އިހަވަންދޫ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ — Ihavandhoo.com

އިހަވަންދޫ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ

27 ޖެނުއަރީ 2020 1

އިހަވަންދޫގައި 2005 ވަނަ އަހަރު ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަނގަވައިފިއެވެ.

ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީ ހިއްސާ ކުރައްވަމުން މިއަދު ކޮށްފައިވާ ފޭސްބުކު ސްޓޭޓަސްއެއްގައި ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އިތުރު ޕްރޮގްރާމްތައް ހިންގުމުގެ މާލީ ތަނަވަސްކަން ކައުންސިލްއަށް ލިބިގެން ދާނެކަމަށާއި މިކަމަށް ރާއްޖޭގެ ރައީސްލު ޖުމްހޫރިޔާ އިބްރަހީމް މުޙައްމަދު ޞާލިހްއަށް ޝުކުރު އަދާކުރާކަމަށެވެ.

މިހާރު މިފްކޯއިން ހިންގަމުންދާ އައިސްޕުލާންޓު ކައުންސިލާ ހަވާލުކުރުމަށް ނިންމާފައި މިވަނީ އެކަމަށް އިހަވަންދޫ ކައުންސިލުން އެދިލައްވާފައިވާތީކަން ރައީސް އޮފީހުގެ ސިޓީން ހާމަވެއެވެ. މިސިޓީގައި ބުނެފައިވަނީ ތިލަދުންމަތީ އުތުރުބުރި އިހަވަންދޫގައި ސަރުކާރުން 2005 ވަނަ އަހަރު ޤާއިމުކޮށްފައިވާ އައިސްޕްލާންޓަކީ ބޮޑު އާމްދަނީއެއް ލިބޭ ހަރުމުދަލެއް ކަމަށްވާތީ، މިފަދަ މުދަލެއް އެއީ ކައުންސިލްގެ މުދަލެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، މިކަމުގެ ސަބަބުން ރަށްވެހިކަމުގެ އެތައް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ބަޔާންކުރަށްވައި، ހއ.އިހަވަންދޫ އައިސްޕްލާންޓް ހއ.އިހަވަންދޫ ކައުންސިލާ ހަވާލުކޮށްދެއްވުމަށް އެދި އެރަށު ކައުންސިލުން އެ އޮފީހަށް ލިޔުއްވާފައިވާކަމަށެވެ.

އައިސްޕުލާންޓު ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތަށް މިފްކޯއިން ކުރައްވަމުން ގެންދަވާކަމަށް ރައީސްއޮފީހުގެ ސިޓީގައި ވެއެވެ.

އިހަވަންދޫއަކީ އަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށެކެވެ. ހާއްސަކޮށް ބޮޑު ކަންނަލީގެ މަސްވެރިކަންކުރާ ގިނަ ދޯނި ފަހަރު އިހަވަންދޫގައި އޮވެއެވެ. އިހަވަންދޫގެ މަސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މަސްދޯނި ފަހަރަށް ކޮންމެ ދުވަހަކުވެސް އައިސްޕުލާންޓުން އައިސް ގަންނަކަން ފާހަގަ ކުރެވެއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަސްތެރޭވަނީ އިހަވަންދޫގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް އެތަނުގެ ކެޕޭސިޓީ ބަދަލުކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައިސްޕުލާންޓުގެ މުވައްޒަފުންނާ ކުޅެން ފަށާފި․ ޝުކުރިއްޔާ އެމްޕީ <br>

– 29 ޖެނުއަރީ 2020 0