އިހވަންދޫގެ ތާރީޚުން (ފަސްވަނަ ބައި) - ފަހުބައި

7 ޖުލައި 2017 2

ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން އިހަވަންދޫގައި ހިންގި ސަރޓިފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބްޑިޒައިން ކޯހުގައި ކިޔެވި ސްޓާފް ބެޗުގެ ދަރިވަރުންގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ތައްޔާރުކޮށްފައިވާ މަސައްކަތެކެވެ. މި ރިޕޯޓު އެކުލައިވާލާފައިވަނީ އިހަވަންދޫގެ އިސްރަށްވެހިންނާއި، ތާރީޚީ ގޮތުން އިހަވަންދޫއާ ބެހޭގޮތުން ލިޔެވިފައިވާ ގިނަ ފޮތްފޮތާއި، އިހަވަންދޫގެ މުއައްސަސާތަކުން ހޯދުނުގެ މައުލޫމާތުތަކުގެ އަލީގައެވެ. ރި÷ޕޯޓް އެކުލަވައިލާފައިވަނީ އެކޯހުގެ ދަރިވަރުން އެއްކުރި މައުލޫމާތުތަކުގެ އަލީގައި، އެ ކޯހުގެ ދަރިވަރުން ކަމަށްވާ، ފަތުޙުﷲ އަޙްމަދު، މުޙައްމަދު އަބުދުއްޞަމަދު، މަރިޔަމް އަހްލާމް، މަރިޔަމް ހުމޭސާ، ހައްވާ މާޖިދާ އެވެ. ________________________

ރަށެއްގެ މާޒީގެ ޞަފުޙާތައް ފަޅުފިލުވައިދެނީ ހަމައެކަނި، އުފާވެރި ހަނދާންތަކެއްނޫނެވެ.   އާދަޔާ ޚިލާފު ހާދިސާތަކާއި ކަންބޮޑުވުން ގިނަ ތަފާތު ކާރިސާތަކާއި ގިލަންވެރި ހާދިސާތަކުން މުއްސަނދިވެފައިވާ ނަމަ އެ ތަނެއްގެ ތާރީޚު ގިނަ ޒަމާންތަކަށް ދެމިގެންދާނެއެވެ. މިގޮތުން، އިހަވަންދޫގެ ތާރީޚީ ފަށްފުށްތައް ފުރިފައިވަނީ މިދެންނެވި ފަދަ ތަފާތު ހާދިސާތަކުންނެވެ.

އެއީ ވޭނާއި ކެކުޅުން މުޅިރާއްޖެ ތަހައްމަލު ކުރި ޒަމާނެކެވެ. ހިތާމައާއި ކެކުޅުން ބަރުދާސްތުކުރި ދުވަސްވަރެކެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ޒަމާނުގައި ދިވެހިން ކުރިމަތިލި ބޮޑު ތަދުގެ ޒަމާނެވެ.   ބަނޑުފުރާނަ މުއްތި ކުރާނޭ ފަދައެއް ނެތި، އުނުއޮރިޔާން ނިވާކޮށްލާނެ މިންވަރެއް ނެތި ދަތި ހާލުގައި އުޅުނު ޒަމާނެވެ. ލާނެ އަންނައުނެއް ނުލިބޭ ހާލު ބަނޑުހައިކަން އިހުސާސްކުރެވުމުން ކާނެ ބޯނެ ފަދައެއްނެތި އެކަން އިހްސާސްވެދާނެތީ ދުވާލުގެ ވަގުތުތަކުގައި މޫދުގައި އަންހެންވެރިން ތިބި ޒަމާނެވެ. ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނެތުމުން އަތްދަނޑި މައްޗަށް ފުރާނަތައް ދޫކޮށްލި ޒަމާނެވެ. މި ތަދުގެ ޒަމާނުގައި އިހަވަންދޫއިން ވެސް އެތައް ބަޔަކު މަރުވެދިޔަކަމަށްވެއެވެ.  ކާނޭބޯނޭ ތަކެތި ނުލިބިގެން ބަނބުކެޔޮ މޯޅިއާއި މަގޫފަތް ވެސް ކޭ ކަމަށްވެއެވެ.  ރާއްޖޭގެ އެހެން ރަށްރަށްވުރެ ނިސްބަތުން އިހަވަންދޫ މީހުން އެ ޒަމާން ވެސް ތަހައްމަލު ކުރީ ލުއިކޮށެވެ. އެ ޒަމާނުގައިވެސް ބޮޑު މައުލޫދު ކިޔައި އުޅުނު އުޅުމުން މިކަން ހާމަވެއެވެ.

އިހަވަންދޫގެ ތާރީޚުން ދެން އެއްމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ، ހިޖުރައިން 1390، މީލާދީ ސަނަތުން 1968 ވަނަ އަހަރު އިހަވަންދޫއަށް ތިޔާގި ކަމާއި ހާއުފާވެރިކަން ގެނުވައިދިން ހާދިސާއެވެ.

