އިހަވަންދޫ ރަށުކައުންސިލްގެ ނަތީޖާއިން ބުނެދޭ ބައެއް ވާހަކަ! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިހަވަންދޫ ރަށުކައުންސިލްގެ ނަތީޖާއިން ބުނެދޭ ބައެއް ވާހަކަ!

މިމަހުގެ 6 ވަނަދުވަހު ބޭއްވި ލޯކަލްކައުންސިލް އިންތިހާބުގެ، އިހަވަންދޫ ރަށުކައުންސިލްގެ ވަގުތީ ނަތާޖާ ދައްކާގޮތުން އިހަވަންދޫ ކައުންސިލަށް މިވަނީ ވަރަށްބޮޑު ބަދަލެއް އައިސްފައެވެ. 1 ކައުންސިލަރަކު ފިޔަވާ ހުރިހާ ކައުންސިލަރުން މިވަނީ ބަދަލުވެފައެވެ. މިއީ 2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ކަންހިނގިމަގެވެ.

ފާހަގަކޮށްލަންޖެހެނީ އިހަވަންދޫ ކައުންސިލްގެ އިންތިހާބު ބާއްވާފައިވާ ކޮންމެ ފަހަރަކުވެސް ކައުސިލްގެ މެޖޯރިޓީ ބަދަލުވާކަމެވެ. އެގޮތުން ކައުންސިލްގެ ފުރަތަމަ ދައުރުގައި މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި އެމްޑީޕީގެ 4 ކައުންސިލަރުންނާއި ޑީއާރުޕީގެ 1 ކައުންސިލަރުން ތިއްބެވިނަމަވެސް ކައުންސިލްގެ ދެވަނަ ދައުރަށް އިންތިހާބުވީ އެމްޑީޕީގެ 3 ކައުންސިލަރުންނާއި ޕީޕީއެމްގެ 3 ކައުންސިލަރުން އަދި ޖޭޕީގެ 1 ކައުންސިލަރުންނެވެ. އެއާއިއެކު 2 ވަނަ ދައުރުގެ މެޖޯރިޓީ އޮތީ ޕީޕީއެމް ކޯލީޝަނަށެވެ. ފަހުން ޖޭޕީގެ ޓީކެޓްގައި އިންތިހާބުވި ކެނޑިޑޭޓް ޕީޕީއެމްއަށް ސޮއެކުރުމުން، ޕީޕީއެމްއަށް ކައުންސިލްގެ ސާފު މެޖޯރިޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް 2017 ވަނައަހަރުގެ ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގައި އޮންނާނީ 100% އެމްޑީޕީ ކައުންސިލެކެވެ.

އިހަވަންދޫ ކައުންސިލްގެ ވޭތުވެދިޔަ 3 އިންތިހާބަށް ބަލާއިރު ފާހަގަކުރެވޭ ބައެއްކަންކަން:

  • އަމިއްލަގޮތުން އިންތިހާބެއްގައި ވާދަކުރި އެއްވެސް ކަނޑިޑޭޓެއް އިހަވަންދޫ ކައުންސިލަށް އަދި މިހާތަނަށް އިންތިހާބުވެފައެއްނުވޭ.
  • އިހަވަންދޫ ކައުންސިލްގެ ރައީސްކަން އަދި ނައިބުރައީސްކަން ކުރެއްވި އެއްވެސް ބޭފުޅެއް ދެވަނަ ދައުރަކަށް އިންތިހާބުވެފައެއްނުވޭ.
  • އަލީ ރަމީޒް ފިޔަވާ އެއްވެސް ބޭފުޅެއް އިހަވަންދޫ ކައުންސިލްގެ އިތުރު ދައުރަކަށް އިންތިހާބުވެފައެއް ނުވޭ.
  • އިހަވަންދޫ ކައުންސިލްގެ ފުރަތަމަ އަދި ދެވަނަ ދައުރުގައި އެއްވެސް ޕާޓީއަކަށް 100% ގޮނޑި ލިބިފައެއް ނުވޭ. ނަމަވެސް ތިންވަނަ ދައުރަށް އިންތިހާބުވެފައިވަނީ 100% އެމްޑީޕީ ކައުންސިލަރުން.
  • އިހަވަންދޫ ކައުންސިލަށް މިހާތަނަށް އިންތިހާބުވެފައިވަނީ އެންމެ އަންހެން ކަނބަލެއް. އެއީ ކައުންސިލްގެ 2 ވަނަ ދައުރުގައި އިންތިހާބުވި ޕީޕީއެމްގެ އައީޝަތު އަޒުހާރާ.
  • ކައުންސިލަރުކަމުގެ ދައުރުގައި ޕާޓީ ބަދަލުކުރެއްވީ އެންމެ ބޭފުޅެއް. އެއީ އިހަވަންދޫ ކައުންސިލްގެ 2 ވަނަ ދައުރަށް ޖޭޕީގެ ޓިކެޓްގައި އިންތިހާބުވި ޢަބްދުލްމުޢީދު އިބްރާހީމް.

