރޫޕުތަކުން ދަތުރު ކުރިއެވެ. މިގޮތުން، އިހަވަންދޫގައި އުފެދުނު ދެ ކުލަބު ކަމަށްވާ މޯނިން ކުލަބާއި އިވްނިން ކުލަބުން އާންމުންނާ ހަމައަށް ނެރެދިން މި ފަންނުވެރިންގެ ފަންނުތައް އަދިވެސް ކޮންމެވެސް ސިފައެއްގައި ފިޔަޖަހަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. ޢީދު ފަދަ މުނާސަބަތު ތަކުގައި ކުލަބު ޕޯލްސްޓަރ އިން އެ ކުލަތައް ދައްކުވައިދޭ ދިނުން ވެގެން ގޮސްފައިވަނީ މިކަމުގެ ލާމަސީލު މިސާލަކަށެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ، އިހަވަންދޫ އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު އަބުދުﷲ، މުޙައްމާއެވެ. މުހައްމާގެ އަމިއްލަ ޕްރޮޑަކުޝަން ހައުސް، ދެކެދެކެވެސް ޕްރޮޑަކުޝަނުން ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް ދިވެހި ބެލުންތެރިންނާ ހަމައަށް ދޫކޮށްފައެވެ.   ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މުހައްމާ ވަނީ އެތަކެއް ޤުރުބާނީ މަސައްކަތްތެއް ކޮށްފައެވެ.  ދިވެހި ފިލްމީ އެސޯސިއޭޝަންގެ އެކިއެކި އިސް މަޤާމުތައް ވަނީ ފުރުއްވާފައެވެ.  މިއީ ޤައުމީ ލެވެލުގައި ރަން އަކުރުން ގުނައިލެވޭ ފަދަ ކާމިޔާބު ހިތްވަރު ގަދަ އެއްކަށިވީރެކެވެ.

އިހަވަންދޫއަކީ އެންމެ އިހުންސުރެ އަދާ ހަމައަށްވެސް، ވަރަށް އެކުވެރި ހިތްހެޔޮ މަޑުމައިތިރި އުޅުންހުރި ބަޔަކު އުޅެމުން އައި ރަށެއްކަމަށް ތާރީޚީ ފަށްފުށްތަކުން ހާމަވެއެވެ. އިހަވަންދޫގެ އާދަކާދައާއި، ސަގާފީ ފަންނުތައް އަދާ ހަމައަށް ނަގުލުވެފައިވަނީ ވަރުގަދަ އިޖުތިމާއީ ރޫޙެއްގެ މަތީގައި ސާބިތުކަމާއެކު އަޅައިލެވިފައިވާ ބިންގާތަކުގެ މަތިންނެވެ. ތާރީޚީ ފަށްފުށްތަކުން ހާމަވާ ގޮތުގައި ރަސްމީ ސިފައެއްގައި އިހަވަންދޫގެ އިޖުތިމާއީ ހާލަތު ބައްޓަންވެ ކުލަބު ޖަމިއްޔާ ޖަމާއަތްތައް ވުޖޫދުވުމުގެ ކުރިން މިކަންކަމުގެ މުގުލުގައި އިސްވެ  ހަރަކާތްތެރި ވެފައިވަނީ އޭރު އިހަވަންދޫ ހިންގުމުގެ ބޮޑުބާރައިންގެ ތެރޭގައި ހިމެނޭ އެކި ވަރުވަރުގެ ވެރިކަމެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ލީޑަރުންނަކީ ދޮންކަލޭފާނު ނަމަކަށް ކިޔުނު ބޭފުޅަކާއި، މުޙައްމަދު އާދަމް ނުވަތަ އަވަށު މުހައްމަދެވެ.

ސުމްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެ ވެރިކަމާ ހަވާލުވެ ވަޑައިގަތް ހިސާބުން، ރަށްވެހި ކަމުގެ ތަރައްޤީއަށް އިސްކަންދީ ރަށްފުށުގެ ތަހުޒީބަށް ކުރެވުނު މަސައްކަތްތަކާ އެކު އިހަވަންދޫގައި ވެސް އެ ރޫޙް ވަރުގަދަވެ އިޖުތިމާއީ ރޫޙް އާލާވާން ފެށިއެވެ. އަވަށު ވާދަވެރިކަމުގެ ތެރެއިން ދެ އަވަށުގައި ހަރުދަނާ ލީޑަރުންތަކެއް އުފަންވަން ފެށިއެވެ. އިހަވަންދޫގެ މައިގަނޑު ދެ އަވަށެއްގެ ގޮތުގައި ހުޅަނގު އަވަށާއި އިރުމަތީ އަވަށް ކަނޑައެޅުނެވެ. އިރުމަތީ އަވަށުގައި ނަގާ ކިޔާ އިސް ލީޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ލީޑަރަކީ، ރަންކޮކާގެ އަލްމަރްހޫމް އާދަމް އިބްރާހިމެވެ. ހުޅަނގު އަވަށުން ނަގާކިޔާ ލީޑަރުންނަކީ ހުވަނދުމާގެ، އަލްމަރްހޫމް އަބުދުﷲ އިބްރާހިމް، ކުންޑަ ދޮންކޮއްކޮ އާއި، ސޯސަންގެ ބަނޑޭރި މުޙައްމަދާއި ދުފާގެ އަލްމަރްހޫމް ޤާސިމް ޒަކަރިއްޔާއެވެ.

އިހަވަންދޫގެ އިޖުތިމާއީ ރޫޙު އާލާކުރުމުގައި އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ އެންމެ އިސް ބޭފުޅަކީ ހއ. އިހަވަންދޫ މުޝްތަރީގެ، އަލްމަރުޙޫމް ހުސައިން އާދަމް މަނިކު، އާންމު ނަމުންނަމަ ހުސައިން މަނިކެވެ. ހުސައިން މަނިކު އިސްވެ ހުންނަވައިގެން އިޖުތިމާއީ ރޫޙު އާލާ ކުރެއްވުމަށް ވަރަށް މުހިންމު ތަފާތު ޕްރޮގުރާމުތައް އެކި ފެންވަރުގައިރާވާ ހިންގައިފައިވެއެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އަޟްޙާ ޢީދުގެ މުނާސަބާތުގައި ކުރިއަށް ގެންދިޔަ އަސަރީ ކެއުމުގެ ހަރަކާތެވެ. މި ކެއުމުގެ ސަބަބުން އެއްގެއި އަނެއްގެއި މީހުންގެ މެދުގައި އެކުވެރިކަމާއި އަޚްވަންތަކަން އާލާވެގެން ދިޔައެވެ. އެއްބައިވަންތަކަމާއި އެއް ބައެއް ވަންތަ ކަމުގެ ސިފަ ރައްޔިތުންގެ މެދުގައި އުފެދެމުންދިޔައެވެ. ސިޔާސަތުތަކަށް އައި ބަދަލުތަކާއެކު ވެރިކަމުގެ ނިޒާމުތަކަށް އައި ހެލުންވަރުގެ ސަބަބުން މިއަދު މި ތަހުޒީބު އިޖުތިމާއީ ހަރަކާތްވަނީ ވަޅުޖެހިފައެވެ.  