ފަތިހަށް ގޮވާލި ހާލުގެ އަޑާއެކު އޮޑިވެރިންނާއި ކެޔޮޅުން ބެލީ ފަޅުވެރިކުދިން ތިބި ގޭގެއިން އެކުދިން ނެރެ ދޯނި އަވަހަށް ފުރުވައިލެވޭތޯއެވެ. އާދައިގެ މަތިން މަސްވެރި ހުރިހާ މަސްވެރިން ޖަމާވަމުންދިޔައީ ފަތިހުގެ މަތިވެރިކަމަށް އެދި މިސްކިތްތަކުން ގުގުމަމުން ދިޔަ ފަލާޙުގެ އަޑުތަކަށް އިޖާބަ ދިނުމަށެވެ. ފަތިހުގެ އަޅުކަމުން އަވަދިވުމުން، ގޭގައި ރޭގަނޑުގެ ނާސްތާއިން ބާކީވެފައިވާ ބަތްކޮޅު، ކުޑަ ތެލިބުރިއަކަށް އަޅައިގެން، އޭގެ މައްޗަށް ކުޑަ ދޯބުރާލި ހަކުރު ކޮޅެއް ބުރުވާލައި، އެއް އަރިމަތީ ރިހާކުރު ބޮނޑިއެއް ބާއްވައިގެން، އެއް އަތުން އެ ހިފައިގެން އަނެއް އަތުން މުންޑު ކޮށިކޮށްގެން، މަސްވެރިން ރަށުގެ ދެކުނު ބަނދަރަށް ނިކުތީ ﷲގެ ރޯއްޖަށް ފެންބޮވައިގެންފައިވާ ހާލުއެވެ. ކޮންމެ ދުވަހަކީ ވެސް އިމްތިހާނީ ދުވަހެއްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. ކުރިމަތީ ވަނީ ހިތައިމަ ކަމެއް އުފާވެރި ޚަބަރެއް ކަމެއް ނޭނގޭ ހާލުއެވެ. އިރުވައިގެ މަޑު ރޯޅިތަކާއެކު މަސްދޯނިފަހަރު އެންދަމައިގެން ހުޅަނގު ކަނޑުން ދެރަށް ޖެހޭ ދިމާއަށް ނުކުތީ އުއްމީދުން ފުރިގެންވާ ހާލުއެވެ. ނަމަވެސް ކަން ވެގެން ދިޔައީ އުންމީދު ނުކުރާގޮތަކަށެވެ. ހުޅަނގު ކަނޑުން މަސްވެރިންނަށް އެދުވަހު ކުރިމަތިލާން ޖެހުނީ އާދަޔާ ޚިލާފު ކަމަކާއެވެ. ހީވެސް ނުކުރާ ކަމަކާއެވެ.

މަހެއް މާ ބޮޑު ގެނެސް އިހަވަންދޫއާ ހަމަ ކޮށްފިއޭ އަންބަރު

         ލަހެއް ނުވެ އޭގެ ފައިދާ ހޯދުމަށް ކޮށްފިއޭ ހިތްވަރު

ޙަބީބާ  ދޯނިކޮޅު ޖެހުމާއެކީ މާކަނޑުތެރޭ ދެކިފާ

         ޢަބީރާއެކު ގުޅީ ފަރިވާ ހަޒާރާ މީ މަހާ ޝަމްސީރު

މި ފަސްދޯނި ކުދިންކޮޅު ހިތްމަތާއެކު ކޮށްލި މިންނަތުގާ

        މި މަސް ޖާލޫ ކޮވެލި ފަޅުތެރެއަށޭ ގެނުވީ އެރޭ ދަންވަރު

އިރުއަލި ކަމާއެކު އަންބަރު މަސް އިހަވަންދޫގެ ގޮނޑުދޮށަށް ބީއްސާލެވޭ ވަރެއް ނުވިއެވެ. ގަދަ ހިތްވަރާ ނުގުޑާ ޢަޒުމުގައި ސާބިތު ކަމާއެކު ކަށިން ހިތްވަރު ނެރެ ކުރި ބުރަ މިންނަތް މަސައްކަތުން އެރޭ މެންދަމުން 1115 ކަންހާއިރު، އިހަވަންދޫގެ އިރުމަތީ ފަރާތު ފަޅުތެރެއާ ހަމައަށް ބޮޑު މަސްގެނެވުނެވެ. މަސް ގެނައި ޚަބަރަށް ރަށުގެ ކުދި ބޮޑު އެންމެ ފާނޫޒާއި ބިގަރު، ފުޅިބައްތި ފަދަ އަލިކަމާއެކު އުފާވެރި މޫނަކައިގެން އިރުމަތީ ފަރާތު އަތިރި މައްޗަށް ޖަމާވަމުންދިޔައެވެ. ޖެހިގެން އައި ދުވަހު އިހަވަންދޫ ގެ ކުދިބޮޑު އެންމެން ނުކުމު ހޭވައްލާ ހޭޔަންބޯ، ކިޔާ 75 ފޫޓަށްވުރެ ބޮޑު، އެ މަސް ރަށުގެ ގޮނޑުދޮށަށް ބީއްސައިލިއެވެ. ތަޖުރިބާކާރުންނާއި އިސްރަށްވެހިންގެ ދިރާސާތަކާއި ސައްލާ ކުރުންތަކުން ޔަޤީންކަން ދިނީ އެއީ އަންބަރު މަހެއްކަމަށެވެ. ޚިޔާލާއި މަޝްވަރާތަކާއެކު މަހުގެ ބަނޑު ފަޅައިލާ ދިރާސާތައް ކުރަން ފެށިއެވެ. އެހައި ހިސާބުން މީސްތަކުންގެ މޫނަށް އުފާވެރިކަމުގެ ކުލަވަރު ފާޅުވާންފެށިއެވެ. އޭގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަށް ނުލިބޭ ފަދަ ބޮޑު ނިޢުމަތެއް ދެއްވި ކަމަށްޓަކައި ހަމުދުގެ ދުޢާއިން މުޅި ރަށް ގުގުމައިލިއެވެ. މަހުގެ ބަނޑުން ގޮމަ ނިޔަފައްޗާއި މާވަހަރުގެ ދުލިތައް ފެނުނެވެ.