 

މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވި ވަކިވަކި ކެނޑިޑޭޓުންގެ ނަތީޖާއަށް ބަލައިލުމެއް.

  1. ކެނޑިޑޭޓް ނަންބަރު 1 ޢަބްދުﷲ ޚަލީލް
    ޢަބްދުﷲ ޚަލީލް ކުރިމަތިލެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. މިއީ އެބޭފުޅާ ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. މިފަހަރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޢަބްދުﷲ ޚަލީލަށް 945 ވޯޓް ލިބިލައްވާފައިވާއިރު އެބޭފުޅާ އިންތިހާބުވެފައިވަނީ 5 ވަނައަށް އެންމެގިނަ ވޯޓް ލިބުނު ކެނޑިޑޭޓްގެ ގޮތުގައެވެ. ޢަބްދުﷲ ޚަލީލް މީގެކުރިން ރައްކުރިއަރުވާ ކޮމިޓީއަށް އިންތިހާބުވެފައިވެއެވެ.
  2. ކެނޑިޑޭޓް ނަންބަރު 2 ޔަސްފާ އަޙްމަދު
    ޔަސްފާ އަޙްމަދު ކުރިމަތި ލެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. މިއީ ޔަސްފާ އިންތިހާބީ މަގާމަކަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ. މިފަހަރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޔަޝްފާއަށް ލިބިފައިވަނީ 317 ވޯޓެވެ.
  3. ކެނޑިޑޭޓް ނަންބަރު 3 އަޙްމަދު ރިޟްވާން
    އަޙްމަދު ރިޟްވާން، އާންމުނަމުންނަމަ، ޖިޒްވާން މިއިންތިހާބުގައި ކުރިމަތިލެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. މިއީ އެބޭފުޅާ ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެ އެބޭފުޅާއަށް ނާކާމިޔާބާ ކުރިމަތިވެލެއްވިޔަސް އެފަހަރު، 701 ވޯޓް ލިބިލެއްވިއެވެ. މިފަހަރުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެބޭފުޅާ ވަނީ 2014 ވަނަ އަހަރުގެ އިންތިހާބަށްވުރެ 385 ވޯޓް އިތުރަށް ހޯއްދަވާފައެވެ.  މިފަހަރުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެބޭފުޅާ ކައުންސިލަށް އިންތިހާބުވެފައިވަނީ 1086 ވޯޓާއިއެކު އެންމެގިނަ ވޯޓް ހޯއްދެވި ކެނޑިޑޭޓްގެ ގޮތުގައެވެ.  އަޙްމަދު ރިޟްވާން ފާހަގަކުރެވެނީ އިޖްތިމާއީ މައްސަލަތަކުގައި ވަރަށްބޮޑަށް އަޑުއުފެއްލެވި ބޭފުޅެއްގެ ގޮތުގައެވެ.
  4. ކެނޑިޑޭޓް ނަންބަރު 4 މުޙައްމަދު ރަޝީދު
    މުޙައްމަދު ރަޝީދު ކުރިމަތި ލެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. މިއީ އެބޭފުޅާ ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ދެވަނަ ފަހަރެވެ. މިފަހަރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުޙައްމަދު ރަޝީދަށް ލިބިފައިވަނީ 108 ވޯޓެވެ. 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައިވެސް މުޙައްމަދު ރަޝީދު ވާދަކުރެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. އެފަހަރުވެސް އަދި މިފަހަރުގެ އިންތިހާބުގައިވެސް އެބޭފުޅާއަށް ނާކާމިޔާބާ ކުރިމަތިވެލެއްވީ އެންމެ މަދުން ވޯޓްލިބިލެއްވި ކެނޑިޑޭޓްގެ ގޮތުގައެވެ.
  5. ކެނޑިޑޭޓް ނަންބަރު 5 ޢަލީ ރަމީޒު
    އަލީ ރަމީޒް، މިދިޔަ ދެއިންތަހާބެކޭ އެއްގޮތަށް މިފަހަރުވެސް ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވީ އެމްޑީޕީ ޓިކެޓްގައެވެ. އަލީރަމީޒަކީ ވޭތުވެދިޔަ ދެ ދައުރުވެސް އިހަވަންދޫ ރަށުކައުންސިލްގެ ކައުންސިލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި އަލީރަމީޒް އިންތިހާބުވީ 877 ވޯޓް ލިބިލައްވައިގެންނެ. މިފަހަރުގެ އިންތިހާބުގައި އެބޭފުޅާ ތިންވަނަ ދައުރަށް އިންތިހާބުވީ 2014 ވަނަ އަހަރުގެ އިންތިހާބުގައި ހޯއްދެވި ވަރަށްވުރެ އިތުރަށް 206 ވޯޓް ހޯއްދަވައިގެން ޖުމްލަ 1083 ވޯޓާއި އެކު އެންމެގިނައިން 2 ވަނައަށް ވޯޓްހޯއްދެވި ކެނޑިޑޭޓްގެ ގޮތުގައެވެ. އަލީ ރަމީޒަކީ އިހަވަންދޫ ކައުންސިލަށް އެއްދައުރަށްވުރެ ގިނަދައުރަށް އިންތިހާބުވި ހަމައެކަނި ކެނޑިޑޭޓެވެ.