އޭގެ ފަހުން ރަށުފެންވަރުގައި ހިންގާ ހަރަކާތްތައް އަމާޒުވެފައިވަނީ އިރުމަތީ އަވަށާއި ހުޅަނގު އަވަށުގެ ފެންވަރުގައި ހިންގުނު ހަރަކާތްތަކެވެ. އިހަވަންދޫގެ އިޖުތިމާއީ އުދަރެހަށް ބަނަކަމާއި ޚަރީފުގެ މޫސުމު އައިސް އޮއްވާ ޚަރީފުކަމަށް ބަހާރު މޫސުން ގެނުވައިދީ އިހަވަންދޫ ހޭވައިލަދިނީ އިހަވަންދޫގައި ރަސްމީ ސިފައެއްގައި، މިގޮތަށް ގެނޭ ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި ރަޖިސްޓްރީ ވެގެން ހިންގި ދެ ކުލަބުގެ ހަރަކާތްތަކުންނެވެ. އިރުމަތީ އަވަށުގައި އިޖުތިމާއީ ރޫޙު ހުރި އިސްވެރިން ސައްލާ ކުރުންތަކާއި މަޝްވަރާ މާދިރީ ތަކާއެކު އިހަވަންދޫގެ ތާރީޚުން ދެވަނަ އަށް އުފަންވި ކުލަބު، އިހަވަންދޫ ކުއްޅަވައްގެ އަލީ އަޙްމަދު، އާއި ނޫރަންމާގެ އަލްމަރުހޫމް ޙަސަން އާދަމްގެ މުއައްސިސްކަމުގެ ދަށުން އުފަންވިއެވެ. އެއީ އިވްނިން ކުލަބެވެ. އެއީ، އިހަވަންދޫ ސީސަންގެ އަލްމަރުޙޫމު ޙަސަން ހުސައިން، ކެޔޮޅު ހަސަންބޭ އާއި، އެރޯމާ އަލްފާޟިލް އަބުދުއްޞަމަދު އަބުދުﷲގެ މޭސްތިރިކަމުގެ ދަށުން، ނަވާރަސަތޭކަ ހަތްދިހައިގެ އަހަރު ވުޖޫދުކުރެވުނު މޯނިންގ ކުލަބެވެ.  މިއީ ހުޅަނގު އަވަށް ނިސްބަތްވި ކުލަބެއް ކަމުން،މިކަންވެގެން ދިޔައީ އިޖުތިމާއީ ދަނޑުގައި ހަރަކާތްތެރިވާން ބޭނުންވެފައި ތިބި ޒުވާނުންނަށް ހުޅުވައިލެވުނު އައު މަންސައަކަށެވެ. ވަޠަނީ ރޫޙާއި ޤައުމީ ޖޯޝުން ހިތްތައް ފުރިގެން ދިޔަ ބާބެއްގެ ފެށުން ކަމުގައެވެ. މި ދެ ކުލަބުން ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކާއި އެއް ބައެއް ވަންތަކަން ދިރުވާ އާލާކުރިއެވެ. ސަގާފީ ކުޅިވަރުތަކާއި ކުޅިވަރުގެ ވާދަވެރި ހަރަކާތްތައް ބޭއްވިއެވެ. ރަށުން ފެންވަރުން ފެށިގެން އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ހުށަހެޅުންތައް ހުށަހަޅާނެ ޒުވާން ޖީލެއް އުފަންކުރިއެވެ. ހުޅަނގު ކަނޑުން ޖެހުމުން ދިޔަ އޮއިވަރާއި، ގަދަ ވަޔާއި މޫސުމީ ބަނަ ކޮޅިގަނޑުތަކުގެ ޝިކާރައަކަށްވެ އިހަވަންދޫގެ ފުރަތަމަ ދެ ކުލަބުގެ ވިދުން ކެނޑި އެ ޞަފްހާތައް ތާރީޚުގެ ތެރެއަށް ފޭދިގެން ދިޔައެވެ.

އެހައި ހިސާބުން ހިތްތަކަށް މޮޅިވެރިކަމާއި ނުތަވަސްކަން ލިބި، މަޑުމައިތިރި ކަމުގެ ސާލެއްގެ ދަށުގައި އިހަވަންދޫގެ އިޖުތިމާއީ ޙާލަތު ކަމީނާވަމުން ދަނިކޮށް، މި ރޫޙު އަލުން ދިރުވާ އާލާ ކުރުމަށް ހިތްވަރާ އެކު ތެދުވި ދެ އާރުކާޓީންނަކީ، އިހަވަންދޫ ވައިޖެހޭގޭ އަލްމަރުޙޫމް، ހުސައިން ޒުހައިރާއި، ސަބުދެލީގެ އަލްފާޟިލް މުޙައްމަދު އަބުދުﷲއެވެ. މިދެ ބޭފުޅުންގެ އިސްނެންގެވުމާއެކު، 1996 ޖޫން 6 ވަނަ ދުވަހު އިހަވަންދޫ މަސްވެރިންގެ ގުޅުން އިމަގުގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް އަނެއްކާވެސް ވުޖޫދުވެގެން ދިޔައެވެ.