ކަންކަން ކުރުމުގައި އިސްވެ އުޅުނު އާރުކާޓީންގެ ނިންމުން ވަރަށް ސާފެވެ. ކަލާންގެ މިންވަރުން އިހަވަންދޫއަށް ދެއްވި ނިޢުމަތް ހަމަހަމަ ކަމާއެކު ބެހުމަށް ނިންމިއެވެ. އޭރު އިހަވަންދޫގެ ކޮންމެ ގެއަކަށް ފަސް ކުޅަނދުގެ މާވަހަރު ދިނެވެ.  މަސް ގެނައުމުގައި ބައިވެރިވި ކޮންމެ ދޯންޏަކަށް ¼ ރާތާ މާވަހަރާއި ގޮމަ ނިޔަފައްޗާއި މަހުގެ ދެ ދަތް ދިނެވެ. މިމަހުގެ ދަތް ދިވެހި ބޭސްވެރިކަމުގައި ވަރަށް ފަހާ ޖެހެންދެން އިހަވަންދޫގައި ބޭނުންކޮށް އުޅުނެވެ. އެއަށްފަހު މަހުގެ ގޮހޮރާއި ސިކުނޑި އަދި ހަންގަނޑާއި މަސްގަނޑުން ބޮޑުމަހު ތެޔޮ އުފައްދާ އެ ތެޔޮވެސް ހަމަހަމަ ކަމާއެކު އޮޑިފަހަރަށް ބެހިއެވެ.

ހިތްހެޔޮ އޯގާތެރި މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅުމުން ދިޔަ އިހަވަންދޫގެ ތާރީޚުން ފާހަގަކޮށްލެވޭ އެންމެ އާދަޔާ ޚިލާފު ހާދިސާއަކީ 2002 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވީ ހުކުރު ދުވަހު ހިނގައި ދިޔަ ހިތާމަވެރި ހާދިސާއެވެ. މުޅި ރާއްޖެ އެ ހާދިސާއެއްގެ ވާހަކަތަކުން ރޮއްވާލި ހާދިސާއެވެ. ހއ. އިހަވަންދޫ ވެޔޮމުތްގެ ފާތިމަތު ޙަސަން އިހާނެތި ގޮތަކަށް މަރައިލި ހާދިސާއެވެ. މި ހާދިސާ ސިފަކޮށް ދެއްވަމުން އިހަވަންދޫ އުފެއްދި ކުޅަދާނަ ޅެންވެރިޔާ އަލްފާޟިލް އަބުދުﷲ ސަމީރު ބަޔާންކޮށްދެއްވަނީ:

ކަރުނައިން ލޯ ފުރުވި ހިތްދަތި ވޭނަކަށް އެ ޚަބަރު ވިޔޭ

     އަރު މުލިން ހިކި ހިން ނުދިރުވޭ އާހަކަށް އެ އަސަރު ވިޔޭ

ހިކަހިތުން ޒުލްމުގެ އަތުން އަދި ރޭޕްކޮށް ދަން ޖައްސުވާ

     ހިލަމަކުން ހިލަމެއް ނުވާހެން ނިންދެވީ އަބަދަށް މެއޭ

ރަހުމުކުޑަ މި ނުބައި ޖަރީމާ ހިންގުވީ ހަމަ ގަސްދުގައި

     ފަހެ އަވަށްޓެރި އިންޑިޔާ ތިން މުޖުރިމުން ކަމުގައިވިޔޭ    

މި ހާދިސާގައި ނިޔާވި ފާތިމަތު ޙަސަނަށް ސުވާރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. މި ފަދަ ނުރައްކާތެރި ޖަރީމާތައް ހިންގުމަށް މަގު ފަހިވާ އެންމެހާ ކަންކަމުން އިހަވަންދޫގެ އެންމެހާ ދަރިން ސަލާމަތް ކުރައްވާ، ބެލެނިވެރިންނަށް ހެޔޮވިސްނުން ދެއްވާށިއެވެ.

2004 ޑިސެންބަރު 26 ވަނަ ދުވަސް ވެގެންދިޔައީ އިހަވަންދޫގެ ތާރީޚުން އައު ބާބެއް އެއްލައިދިން ދުވަހަކަށެވެ. ސުނާމީ ކާރިސާގައި މުޅި ރާއްޖެ ތަހަންމަލު ކުރަމުންދިޔަ ވޭނާއި ކެކުޅުންތަކަށް ފުރިހަމަ އިޖާބައެއް އިހަވަންދޫ އިން ދިން ދުވަހަކަށެވެ. އިހަވަންދޫ ދަނބުވާކޯލާ ކިޔުނު ސަރަހައްދަށާއި ދެކުނު ބަނދަރުގެ އެއްގަމު ތޮށްޓަށް ލިބުނު ކުޑަކުޑަ ގެއްލުން ފިޔަވައި އިތުރު ގެއްލުމެއް އެ ކާރިސާއިން ލިބިފައި ނެތުން ވެގެން ދިޔައީ އިހަވަންދޫގެ ރައްޔިތުން، އެ ހާދިސާގެ ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޢަޒުމު ކަނޑައެޅި މައިގަނޑު ސަބަބަކަށެވެ. ހާލުގައި ޖެހިފައި ތިބި ދިވެހިންގެ އާދޭސްތަކަށް އިޖާބަދީ، ކުދިބޮޑު އެންމެން އެހީގެ ސާމާނާއެކު ދޯނި ފަހަރު ބަރާކޮށް ދަތުރުފަތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނީ ލިބޭނެ ފައިދާއަކަށް، ކުރާނެ ތަޢުރީފަކަށްނޫނެވެ. ސުނާމީގެ ދޮވެވިފައިވާ ރަށްރަށް ސާފުކުރުމަށް ކުދިބޮޑު އެންމެން ދޯނި ފަހަރުގައި ފުރައިގެން ދިޔައީ މީހަކު ބުނެގެން ނޫނެވެ. އެއީ ދީނީގޮތުންނާއި ޖަމާއީ ގޮތުން އަމިއްލަ ވާޖިބެއްކަމަށް ދެކިގެންނެވެ. އެދުވަހު އެ ދެއްކެވި ސާބިތު ނަމޫނާއަކީ މިއަދުގެ ޖީލުން ޢިބުރަތުގެ ގޮތުގައި ބަލައި ގަންނަން ޖެހޭ ކަންކަމެވެ. އެ އިސްނެގުމަށް ކުރުނީސްކުރުން ޙައްޤު ކަންކަމެވެ. 