  1. ކެނޑިޑޭޓް ނަންބަރު 6 މުޙައްމަދު ރަޝީދު
    މުޙައްމަދު ރަޝީދަކީ އިހަވަންދޫގެ ފުރަތަމަ ކައުންސިލަރެވެ. އެބޭފުޅާ އިހަވަންދޫ ކައުންސިލަށް އައްޔަންކުރެއްވީ ރައީސް ނަޝީދެވެ. އެއަށްފަހު ލޯކަލް ކައުންސިލް ޤާނޫނާއިއެކު ކައުންސިލްތައް އިންތިހާބުކުރަން ފެށުމުން ކައުންސިލްތަކުގެ ފުރަތަމަ ދެ ދައުރުގައި އެބޭފުޅާ ކުރިމަތިލެއްވީ ހއ އަތޮޅު ކައުންސިލަށެވެ. އެދެ ދައުރުވެސް އެބޭފުޅާ އިންތިހާބު ކާމިޔާބުކުރައްވާ ހއ އަތޮޅު ކައުންސިލްގެ މުހިއްމު މަޤާމްތަކެއް ފުރުއްވިއެވެ. އެގޮތުން ހއ އަތޮޅުކައުންސިލްގެ ރައީސްކަމާއި ނައިބުރައީސްކަމުގެ މަޤާމް އެބޭފުޅާފުރުއްވިއެވެ.  ވޭތުވެދިޔަ ދެ އިންތިހާބެކޭ އެއްގޮތަށް މިފަހަރުވެސް މުހައްމަދު ރަޝީދު ކުރިމަތިލެއްވީ އެމްޑީޕީ ޓިކެޓްގައެވެ. 2014 ވަނައަހަރުގެ އަތޮޅުކައުންސިލް އިންތިހާބުގައި މުހައްމަދު ރަޝީދު 1144 ވޯޓް ހޯއްދެވިއެވެ. މިފަހަރުގެ އިންތިހާބުގައި އިހަވަންދޫ ރަށު ކައުންސިލަށް މުހައްމަދު ރަޝީދު އިންތިހާބުވީ 1000 ވޯޓް ހޯއްދަވައިގެން ތިން ވަނައަށް އެންމެގިނަ ވޯޓް ހޯއްދެވި ކެނޑިޑޭޓުގެ ގޮތުގައެވެ. (ނޯޓް: އަތޮޅު ކައުންސިލް އިންތިހާބަކީ ރަށުކައުންސިލް އިންތިހާބަށްވުރެ ގިނަ ބަޔަކަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާ އިންތިހާބަކަށްވާތީ ދެއިންތިހާބުގެ ނަތީޖާ އަޅާކިޔާފައި ނުވަނީއެވެ.)
  2. ކެނޑިޑޭޓް ނަންބަރު 7 މުޙައްމަދު ޢާޞިފް
    މިއީ މުޙައްމަދު ޢާޞިފް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް މުޙައްމަދު ޢާޞިފް ކުރިމަތިލެއްވީ ޕީޕީއެމް ޓިކެޓްގައެވެ. މުޙައްމަދު ޢާޞިފަކީ ކައުންސިލްގެ މިހިނގާ ދައުރުގެ ރައީސްކަން ފާހަގަކުރެވެއެވެ. 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި މުޙައްމަދު ޢާޞިފް އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތީ 848 ވޯޓް ހޯއްދަވައިގެން އެންމެ ގިނައިން ދެވަނައަށް ވޯޓް ހޯއްދެވި ކެނޑިޑޭޓްގެ ގޮތުގައެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެބޭފުޅާއަށް ލިބިލެއްވީ 2014 ވަނައަހަރަށްވުރެ 350 ވޯޓް މަދުންނެވެ. މިފަހަރުގެ އިންތިހާބުގައި މުޙައްމަދު ޢާޞިފަށް 498 ވޯޓް ލިބިފައިވާއިރު އެބޭފުޅާ ވެފައިވަނީ ސިޔާސީ ޕާޓީއަކުން ކުރިމަތިލައްވައިގެން އެންމެ މަދުން ވޯޓް ލިބިލެއްވި ކެނޑިޑޭޓަށެވެ.
  1. ކެނޑިޑޭޓް ނަންބަރު 8 މުޙައްމަދު ރަޝީދު
    މިއީ މުޙައްމަދު ރަޝީދު ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް މުޙައްމަދު ރަޝީދު ކުރިމަތިލެއްވީ ޕީޕީއެމް ޓިކެޓްގައެވެ. 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި މުޙައްމަދު ރަޝީދު އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތީ 780 ވޯޓް ހޯއްދަވައިގެންނެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެބޭފުޅާއަށް ލިބިލެއްވީ 2014 ވަނައަހަރަށްވުރެ 186 ވޯޓް މަދުންނެވެ. މިފަހަރުގެ އިންތިހާބު އެބޭފުޅާއަށް ނާކާމިޔަބުވީ 594 ވޯޓާއިއެކުއެވެ. މުޙައްމަދު ރަޝީދު ފާހަގަކުރެވެނީ ޒުވާނުންނަށް ގިނަހަރަކާތްތަކެއް ހިންގުމަށް މަގުފަހިކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ.