ފާއިތުވެ ދިޔަ މާޒީގައި އިހަވަންދޫގެ އެންމެ ނަގައި ކިޔާ ޖަމިއްޔާއެއްގެ ގޮތުގައި އިމަގު ޖަމިއްޔާ ސާބިތުކަންމަތީ ދެމި އޮވެ، ރަށާއި އަތޮޅާއި ޤައުމީ ފެންވަރުގެ ތަފާތު ހަރަކާތްތަކެއްވަނީ ކާމިޔާބުކަމާއެކު ރާވާ ހިންގައިފައެވެ.   މަސްވެރިންނަށް ހިތްވަރު ދިނުމަށް މަސްވެރިކަމުގެ އެވޯޑެއް ތަޢާރަފުކޮށް 2009 ވަނަ އަހަރުވަނީ އެކަން ތަންފީޒުކުރަން ފަށައިފައެވެ. މީގެއިތުރުން، އިހަވަންދޫގެ އިޖުތިމާއީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، އިޖުތިމާއީ ޚިދުމަތްތެރިންނަށް އަމާޒުކޮށް، 2009 ވަނަ އަހަރުން ފެށިގެން ހިތްވަރުދިނުގެ އެވޯޑު ހަފުލާތައް ކާމިޔާބުކަމާއެކު ދަނީ ބާއްވަމުންނެވެ.  އިމަގުން އިޖުތިމާއީ ރޫޙް އާލާކޮށް، ޤައުމީ ވަންތަކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، 2015 ވަނަ އަހަރު ހއ. އަތޮޅުކައުންސިލުގެ އުއްތަމަ އަރުތަވެރި އިނާމުގެ، ހއ އަތޮޅުގެ އެންމެ ޚިދުމަތްތެރި ޖަމިއްޔާގެ ޝަރަފު އިމަގުންވަނީ ޙާސިލުކޮށްފައެވެ.  

އިމަގު ޖަމިއްޔާގެ ހަރަކާތްތަކާ އެއް ހަމައެއްގައި އިހަވަންދޫގެ މަދަނިއްޔަތު ދިރުވާ އާލާ ކުރުމަށްގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުވެ ދެމިއޮތް ދެވަނަ ޖަމާއަތަކީ، އިހަވަންދޫ، ނަސްފަރު އަލްފާޟިލް ޙުސައިން ރަޝީދާއި، އިހަވަންދޫ ރެޑްސްޓަރ އަޙްމަދު އިބްރާހިމްގެ މުއައްސިސްކަމުގެ ދަށުން 1999 ޖުލައި 29 ވަނަ ދުވަހު އުފަންވެފައިވާ އިހަވަންދޫ ކުލަބު ޕޯލްސްޓަރއެވެ.

ރަށާއި އަތޮޅާއި ޤައުމީ ފެންވަރުގެ އެކިއެކި މުނާސަބަތުތަކާއި ޚާއްޞަ މުބާރާތްތަކާއި ތަފާތު އެކިއެކި ހަރަކާތްތައް ރާވާ ހިންގުމުގައި ކުލަބު ޕޯލްސްޓަރ ކޮށްފައިވާ ބުރަބޮޑު މަސައްކަތްތަކަކީ ރަން އަކުރުން ފާހަގަކޮށްލަން ޖެހޭ ކަންކަމެވެ. ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ މައިދާންތަކުގައި ޤައުމީ ލެވެލްގައި ވާދަކުރުމަށް ހުޅުވާލާ ފުރުޞަތުތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭ ކަންކަމެވެ. ޚާއްޞަކޮށް ސަގާފީ ކުޅިވަރުތައް ޒަމާނާ އެއްގޮތަށް ދިރުވާ އާލާކުރުމާއި ފަންނާއި ފަންނުވެރިން އާލާކުރުމުގައި ކުލަބު ޕޯލްސްޓަރއަކީ ލާމަސީލު މިސާލެކެވެ. ޢިލްމިވެރިން އުފެއްދުމަށާއި ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތަކީ ނަމޫނާ ޚިދުމަތްތަކެކެވެ.