އެއް އިރެއްގައިވެސް އިހަވަންދޫއަކީ ރާއްޖޭގެ މީޑިއާގައި މާ ބޮޑު ސަމާލުކަމަށް ނާންނަ ރަށެކެވެ. ޤައުމީ ފެންވަރުން ފެށިގެން އަތޮޅުފެންވަރުގައި ފުރިހަމަ ކާމިޔާބު ހަރަކާތްތައް ބޭއްވި ނަމަވެސް އެކަމަށް މީޑިއާއިން ލިބެނީ ވަޅޯތާފަނާ ތަރުޙީބެކެވެ. ނަމަވެސް 2016 ވަނަ އަހަރު އިހަވަންދޫ އިމަގު ޖަމިއްޔާއިން ފާހަގަކުރި އަޟްޙާ އީދު ވެގެން ދިޔައީ މުޅި ރާއްޖޭގެ ސަމާލުކަން އެ ޢީދަކަށް ހުއްޓުނު ޢީދަކަށެވެ. މުޅި ރާއްޖެއިން ވަގުތުން އެމަންޒަރުތައް ބެލި ޢީދަކަށެވެ. މީގެ ކުރިން ދުވަހަކުވެސް ރަށަށް މީހުން ނާރާވަރަށް މީހުން އެރި ޢީދަކަށެވެ.

އިމަގު ޖަމިއްޔާގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާތު ފާހަގަކުރުމަށާއި ޢީދު ޝޯވގައި ބައިވެރިވުމަށް، އަވައްޓެރި މަލިކުން 26 މެންބަރުންގެ ޓީމެއް އައުން ވެގެންދިޔައީ އިހަވަންދޫއަށް ލިބުނު ފަޚުރަކަށެވެ. މަލިކުން މިހައި ގިނަ މީހުން އެއްފަހަރާ ރާއްޖެ އައުންވެގެން ދިޔައީ މުޅި ރާއްޖެއަށް އަލަށް ކުރެވުނު ކަމަކަށެވެ. ތާރީޚީ ހަނދާނަކަށެވެ. އެ ޕްރޮގުރާމުން މިއަދު މަލިކާއި އިހަވަންދޫއާ ދެމެދު އަޚްވަންތަ ގުޅުންތަކެއް ޤާއިމުވެފައިވާތީ އެ އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހެއެވެ.

އިހަވަންދޫއަކީ ތަރައްޤީގެ މަގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ. އެންމެ އިހުގައި ފަނުން ހަދަ ބިއްގަތައިގެން ބިނާ ކުރި ގެދޮރު ހެދުމުގެ ވަށްޓަފާޅި މިއަދު މިދަނީ ޒަމާނާއެކު ބަދަލުވަމުންނެވެ. ދެ ބުރި ތިންބުރިއަށް އިމާރާތްތައް މިދަނީ އުފުލެމުންނެވެ. ފާހަގަކޮށްލެވޭ ފަދަ އެންމެ ބޮޑު ޢުމުރާނީ މަސައްކަތެއްގެ ގޮތުގައި އިހަވަންދޫގެ ތާރީޚުން ފާހަގަކޮށްލެވޭ މަސައްކަތެއް ފަށައިފައިވަނީ 1990 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހެވެ. އެއީ ހއ. އަތޮޅުގެ ރަށެއްގައި އެންމެ ފުރަތަމަ ބަނދަރެއް ހަދަން ފެށުނު ތާރީޚީ ދުވަހެވެ. އިހަވަންދޫގެ އޮޑިވެރިންނާއި މަސްވެރިންގެ އިސްނެގުމާއި އޭރު ހިންގަން ތިއްބެވި ވެރިންގެ އެހީތެރިކަމާއެކު ފެށުނު މި މަސައްކަތާއެކު މަސްވެރިންނަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެން ދިޔައެވެ. ފަރުން ހިރިގައު ކަނޑައިގެން މަސްވެރިން އޮޑިދޯނި ފަހަރުގައި ކުރި އެ ޤުރުބާނީ މަސައްކަތަކީ ލާމަސީލު މިސާލީ މަސައްކަތެކެވެ. ދެ އަވަށުގެ ވާދަވެރިކަން އިސްކޮށް، ޤައުމީ ރޫޙުގައި ވަޠަނަށްޓަކައި އެދުވަހު ވީ ޤުރުބާން އެއީ މިއަދުގެ ޖީލުން މިސާލު ނެގުން މުހިންމު ކަންކަމެވެ.    އޭގެ ފަހުން މިއަދާ ހަމައަށް 3 ފަހަރެއްގެ މަތިން ފަޅުވަނީ މަރާމާތުކޮށްފައެވެ. އަދި ފަޅުގެ ޖާގައަށްވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. 