  2. ކެނޑިޑޭޓް ނަންބަރު 9 އިބްރާހީމް ރަޝީދު
    މިއީ އިބްރާހީމް ރަޝީދު ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ދެވަނަ ފަހަރެވެ. 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި އިބްރާހީމް ރަޝީދު ވާދަކުރެއްވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އިބްރާހީމް ރަޝީދު ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ. މިފަހަރުގެ އިންތިހާބުގައި އެބޭފުޅާ 832 ވޯޓް ހޯއްދަވައިފައެވެ. ޕީޕީއެމްގެ ޓިކެޓްގައި މިފަހަރުގެ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެގިނަ ވޯޓް ހޯއްދެވީ އިބްރާހީމް ރަޝީދެވެ. އިބްރާހިމް ރަޝީދު ފާހަގަކުރެވެނީ އެންމެންނާވެސް ގުޅޭ ބޭފުޅެއްގެ ގޮތުގައެވެ.
  3. ކެނޑިޑޭޓް ނަންބަރު 10 ޢަބްދުލްމުޢީދު އިބްރާހީމް
    މިއީ ޢަބްދުލްމުޢީދު އިބްރާހީމް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރު ޢަބްދުލްމުޢީދު އިބްރާހީމް ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެބޭފުޅާ ކުރިމަތިލެއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ޢަބްދުލްމުޢީދު އިބްރާހީމްއަކީ ކައުންސިލްގެ މިހިނގާ ދައުރުގެ ނައިބު ރައީސްކަން ފާހަގަކުރެވެއެވެ. 2014 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ޢަބްދުލްމުޢީދު އިބްރާހީމް އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތީ 794 ވޯޓް ހޯއްދަވައިގެންނެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެބޭފުޅާއަށް ލިބިލެއްވީ 2014 ވަނައަހަރަށްވުރެ 169 ވޯޓް މަދުންނެވެ. މިފަހަރުގެ އިންތިހާބުގައި އެބޭފުޅާއަށް ލިބިލެއްވީ 625 ވޯޓެވެ. ޢަބްދުލްމުޢީދު އިބްރާހީމްއަކީ ކައުންސިލަރު ކަމުގެ ދައުރުގައި މިހާތަނަށް އިހަވަންދޫ ކައުންސިލުން ޕާޓީ ބަދަލުކުރެއްވި ހަމައެކަނި ބޭފުޅާއެވެ.
  4. ކެނޑިޑޭޓް ނަންބަރު 11 ޢާއިޝަތު ޒަހުނާ
    މިއީ ޢާއިޝަތު ޒަހުނާ ކައުންސިލް އިންތިޙާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. ޢާއިޝަތު ޒަހުނާ އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ޢާއިޝަތު ޒަހުނާއަށް ލިބިލެއްވީ 526 ވޯޓެވެ.
  5. ކެނޑިޑޭޓް ނަންބަރު 12 މުޙައްމަދު މަފާޒު
    މިއީ މުޙައްމަދު މަފާޒު ކައުންސިލް އިންތިޙާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މުޙައްމަދު މަފާޒު އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. މުޙައްމަދު މަފާޒު އިންތިހާބު ކާމިޔާބުކުރެއްވީ 974 ވޯޓް ހޯއްދަވައިގެން، ހަތަރުވަނަޔަށް އެންމެގިނައިން ވޯޓް ހޯއްދެވި ކެނޑިޑޭޓްގެ ގޮތުގައެވެ. 2012 ވަނައަހަރު ވެރިކަން ބަދަލުވުމާއި އެކު އިހަވަންދޫ އިންޖީނުގެއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި މުޙައްމަދު މަފާޒު ހިމެނެއެވެ. އެމައްސަލަ ވަޒީފާއާބެހޭ ޓްރަބިއުނަލްއަށް ހުށަހެޅުމުން މުޙައްމަދު މަފާޒަށް ވަޒީފާ ދިނުމަށް ހުކުމްކޮށްފައިވެއެވެ.