އިހަވަންދޫގައި މުޅިން އަލަށް ޤުރުއާން މުބާރާތެއް ރަސްމީ ފެންވަރެއްގައި، ވާދަވެރި މާހައުލަކަށް ހުޅުވާލައިގެން އެންމެ ފުރަތަމަ ބާއްވަން ފެށުމުގެ ޝަރަފު ޕޯލްސްޓަރއިން ހޯދާފައިވަނީ 2001 ވަނަ އަހަރުއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނަން ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ޒަމާނީ ފެންވަރަށް ފައްކާކޮށްގެން ޤުރުއާން ކިޔެވުމުގެ މުބާރާތެއް މެދުނުކެނޑި ދަނީ ބާއްވަމުންނެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގެ ޤާރީން ގެނެސް ޤުރުއާން ކުލާސްތައް ހިންގަމުން ދިޔައެވެ. ރަމަޟާން މަހު ހިފުޒުކޮށް ތަރާވީސް ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ހާފިޒުން އެންމެ ފުރަތަމަ އިހަވަންދޫއަށް ގެނައުމުގެ ފަޚުރު ހޯދާފައިވަނީ ޕޯލްސްޓަރ އިންކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހެއެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި މިސްކިތްތައް ބިނާކުރުމުގައި ޕޯލްސްޓަރއިން އަދާކޮށްފައިވާ ދައުރު ފާހަގަކޮށްލަން ޖެހެއެވެ. އިހަވަންދޫގެ އިޖުތިމާއީ ޢުމުރާނީ، ތަރުބަވީ، ތަޢުލީމީ، ފަންނީ ކުރިއެރުވުމަށްޓަކައި ކުލަބު ޕޯލްސްޓަރއިން ދަރުމައަށްޓަކައި ދަނީ އެކިއެކި ޕްރޮގުރާމުތައް ރާވާ ހިންގަމުންނެވެ.

އިހަވަންދޫގެ އިޖުތިމާއީ ރޫޙު އާލާކުރުމަށާއި ތަޢުލީމީ ހާލަތު ރަނގަޅު ކުރުމަށާއި އިހަވަންދޫގައި ނެތެމުން ވަޅުޖެހެމުންދާ ސަގާފަތްތަކާއި ކުޅިވަރުތައް ދިރުވުމުގައި އިމަގު އަދި ކުލަބު ޕޯލްސްޓަރ އިން ދަރުމައަށްޓަކައި ކުރަމުން ގެންދާ ޤުރުބާނީ މަސައްކަތްތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންކަމެވެ.  މި ދެ ޖަމާއަތުގެ މަސައްކަތްތަކާއި ހަރަކާތްތަކުން އިހަވަންދޫއަށް ލިބެމުންދާ ކުރިއެރުމަށް ޓަކައި މި ދެ ޖަމާއަތުގެ އިސްވެރިންނާއި އެންމެހާ މެންބަރުންނަށް ލޯތްބާއި ހިތުގެ ޠާއަތާއެކު ޝުކުރު ދަންނަވަމެވެ.  މި ލާމަސީލު ދެ މަދަނީ ޖަމާއަތް ނަމޫނާއަކަށް ބަލައިގެން އެހެން މަދަނީ ޖަމާއަތްތައް ހަރަކާތްތެރިވުމަކީ އިހަވަންދޫގެ ދުލުން މިއަދު ގޮވާގޮވުމެވެ.  އިހަވަންދޫގެ އިޖުތިމާއީ ހިތުގެ އާދޭހެވެ. (ނުނިމޭ)

އިހަވަންދޫގެ ތާރީޚުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