އިހަވަންދޫ އަކީ އަބަދުވެސް ތިޔާގި ރަށަކަށް ވުމާއެކު، ޢުމުރާނީ ގޮތުން ޒަމާނާއެކު ގެދޮރޮ އެޅުމުގެ ވައްޓަފާޅިއަށް ފަރުދީ ފެންވަރުގައި ބޮޑެތި ބަދަލުތަކެއް ގެންނަމުން ދިޔައެވެ. ކަންމިހެން ހުރި ނަމަވެސް، 1994 އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރަން ސޅުވުނެވެ. މިއަދު އިހަވަންދޫގައި ފިރިހެނުން ނަމާދު ކުރުމަށް ޚާއްޞަ، 5 މިސްކިތާއި އަންހެނުން ނަމާދުކުރުމަށް ޚާއްޞަ 3 މިސްކިތް ބިނާކުރެވިފައިވެއެވެ. މި މިސްކިތްތަކުގެ ތެރެއިން ފިރިހެނުން ނަމާދު ކުރާ އަބޫބަކުރު ސިއްދީގާއި އަންހެނުން ނަމާދު ކުރުމަށް ޚާއްޞަ މަސްޖިދުލް ޒަހުރާއަކީ އަމިއްލަ ދެ ފަރުދުންގެ ހިލޭ އެހީގައި އެ ދެ ފަރާތުން ޢިމާރަތްކޮށްފައިވާ ދެ މިސްކިތެވެ.

2007 ވަނަ އަހަރާ ހަމައަށް އާއިރުވެސް އިހަވަންދޫ ވެގެން ގޮސްފައިވަނީ ހަނދުވަރުގެ އަލި ސާފުކަން މަތީ ހަމަ ލޮލަށް ފެންނަ ހިތްގައިމު ރަށެއްގެ ގޮތުގައެވެ. 2007 ވަނަ އަހަރާ ހަމައަށް، އިހަވަންދޫގެ ރަށްވެހިން ކަރަންޓުގެ ޚިދުމަތް ހޯދަމުން ދިޔައީ، ފަރުދީ ފެންވަރުގައެވެ. ކޮންމެ ގޭބިސީއެއް ކަހަލައިން ޖަނަރޭޓަރެއް ބަހައްޓައިގެންނެވެ.   ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލައި، ޙައްޤު ހޯދުމަށް އަޑު އުފުލައި ފުރަތަމަ ފަހަރަށް އިހަވަންދޫގައި މަދަނީ ބަސްނޭހުމެއް ބޭއްވިފައިވަނީ 2007 ވަނަ އަހަރުގެ މަރިޗު މަސް ނިމެމުން ދަނިކޮށެވެ. އެއީ ކަރަންޓުގެ ޚިދުމަތަށް ފެންބޮވައިގެންފައިވާ އިހަވަންދޫގެ ރައްޔިތުން އިސްވެ ކުރި ތަހުޒީބީ މަދަނީ އިހުތިޖާޖެކެވެ. 2008 ވަނަ އަހަރު އިހަވަންދޫ މަގުތައް ދިއްލައިލެވުން ވެގެން ދިޔައީ ޢުމުރާނީ ގޮތުން އެތައް މަގެއް ދިއްލައިލެވުނު ހެޔޮ ފާލަކަށެވެ. ތަރައްޤީއާއެކު ކުރިއަށް ދިޔުމަށް ދެވުނު ބާރަކަށެވެ. ކުދިވިޔަފާރި ތަކާއި ބޮޑެތި ވިޔަފާރިތައް ތަރައްޤީވެ ކުރިއެރުމަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. މީގެއިތުރުން، މަސްވެރިން ބާނާމަސް ތާޒާކަމާއެކު ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން، ތިލަދުންމަތީގައި ފުރަތަމަ ޤާއިމުކުރި އައިސް އުފައްދާ އައިސް ޕްލާންޓް 2007 ވަނަ އަހަރު، އިހަވަންދޫގައި ޤާއިމުކުރުން ވެގެން ދިޔައީ އިހަވަންދޫގެ ޢުމުރާނީ ތަރައްޤީއަށް ލިބުނު ފަހިކަމަކަށެވެ.

އެއް ރަށެއްގައި މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި 2 ފަހަރު ފާހަގަކުރެވުނު މަދު ރަށްރަށުގެ ތާރީޚުން އިހަވަންދޫ ޖާގަ ހޯދައިފައިވަނީ 2009 ވަނަ އަހަރުގެ ޑިސެންބަރު މަހެވެ. މި މުނާސަބާތާއި ގުޅުވައިގެން، އިހަވަންދޫގެ ޢުމުރާނީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. ރަށުގެ މޫނުމަތީގެ ހައިބަތު އިތުރުވި ކަމަކަށެވެ. މި މުނާސަބާތާ ގުޅުވައިގެން ޒަމާނީ ފެންވަރުގެ އޯޕަން ސްޓޭޖަކާއި ކުޑަކުދިންގެ ޕާކެއް މުޅިން އަޅަށް އިހަވަންދޫގައި ޤާއިމު ކުރެވުނެވެ.

2003 ވަނަ އަހަރުން ފެށިގެން އިހަވަންދޫގެ ސަލަމާތާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިޓެއް ޤާއިމުކޮށް ޚިދުމަތް ދޭންފެށުން ވެގެން ދިޔައީ އިހަވަންދޫގައި ކުށުގެ ވެށި ނައްތާލުމަށް މަގުފަހިވި ކަމަކަށެވެ.