މީގެ އިތުރުންވެސް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކުވައިދޭ ހިސާބު އަދަދުތަކުން ކުރެވިދާނެ އެތައް ތަފްސީރެއް ހުންނާނޭކަން ކަށަވަރެވެ. އެ ތަފްސީރުތައް ކުރުމަށް ކިޔުންތެރިންގެ އަތްމައްޗަށް ދޫކޮށްލާނަމެވެ. ދެން އޮތީ ރައްޔިތުން މިފަދަ ނަތީޖާއެއް ނެރުމަށް ވޯޓް ދިން ސަބަބު ހޯދުމެވެ. އިންތިހާބެއްގެ ނަތީޖާއިން ބުނެދޭ ވާހަކަތައް އެންމެ ފުރިހަމައަށް ދެނެގަނެވޭނީ ރައްޔިތުންގެ ވިންދުހުރިގޮތް ބަލައި ހޯދާގެންކަން ކަށަވަރެވެ.

ލޯކަލް ކައުންސިލް އިންތިހާބު, އެމްޑީޕީ އިހަވަންދޫ, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރަށު ކައުންސިލްގެ ނަތީޖާއިން ފެނިގެން ދަނީ އިހަވަންދޫ ޕީޕީއެމް ރޫޅި، ފެއިލް ވެފައިވާ މިންވަރެވެ․ ސަރުކާރުން ކުރާ ޖެއްސުންތަކުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނި ތަނެވެ․

– 16 މެއި 2017 0

ކީއްވެތަނުލިޔަނީ ކައުންސިލަރަކު ދެވަނަފަހަރު ކުރިމަތިލަމަ އެމްމެބޮޑަށް ފުރަތަމަ ފަހަރަށްވުރެ ދެވަނަފަހަރު ވޯޓްމަދުވީ އާސިފޭ؟

– 16 މެއި 2017 0

ނަތީޖާއިން އެނގިގެން މިދިޔައީ ރައްޔިތުންގެ އިހުސާސް ތަކަށް ގޮންޖަހާލާފަ ޝުކުރިއްޔާ ޔާމީން އޭ ބުނެ ކުރާ ޕޯސްޓު ތަކަކުން ރައްޔިތުންގެ ލޯތްބެއް ނުހޯދޭނެ ކަން․

– 17 މެއި 2017 0

ޕީޕީއެމް އިން ފެއިލްވި އެކަކު އެމްޑީޕީއަށް ސޮއި ކުރި ވާހަކަ އަޑު އެހިން․ ބުނެލަން އޮތީ، ކޮންމެ ޕާޓީއަކާ ގުޅުނަސް ތި ވާނީ ހަމަ ތިޔަށޭ․ ރައްޔިތުންނަށް އޮޅުވާލަން ނޫޅޭށޭ․

– 17 މެއި 2017 0

ހެޔޮނުވާނެ ފެއިލް ވެފަ ތިބޭ މީހުންގެ ފޮޓޯ ނާޅަ ބަލަ․

– 17 މެއި 2017 0