2015 ވަނަ އަހަރުގެ ޑިސެންބަރު 20 ވަނަ ދުވަސް ފާހަގަވެގެން ދަނީ އިހަވަންދޫގެ ތާރީޚަށް އައު ބޮޅެއް އިތުރުވި ދުވަހަކަށެވެ. ހޫނު މޫސުމުގައި ފެނަން ޖެހޭ ރަށްރަށުގެ ލިސްޓުގެ ކުރީގައި އޮތް އިހަވަންދޫއަށް، އެކަމުން ސަލާމަތްވުމަށް އިތުރު ދޮރެއް ހުޅުވައިލެވުނު ދުވަހަކަށެވެ. 700 ޓަނުގެ ރިވާސް އޮސްމޮސިސް ޕްލާންޓކާއި ވާރޭފެން ރައްކާ ކުރާނެ 550 ޓަނުގެ ތިން ޓޭންކު ހިމެނޭ ފެނުގެ ނިޒާމު ޤާއިމުކޮށްފައިވަނީ އިހަވަންދޫގެ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެން ލިބޭނެ ފަދަ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކުގައެވެ. އިހަވަންދޫ ރައްޔިތުން ދެކެމުން އައި އެއް ހުވަފެން ކަމުގައިވާ ނަރުދަމާގެ ޚިދުމަތުގެ މަސައްކަތްތައް 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ފެށިގެން ދިއުން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ.

އެއްރަށަކުން އެންމެގިނަ ފައިސާގެ މުއާމަލާތް ޤައުމީ ބޭންކުގައި ކުރެވޭ އެއް ރަށަކީ އިހަވަންދޫ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއެވެ. މިއަދު އިހަވަންދޫގެ ރައްޔިތުން ހިތްހަމަ ޖެހެނީ ބޭންކުގެ ޚިދުމަތް އަތްފޯރާފަށުން ލިބޭނެ ނިޒާމެއް ހަމަޖެހިފައިވާތީއެވެ. ހަމައެހެންމެ، ހއ. އަތޮޅުގައި އާބާދީ އިތުރުވާ ރޭޓު އެންމެ މަތީގައި އުޅޭ ރަށަކީ އިހަވަންދޫ ކަމުގައި ވުމުން، އިހަވަންދޫއިން ފެންވަރު ރަނގަޅު ސިއްޚީ ޚިދުމަތް ލިބޭނެ ފަހި ގޮތްތައް އިތުރުވަމުންދާ ދިއުން އިހަވަންދޫ ރައްޔިތުން އުފަލާއެކު ބަލައިގަނެއެވެ. އިހަވަންދޫ ސިއްޙީ މަރުކަޒަށް 2016 އަހަރު އިތުރު ކުރި އާ އިމާރާތާއެކު، ޚިދުމަތުގެ ފެންވަރު ދެގުނަ ވެގެން ދިޔުމަކީ އަބަދުމެ ކުރެވޭ އުއްމީދެވެ.

އިހަވަންދޫގައި ހިނގާ ނުހިނގާ ޚަބަރުތައް ވަގުތުން ވަގުތަށް ހޫނުކަމާއި ތާޒާކަމާއެކު ގެނެސްދިނުމަށްޓަކައި ޒުވާން ފަންނުވެރި ޓީމަކުން، އިހަވަންދޫ ޑޮޓް ކޮމްގެ ނަމުގައި ވެބުސައިޓެއް އިފްތިތާހު ކޮށްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ހއ. އިހަވަންދޫ ހަސްތީ އަބުދުﷲ ޙަމީދުގެ އިސްނެގުމާއި މޭސްތިރި ކަމުގެ ދަށުން މެދު ކެނޑުމެއް ނެތި އިހަވަންދޫ ޑޮޓް ކޮމް ހިނގަމުން އައިސް، 2011 މާޗު 17ވަނަ ދުވަހު ވަނީ މި ވެބު ސައިޓް، ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައެވެ. މިއީ، ޚަބަރާއި މުނިފޫހިފިލުވުމުގެ ތަފާތު މައުލޫމާތުތައް ތާޒާކަމާއެކު އާންމުނަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ނޫހެކެވެ. އިހަވަންދޫގެ ޢިލްމީ ޢުމުރާނީ ތަރައްޤީގެ ޞަފުޙާގައި މި ވެބުސައިޓްގެ ނަން ރަން އަކުރުން ލިޔަން ޖެހެނީ މިއީ، އިހަވަންދޫ އެ ނޫހަކަށް ފަޚުރުވެރިވާ ނޫހަކަށް ވާތީއެވެ.

ތަހުޒީބީ އިހަވަންދޫއަކަށް މި އިހަވަންދޫ ވެގެން ދިއުމުގެ ފަހަތުގައިވަނީ އެކި ދައުރުމަތިން އިހަވަންދޫގެ ވެރިކަމުގެ ޒައާމަތުގައި އިހަވަންދޫގެ ވެރިކަން ކުރެއްވި ވެރިންގެ އިޚުލާސްތެރި ދުރުވިސްނޭ މަސައްކަތްޕުޅެވެ. ޢިލްމީ ގޮތުން ފުންނާބު އުސް ޖީލެއް ބިނާކުރުމަށް އެބޭބޭފުޅުން ވަނީ ޤުރުބާނީ މަސައްކަތްތަކެއް ކުރައްވާފައެވެ. ޢުމުރާނީ، ސަގާފީ، އިޖުތިމާއީ ދުޅަހެޔޮކަމާއި އެކިއެކި ޕްރޮގުރާމުތައްވަނީ އެކިފެންވަރުގައިވަނީ ރާވާ ހިންގައިފައެވެ.  

ދިމުގުރާތީ އުޞޫލުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެ ވެރިކަން ހިންގުމަށް ގެނެވުނު ބޮޑެތި ބަދަލުތަކާއެކު، ރައްޔިތުން މަޖިލީހުން އިހަވަންދޫގެ ނަމުން ނަންދެވި ޚާއްޞަ ދާއިރާއެއް ވަނީ އެކުލަވައިލައިފައެވެ.   ފެހި ޤާނޫނު އަސާސީއަށް ޢަމަލު ކުރެވެން ފެށުމާއެކު، އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިހަވަންދޫއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅަކީ، އިހަވަންދޫ އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު އަބުދުﷲ@ މީގެއިތުރުން، ވަޒީރުންގެ މަޖިލީހުގައި އިހަވަންދޫއަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގައި އެންމެ ފުރަތަމަ ވަޒީރުކަން ކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ޒަޢާމަތުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ  މަޤާމު ފުރުއްވި، ހއ. އިހަވަންދޫ ވައިޖެހޭގެ އަލްފާޟިލް އަޙްމަދު ޝަފީޢުއެވެ.

އެންމެ އިހުގައި އިހަވަންދޫގެ ވެރިކަން ކުރެއްވި ބޭބޭފުޅުންނާ މައުލޫމާތުތައް ރަސްމީ ސިފައެއްގައި އެންގޭކަށް ނެތެވެ. ނަމަވެސް، އިހަވަންދޫގެ އިސްރަށްވެހިން މައުލޫމާތަށް ބުރަވާއިރު، އެންމެ ދުރުހަނދާނުންއެ ބޭބޭފުޅުންނަށް އެނގެން އޮތް އެއް ނަމަކީ، މީލާދީން 1300ގެ ކުރިން އިހަވަންދޫގެ ކަތީބުކަން ކުރެއްވި އަލްމަރުޙޫމް ކަތީބު ހަސަން މޫސާ، ޙަސަންކަލޭގެފާނެވެ. މީގެއިތުރުން، އިހަވަންދޫގެ ވެރިކަން ކުރެއްވި ބޭބޭފުޅުންގެ ތެރެއިން އެންމެ އިސްވެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭބޭ ފުޅުންނަކީ:

  • އަލްމަރުހޫމް ޙުސައިން ޙަސަން، ޙުސައިން ކަލޭގެފާނު، ކަތީބުކަމުގެ މުއްދަތު 23 އަހަރު
  • އަލްމަރުޙޫމް މުޙައްމަދު މަނިކު، ކަރާމަނިކު
  • އަލްމަރުޙޫމް މުޙައްމަދު ޙުސައިން، މުޙައްމަދު މަނިކު، ކަތީބުކަމުގެ މުއްދަތު 19 އަހަރު
  • އަލްމަރުޙޫމް އާދަމް އިސްމާޢީލް، ކަތީބު ކަލޭފާނު، ކަތީބު ކަމުގެ މުއްދަތު 10 އަހަރު
  • ކަތީބު ކަލޭފާނު ނިޔާވުމުން، 2 އަހަރު ވަންދެން ވެރިކަން ކުރެއްވީ 2 މުދިމުން
  • އަލްމަރުޙޫމް އާދަމް އިބްރާހިމް، ކަތީބު އާދަމް، ކަތީބު ކަމުގެ މުއްދަތު 24 އަހަރު
  • އަލްމަރުހޫމު އަބުދުއްޞަމަދު ޙުސައިން، ވައިޖެހޭގެ، ކަތީބު ކަމުގެ މުއްދަތު 25 އަހަރާއި 8 މަސް
  • އަބުދުއްސަމަދު ޙުސައިންގެ ވެރިކަމުގެ ދުވަސްވަރު އަތޮޅު ފިހާރަތައް އުފައްދެވުމަށްފަހު އެތަނުގެ މެނޭޖަރެއްގެ ގޮތުގައި ކަންކަން ބެލެހެއްޓުމަށް ހަވާލުކުރިއެވެ. އެހެންވެ ގިނަ ވަގުތު މާލޭގައި އުޅެން ޖެހުމުން އޭރު ނައިބެއްގެ ގޮތުގައި ހުންނެވި މުޝްތަރީގެ އަލްމަރުޙޫމު ޙުސައިން އާދަންމަނިކު، ވެރިއެއްގެ ގޮތުގައި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
  • 1984  ން 1993 އަށް އިހަވަންދޫގެ ކަތީބުކަން ކުރެއްވި، ހާޝިމީމަންޒިލް އަލްފާޟިލް އަބުދުލް ޣަނީ ހުސައިން
  • 1994  ން 2009 އަށް އިހަވަންދޫގެ ބޮޑުކަތީބު ކަމާއި ކަތީބުކަން ކުރެއްވި އިހަވަންދޫ ކުދިމާގެ އަލްފާޟިލް އަދުނާނު އަބުދުﷲ

2009 ވަނަ އަހަރު ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ހިންގުން ބައްޓަންވުމާ ގުޅިގެން، ރައީސުލް ޖުމުހުރިއްޔާ، އަލްފާޟިލް މުޙައްމަދު ނަޝީދު އައްޔަން ކުރެއްވި އިހަވަންދޫގެ ފުރަތަމަ ކައުންސިލަރަކީ ހއ. އިހަވަންދޫ ރާނާގެ އަލްފާޟިލް މުހައްމަދު ރަޝީދެވެ. އެއަށްފަހު، ލާމަރުކަޒީ ޤާނޫނުގެ ދަށުން، 2011 ވަނަ އަހަރުގެ 26 ފެބުރުވަރީން ފެށިގެން 26 ފެބުރުވަރީ 2014އަށް އިހަވަންދޫގައި އަލަށް އިންތިޚާބު ކުރެވުނު، ކައުންސިލްގެ އިންތިޚާބީ ފުރަތަމަ ރައީސްގެ މަޤާމު ފުރުއްވާފައިވަނީ އިހަވަންދޫ ސަހަރުއާބާދު އަލްފާޟިލް މުޙައްމަދު ސަމީރެވެ. އެ ކައުންސިލްގެ ދައުރު ހަމަވުމުން، 2014 ވަނަ އަހަރު، އިންތިޚާބު ކުރެވުނު، އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްކަން ކުރައްވާފައިވަނީ ހއ. އިހަވަންދޫ އުތުރުގެ އަލްފާޟިލް މުޙައްމަދު ޢާސިފެވެ.

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ހިންގުން ބައްޓަން ވުމާ ވިދިގެން، އިހަވަންދޫގައި އިންތިހާބުކުރެވުނު ދެ ކައުންސިލްގެ ފަރާތުން ރަށުގެ އުމުރާނީ، އިޖުތިމާއީ، އިޤްތިޞާދީ، ތައުލީމީ، ސިއްހީ ކުރިއެރުމަށްޓަކައި އެކިފެންވަރުގައި ތަފާތު ޕްރޮގުރާމުތައް ވަނީ ރާވާ ހިންގައިފައެވެ. އެހެންކަމުން، ރަށު ކައުންސިލްގެ މެމްބަރުކަން ކޮށްދެއްވާފައިވާ ފަރާތްތަކުގެ ނަންފުޅުތައް ފާހަގަކުރަމުން އިޖުމާލީ ގޮތެއްގައި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.

އިހަވަންދޫގެ ތަރައްޤީއަށްޓަކައި އެކިއެކި ޕްލޭންތައް ވަނީ ރާވާ ހިންގަން އެކަށައަޅާފައެވެ. ކުރިމަގުގައި އިންތިހާބު ކުރެވެމުންދާ ކައުންސިލްތަކުން މި ތަސައްވަރުތަކުގައި ޙަޤީޤީ ކުލަތައް ޖެއްސުމަކީ އަބަދުމެ ކުރެވޭ އުއްމީދެވެ.

އެންމެ އިހުން ފެށިގެން އަދާހަމަށް ވެސް އިހަވަންދޫއަކީ މަސައްކަތްތެރި މުރާލި ހީވާގި ބަޔަކު އުޅެމުންދާ ރަށެކެވެ. ވިޔަފާރީގެ އެތަކެއް މުއާމަލާތްތަކެއް ހިންގަމުންދާ އުފެއްދުންތެރި އާބާދީއެއް އޮތް ރަށެކެވެ. ޢިލްމީ ގޮތުން ޤާބިލު ޒުވާން ޖީލެއް ދިރިއުޅެމުންދާ ފަންނުވެރިން ގިނަ ރަށެކެވެ. ޕްރީ ސްކޫލު ތަޢުލީމުން ފެށިގެން މަތީ ތަޢުލީމާ ހަމައަށް ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު އޮތް ޢިލްމީ ރަށެކެވެ. ތަރައްޤީގެ ރޮނގުގައި ކުރިއެރުންތަކެއް ހާސިލުކުރަމުންދާ ތަރައްޤީވަމުން އަންނަ ރަށެކެވެ. ވައިފެން ހެޔޮ އެކުވެރި، ވަރުގަދަ އިޖުތިމާއީ ރޫހެއްގެ މަތީގައި ތަރުބަވީ ޖީލެއް ބިނާވަމުންދާ ރަށެކެވެ. މަސްވެރިކަމުން ނަފާހޯދަމުންދާ ވިޔަފާރިއަށް ފަހި ރަށެކެވެ. ކުޅިވަރުގެ މައިދާނުގައި ދުޅަހެޔޮ އާބާދީއެއް އޮތް ރަށެކެވެ. ދުޢާއަކީ އިހުތިބީންގެ ފުށުން ހިތްވަރު ލިބިގެން އަދުތިބީން އިހަވަންދޫ ރޯޝަނީ ކުރިމަގު އުޖާލާކުރުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ހެޔޮ ތައުފީގު ދެއްވުމެވެ. އިހަވަންދޫން ހެދި ބޮޑުވާ ކޮންމެ ޖީލަކީ ނަމޫނާ ޖީލެއް ކަމުގައި ފަހު ތިބީންނަށް މިންވަރު ކޮށްދެއްވުމެވެ. މި އިހަވަންދޫއަށް އަމާންކަމާއި ތިޔާގިކަން މިންވަރުކޮށްދެއްވާ، ތާހިރު، ހިތްހަމަޖެހޭ ވެށްޓެއް ކަމުގައި މި ވެށި ލައްވާށިއެވެ! އާމީން! (ނިމުނީ)

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް މުހިންމު ޢިލްމީ ތާރީޚީ މަސައްކަތެއް․․․ މި މަސައްކަތް ފޮތެއްގެ ސިފައިގައި ޗާޕުކޮށް ރަށަށް ޒިޔާރަތް ކުރާ މެޚްމާނުންނަށް ހަދިޔާއަކަށް ދިނުމަށް ބޭއްވުން މުހިއްމު ކަމަށް ދެކެން․․․ މި ލިޔުން ލިޔުނު ކުދިންނާއި ވީޑިއޯ ތައްޔާރު ކުރި ކުދިން ރަށަށްޓަކައި ތިޔަ ކޮށްދެއްވީ ވަރަށް ތާރީޚީ ޢިލްމީ މަސައްކަތެއް

– 8 ޖުލައި 2017 0

ސޮންދުމެން ފައްތެމެން ކަހަލަ ޢިލްމީ ދަރިންގެ ބޭނުން ރަށުގައި ތިބި އިސްވެރިން ހެޔޮ ގޮތުގައި ކޮށް މިކަހަލަ ޢިލްމީ މަސައްކަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރާނެ ގޮތް ހެދުމަށް ކައުންސިލުގެ މިހާރު މެންބަރުންނަށް ގޮވާލަން

– 8 ޖުލައި 2017 0